އެލްޖީއޭގެ ހަރަދުތައް ކަނޑައެޅި ބަޖެޓަށް ވުރެ މައްޗަށް ހިނގައްޖެ
3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 10:57އެލްޖީއޭ އަށް މިއަހަރަށް ކަނޑައެޅި 38.1 މިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ އިތުރަށް، އޯގަސްޓު މަހުގެ ނިޔަލަށް 41.5 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައި. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 15.6 މިލިއަން ރުފިޔާގެ ބޮޑު އިތުރުވުމެއް ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ. މި ޚަރަދުތައް ބޮޑުވެފައިވަނީ އަތޮޅު ކައުންސިލްތައް އުވާލައި، އެލްޖީއޭގެ އަތޮޅު އޮފީސްތައް ގާއިމުކޮށް ހިންގަން ފެށުމާ އެކު


ރައީސް މުއިއްޒު، އެލްޖީއޭގެ ސީއީއޯގެ މަޤާމަށް ނިމާލް އައްޔަނު ކުރެއްވުމުގެ ތެރެއިން | ރައީސް އޮފީސް
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މި އަހަރަށް ކަނޑައެޅި ބަޖެޓަށް ވުރެ އިތުރަށް ޚަރަދުކޮށްފި އެވެ.
މިނިސްޓްރީ އޮފް ފިނޭންސް އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރު އެލްޖީއޭގެ ބަޖެޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ 38.1 މިލިއަން ރުފިޔާ އެވެ. ނަމަވެސް، ނިމި ދިޔަ އޯގަސްޓު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އެ އޮތޯރިޓީން ވަނީ 41.5 މިލިއަން ރުފިޔާ ޚަރަދުކޮށްފަ އެވެ. މިއީ މުޅި އަހަރަށް ކަނޑައެޅި ބަޖެޓަށް ވުރެ 8.92 އިންސައްތަ އިތުރު އަދަދެކެވެ.
މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވެސް އެލްޖީއޭގެ ޚަރަދުތައް ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި އެ އޮތޯރިޓީން ޚަރަދުކޮށްފައިވަނީ 22.5 މިލިއަން ރުފިޔާ އެވެ. އެހެންކަމުން މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 15.6 މިލިއަން ރުފިޔާގެ ބޮޑު އިތުރުވުމެކެވެ.
ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، މިދިޔަ ޑިސެންބަރު މަހުން ފެށިގެން އަތޮޅު ކައުންސިލުތައް ވަނީ އުވާލާފަ އެވެ. މި ބަދަލާ ގުޅިގެން، މިދިޔަ މާރިޗު މަހު ކުރީގެ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެފައިވަނީ، އަތޮޅު ކައުންސިލު އިދާރާތައް ހިންގި ތަންތަނުގައި މިހާރު ހިންގަމުން ދަނީ އެލްޖީއޭގެ އަތޮޅު އޮފީސްތައް ކަމަށެވެ.
މި އޮފީސްތައް ގާއިމުކުރުމުގެ މައިގަނޑު ބޭނުމަކީ ރަށްރަށުގެ ކައުންސިލުތަކަށް ބޭނުންވާ އެހީތެރިކަމާއި ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ކައުންސިލަރުންނާއި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދިނުމެވެ. އަދި މީގެ އިތުރުން، އެލްޖީއޭ އާއި ކައުންސިލްތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ޤާނޫނީ ގޮތުން އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް ކައުންސިލްތަކަށް މަގުފަހިކޮށްދިނުމެވެ.
އެލްޖީއޭގެ ޚަރަދުތައް މިހާ ބޮޑަށް އިތުރުވެގެން ގޮސްފައި މިވަނީ އަހަރު ނިމެން އަދި ހަތަރު މަސް ދުވަސް ބާކީ އޮއްވަ އެވެ.










