ކައުންސިލުތަކުގެ ބިންތަކުގެ ބާރުތައް ހޯދުމަށްފަހު ކައުންސިލުތަކުގެ ވަޒީފާތަކުގެ ކޮންޓްރޯލު މުއިއްޒު އަތުލައިފި
2 ސެޕްޓެމްބަރު 2026 | ބުދަ 05:45ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ބުނެ، ކައުންސިލްތަކަށް މުވައްޒަފުން އައްޔަނުކުރުމުގެ ކުރިން އެލްޖީއޭގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ސަރުކާރުން ނިންމައިފި. މި ނިންމުމާއެކު، ކައުންސިލްތަކުގެ އާމްދަނީންނާއި ބަޖެޓުން މުސާރަދޭ ގޮތަށް އުފައްދާ ދާއިމީ އަދި ވަގުތީ މަގާމުތަކަށް މީހުން ނެގުމުގެ ބާރު މިހާރު ވަނީ މަރުކަޒީ އިދާރާއަށް ބަދަލުކޮށްފައި. އެހެންނަމަވެސް، ސަރުކާރުގެ ސިޔާސީ މަގާމުތަކަށް މީހުން އިތުރުކުރަމުންދާ ދަނޑިވަޅެއްގައި މިފަދަ ފިޔަވަޅެއް އެޅުމުން ފާޑުކިޔުން ވަނީ އަމާޒުވެފައި

ލޯކަލް ގަވަންމަންޓް އޮތޯރިޓީގެ ބޯޑުގެ ބައްދަލުވުމެއް ހިނގަމުންދަނީ | އެލްޖީއޭ
ކައުންސިލުތަކުގެ އިޚްތިސާސްގައި ހުންނަ ބިންތައް ސަރުކާރުން ބޭނުންވެއްޖެ ނަމަ ނެގޭ ގޮތަށް ހެދުމަށްފަހު ކައުންސިލްތަކަށް ވަޒީފާތަކަށް މީހުން ނެގުމުގެ ބާރުތައް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަތުލައިފި އެވެ.
ލާމަރުކަޒީ ނިޒާމު ޗެމްޕިއަންކުރުމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ކައުންސިލުތަކުގެ ބާރުތައް މަރުކަޒު ކުރައްވާ، އެމަނިކުފާނުގެ އަތްޕުޅަށް ފަހަރަކު ބާރެއް ޖަމާކުރައްވާ، ލާމަރުކަޒީ ނިޒާމަށް ފިއްތުއްތަން އިތުރުކުރަށްވާ ކައުންސިލުތައް ހިންގުމަށް ދަތިކުރައްވަމުންނެވެ.
ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ތާރީޚުގައި ރައީސް މުއިއްޒު އައްޔަނު ކުރައްވާފައިވާ އަދި ވެރިކަންކުރާ ޕާޓީގެ އެކްޓިވިސްޓް ލޯކަލް ގަވަންމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ނިމާލު ސޮއިކުރައްވާ ކައުންސިލުތަކަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ، ދައުލަތުގެ ބަޖެޓުންނާއި، ކައުންސިލުގެ އާމްދަނީން ޚަރަދުވާ ގޮތަށް ކައުންސިލްތަކުން އަލަށް އުފައްދާ ނުވަތަ ހުސްވާ ދާއިމީ މަގާމުތަކަށާއި ކައުންސިލު ނިޒާމުގެ ތެރެއިން ނުކުންނަ ވަގުތީ ބޭނުންތައް ފުއްދުމަށް ނުވަތަ ވަގުތީ މަޝްރޫއެއް ހިންގުމަށް ބޭނުންވެގެން ކޮންޓްރެކްޓް އެމްޕްލޯއިމަންޓް އަދި ވޭޖް އެމްޕްލޯއިމަންޓް ވަޒީފާތަކަށް މީހުން ނަގަންވާނީ އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދައިގެން ކަމަށެވެ.
"އަދި ވަގުތީ ބޭނުންތަކަށާއި، ވަކި މަޝްރޫއުތައް ހިންގުމަށް، ކޮންޓްރެކްޓް، ވޭޖް، ކޮންސަލްޓަންސީ އަދި މި ނޫނަސް އުޖޫރަ ދެވޭ އެއްވެސް ބާވަތެއްގެ ވަޒީފާ އަކަށް މީހުން ނެގުމަށް އިއުލާނު ކުރަންވާނީވެސް މި އޮތޯރިޓީގެ ހުއްދަ ހޯދުމަށްފަހުގަ އެވެ،" ސިޓީގައިވެ އެވެ.
ސިޓީގައި ބުނެފައިވަނީ، 01 ސެޕްޓެމްބަރު 2026 އިން ފެށިގެން އެއްވެސް މުވައްޒަފެއް ކައުންސިލުގެ ވަޒީފާއަކަށް ނަގަންވާނީ ލިޔުމުން އެ އޮތޯރިޓީގެ ހުއްދަ ހޯދުމަށްފަހުގައި ކަމަށެވެ.
މިފިޔަވަޅު އަޅާފައިވަނީ، ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ކަމަށް ބުނެފައިވާއިރު، ސިޔާސީ މަގާމުތަކަށް ހުއްޓުމެއްނެތި ގެންދަނީ ބޮޑެތި އުޖޫރައިގައި މީހުން ނަގަމުންނެވެ. އަދި މިގޮތުން ވަޒީފާ ދީފައިވާ ބައެއް ފަރާތްތަކަކީ އޮފީހުގައި ކުރާނެ އެއްވެސް މަސައްކަތެއް ނެތް އަދި ގަވައިދުން އޮފީހަށް ހާޒިރުވާން ވެސް ނުޖެހޭ މީހުން ކަމަށްވެ އެވެ.
ވަޒީފާތަކުގެ ކޮންޓްރޯލު ސަރުކާރުން އަތުލިއިރު ކައުންސިލްތަކުގެ އިހުތިސާސްގައި ހުންނަ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަޒުކަޒީ ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައި ފާސްކުރި ބިިލް ރައީސް މުއިއްޒު ވަނީ ތަސްދީގުކުރައްވާފަ އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހެޅި 19 ވަނަ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހެވެ. އެ ބިލް ސެޕްޓެމްބަރު 1 ވަނަ ދުވަހު ތަސްދީގު ކުރުމާ އެކު، އެ ގާނޫނަށް އަމަލުކުރަން މިހާރު ވަނީ ފަށައިފަ އެވެ.
މި ބިލު ގާނޫނަކަށް ވުމާއެކު އަތޮޅު ކައުންސިލްތަކުގެ މިލްކުވެރިކަމުގައި ހުރި މުދަލާއި ވަސީލަތްތައް ވެސް، ފިނޭންސް މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ.
ރައީސް މުއިއްޒުގެ ފުލް ކޮންޓްރޯލުގެ ދަށުން ހިނގަމުން އަންނަ "ރަބަރ ސްޓޭމްޕް" ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ގާނޫނަށް ހުށަހެޅި ބަދަލު ފާސްކުރިއިރު، މި ބަދަލު ގެނައުމާ ދެކޮޅަށް 6،000 އަށް ވުރެ ގިނަ މީހުން ވަނީ ޕެޓިޝަނެއްގައި ސޮއިކޮށްފަ އެވެ.











