Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕަބްލިކް ސަރވިސް މީޑިއާ

ލޯކަލްކައުންސިލު އިންތިޚާބާއި ރެފަރެންޑަމް ވޯޓުގެ ތެރޭގައި ޕީއެސްއެމް އިން ވަނީ ގާނޫނާ ޚިލާފުވެފައި، ޕީއެސްއެމް އިސްލާހު ކުރަން ޖެހޭ: ޓީއެމް

1 އޯގަސްޓު 2026 | ހޮނިހިރު 11:08

އިންތިޚާބުތަކާ ދިމާކޮށް ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ސަރުކާރުގެ މަޝްރޫއުތައް އިޝްތިހާރުކޮށް ވަކި ފަރާތަކަށް ޖެހިފައިވާކަން ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ދިރާސާއަކުން ހާމަވެއްޖެ. މި ދިރާސާއިން ދައްކާގޮތުގައި ކެމްޕޭން ދުވަސްވަރު ޕީއެސްއެމްގެ ކޮންޓެންޓުގެ ބޮޑުބައެއް ސަރުކާރު ޕްރޮމޯޓްކުރަން ބޭނުންކޮށްފައިވާއިރު، މިއީ ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން ކަމަށް އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައި

ރާއްޖެ އެމްވީ | 1 އޯގަސްޓު 2026 | ހޮނިހިރު 11:08
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ޝަކީބު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއެކު ޕޮޑްކާސްޓެއް ކުރިއަށް ގެންދަވަނީ

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ޝަކީބު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއެކު ޕޮޑްކާސްޓެއް ކުރިއަށް ގެންދަވަނީ | ރައީސް އޮފީސް

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ހިންގުމުގެ އޮނިގަނޑު އިސްލާހުކޮށް، ޚާއްސަކޮށް ޕީއެސްއެމްގެ ބޯޑަށް މެންބަރުން އައްޔަންކުރާ އުސޫލަށް ބަދަލު ގެނައުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް (ޓީއެމް) އިން ގޮވާލައިފި އެވެ. ޓީއެމް އިން ބުނީ މި އިސްލާހުގެ މަގުސަދަކީ، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތައް އެތަނުގެ ހިންގުން މިނިވަންކުރުން ކަމުގަ އެވެ. މީގެ ތެރޭގައި، ބޯޑަށް މެންބަރުން އައްޔަންކުރުން ސަރުކާރުގެ ނުފޫޒުން އެއްކިބާކުރުމާއި، ބޯޑު މެންބަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ކަނޑައެޅުމާއި، އަދި އެޑިޓޯރިއަލް މިނިވަންކަން ކަށަވަރުކުރުމަށްޓަކައި މެންބަރުންގެ ދައުރާއި މަގާމުން ވަކިކުރުމުގައި އިތުބާރު ގާއިމުކުރުން ހިމެނެ އެވެ.

މިކަމަށް ޓީއެމް އިން ގޮވާލާފައިވަނީ، މިއަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ޤާނޫނުއަސާސީއަށް ގެނައުމަށް ހުށަހެޅި 8 ވަނަ އިޞްލާޙުގެ ރިފަރެންޑަމް ވޯޓުގައި ރިޝްވަތު ހުށަހެޅެމާއި، ދައުލަތުގެ މީޑިއާ ވަކިފަރާތަކަށް ޖެހި، ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރިކަން ފާހަގަ ކުރެވިފައިވާތީ މިފަދަ ނިޒާމީ މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން ހުށަހެޅި ރެކޮމެންޑޭޝަންތަކުގެ ތެރޭގަ އެވެ.

Advertisement - newsAdvertisement

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ބޭނުން ނުހަމަ ގޮތުގައި ސަރުކާރުން ބޭނުން ހިފާފައިވާކަން ހާމަކުރަމުން ޓީއެމް އިން ބުނެފައިވަނީ، 2026 ވަނަ އަހަރުގެ ފެބްރުއަރީ 2 އިން އޭޕްރީލް 15 އަށް، psmnews.mv ގައި ޝާއިއުކުރި 589 ލިޔުމެއް ދިރާސާކުރިކަމުގަ އެވެ. މި 72 ދުވަހުގެ މުއްދަތަކީ ރިފަރެންޑަމް އާއި ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން މުއްދަތާއި، ވޯޓުލީ ދުވަހާއި، އަދި އިންތިޚާބަށްފަހު ފާއިތުވި ދެ ހަފުތާ އެވެ. މި ލިޔުންތައް ވަނީ އަށް ބަޔަކަށް ބަހާލައިގެން ތަހުލީލުކޮށްފަ އެވެ. އެއީ: މަޝްރޫއުތައް އިއުލާންކުރުން، މަޝްރޫއުތައް އިފްތިތާހުކުރުން، މަޝްރޫއުތަކުގެ ކުރިއެރުން، ސަރުކާރުގެ މެސެޖުތައް، އިންތިޚާބު، އައްޔަންކުރުންތައް، ޒިންމާދާރުކުރުވުން އަދި އެހެނިހެން ކަންކަމެވެ.

ޓީއެމް އިން ބުނެފައިވަނީ، މި ދިރާސާއިން ފާހަގަވި ފުރަތަމަ ކަމަކީ، މަޝްރޫއުތަކާ ގުޅޭ ތިން ދާއިރާ (އިއުލާންކުރުން، އިފްތިތާހުކުރުން އަދި ކުރިއެރުން) އެއްކޮށްލުމުން 321 ލިޔުން ހިމެނޭ ކަމެވެ. މިއީ މޮނިޓަރ ކުރި މުއްދަތުގައި ޕީއެސްއެމްއިން ޝާއިއުކުރި ޖުމްލަ ލިޔުންތަކުގެ 54.5 އިންސައްތަ އެވެ. މީގެ އިތުރުން ސަރުކާރުގެ މެސެޖުތަކުގެ ގޮތުގައި 85 ލިޔުން ހިމެނެ އެވެ. އެހެންކަމުން، ސަރުކާރުގެ އަޑާއި ހަރަކާތްތައް ފެތުރި މި ހަތަރު ބައި އެއްކޮށްލުމުން ޖުމްލަ 406 ލިޔުން ނުވަތަ މުޅި ކަވަރޭޖްގެ 68.9 އިންސައްތަ ހިއްސާކުރާކަން ޓީއެމް އިން ފާހަގަ ކޮށްފައިވެ އެވެ. މިއީ، ކެމްޕޭންގެ ތިން މަސްދުވަހުގެ ތެރޭގައި ޕީއެސްއެމްގެ އެޑިޓޯރިއަލް އައުޓްޕުޓްގެ ތިންބައިކުޅަ ދެބަޔަށްވުރެ ގިނަ ކޮންޓެންޓަކީ ސަރުކާރުން އުފައްދާފައިވާ ނުވަތަ ސަރުކާރުގެ ޕްރޮމޯޝަނަށް އަމާޒުކޮށްފައިވާ ކޮންޓެންޓްކަން ހާމަވާ ކަމެއްކަމުގައި ޓީއެމް އިން ބުނެ އެވެ. ދެވަނަ ކަމަކީ، އިންތިޚާބާ ގުޅޭ ޚަބަރުތައް 26.5 އިންސައްތަ ހިއްސާކުރާއިރު، މީގެ ބޮޑުބައި ހުރީ ދިވެހި ބަހުންނެވެ (ދިވެހި ބަހުން 129 ލިޔުން، އިނގިރޭސި ބަހުން 27 ލިޔުން). ޓީއެމް އިން ބުނާ ގޮތުގައި މިއިން ދޭހަވަނީ ޕީއެސްއެމްގެ އިނގިރޭސި ކޮންޓެންޓް ބައިނަލްއަގުވާމީ ފަރާތްތަކަށް ސަރުކާރުގެ މަޝްރޫއުތައް އިޝްތިހާރުކުރުމަށް ބޭނުންކުރިއިރު، އިންތިޚާބުގެ ކަންކަމާއި ސިޔާސީ ވާދަވެރިކަމުގެ ޚަބަރުތައް ދިވެހި ބަހުން ރާއްޖޭގެ އޯޑިއަންސަށް އަމާޒުކޮށްފައިވާ ކަމެވެ. ތިންވަނަ ކަމަކީ، 72 ދުވަހުގެ ތެރޭގައި ޒިންމާދާރުކުރުވުމުގެ ދާއިރާއިން ޝާއިއުކޮށްފައިވަނީ އެންމެ ހަ ލިޔުން ކަމެވެ. ޒިންމާދާރުކުރުވުމުގައި ހުރި މި ބޮޑު ހުސްކަމަކީ ޕީއެސްއެމްގެ ގާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފު ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.

ޓީއެމް އިން ފާހަގަކޮށްފައިވާ ގޮތުގައި، މަޝްރޫއުތަކާ ގުޅޭ ޚަބަރުތައް ގެނެސްދީފައިވާ މިންވަރު ކެމްޕޭން ފެށުމުގެ ކުރިއާ އަޅާބަލާއިރު ކެމްޕޭންގެ މެދުތެރޭގައި ވަނީ ދެގުނަ އިތުރުވެފަ އެވެ. އަދި ވޯޓުލުމުގެ އެންމެ ފަހު ދެ ހަފުތާގެ ތެރޭގައި މި އަދަދު ތިންގުނަ އިތުރުވެ، ދުވާލަކު އެވްރެޖްކޮށް 12.7 ލިޔުމަށް ވަނީ އަރާފަ އެވެ. ކެމްޕޭންގެ ކުރިން ދުވާލަކު 2.2 ލިޔުން ޝާއިއުކުރި ނިސްބަތާ އަޅާބަލާއިރު، ފަހު ދެ ހަފުތާގައި މި އަދަދު ވަނީ 5.8 ގުނަ އިތުރުވެފަ އެވެ. އެންމެ ގިނަ ލިޔުން ޝާއިއުކުރި ދުވަހަކީ 28 މާރިޗު 2026 ވީ ހޮނިހިރު ދުވަހެވެ. އެ ދުވަހު ޕީއެސްއެމްއިން 42 ލިޔުން ޝާއިއުކުރި އެވެ. ނަމަވެސް، ވޯޓުލާ ނިމުމާއެކު މި އަދަދު ދުވާލަކު އެންމެ ލިޔުމަކަށް ދަށްވި އެވެ. މިއީ ކެމްޕޭންގެ ކުރިން ހުރި މިންވަރަށްވުރެ ވެސް ދަށް އަދަދެކެވެ. އިންތިޚާބަށްފަހު މިހާ ބޮޑަށް އަދަދުތައް ދަށްވުމުން އެނގެނީ، ކެމްޕޭން ދުވަސްވަރު ޚަބަރުތައް އިތުރުވީ ސަރުކާރުގެ މަސައްކަތްތައް ގިނަވުމުން ނޫން ކަމެވެ. ސަރުކާރުގެ މަޝްރޫއުތައް މާރިޗު މަހުގެ ފަހުކޮޅު ހަގީގަތުގައިވެސް ދުވާލަކު 12.7 ގެ ރޭޓުން ކުރިއަށްދިޔަނަމަ، ވޯޓުލާ ނިމުނު ހަފުތާގައި އެ މަސައްކަތްތައް އެއްކޮށް ހުއްޓިގެން ނުދާނެކަން ޓީއެމް އިން ވަނީ ފާހަގަކޮށްފަ އެވެ.

ޓީއެމް އިން ބުނެފައިވާ ގޮތުގައި ވޯޓުލުމުގެ ފަހު ދެ ހަފުތާގައި ޝާއިއުކުރި މަޝްރޫއުތަކާ ގުޅޭ 178 ލިޔުމުގެ ތެރެއިން 87 ލިޔުމަކީ (48.9 އިންސައްތަ) އަލަށް ފަށާ މަޝްރޫއުތައް އިއުލާންކުރުމެވެ. 74 ލިޔުމަކީ (41.6 އިންސައްތަ) މަޝްރޫއުތައް އިފްތިތާހުކުރުމުގެ ޚަބަރުތަކެވެ. އަދި 17 ލިޔުމަކީ (9.6 އިންސައްތަ) މަޝްރޫއުތައް ހިނގަމުންދާ ގޮތުގެ އަދާހަމަ އެވެ. އެހެންކަމުން، އިތުރުވި ޚަބަރުތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ އެކަން އިއުލާންކުރާ ފަރާތުގެ އިޚުތިޔާރުގައި ވަގުތު ކަނޑައެޅޭ ކަންކަމެވެ. އަދި ބާކީ ހުރި އިފްތިތާހުކުރުމުގެ ޚަބަރުތަކަކީ ވެސް ވޯޓުލުމުގެ ފަހު ދެ ހަފުތާއަށް ސަރުކާރުން ތާވަލުކުރި ހަރަކާތްތަކެވެ. ޓީއެމް އިން ބުނެފައިވަނީ މި ޚަބަރުތަކުގެ އަދަދާއި، އޭގައި ހިމެނޭ ބާވަތްތަކާއި، އަދި ވޯޓަށްފަހު މި އަދަދު ކުއްލިއަކަށް ދަށްވުމުން ސާފުވަނީ، ޕީއެސްއެމްގެ އެޑިޓޯރިއަލް ނިންމުންތައް ބިނާވެފައިވަނީ ސަރުކާރުގެ އާންމު މަސައްކަތްތަކުގެ މައްޗަށް ނޫން ކަމާއި، އޭގެ ބަދަލުގައި އިންތިޚާބީ ކެމްޕޭނަށް އަމާޒުކޮށްގެން ކަމެވެ.

ޕީއެސްއެމް އާ ގުޅޭ ގޮތުން ޓީއެމް ގެ މި ތަހުލީލު ބިނާކޮށްފައިވަނީ ހަތަރު މިންގަނޑެއްގެ މައްޗަށެވެ. އެއީ: އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ވަގުތު ދިނުމުގެ މަޖުބޫރުކަމާއި، ރިފަރެންޑަމްއާ ބެހޭ ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ހަމަހަމަ ފުރުސަތު ދިނުމުގެ މަޖުބޫރުކަމާއި، ޕީއެސްއެމްގެ ގާނޫނުގެ ދަށުން ދައުލަތުގެ މީޑިއާއަށް ލާޒިމުކުރާ ކަންކަމާއި، އަދި އޯއެސްސީއީ/އޯޑީއައިއެޗްއާރުގެ މީޑިއާ މޮނިޓަރިންގ އަތްމަތީ ފޮތުގައި ބަޔާންކޮށްފައިވާ، ދައުލަތުގެ މީޑިއާއިން ވަކި ފަރާތަކަށް ޖެހުމަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން ކަމަށް ބަލާ މިންގަނޑެވެ. މީގެ އިތުރުން ރިފަރެންޑަމްއާ ގުޅޭގޮތުން ވެނިސް ކޮމިޝަނުގެ "ކޯޑް އޮފް ގުޑް ޕްރެކްޓިސް" އަށް ވެސް ވަނީ ރިއާޔަތްކޮށްފަ އެވެ.

ރިފަރެންޑަމްއާ ގުޅޭ މައުލޫމާތު ފެތުރިފައިވާ ގޮތަކީ މި ރިޕޯޓުން ފާހަގަވި އެންމެ ސީރިއަސް ނިޒާމީ މައްސަލަ ކަމަށް ޓީއެމް އިން ބުނެފައިވެ އެވެ. ގާނޫނީ ގޮތުން ކަނޑައެޅިފައިވާ 47 ދުވަހުގެ ކެމްޕޭން މުއްދަތުގައި ރިފަރެންޑަމްގެ ސުވާލާ ގުޅޭގޮތުން ގެނެސްދިން 36 ލިޔުމުގެ ތެރެއިން 11 ލިޔުން ހުރީ "އާނބަސް" ބުނުމަށް ތާއީދުކުރާ ގޮތަށް ކަން ޓީއެމް އިން ފާހަގަ ކުރެ އެވެ. އަދި "ނޫނެކޭ" ބުނާ ފަރާތްތަކުގެ އެއްވެސް ވާހަކައެއް ގެނެސްދީފައެއް ނުވެ އެވެ. މިއީ ޕީއެސްއެމްގެ ގާނޫނުގެ 4، 5، 6 އަދި 52 (ށ) އާ ޚިލާފު، އަދި އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނާއި ރިފަރެންޑަމްގެ ގާނޫނުގައި ބަޔާންކުރާ ހަމަހަމަ ފުރުސަތު ދިނުމުގެ އުސޫލުތަކާ ޚިލާފު ކަމެއްކަމުގައި ޓީއެމް އިން ބުނެފައިވެ އެވެ. މީގެ އިތުރުން، ރިފަރެންޑަމްއާ ގުޅޭ ރަސްމީ މައުލޫމާތު ކަރުދާހުގައި ވެސް ހިމަނާފައިވަނީ ހަމައެކަނި އިސްލާހަށް ތާއީދުކުރާ ފަރާތްތަކުގެ ހުއްޖަތްތަކެވެ. މިއީ އިދާރީ އޮޅުމަކުން ވީކަމެއް ނޫން ކަމަށާއި ގާނޫނުގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިކަން ކުރަން އޮންނަ އުސޫލުގެ ސަބަބުން، ހަމައެކަނި އެއްކޮޅުގެ ވާހަކަ ގެނައުމަށް މަގުފަހިވީ ކަމަށް ވެސް ބުނެފައިވެ އެވެ. ދައުލަތުގެ މީޑިއާއިން އެއްކޮޅަށް ޖެހުމާއި، ގާނޫނީ އޮނިގަނޑު އޮތްގޮތުން ރަސްމީ މައުލޫމާތުތައް އެއްފަރާތަކަށް ބުރަވުމުގެ ސަބަބުން، މިނިވަންކަމާއެކު ގޮތް ނިންމުމަށް ރައްޔިތުންނަށް ބޭނުންވާ މާހައުލު ހަނިވެގެންދިޔަ ކަމަށް ޓީއެމް އިން ބުނެފައިވެ އެވެ.

ޓީއެމް އިން ފާހަގަ ކުރާ ގޮތުގައި ޕީއެސްއެމް އަކީ ދިވެހިރާއްޖޭގެ ދައުލަތުގެ މީޑިއާ އެވެ. މިއީ ރައްޔިތުންގެ މިލްކުވެރިކަން އޮތް، ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ، އަދި ޕީއެސްއެމްގެ ގާނޫނުގެ (ގާނޫނު ނަންބަރު 16/2015) ދަށުން ހިންގާ މުއައްސަސާއެކެވެ. މިއީ ދިވެހި ދައުލަތުން ރައްޔިތުންނާ މުއާމަލާތްކުރާ ރަސްމީ ވަސީލަތެވެ. އެތަނުގެ ނޫސްވެރިންގެ މުސާރައާއި، ވެބްސައިޓް ހޯސްޓްކުރާ ސާވަރުތަކާއި، ބްރޯޑްކާސްޓްކުރާ ފްރީކުއެންސީތަކާއި، އަދި އޮފީސްތަކަކީ ވެސް ރައްޔިތުންގެ ފައިސާއިން ޚަރަދުކުރާ ތަންތަނެވެ.

"ޕީއެސްއެމްގެ އޯޑިއަންސަކީ ވިޔަފާރި މާކެޓެއް ނޫނެވެ؛ އެއީ ދިވެހި ރައްޔިތުންނެވެ. ޕީއެސްއެމްގެ ކޮންޓެންޓަކީ ވިޔަފާރި މުދަލެއް ނޫނެވެ؛ އެއީ އާންމު ޚިދުމަތެކެވެ." 

ޓީއެމް އިން ފާހަގަކޮށްފައިވާ ގޮތުގައި، ޕީއެސްއެމް ގެ މައްޗަށް އޮންނަ މި ގާނޫނީ ހައިސިއްޔަތާ އެކު، އެތަނުން އަމަލުކޮށްފައިވާ ގޮތުން ތިން ނަތީޖާއެއް ނުކުމެ އެވެ. ފުރަތަމަ ކަމަކީ، އިދާރީ ގާނޫނުތަކާއި އިންސާނީ ހައްގުތަކުގެ ނަޒަރުން ބަލާއިރު ޕީއެސްއެމްއަކީ ދައުލަތުގެ އިދާރާއެކެވެ. އެތަނުގެ ނިންމުންތަކަކީ ދައުލަތުގެ އަމަލުތަކެވެ. އެހެންކަމުން އެ ނިންމުންތައް ގާނޫނީ އިމުގެ ތެރޭގައި ހުރިތޯ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށާއި ކޯޓުތަކަށް ބެލިދާނެ ކަމަށް ބުނެފައިވެ އެވެ. ދެވަނަ ކަމަކީ، ޕީއެސްއެމްގެ ވަސީލަތްތަކަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކުރާ ދައުލަތުގެ ވަސީލަތްތަކެވެ. އެހެންކަމުން، ވަކި ސިޔާސީ ފަރާތަކަށް ނުވަތަ އިންތިޚާބީ ފައިދާއަކަށް މި ވަސީލަތްތައް ބޭނުންކުރުމަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމެވެ. ތިންވަނަ ކަމަކީ، ޕީއެސްއެމްގެ ކޮންޓެންޓަކީ ގާނޫނީ ގޮތުން ބަލާއިރު ދައުލަތުން ޝާއިއުކުރާ އެއްޗެކެވެ. އެހެންކަމުން، އަމިއްލަ މީޑިއާތަކަށްވުރެ ބޮޑަށް، ވަކިފަރާތަކަށް ނުޖެހުމުގެ މަތީ މިންގަނޑެއް ޕީއެސްއެމްއިން ހިފަހައްޓަންޖެހޭ ކަމަށް ޓީއެމް އިން ބުނެފައިވެ އެވެ. "ސަބަބަކީ އެތަނުން ވާހަކަދައްކަނީ ދައުލަތުގެ މުއައްސަސާއެއްގެ ހައިސިއްޔަތުން ކަމަށްވާތީ." އެވެ.

ޓީއެމް އިން އާންމުކޮށްފައިވާ ރިޕޯޓުގައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން އެކްޓް (ގާނޫނު ނަންބަރު 16/2025) އުވާލައި، މީޑިއާގެ ދާއިރާގައި ހިމެނޭ ފަރާތްތަކާ މަޝްވަރާކޮށްގެން އާ ގާނޫނެއް އެކުލަވާލަންޖެހޭ ކަމަށް ވެސް ބުނެފައިވެ އެވެ. މިކަމުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި އެހެނިހެން 20 ޖަމިއްޔާއަކުން 2025 އޮގަސްޓް މަހު ނެރުނު ބަޔާނަށާއި، ސެންޓަރ ފޯ ލޯ އެންޑް ޑިމޮކްރަސީގެ 2025 އޮކްޓޫބަރުގެ ގާނޫނީ ދިރާސާއަށާއި، އަދި އދ. ގެ ހައި ކޮމިޝަނަރ ފޯ ހިއުމަން ރައިޓްސްގެ 2025 ސެޕްޓެމްބަރުގެ ގޮވާލުމަށް ރިއާޔަތްކުރަންޖެހޭ ކަމަށް ބުނެފައިވެ އެވެ. އާ ގާނޫނު އެކުލަވާލާއިރު، ނޫސްވެރިކަމުގެ އަމިއްލަ ނިޒާމަކުން ރެގިއުލޭޓްކުރުމާއި ބްރޯޑްކާސްޓިންގ ރެގިއުލޭޓްކުރުން ވަކިކޮށްފައި ބޭއްވުމާއި، ސަރުކާރާއި މަޖިލީހުގެ މެޖޯރިޓީގެ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ރެގިއުލޭޓަރެއް އައްޔަންކުރުމުގެ އުސޫލުތައް ހިމަނަންޖެހޭ ކަމަށް ވަނީ ބުނެފަ އެވެ. އަދި އަދަބުތައް ކަނޑައަޅަންވާނީ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.

ޕަބްލިކް ސަރވިސް މީޑިއާޓްރާންސްޕޭރެންސީ މޯލްޑިވްސްލޯކަލް ކައުންސިލް އިންތިޚާބު 2026ޚިޔާލު ހޯދުމުގެ ވޯޓުމޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

31 ޖުލައި 2026

އޭޕްރީލް މަހު އޮތް އިންތިޚާބުތަކުގައި ވޯޓަކަށް 3،000 އާއި 10،000ރ. އާ ދެމެދުގެ ރިޝްވަތު ހުށަހެޅި، ޕީއެސްއެމް ވަކިފަރާތަކަށް ޖެހި، ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރި: ޓްރާންސްޕޭރަންސީ

31 ޖުލައި 2026
އޭޕްރީލް މަހު އޮތް އިންތިޚާބުތަކުގައި ވޯޓަކަށް 3،000 އާއި 10،000ރ. އާ ދެމެދުގެ ރިޝްވަތު ހުށަހެޅި، ޕީއެސްއެމް ވަކިފަރާތަކަށް ޖެހި، ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރި: ޓްރާންސްޕޭރަންސީ
26 ޖުލައި 2026

ނޫސްވެރިން ޖަލަށްލީ ސަރުކާރުން ބުނީ ނޫސްވެރިކަމުގެ މިނިވަންކަން ޔަގީންކޮށްދީފައިވާ ކަމަށް!

26 ޖުލައި 2026
ނޫސްވެރިން ޖަލަށްލީ ސަރުކާރުން ބުނީ ނޫސްވެރިކަމުގެ މިނިވަންކަން ޔަގީންކޮށްދީފައިވާ ކަމަށް!
13 ޖޫން 2026

އިންތިޚާބާ ދިމާކޮށް ގޯއްޗާ ފްލެޓް ހަވާލު ކުރާ ވާހަކައިގެ އަޑު ގަދަވި، އެކަން ނިމުމާއެކު އެވާހަކަ ދައްކާނެ މީހަކު ވެސް ނެތް: ޔޫނިއަންތަކުގެ ތަރުޖަމާނު

13 ޖޫން 2026
އިންތިޚާބާ ދިމާކޮށް ގޯއްޗާ ފްލެޓް ހަވާލު ކުރާ ވާހަކައިގެ އަޑު ގަދަވި، އެކަން ނިމުމާއެކު އެވާހަކަ ދައްކާނެ މީހަކު ވެސް ނެތް: ޔޫނިއަންތަކުގެ ތަރުޖަމާނު
13 ޖޫން 2026

މީދޫ ކައުންސިލް ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ގަޑިއަށް ފެށިފައިވާއިރު، ހުރިހާ ކަމެއް އަމާންކޮށް ކުރިއަށްދޭ: އީސީ

13 ޖޫން 2026
މީދޫ ކައުންސިލް ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ގަޑިއަށް ފެށިފައިވާއިރު، ހުރިހާ ކަމެއް އަމާންކޮށް ކުރިއަށްދޭ: އީސީ
11 ޖޫން 2026

ޗާޕުދެލީގެ ތިކި ހުރެގެން ވޯޓު ކަރުދާސް ބާތިލުކުރާނަމަ، މުޅި އިންތިޚާބީ ނިޒާމަށް އިޔާދަ ނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ: ސުޕްރީމް ކޯޓު

11 ޖޫން 2026
ޗާޕުދެލީގެ ތިކި ހުރެގެން ވޯޓު ކަރުދާސް ބާތިލުކުރާނަމަ، މުޅި އިންތިޚާބީ ނިޒާމަށް އިޔާދަ ނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ: ސުޕްރީމް ކޯޓު
04 ޖޫން 2026

ވޭވަށުގެ ގޮނޑީގެ މައްސަލަ: އީސީގެ ވަކީލުވެސް ވިދާޅުވީ ހައިކޯޓުގެ ނިންމުމުގެ ސަބަބުން މުޅި އިންތިޚާބީ ނިޒާމުގެ އަސާސްތަކަށް ބޮޑެތި ލޮޅުންތަކެއް އަރާނެކަމަށް!

04 ޖޫން 2026
ވޭވަށުގެ ގޮނޑީގެ މައްސަލަ: އީސީގެ ވަކީލުވެސް ވިދާޅުވީ ހައިކޯޓުގެ ނިންމުމުގެ ސަބަބުން މުޅި އިންތިޚާބީ ނިޒާމުގެ އަސާސްތަކަށް ބޮޑެތި ލޮޅުންތަކެއް އަރާނެކަމަށް!
03 ޖޫން 2026

ވޭވަށު ކައުންސިލް ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެފި

03 ޖޫން 2026
ވޭވަށު ކައުންސިލް ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެފި
21 މެއި 2026

ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި ހުރިހާ ކެންޑިޑޭޓުންގެ އިންތިޚާބީ ފީ އަނބުރާ ހަވާލުކޮށްދެއްވާނެ ކަމަށް މެންބަރު މީކާއީލް ވައުދުވެވަޑައިގެންފި

21 މެއި 2026
ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި ހުރިހާ ކެންޑިޑޭޓުންގެ އިންތިޚާބީ ފީ އަނބުރާ ހަވާލުކޮށްދެއްވާނެ ކަމަށް މެންބަރު މީކާއީލް ވައުދުވެވަޑައިގެންފި
15 މެއި 2026

ރައީސް މުއިއްޒަށް ކައުންސިލް އިންތިހާބު ގެއްލުމުން ކައުންސިލުތަކުގެ މިނިވަންކަން ނިގުޅައިގަންނަނީ!

15 މެއި 2026
ރައީސް މުއިއްޒަށް ކައުންސިލް އިންތިހާބު ގެއްލުމުން ކައުންސިލުތަކުގެ މިނިވަންކަން ނިގުޅައިގަންނަނީ!
13 މެއި 2026

ދެ ނޫސްވެރިއަކު ޖަލަށްލުމަކީ ޑިމޮކްރެޓިކް ވެރިކަމެއްގެ އަސާސްތަކަށް ދެވޭ ވަރަށް ބޮޑު ހަމަލާ އެއް: ޓްރާންސްޕޭރެންސީ

13 މެއި 2026
ދެ ނޫސްވެރިއަކު ޖަލަށްލުމަކީ ޑިމޮކްރެޓިކް ވެރިކަމެއްގެ އަސާސްތަކަށް ދެވޭ ވަރަށް ބޮޑު ހަމަލާ އެއް: ޓްރާންސްޕޭރެންސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް