ނޫސްވެރިން ޖަލަށްލީ ސަރުކާރުން ބުނީ ނޫސްވެރިކަމުގެ މިނިވަންކަން ޔަގީންކޮށްދީފައިވާ ކަމަށް!
26 ޖުލައި 2026 | އާދީއްތަ 08:51ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ނޫސްވެރިން ޖަލަށްލުމާއި މީޑިއާތައް ބޮޑު އަދަދުން ޖޫރިމަނާކުރެވޭ ގޮތަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައި. ސަރުކާރުން ނޫސްތަކަށް ފިޔަވަޅުއަޅައި ނޫސްވެރިންގެ މަސައްކަތަށް ހުރަސްއަޅަމުންދާ ކަމަށް ބުނެ، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިވަމުންދާކަމުގެ ކަންބޮޑުވުން އާންމުން ދަނީ ފާޅުކުރަމުން


ރައީސް ޑރ. މުއިއްޒު | ރައީސް އޮފީސް
މި ސަރުކާރަކީ ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ފުޅާދާއިރާއެއްގައި ކަށަވަރުކޮށްދިން ސަރުކާރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ނޫސްވެރިން މީގެ ކުރިން އުޅެންޖެހިފައިވަނީ ނޫސް ހިންގުމުގައި ކޮންމެ ވެސް ފަރާތެއްގެ މާލީ އެހީތެރިކަމަށް ބަރޯސާވެގެން ކަމަށެވެ. އެކަން ނިމުމަކަށް ގެނައުމަށްޓަކައި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ވަކި އިންސައްތައެއް މީޑިއާތަކަށް ދޭން ނިންމީ މި ސަރުކާރުން ކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް، ރައީސް މުއިއްޒު ދައުލަތުގެ ބަޖެޓުން ހަރަދުކުރައްވައިގެން ނޫސްތަކަށް ފައިސާގެ އެހީތެރިކަން ދެއްވުމަކީ ސަރުކާރުން ނޫސްތައް ކޮންޓްރޯލްކޮށް، ސަރުކާރަށް ސަނާ ކިޔުމަށް މަޖުބޫރުކުރުވުން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެ އެވެ.
މީގެ އިތުރުން، މީޑިއާތަކަށް ކުރިމަތިވެފައިވާ އޮފީސް ކުލީގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް "މީޑިއާ ވިލެޖް" ތަރައްގީކުރުމުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށާއި، އެތަނުން ހެޔޮ އަގުގައި މީޑިއާތަކަށް ޖާގަ ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، ނޫސްވެރިން ތަމްރީނުކުރުމަށް ގިނަ ފުރުސަތުތަކެއް މި ސަރުކާރުން ހުޅުވާލެވިފައިވާ ކަމަށާއި އެގޮތުން ނޫސްވެރިން ތަމްރީނުކުރުމަށް ހާއްސަ ކޯސްތަކެއް ހިންގަން ފަށާފައިވާ ކަމަށެވެ. ހަމައެހެންމެ، މި ސަރުކާރަށް މިވީ ދެ އަހަރާއި އަށް މަސްދުވަހުގެ ކުރު މުއްދަތުގެ ތެރޭގައި ޖުމުލަ 72 ނޫހެއް އަލަށް ރަޖިސްޓްރީކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނޫސްވެރިން ބޮޑު އަގުގައި ތަންތަން ކުއްޔަށް ހިފައިގެން ނޫސްތައް ހިންގަން ޖެހުނީމާ އެކި ފަރާތްތަކަށް ސަލާންޖަހަން ޖެހޭ ޖެހުން ނިމުމަކަށް ގެނެސްދީ، ނޫސްވެރިކަމުގެ އެ އަޅުވެތިކަން ނިމުމަކަށް ގެނައުމަށްޓަކައި މީޑިއާ ވިލެޖް ހެދުމުގެ މަސައްކަތް ވަނީ ގާތްގަނޑަކަށް ނިމިފައި، އެތަނުން ވަރަށް ކުޑަ އަގެއްގައި މީޑިއާތަކަށް ޖާގަ ލިބޭނެ، ވަރަށް ފުޅާ ދާއިރާއެއްގައި މީޑިއާތައް ހިންގޭނެރައީސް މުއިއްޒު
ނޫސްވެރިކަމުގެ މިނިވަންކަން ތަންމިނަށް ހުޅުވާލާފައިވާ ކަމަށާއި ނޫސްވެރިންނަށް އެއްވެސް ބިރެއް ނެތި އެ މީހުން ބޭނުންވާ ކޮންމެ ވާހަކައެއް ލިޔެވޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު، ނޫސް މަޖައްލާތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، އެ ނޫސްތަކުން ގެނެސްދޭ ކޮންޓެންޓު ހުއްޓުވޭގޮތަށް ނޫސްތަކާ މެދު ފިޔަވަޅު އެޅުމުގެ އިތުރުން، ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރުމަށް މި ސަރުކާރުން ވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނެއް އުފައްދާފަ އެވެ. އަދި ތެދު ހަބަރާއި ނުވަތަ ދޮގު ހަބަރަކީ ކޮބައިކަން ނިންމުމުގެ ފުރުސަތު ވެސް އެ ކޮމިޝަނަށް ވަނީ ދީފަ އެވެ.
ހަމައެހެންމެ އަދަދު ނޫހުން ގެނެސްދިން ކޮންޓެންޓަކާ ގުޅިގެން އެ ނޫސް ހިންގަމުންދާ އޮޮފީސް ރެއިޑްކޮށް، އެތަނުގައި ބޭނުންކުރަމުންދިޔަ ސިސްޓަމްތައް ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔައީ މި ސަރުކާރުގަ އެވެ. އަދި އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ޕްރެސް ކޮންފަރެންސްއެއްގައި ރައީސް މުއިއްޒަށް ދެންނެވި ސުވާލެއްގެ ސަބަބުން ރައީސް އޮފީހުން އޭނާ ނެރެލައި، އެ ސުވާލުކުރުމާއި ގުޅިގެން 15 ދުވަހުގެ މުއްދަތަކަށް އޭނާ ޖަލަށް ވެސް ލިއެވެ. އަދި ހަމަ އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ލިޔުނު ލިޔުމެއްގެ ސަބަބުން އޭނާ ވެސް 10 ދުވަހުގެ މުއްދަތަކަށް ޖަލަށް ލާފައިވެ އެވެ.
ނޫސްވެރިކަމުގެ މިނިވަންކަން ތަންމިނަށް ހުޅުވާލާފައިވާ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްކެވި ވާހަކަފުޅުތަކަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ސަބަބަކީ ނޫސްވެރިންނަކީ ސަރުކާރު ޖަވާބުދާރީކުރުވުމުގައި މުހިއްމު ދައުރެއް އަދާކުރާ ބަޔަކަށްވެފައި، ސަރުކާރުން ކުރާ ނޭދެވޭ ކަންކަމުގެ ވާހަކަ ނޫސްވެރިން ދެއްކުމުން އެ މީހުންނާ މެދު ފިޔަވަޅު އަޅަނީ ނޫސްވެރިންގެ ދޫ ބަންދުކޮށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަތުމަށް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.









