ޝަރުއީ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު ހައިކޯޓުގެ ފަނޑިޔާރު މާހިރު ރިޓަޔަރ ކުރައްވައިފި
6 ސެޕްޓެމްބަރު 2026 | އާދީއްތަ 04:43ޝަރުއީ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ފަނޑިޔާރު އިބްރާހީމް މާހިރު ރިޓަޔަރ ކުރެއްވުމާ ގުޅިގެން، ހައިކޯޓުން ވަނީ އެމަނިކުފާނުގެ އަގުހުރި ޚިދުމަތްތަކަށް ޝުކުރު ދަންނަވާފައި. ފެމިލީ ކޯޓުގެ އިސްގާޒީކަން ވެސް ކުރެއްވި މާހިރު މަގާމުން ވަކިވެވަޑައިގަތުމަށް އެދިވަޑައިގަތީ މިދިޔަ އޮގަސްޓު މަހުގައި


ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި އަލްއުސްތާޛު އިބްރާހީމް މާހިރު | ހައި ކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި އަލްއުސްތާޛު އިބްރާހީމް މާހިރު، ޝަރަފުވެރިކަމާއެކު މަގާމުން ރިޓަޔަރ ކުރައްވައިފި އެވެ.
ފަނޑިޔާރު މާހިރު ރިޓަޔަރ ކުރެއްވިކަން ހައިކޯޓުން އާދިއްތަ ދުވަހު ވަނީ ރަސްމީކޮށް އިއުލާނު ކުރައްވާފަ އެވެ.
ފަނޑިޔާރު އިބްރާހީމް މާހިރު މަގާމުން ރިޓަޔަރ ކުރެއްވުމަށް އެދި ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވާފައިވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގަ އެވެ. އެ ހުށަހެޅުއްވުމާ ގުޅިގެން، ގާނޫނާއި ގަވާއިދުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ނިންމުމަށްފަހު، ރަސްމީކޮށް މިހާރު ވަނީ މަގާމުން ވަކިވެވަޑައިގެންފަ އެވެ.
މާހިރު ރިޓަޔަރ ކުރެއްވުމާ ގުޅިގެން ހައިކޯޓުން ވަނީ އެމަނިކުފާނު ޝަރުއީ ދާއިރާއަށާއި ހައިކޯޓަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކަށް ޝުކުރު ދަންނަވާފަ އެވެ.
ފަނޑިޔާރު އިބްރާހީމް މާހިރަކީ ޝަރުއީ ދާއިރާގައި 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އެމަނިކުފާނު އައްޔަނު ކުރެއްވީ 25 ސެޕްޓެމްބަރު 2025 ގައެވެ. ހައިކޯޓުގެ ފަނޑިޔާރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، މާހިރު ވަނީ ފެމިލީ ކޯޓުގެ އިސްގާޒީކަމުގެ މަގާމު ވެސް ފުރުއްވާފަ އެވެ.
ޝަރުއީ ދާއިރާގެ އެކި މަރުހަލާތަކުގައި މަސައްކަތް ކުރައްވާފައިވާ ފަނޑިޔާރު އިބްރާހީމް މާހިރަކީ ގާނޫނީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ.










