ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން ރޮޑްރީ ބާސެލޯނާ އަށް ބަދަލުވެއްޖެ
19 އޯގަސްޓު 2026 | ބުދަ 04:48އަންގާރަ ދުވަހު ބާސެލޯނާގެ އެއްބަސްވުމުގައި ރޮޑްރީ ރަސްމީކޮށް ސޮއި ކޮށްފައިވާއިރު، އޭނާ ހޯދުމަށް ބާސެލޯނާ އިން ވަނީ 65 މިލިއަން ޕައުންޑު ހޭދަކޮށްފައި. މިއީ ކުރިއަށް އޮތް ސީޒަނަށް ބާސެލޯނާ އިން ހޯދި އެންމެ މުހިންމު ކުޅުންތެރިޔާ އަށް ވާނެ


ބާސެލޯނާގެ ޖާޒީ އާއެކު ރޮޑްރީ | ގެޓީ އިމޭޖަސް
މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އައި ސްޕެއިންގެ ރޮޑްރީ، ބާސެލޯނާ އާއެކު ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އަންގާރަ ދުވަހު ބާސެލޯނާގެ އެއްބަސްވުމުގައި ރޮޑްރީ ރަސްމީކޮށް ސޮއި ކޮށްފައިވާއިރު، އޭނާ ހޯދުމަށް ބާސެލޯނާ އިން ވަނީ 65 މިލިއަން ޕައުންޑު ހޭދަކޮށްފައި އެވެ. މިއީ ކުރިއަށް އޮތް ސީޒަނަށް ބާސެލޯނާ އިން ހޯދި އެންމެ މުހިންމު ކުޅުންތެރިޔާ އަށް ވާނެ އެވެ.
ބާސެލޯނާ އަށް ބަދަލުވުމަށް ފަހު ރޮޑްރީ ބުނީ، ކެރިއަރުގެ އައު ބަދަލާ މެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. ރޮޑްރީ ބުނީ މިއީ އޭނާގެ ކެރިއަރުގެ އައު ފިޔަވަޅެއް ކަމަށާއި، އައު ތަޖުރިބާތަކެއް ހޯދައި، އަލުން އެ ހިތްހަމަ ޖެހުން ހޯދުމުގެ ފުރުސަތެއްގެ ގޮތުގައި މި ބަދަލު ދެކޭ ކަމަށެވެ.
މީގެ އިތުރުން ރޮޑްރީ ބުނީ، ބާސެލޯނާ އަކީ އޭނާ ވަރަށް އިސްކަންދޭ ކުލަބެއް ކަމަށާއި، ބާސެލޯނާގެ އަމާޒުތައް ހާސިލު ކުރުމަށް އޭނާ އަށް ކޮށްދެވެން އޮތް ކޮންމެ ކަމެއް ކޮށްދޭނެ ކަމަށެވެ. ބާސެލޯނާ އަށް އިރުޝާދު ދެމުން އަންނަ ޖަރުމަނުގެ ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން ކުޅުމުގެ ފުރުސަތު ލިބުމާ ގުޅޭ ގޮތުން އޭނާ ބުނީ، ފްލިކް އަކީ އޭނާގެ ކެރިއަރަށް ވަރަށް ގިނަ ކަންކަން ގެނެސްދޭނެ ކޯޗެއް ކަމަށެވެ.
އުމުރުން މިހާރު 30 އަހަރުވެފައިވާ ރޮޑްރީ ބާސެލޯނާ އަށް ބަދަލުވެފައި ވަނީ، މެންޗެސްޓަރ ސިޓީގައި ހަތް ސީޒަން ހޭދަ ކުރުމަށް ފަހު އެވެ. އޭނާ ވަނީ ސިޓީ އަށް 298 މެޗު ކުޅެދީފައި އެވެ. ސިޓީ އާއެކު އިނގިރޭސި ޕްރިމިއާ ލީގު ހަތަރު ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން، ޔުއެފާ ޗެމްޕިއަންސް ލީގާއި، އެފްއޭ ކަޕް އަދި ކަރަބޯ ކަޕް ވެސް އޭނާ ކާމިޔާބު ކޮށްފައިވެ އެވެ.
ސްޕެއިންގެ ޤައުމީ ޓީމުގައި ވެސް ރޮޑްރީ ހިމެނޭއިރު، މިދިޔަ ޖުލައި މަހު ނިމުނު ފީފާ ވޯލްޑް ކަޕް ސްޕެއިން އިން ކާމިޔާބު ކުރުމުގައި ރޮޑްރީ އިސް ދައުރެއް އަދާ ކުރި އެވެ. އެ މުބާާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ރޮޑްރީ ހޯދިއިރު، ސިޓީގައި ހުރިއިރު ރޮޑްރީ ވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލެންޑިއޯ އެވޯޑު ވެސް ކާމިޔާބު ކޮށްފައި އެވެ.










