މީގޮނަ ވަގާ ނިމިދިޔަ ގޮތަށް މިފަހަރު މި ނިމިދިޔައީ ސްޓެލްކޯ! މާދަމާ ކޮން ކުންފުންޏެއް؟
4 ސެޕްޓެމްބަރު 2026 | ހުކުރު 14:11ސްޓެލްކޯގެ މުވައްޒަފުން ސަރުކާރު ހިންގާ ޕާޓީއަށް ވެއްދުމަށް މަޖުބޫރުކުރާ މައްސަލައެއް ފެންމަތިވެފައިވާއިރު، އެ ކުންފުނީގެ މާލީ ފައިދާ އިތުރުވެފައިވަނީ އާންމުންގެ ކަރަންޓު ބިލުތައް އިންތިހާއަށް ބޮޑުކޮށްގެން ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައި. ދައުލަތުގެ އިދާރާތަކުން ކުންފުންޏަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި އޮތް ނަމަވެސް، އާންމު ރައްޔިތުންނަށް ދަތިވާ ގޮތަށް ކުންފުނީގެ އަމަލުތައް ހުރުމުން ރައްޔިތުންގެ އިތުބާރު ވަނީ ގެއްލިފައި. ހަގީގަތުގައި މިއަދު އެ ކުންފުނި ވަނީ ރައްޔިތުންގެ ކުރިމަތީގައި ޖޯކަކަށްވެ، ބޭޒާރުވެފައި


ސްޓެލްކޯ: މިއަދު އެ ކުންފުނި ވަނީ ރައްޔިތުންގެ ކުރިމަތީގައި ޖޯކަކަށްވެ، ބޭޒާރުވެފައި | ސްޓެލްކޯ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަކީ މިއަދު ޓޮޕިކެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ކުންފުންޏަކާ މެދު އެންމެ ގިނައިން ވާހަކަ ދެކެވޭ އަދި އެއްބަޔަކަށް މިއަދު ޖޯކަކަށް ވެފައިވާ ކުންފުންޏަކީ ވެސް މި ބޮޑު މާސިންގާ ކުންފުނި ސްޓެލްކޯ އެވެ. އެ ކުންފުންޏާ ގުޅޭ ކޮންމެވެސް ނުރަނގަޅު ވާހަކަ އެއް އަބަދުވެސް އެންމެ "ޓްރެންޑިންގ" ސުރުހީތަކުގައި ނުމެ ނުދާ އިރެއް 2024 ވަނަ އަހަރުން ފެށިގެން ނެތެވެ. ކަރަންޓު ބިލުތަކުގެ މައްސަލައިން ފެށިގެން ގޮސް ކުންފުނީގެ އެތެރޭގެ ކަންކަމާ މެދު ގިނަ ބައެއްގެ ހިތުގައި ހުރީ ނުރުހުމާއި ޝަކުވާ އެެވެ. އަނެއްކާ ވެސް މާ މޮޅު ކަމެއް ކޮށްގެން ސްޓެލްކޯ އަކީ އާންމުންގެ މެދުގައި "ހޮޓް ޓޮޕިކް" އަކަށް މިވަނީ ވެފަ އެވެ.
ސްޓެލްކޯގެ މުވައްޒަފުންނަށް އެޗްއާރު ޑިޕާޓްމަންޓުން ގުޅައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކުރުމަށާއި ޕާޓީއަށް ވަތްކަން އެނގޭ ސްކްރީންޝޮޓް ފޮނުވުމަށް އަންގަމުންދާކަން ބުރާސްފަތި ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމް މެދުވެރިކޮށް ވަނީ ހާމަވެފަ އެވެ. އެ ޕްރޮގްރާމްގައި ރާއްޖެޓީވީގެ ޓީމުން ވަނީ އެ ކުންފުނީގެ އެޗްއާރު ޑިޕާޓްމަންޓަށް ގުޅައިފަ އެވެ. އެގޮތުން ޕީއެންސީއަށް ވަނުމަށްފަހު، އެކަން އެނގޭނެ ސްކްރީންޝޮޓް ފޮނުވަންވީ ކޮން ނަންބަރަކަށްތޯ ސުވާލުކުރުމުން، އެޗްއާރުން ވަނީ މުވައްޒަފަށް ކުރިން ފޮނުވާފައިވާ ލިންކަށް އެ ސްކްރީންޝޮޓް ފޮނުވުމަށް އަންގައިފަ އެވެ.
ސްޓެލްކޯގެ އެޗްއާރުން އިތުރަށް ބުނެފައިވަނީ، ޕާޓީއަށް ވަނުމަށްފަހު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން އެކަން ކަށަވަރުވާ ލިޔުމުގެ ސްކްރީންޝޮޓެއް ނަގައި، ކުންފުނިން ދީފައިވާ ލިންކަށް އަޕްލޯޑް ކުރަންޖެހޭނެ ކަމަށެވެ. މިއީ ސަރުކާރު ހިންގާ ޕާޓީގެ ދަފްތަރު ބޮޑުކުރުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ނުފޫޒު ފޯރުވަމުންދާކަމަށް ކުރެވޭ ތުހުމަތުތަކަށް ލިބުނު ބޮޑު ބާރެކެވެ.
މިކަމާ ގުޅިގެން ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެޓީވީގެ ޕްރޮގްރާމްގައި ދެކެވުނު ވާހަކަތަކާ ގުޅިގެން އެކަން ހިނގާފައިވާ ގޮތް ތަހުގީގުކޮށް ބެލުމަށްޓަކައި، އެކަމުގައި ތުހުމަތުކުރެވޭ މުވައްޒަފު މިހާރު ވަނީ މަސައްކަތްތަކުން އެކަހެރިކޮށްފައި ކަމަށެވެ. އަދި މި މައްސަލަ ބެލުމަށްފަހު ކުންފުނީގެ ގަވާއިދުގެ ދަށުން އަޅަންޖެހޭ އިސްލާހީ އަދި އިދާރީ ފިޔަވަޅުތައް ފަސްޖެހުމެއްނެތި އަޅަމުން ގެންދާނެ ކަމަށް ބުނެ، މުޅި މި މައްސަލައިގެ ޒިންމާ އަޅުވާފައިވަނީ ކުންފުނީގެ އެޗްއާރް މުވައްޒަފުގެ ބޮލުގަ އެވެ.
ސްޓެލްކޯއިން އިތުރަށް ބުނެފައިވަނީ އެ ކުންފުންޏަކީ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ގައުމީ ޒިންމާ އުފުލާ މުއައްސަސާއެއް ކަމަށެވެ. އަދި ކުންފުނީގެ މުޅި ޓީމުގެ އަމާޒަކީ 24 ގަޑިއިރު މެދުކެނޑުމެއްނެތި އިތުބާރާއެކު ޚިދުމަތް ފޯރުކޮށްދިނުން ކަމަށާއި ކުންފުނީގެ ވަގުތާއި ވަސީލަތްތައް ހޭދަކުރާނީ އެ ގައުމީ ވާޖިބު އަދާކުރުމުގައި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. އެ ބަޔާނުގެ ދަށުގައިވާ ކޮމެންޓުތަކުން އެކަނި ވެސް މީހަކު ހިންޏައިގެން ހަލާކުވާހާވެ އެވެ. މީހުންނަށް މި ބޮޑު ކުންފުނި ޖޯކަކަށް ވެގެން ކިޔާފައިވާ އެއްޗެއްސާއި ފާޅުކޮށްފައިވާ ނުރުހުމުން އެކަނި ވެސް، ރައްޔިތުން މި ކުންފުންޏާ މެދު ދެކޭ ގޮތް ހާމަވެ އެވެ.
ސިޔާސީ ނުފޫޒުގެ އިތުރުން، ސްޓެލްކޯގެ އަމަލުތަކާއި މާލީ ހިސާބުތަކާ ގުޅިގެން ވެސް ރައްޔިތުންގެ ތެރޭގައި ވަނީ ބޮޑެތި ޝަކުވާތަކާއި ސުވާލުތައް އަދި ތުހުމަތުތައް އުފެދިފަ އެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު މާލީ އޮޑިޓް ރިޕޯޓުތަކުން ފެންނަ ގޮތުގައި، ފާއިތުވި އަހަރު ސްޓެލްކޯއަށް 238.7 މިލިއަން ރުފިޔާގެ ބޮޑު ސާފު ފައިދާއެއް ވަނީ ލިބިފަ އެވެ. މިއީ މީގެ ކުރީ އަހަރުތަކުގެ މާލީ ނަތީޖާތަކާ އަޅާބަލާއިރު އަޖައިބުވާ ފަދަ ބޮޑު ކުރިއެރުމެކެވެ. ސަބަބަކީ 2023 ވަނަ އަހަރު 172 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއްގައި ހިންގަމުންދިޔަ ކުންފުނި، އެންމެ އަހަރެއްގެ ތެރޭގައި އެފަދަ ބޮޑު ގެއްލުމަކުން އަރައިގަނެ، ނަފާގެ މިންވަރު 30 އިންސައްތައަށް އިތުރުކޮށް މިފަދަ ބޮޑު ފައިދާއެއް ހޯދުމަކީ އާންމުންނާއި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވެސް އެކަމާމެދު ސުވާލު އުފައްދާ ކަމަކަށް ވާތީ އެވެ.
ކުންފުންޏަށް މި ބޮޑު ފައިދާ ލިބެމުންދިޔަ އިރުވެސް، އާންމު ރައްޔިތުންގެ ކަރަންޓު ބިލުތައް އަދިވެސް ދަނީ އިންތިހާއަށް ބޮޑުވަމުންނެވެ. ރައީސް މުއިއްޒުގެ ސަރުކާރު އައި ފަހުން، ގަބޫލުނުކުރެވޭ މިންވަރަށް ބިލުތައް ބޮޑުވަމުންދާ ކަމުގެ ޝަކުވާ ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. މިއީ ހޫނުވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާތީ ވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުނި ނަމަވެސް، މީހުން ނޫޅޭ އިމާރާތްތަކާ ފަންގިފިލާތަކަށް ވެސް ބޮޑެތި އަދަދުގެ ބިލުތައް އަންނާތީ ގިނަ ބައެއްގެ ފާޑުކިޔުން އެ ކުންފުންޏަށް ދަނީ ތަކުރާރުކޮށް އަމާޒުވަމުންނެވެ. ބައެއް މީހުންނަށް މިކަން މަޖާކަމަކަށްވެ، މީހުން ނޫޅޭ ގެތަކަށް އެ ބިލުތައް އެ އަންނަނީ އެތަންތަނުގައި އުޅޭ ފުރޭތަތަކަށް ހޫނުވެގެން އޭސީ ޖައްސާތީ ކަމަށް ބުނެ ވެސް މީމްތައް ހަދައި، މަޖާ ޕޯސްޓުތައް ޝެއަރ ކުރެ އެވެ.
ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން އެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާގެ އަދަދު މިހާރު ވަނީ 949 މިލިއަން ރުފިޔާއަށް އަރާފަ އެވެ. މީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައްކަން އޮތީ ފައިނޭންސް މިނިސްޓްރީއާއި ދައުލަތުގެ އެކި ވުޒާރާތަކުންނެވެ. ހައިރާންވާންޖެހޭ ކަމަކީ، ދައުލަތުގެ އިދާރާތަކުން މިލިއަނުން ފައިސާ ނުދައްކާ އަހަރުތަކެއް ވަންދެން ހުރިއިރު ވެސް އެއްވެސް މެދުކެނޑުމެއް ނެތި ކަރަންޓުގެ ޚިދުމަތް ލިބެމުންދާއިރު، އާންމު ރައްޔިތަކު ތިން މަސް ދުވަހު ބިލު ނުދައްކައިފިނަމަ ވަގުތުން ކަރަންޓު ކަނޑާލައި ބޮޑެތި ޖޫރިމަނާތައް ކުރާ ކަމެވެ. މިއީ މި ސަރުކާރާއި ކުންފުނީގެ އިންސާފެއް ނެތް މިންވަރު، އެކަމަކުން އެކަނި ވެސް ހާމަވާ ކަމެއްގެ ގޮތުގައި ރައްޔިތުން ސިފަކުރެ އެވެ.
އަނެއް ކަމަކީ ސްޓެލްކޯ އިން ދޭ ޑިސްކައުންޓްތަކެވެ. މިއީ މިއަދު ހުރިހާ އެންމެނަށް ވެސް ހުރި "ބިރަކަށް" ވަނީ ވެފަ އެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. ރައީސް ހެޔޮފުޅު އެންގެވުމަކާ އެކު، ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ފަހު ޖެހިގެން އަންނަ މަސްމަހުގެ ބިލުތައް ބޮޑުވެގެން ދަނީ، އިމެއް، މިނެއް އަދި ހައްދެއް ނެތި އެވެ. އެހެންވީމާ ސްޓެލްކޯ އިން ޑިސްކައުންޓެއް ދޭން ބުންޏަސް، ގިނަ ރައްޔިތުން މިއަދު ބުނަނީ "ހޯހޯ" އެވެ.
2024 ވަނަ އަހަރަށް ފަހު ސްޓެލްކޯގެ އަމަލުތައް ފެންނަނީ ރައްޔިތުންނަށް ޚިދުމަތް ދިނުމަށްވުރެ، ސަރުކާރުގެ ސިޔާސީ އަދި މާލީ މަސްލަހަތުތައް ރައްކާތެރި ކުރުމަށް ބޭނުންކުރާ ވަސީލަތެއްގެ ގޮތުގަ އެވެ. ބޮޑެތި އަދަދުން ފައިދާ ހޯދުމާއި ސަރުކާރުގެ އިދާރާތަކުން ފައިސާ ނުދައްކާ ހުރުމާއި ރައްޔިތުންގެ ބިލުތައް ބޮޑުކުރުމާއި މުވައްޒަފުންނަށް ސިޔާސީ މަޖުބޫރު ކުރުވުމާއި އަދި ހިސާބުތައް ހާމަނުކުރުމުގެ އަމަލުތަކުން ފެންނަނީ މި ކުންފުނިން މުޅި ރައްޔިތުން ގުނބޯ ހައްދަން ކުރާ މަސައްކަތެވެ. ހަމަ ކަމެއް ވާއިރަށް ކަމާކަންފަށައި ބޮޑެތި ބަޔާންތައް އެ ކުންފުނިން ނެރުނަސް، މިއަދު ރައްޔިތުންނަށް އެ ބަޔާންތައް ވަނީ ޖޯކަކަށް ވެފަ އެވެ. ކިތަންމެ ބޮޑު ކުންފުންޏަކަސް، އެ ކުންފުނީގެ ހާލަތަކީ ދެބޯގެރި ދުއްވި މީހާގެ ހާލަތެވެ. އެ މީހާ ބޭޒާރުވީހެން އެ ކުންފުނި ވެސް މިވަނީ މުޅިން ބޭޒާރު ވެފަ އެވެ. އެހެން ގޮތަކަށް ބުނާނަމަ އެ ކުންފުނީގެ މުޅި ހައިބަތު އެ ވަނީ މީގޮނަ ވަގާ ނިމިދިޔަ ގޮތްހެން ނިމިގެން ގޮސްފަ އެވެ.









