"ސިޔާސީ މަގާމުތަކަށް ބޮޑު މުސާރަދޭއިރު، ކައުންސިލްތަކުގެ ވަޒީފާ ހިފެހެއްޓުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން"
5 ސެޕްޓެމްބަރު 2026 | ހޮނިހިރު 05:58ޚަރަދު ކުޑަކުރުމަށް ކައުންސިލްތަކަށް މުވައްޒަފުން ނެގުން އެލްޖީއޭގެ ހުއްދައަށް މަޑުކުރަންޖެހޭ ގޮތަށް ނިންމި ނިންމުމަކީ ލާމަރުކަޒީ ނިޒާމާ ޚިލާފު ކަމެއް ކަމަށް ބ. ފެހެންދޫ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި. ސިޔާސީ މަގާމުތަކަށް ބޮޑު މުސާރަދެމުން ކައުންސިލްތަކުގެ ވަޒީފާ ހިފެހެއްޓުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށާއި މިއީ އެސްއޯއީތަކުން ވަކިކުރާ މީހުންނަށް ވަޒީފާ ދީފާނެތީ އެޅި ހުރަހެއް ކަމަށް އެ ކައުންސިލުން ތުހުމަތުކުރޭ.


ފެހެންދޫ ކައުންސިލުގެ ނައިބު ރައީސް އަލީ ޝައުފާން | ރާއްޖެ އެމްވީ
ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ނަމުގައި ކައުންސިލްތަކަށް މުވައްޒަފުން އައްޔަނުކުރުމުގެ ކުރިން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ސަރުކާރުން ނިންމި ނިންމުމަށް ބ. ފެހެންދޫ ކައުންސިލުގެ ނައިބު ރައީސް އަލީ ޝައުފާން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝައުފާން ވިދާޅުވީ، މިއީ ޚަރަދު ކުޑަކުރުމުގެ ނިޔަތުގައި ކުރާ ކަމެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
ޝައުފާން ވިދާޅުވީ، ފެހެންދޫ މިސްކިތަށް މަސައްކަތު މީހަކު ހޯދުމަށް އިއުލާނު ކުރަން ބެލިއިރު، ކައުންސިލްތަކަށް މުވައްޒަފުން ނެގުމުގެ ކުރިން އެލްޖީއޭގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ސަރުކާރުން އުސޫލު ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް 25،000 ރުފިޔާގެ ބޮޑު މުސާރަ ދީފައި ބޭތިއްބުމަކީ ސަރުކާރަށް މިއަދު ވެސް މައްސަލައެއް ނޫން ކަމަށާއި، އެހެންކަމުން މިއީ ފައިސާ ނެތިގެން ކުރާ ކަމެއް ކަމަށް ގަބޫލުކުރަން ދަތި ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޝައުފާން ފާހަގަކުރެއްވި ގޮތުގައި، ކައުންސިލްތަކުން މުވައްޒަފުންނަށް މުސާރަ ދެނީ ސަރުކާރުން ކައުންސިލްތަކަށް ދޭންޖެހޭ ބްލޮކް ގްރާންޓް ބަޖެޓުގެ ތެރެއިންނެވެ. ކައުންސިލުން އައު މުވައްޒަފުން ނެގި ނަމަވެސް ނުވަތަ ނުނެގި ނަމަވެސް، ގާނޫނީ ގޮތުން ކައުންސިލަށް ދޭންޖެހޭ އެ ބަޖެޓު ދޭންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން ކައުންސިލްތަކުގެ ވަޒީފާތައް ހިފެހެއްޓުމަކީ ޚަރަދު ކުޑަކުރަން އެޅި ފިޔަވަޅެކޭ ބުނާ ވާހަކައަކީ އެއްވެސް ވަރަކަށް ދެކޮޅުޖެހޭ ވާހަކައެއް ނޫން ކަމަށް ޝައުފާން ވިދާޅުވި އެވެ.
ސަރުކާރުގެ މި ނިންމުމުގެ ފަހަތުގައި އޮވެދާނެ އެހެން ސަބަބަކަށް އަލިއަޅުވާލައްވަމުން ޝައުފާން ވިދާޅުވީ، މިއީ ސަރުކާރުގެ ހިއްސާވާ ކުންފުނިތައް ނުވަތަ އެސްއޯއީތަކުން ވަޒީފާތަކުން ވަކިކުރަމުންދާ މީހުންނަށް ކައުންސިލްތަކުން ވަޒީފާ ދީފާނެތީ އެކަން ހުއްޓުވުމަށް ނިންމި ނިންމުމަކަށްވުން ވެސް އެކަށީގެންވާ ކަމަށެވެ. ސަރުކާރުން މިފަދަ ފިޔަވަޅުތައް އަޅަމުންދަނީ ލާމަރުކަޒީ ނިޒާމުގެ ރޫހާ ޚިލާފަށް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.











