ޚަބަރާއި މައުލޫމާތު ގެނެސްދޭއިރު މީހުންގެ ޒާތީ ދިރިއުޅުމާއި މައުލޫމާތު ހުއްދަނެތި ބޭނުން ނުކުރުމަށް އިލްތިމާސެއް!
14 އޯގަސްޓު 2026 | ހުކުރު 13:36ޚަބަރާއި މައުލޫމާތު ފެތުރުމުގައި ކުޑަކުދިންނާއި ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކުގެ ކަރާމާތަށް އުނިކަން ނާންނާނެހެން، ރަސްމީ އިދާރާތަކުން ދޭ ސައްހަ މައުލޫމާތަށް ބިނާކޮށް ރިޕޯޓްކުރުމަށް މީޑިއާ ކޮމިޝަނުން އިލްތިމާސްކޮށްފި. އާއިލީ މައްސަލަތަކާއި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ކަންކަމުގައި ޒާތީ މައުލޫމާތު ހާމަނުކުރުމަށާއި، މުޖުތަމައުގެ މަސްލަހަތު ގެއްލޭފަދަ ދޮގު ޚަބަރުތައް ފެތުރުމުން ދުރުހެލިވުމަށް ވެސް އެ ކޮމިޝަނުން ވަނީ އެދިފައި


މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބައްދަލުވުމެއްގެ ތެރެއިން | މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން
ބްރޯޑްކާސްޓަރުންނާއި މީޑީއާގައި މަސައްކަތް ކުރާ ފަރާތްތަކުން ޚަބަރާއި މައުލޫމާތު ފެތުރުމުގައި އިންސާނީ ކަރާމާތާއި މުޖުތަމައުގެ މަސްލަހަތަށް އިސްކަންދީ ޚަބަރު ފެތުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސް ކޮށްފި އެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން މުޖުތަމައުގައި ހިނގާ އެކިއެކި ހާދިސާތަކާއި މައްސަލަތަކުގެ މައުލޫމާތު މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކުން އާންމުންނާ ހަމައަށް ފޯރު ކޮށްދިނުމަކީ ފަރުދީ އަދި އިޖުތިމާއީ ގޮތުން އަދާކުރަން ޖެހޭ މުހިއްމު ޒިންމާއެއްް ކަމަށެވެ. ވަކިން ޚާއްސަކޮށް ކުޑަކުދިންނާއި މައިންބަފައިންނާއި ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކާ ގުޅުންހުރި މައްސަލަތައް ރިޕޯޓުކުރުމުގައި ސަމާލުކަން ދޭން ޖެހޭ އެންމެހައި ކަންކަމަށް ފުރިހަމަ އަށް އެއްބާރުލުން ދިނުމަށް މީޑިއާގައި މަސައްކަތް ކުރާ އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށްފައިވެ އެވެ.
އެ ކޮމިޝަނުން ބުނީ އެއްވެސް ފަރާތެއްގެ އަބުރާއި ކަރާމާތަށް އުނިކަން ނާންނާނެ ފަދަ ޒިންމާދަރު ގޮތަކަށް ކޮންޓެންޓް އާންމުކުރުމުގައި އަމަލުކުރަން ވާނެ ކަމަށެވެ. ޚާއްސަކޮށް ކުޑަކުދިންނާއި ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކުގެ ވަނަވަރު ނުވަތަ އެ ފަރާތްތައް ދެނެގަނެވިދާނެ ފަދަ އެއްވެސް މައުލޫމާތެއް ހާމަކުރަން ވާނީ ދިވެހިރާއްޖޭ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގެ އިތުރުން ކަމާގުޅުންހުރި އިދާރާތަކުން ރަސްމީކޮށް ހިއްސާ ކުރާ މައުލޫމާތުގެ މައްޗަށް ބިނާ ކޮށް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން މައުލޫމާތެއް ޝާއިއުކޮށް، ނުވަތަ ބްރޯޑްކާސްޓް ކުރުމުގެ ކުރިން އެއީ ސައްހަ މައުލޫމާތެއްކަން ކަށަވަރު ކުރުމުގެ އިތުރުން މުޖުތަމައުގެ މަސްލަހަތު ގެއްލޭފަދަ ދޮގު ޚަބަރުތައް ފެތުރުމާއި، މީސްމީޑިއާގައި ޔަގީންނުވާ މައުލޫމާތު ހިއްސާކުރުމުން ދުރުހެލި ވާން ޖެހޭ ކަމަށާއި އާއިލާގެ މައްސަލަތަކާއި ނަފްސާނީ ދުޅހެޔޮކަމާ ގުޅޭ ކަންކަމަކީ ނުހަނު ނާޒުކު ކަންކަމަށް ވާތީ މިފަދަ މައްސަލަތައް ރިޕޯޓް ކުރުމުގައި އެއްވެސް ފަރާތަކަށް އިތުރު ނަފްސާނީ ނުވަތަ އިޖުތިމާއީ ގެއްލުމެއް ނުލިބޭނޭ ފަދަ ގޮތަކަށް އަމަލުތައް ބައްޓަން ކުރުން މުހިއްމު ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކުގެ މައްސަލަތައް މީސްމީޑިއާގައި ޝަރީއަތް ކުރުމުގެ ބަދަލުގައި، ގާނޫނީ އުސޫލުތަކުގެ ތެރެއިން ކަމާބެހޭ ފަރާތްތަކާއި އިދާރާތަކުން ހާމަކުރާ ކަމާ ގުޅުންހުރި ސައްހަ މައުލޫމާތު ހިއްސާ ކުރުމަކީ އެންމެ މަސްލަހަތު ހުރި ގޮތްކަމުގައި އެ ކޮމިޝަނުން ދެކޭ ކަމަށް ވެސް މި ބަޔާނުގައިވެ އެވެ. އަދި ހަމައެފަދައިން ޒިންމާދާރުކަމާއެކު މައުލޫމާތު ފެތުރުމުގެ ސަގާފަތެއް އަށަގަންނުވައި، ރައްކާތެރި މުޖުތަމައެއް ބިނާކުރުމުގައި މިޑީއާގައި މަސައްކަތް ކުރާ އެންމެހައި ފަރާތްތަކުގެ އެއްބާރުލުން ދިނުމަށް ވަނީ އެދިފަ އެވެ.
ކުޑަކުދިންނާއި މައިންބަފައިންގެ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމުގައި ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކުން އަދާކުރާ ޒިންމާތަކަކީ އާންމު ރައްޔިތުންގެ ބޮޑު މަސްލަހަތެއް އެކަމުގައި އޮތް ކަމެއް ކަމަށް ވާއިރު ނޫސްވެރިންނާ ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތް ކުރާ އެންމެހައި ފަރާތްތަކުން މިފަދަ ފަރާތްތަކުގެ މައުލޫމާތު ގެނަސްދިނުމުގައި އެ ފަރާތްތަކުގެ ކަރާމާތާއި އަމިއްލަ މިނިވަންކަން އަދި ރައްކާތެރިކަން ކޮންމެހެން ލާޒިމުކަމެއް ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އެ ކޮމިޝަނުން ބުނީ ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގައި އަމިއްލަ ފަރުދުންގެ ޒާތީ ދިރިއުޅުމާއި ޒާތީ މައުލޫމާތުތައް އެ ފަރާތްތަކުގެ ހުއްދަ ނެތި ބޭނުން ނުކުރުމާއި، އާންމު މަސްލަހަތަށް ބުރޫއަރާ ގޮތަށް ޝާއިއު ކުރުމާއި ބްރޯޑްކާސްޓް ކުރުމުން ދުރުހެލިވާން ޖެހޭ ކަމަށެވެ.











