ރައްޔިތުން ހުށަހަޅާ ޕެޓިޝަންތައް ބަލިކަށިކުރަން މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފި
18 އޯގަސްޓު 2026 | އަންގާރަ 11:32އެއް މައުޟޫއެއްގައި އެކަކަށްވުރެ ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަކީ ސަރުކާރާ ދެކޮޅު ޕެޓިޝަންތަކުގެ ބާރު ކަނޑުވާލަން ކުރި ކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުން. މި ބަދަލާއެކު ކައުންސިލް ބިންތަކާ ގުޅޭ ބިލާ ދެކޮޅަށް ރައްޔިތުން ހުށަހެޅި ޕެޓިޝަނާ ދެކޮޅަށް ސަރުކާރުން ވަނީ އިތުރު ޕެޓިޝަނެއް ހުށަހަޅާފައި. މީގެ ސަބަބުން ޕެޓިޝަން ހުށަހެޅުމުގެ އަސްލު މަގްސަދު ގެއްލި، ރައްޔިތުންގެ އަޑު ހަނިވެގެންދާނެ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައި


ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް ޔޫނުސް | ރައްޔިތުންގެ މަޖިލިސް
އެއް މައްސަލައަކާ ގުޅޭގޮތުން އެއް ޕެޓިޝަނަށްވުރެ ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު، މަޖިލީހުން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ޕެޓިޝަންތަކުގެ ތެރެއިން ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ހުށަހެޅޭ ޕެޓިޝަންތަކުގެ ބާރުކަނޑުވާލައި، އެ ޕެޓިޝަންތަކަށް އޮތް ތާއީދު ފަނޑުކޮށްލުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފަ އެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް ޔޫނުސް ވަނީ މިހާރު އަމަލުކުރަމުންދާ މަޖިލީހުގެ ގަވާއިދުގެ 257-1 ވަނަ މާއްދާގެ (ޅ) އުނިކުރުމަށްޓަކައި، ހޯމަ ދުވަހު މައްސަލައެއް ހުށަހަޅުއްވާފަ އެވެ. އުނިކުރަން އެދިވަޑައިގެންނެވި މި މާއްދާގައި ބުނެފައި ވަނީ، މަޖިލީހަށް ކުރިން ހުށަހަޅައިގެން ކުރިއަށްދާ ޕެޓިޝަނެއްގައި ފިޔަވަޅު އެޅުމަށް ގޮވާލާފައިވާ ކަމެއްގައި އަލުން އެފަދަ ފިޔަވަޅެއް އެޅުމަށް އެދި ޕެޓިޝަން ހުށަނޭޅޭނެ ކަމަށެވެ. މި މާއްދާގެ (ޅ) އުނިކުރުމާ އެކު އެއް މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހަށް ތަކުރާރުކޮށް ޕެޓިޝަން ހުށަހެޅޭނެ އެވެ.
އެހެންކަމުން މެންބަރު މަމްދޫހުގެ މި ހުށަހެޅުއްވުމަކީ ސަރުކާރަށް ފައިދާވާ ގޮތަށް ސަރުކާރުގެ ތާއީދު އޮތް މީހުން ލައްވައި، ހަމަ އެ މައުޟޫއެއްގައި "ދެކޮޅު ޕެޓިޝަނެއް" ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ކަމުގައި ވަނީ ބެލެވިފަ އެވެ.
ހޯމަ ދުވަހު ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި ފާސްކޮށްފައިވަނީ އެ މާއްދާގެ (ޅ) އުނިކޮށް، މާއްދާގެ އަކުރުތައް ތަރުތީބުކުރުމަށެވެ. ޕީއެންސީގެ ސުޕަރމެޖޯރިޓީގެ ފަރާތުން އެ އިސްލާހު ހުށަހަޅާފައިވާއިރު އެ އިސްލާހާ ދެކޮޅަށް އެއްވެސް މެންބަރަކު ކޮމިޓީގައި ވާހަކަދައްކަވާފައެއް ނުވެ އެވެ. ކޮމިޓީ އިން މިގޮތަށް ފާސްކޮށްފައި ވަނީ 7 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އަދި މި ކަމާ ދެކޮޅަށް 2 މެންބަރުން ވޯޓު ދެއްވި އެވެ. އެހެންކަމުން މަޖިލީހުގެ ގަވާއިދު މިގޮތަށް ބަދަލު ކުރުމަށް ވަނީ ފާސްވެފަ އެވެ.
އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ގަވާއިދު ބަދަލު ކުރުމަށް ވޯޓަށް އެހުމުން އެކަން މަޖިލީހުން ފާސް ކުރީ 56 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ގައިދު ބަދަލުކުރުމާ ދެކޮޅަށް 9 މެންބަރަކު ވޯޓު ދެއްވި އެވެ.
މިއީ ރައްޔިތުންގެ އަޑު އިއްވަން ހުށަހަޅާ ޕެޓިޝަންތަކުގެ ބާރު ގެއްލުވާލައި، އެއް މައުޟޫއެއްގައި ދެ ޕެޓިޝަން އޮތުމުން އެކަންކަން މަޖިލީހުގެ ތެރޭގައި "ގަޑުބަޑު" ކޮށް، ޕެޓިޝަންތައް ފެއިލް ކޮށްލުމަށް ސަރުކާރުން ރާވައިގެން ކުރާ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
މި ހަލަބޮލިކަން އުފެދިފައިވަނީ ކައުންސިލުތަކުގެ ބެލުމުގެ ދަށުގައިވާ ބިންތައް ވަކިކުރުމުގެ ބާރު ސަރުކާރަށް ދޭ ގޮތަށް, ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލަކާ ގުޅިގެންނެވެ. މި ބިލާ ދެކޮޅަށް ރައްޔިތުންގެ ބޮޑު ތާއީދަކާ އެކު ޕެޓިޝަނެއް ހުށަހެޅި އެވެ. އެ ޕެޓިޝަންގައި ގޮވާލާފައިވަނީ އެ ބިލު އަނބުރާ ގެންދިއުމަށެވެ.
ބިލު އަނބުރާ ގެންދިއުމަށް ގޮވަލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އީ - ޕެޓިޝަނަށް 2140 އަށް ވުރެ ގިނަ މީހުންގެ ސޮއި ހަމަކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ އުސޫލުަތައް ބުނާ ގޮތުން މިއީ ތްރެޝްހޯލްޑް 2 ގެ ޕެޓިޝަނެކެވެ. މި ތްރެޝްހޯލްޑް ހަމަވަނީ ދިވެހީންގެ އާބާދީގެ 0.5 ޕަސެންޓާ އެއްވަރަށް ސޮއި ހަމަވުމުންނެވެ.
މިއާއެކު މި ޕެޓިޝަން ވެގެން ގޮސްފައި ވަނީ ހާއްސަ ޕެޓިޝަނަކަށެވެ. މިއީ މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން މަޖުބޫރުވާ ވަރަށް ސޮއި ހަމަކޮށް ހުށަހެޅި ފުރަތަމަ ޕެޓިޝަނަކަށް ވުމުގެ އިތުރުން މަޖިލީހުގައި ބަހުސް ކުރަންޖެހޭނެ މިފަދަ ފުރަތަމަ ޕެޓިޝަނަށް ވެސް ވެގެންދިޔައީ އެވެ.
މި ޕެޓިޝަން ޕެޓިޝަން ކޮމިޓީން ބަލައިގަނެ، ތަޅުމަށް އެޖެންޑާ ކުރަން ނިންމާފައި ވަނިކޮށް، ސަރުކާރުގެ ފަރާތުން ހަމަ އެ މައުޟޫއުގައި ދެވަނަ ޕެޓިޝަނެއް ހުށަހެޅީ އެވެ. ޕީއެންސީގެ ސަޕޯޓަރުން ހުށަހެޅި މި ދެވަނަ ޕެޓިޝަނުގައި ވަނީ، އެ ބިލަކީ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިކުރާ ބިލެއް ކަމަށް ބުނެ، އެ ބިލު ފާސްކޮށްދިނުމަށް ގޮވާލައިފަ އެވެ.
ރައްޔިތުންގެ އަޑު އުފުލަން އޮތް ޕެޓިޝަންގެ ނިޒާމުގެ ތެރެއަށް ސަރުކާރުން މިގޮތަށް އަތްގަދަކުރުމުން، ޕެޓިޝަންތަކުގެ އަސްލު ބޭނުން މިހާރު މިވަނީ ގެއްލިފަ އެވެ. 850 އަށް ވުރެ ގިނަ ސޮއި ހަމަކޮށް، ސަރުކާރުން ވެއްދި މި ޕެޓިޝަނަކީ ރައްޔިތުންގެ ޕެޓިޝަނަށް އޮތް ތާއީދު ކުޑަކުރުމަށް ސަރުކާރުން ހިންގި "ސިޔާސީ ކުޅިގަނޑެއް" ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ.
މި ބަދަލު ގެނައުމުން، ކުރިއަށް އޮތް ތަނުގައި ސަރުކާރާ ދެކޮޅަށް ކޮންމެ ޕެޓިޝަނެއް ހުށަހެޅިޔަސް، އެހިނދުން ހަމަ އެ މައުޟޫއެއްގައި ސަރުކާރުން ޕެޓިޝަނެއް ހުށަހަޅައި، އެ ޕެޓިޝަންތައް "ބޮލްކް" ކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެ އެވެ. މަޖިލީހުގެ އާންމު ކޮމިޓީގައި މިކަން ދިރާސާކުރާއިރު، މި ބަދަލު ފާސްކޮށްފިނަމަ ޕެޓިޝަން ހުށަހެޅުމުގެ ހައްގު މުޅިން ހަނިވެގެންދާނެ އެވެ.










