އީރާނުގެ ހަމަލާގައި ކުވެއިތުގެ ކަރަންޓު ސްޓޭޝަނަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
އެމެރިކާއިން އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ދެމުންދާ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، ސޫރިޔާ އާއި ބަހްރައިން އަދި ކުވެއިތުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފި. މި ހަމަލާތަކާ ގުޅިގެން ކުވެއިތުގެ ކަރަންޓާއި ފެން އުފައްދާ ސްޓޭޝަނަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ ތަނުގެ ޚިދުމަތްތައް އަލުން އިއާދަކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ކުރަމުން

2026 އޭޕްރީލް 1 ވަނަ ދުވަހު ކުވެއިތުގެ ކުވެއިތު ސިޓީގައި ހުންނަ ކުވެއިތު އިންޓަނޭޝަނަލް އެއާޕޯޓުގެ ތެޔޮ ރައްކާކުރާ ތަންތަނަށް އީރާނުގެ ޑްރޯން ހަމަލާއެއް އަމާޒުވުމާ ގުޅިގެން، އެ ސަރަހައްދުން ދުން އަރަމުންދަނީ | އޭއޭ ފޮޓޯ
އީރާނުން ދިން ހަމަލާއެއްގައި ކުވެއިތުގެ ކަރަންޓު އުފައްދާ އަދި ފެން މީރުކުރާ ސްޓޭޝަނަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެ ތަނުގައި އަލިފާން ރޯވެ، ކަރަންޓު އުފައްދާ ގިނަ ޔުނިޓުތަކެއްގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށް ކުވެއިތުގެ ކަމާބެހޭ އިދާރާތަކުން ހުކުރު ދުވަހު ބުނެފި އެވެ.
ކުވެއިތުގެ މިނިސްޓްރީ އޮފް އިލެކްޓްރިސިޓީ، ވޯޓާ އެންޑް ރިނިއުބަލް އެނާޖީން ބުނީ، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން މިހާރު އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ. އަދި ޓެކްނިކަލް ޓީމުތަކުން މިހާރު ދަނީ ސްޓޭޝަނަށް ލިބުނު ގެއްލުންތައް ބަލައި، އެ ތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ހަލާކުވި ކަރަންޓު އުފައްދާ ޔުނިޓުތައް ވީ އެންމެ އަވަހަކަށް އަލުން ޚިދުމަތަށް ނެރުމަށް މަސައްކަތް ކުރަމުންނެވެ.
އީރާނުގެ އަސްކަރީ މަރުކަޒުތަކަށް އެމެރިކާއިން ޖެހިޖެހިގެން ހަވަނަ ރޭ ހަމަލާދިނުމާ ގުޅިގެން، މެދުއިރުމަތީގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހުކުރު ދުވަހު އާ ހަމަލާތަކެއް ދީފައިވާނެ ކަމަށް އީރާނުން ވަނީ ބުނެފަ އެވެ. މީގެ ތެރޭގައި ސޫރިޔާގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ދިން ފުރަތަމަ ސީދާ ހަމަލާވެސް ހިމެނެ އެވެ.
ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، ބަހްރައިނާއި ކުވެއިތުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާނެ ކަމަށެވެ.
މަސްދަރު: ރޮއިޓާސް










