Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އެމެރިކާއިން އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާދީފި، އީރާނުން ގަލްފުގެ ގައުމުތަކަށް ހަމަލާދީ ބަދަލު ހިފަނީ: އެންމެ ފަހުގެ މައުލޫމާތު

އެމެރިކާއިން އީރާނުގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ދިން ހަމަލާތަކުގައި ގިނަ ބަޔަކު މަރުވެފައިވާއިރު، އީރާނުން ވަނީ ބަދަލުހިފުމުގެ ގޮތުން ސަރަހައްދީ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައި. މި ހަމަނުޖެހުންތަކާ ގުޅިގެން ގަލްފުގެ ގައުމުތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު، މިއީ އިސްރާއީލުގެ ނުފޫޒާއެކު ކުރިއަށްދާ ހަނގުރާމައެއް ކަމަށް އެމެރިކާގެ ނައިބު ރައީސް ވަނީ ތުހުމަތުކުރައްވާފަ.

ރާއްޖެ އެމްވީ | 17 ޖުލައި 2026 | ހުކުރު 09:55
Your browser does not support the video tag.
0:00 / 0:00

އިރާނުގެ އައްސޭރިފަށުގެ ސަރަހައްދުތައް ބަލަހައްޓާ މަރުކަޒުތަކާއި، ވައިގެ ދިފާއީ ނިޒާމުތަކުގެ އިތުރުން "އަސްކަރީ ލޮޖިސްޓިކްސް އިންފްރާސްޓްރަކްޗަރ" އަށް އަމާޒުކޮށް، ހުކުރުވިލޭރޭ އިރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައިވާކަން އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނޭ. | އެކްސް

 ޖެހިޖެހިގެން ހަވަނަ ރޭ، އެމެރިކާއިން ވަނީ އީރާނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. މީގެ ބަދަލުގައި އީރާނުން ވެސް ވަނީ ގަލްފުގެ އެކި ގައުމުތަކަށާއި، ސަރަހައްދުގެ އެހެން ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފަ އެވެ.

އޭއެފްޕީ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަނގުރާމަ ހުއްޓާލުމަށް 60 ދުވަހުގެ މަޝްވަރާ މުއްދަތެއް ކަނޑައެޅުމަށް ޖޫން 22 ވަނަ ދުވަހު ސްވިޒަލޭންޑްގައި ދެ ފަރާތުން ބައްދަލުކުރި ފަހުން، އެމެރިކާއިން ދިން ހަމަލާތަކުގައި 38 މީހުން މަރުވެ 400 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އީރާނުން ބުނެ އެވެ. މީގެ ތެރޭގައި ރޭ އެމެރިކާއިން ދިން ހަމަލާތަކުގައި މަރުވި އަށް މީހުން ވެސް ހިމެނެ އެވެ.

އެމެރިކާ އިން ހަމަލާދިނީ އީރާނުގެ ކޮން ސަރަހައްދުތަކަކަށް؟

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި، ހުކުރު ދުވަހުގެ ގްރީނިޗް މީން ޓައިމުން 01:40 ހާއިރު، އީރާނަށް އަމާޒުކޮށް ދިން ވަރުގަދަ ހަމަލާތަކުގެ އެންމެ ފަހުގެ ބުރު ވަނީ ނިންމާލާފަ އެވެ. ނަމަވެސް، އީރާނުގެ ކޮން ސަރަހައްދުތަކަކަށް ކަމެއް އެމެރިކާގެ އަސްކަރިއްޔާއިން ތަފްސީލެއް ނުދެ އެވެ.

އެހެންނަމަވެސް، އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާގެ ސިފައިން ވަނީ އީރާނުގެ އެކި ސަރަހައްދުތަކުގައި ހުރި މަދުވެގެން ހަ ފާލަމަކަށާއި، ރޭލު ސްޓޭޝަނަކަށާއި އެ ނޫންވެސް ބައެއް ތަންތަނަށް ހަމަލާދީފަ އެވެ. މި ހަމަލާތަކުގައި މަދުވެގެން އަށް މީހުން މަރުވެ، ގިނަ ބަޔަކު ވަނީ ޒަޚަމްވެފަ އެވެ.

އީރާނުގެ ފާރްސް ނިއުސް އެޖެންސީން ބުނި ގޮތުގައި، ދެކުނުގެ ހުރްމުޒްގާން ޕްރޮވިންސްގައި ހަމަލާދީފައިވާ ހަ ފާލަމަކީ:

- ބަންދަރު އައްބާސް އާއި ޚުމައިރު އަދި ލާރާ ގުޅުވައިދޭ ގަރީވާ ފާލަން

- ލަތިދާން އަވަށާ ކައިރީގައި އޮންނަ ފާލަން

- ކަހޫރެސްތާން-ލާރް މަގުގައި އޮންނަ ދެ ފާލަން

- ބަންދަރު އީ-ޚަމީރު، ކޭޝާރު އަދި ބަންދަރު އައްބާސް ގުޅުވައިދިނުމަށް ހަދަމުންދާ ފާލަން

- ޚުމައިރު ޑިސްޓްރިކްޓްގެ މާރު އަވަށުގައި އޮންނަ ފާލަން

އީރާނުގެ މިނިސްޓްރީ އޮފް އެނާޖީން ބުނާ ގޮތުގައި، އެމެރިކާގެ އެންމެ ފަހުގެ ހަމަލާތަކުގެ ސަބަބުން ބަންދަރު އައްބާސް އާއި ކައިރި އަވަށްތަކުގެ ކަރަންޓު ވިއުގައަށް ވަނީ ގެއްލުން ލިބިފަ އެވެ. މީގެ ސަބަބުން އީރާނުގެ ދެކުނުގެ ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށާއި، ބައެއް ސަރަހައްދުތަކަށް އަލުން ކަރަންޓު ދޭން ފަށާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

އީރާނުން ހަމަލާދިނީ ގަލްފުގެ ކޮން ގައުމުތަކަކަށް؟

ހުކުރު ދުވަހުގެ ހެނދުނު، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ވަނީ، ދެ ގައުމުގެ ދެމެދުގައި ހަމަނުޖެހުންތައް އަލުން ފެށުނު ފަހުން އެމެރިކާގެ މަރުކަޒުތަކަށް އަމާޒުކޮށް ބަދަލުހިފުމުގެ 13 ވަނަ ބުރުގެ ހަމަލާ ދީފައިވާ ކަމަށް ބުނެފަ އެވެ.

ބަހްރައިން:

ހުކުރު ދުވަހުގެ ހެނދުނު ބަހްރައިންގައި ވައިގެ ހަމަލާތަކުގެ އިންޒާރުދޭ ސައިރަންތައް ވަނީ އަޅާފަ އެވެ. އެ ގައުމުގެ މިނިސްޓްރީ އޮފް އިންޓީރިއާ އިން ވަނީ ރައްޔިތުން ކެތްތެރިކަން އިސްކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ގަތަރު:

ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، އީރާނުން ފޮނުވާލި މިސައިލެއް ހިމެނޭހެން ބައެއް ހަމަލާތައް ގަތަރަށް އަމާޒުވުމާ ގުޅިގެން، އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ގަޑިއެއްހާއިރުގެ ތެރޭގައި ދެ އިންޒާރެއް ނެރެފަ އެވެ. ގަތަރުގެ މިނިސްޓްރީ އޮފް ޑިފެންސް އިން ބުނި ގޮތުގައި އެ ހަމަލާތައް ވަނީ ދިފާއީ ނިޒާމުން ހުއްޓުވާފަ އެވެ. ނަމަވެސް، ދޯހާގެ މަތިން ހަމަލާތައް ހުއްޓުވުމުގެ ތެރޭގައި ވެއްޓުނު ބައިތަކަކުން ކުޑަކުއްޖަކަށް އަނިޔާވެގެން ފަރުވާދެމުންދާ ކަމަށް އެ ގައުމުގެ މިނިސްޓްރީ އޮފް އިންޓީރިއާ އިން ރިޕޯޓްކޮށްފައިވެ އެވެ.

އޮމާން:

އީރާނުގެ އައި.އާރު.ޖީ.ސީ އިން ހުކުރު ދުވަހު ބުނި ގޮތުގައި، އޮމާންގެ ޣާނިމް ސަރަހައްދުގައި ހުރި އެމެރިކާގެ އެއާ ކޮންޓްރޯލް ރާޑަރަކާއި، އީރާނާއި އޮމާން ވަކިކުރާ ހުރްމުޒް ކަނޑުއޮޅީގައި ހުރި މެރިޓައިމް ކޮންޓްރޯލް ރާޑަރެއް ވަނީ ހަލާކުކޮށްލާފަ އެވެ. ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް އެޖެންސީން ބުނި ގޮތުގައި، ބުރާސްފަތި ދުވަހު އޮމާންގެ ޚަސަބްގެ އިރުމަތިން 19 ނޯޓިކަލް މޭލު (ގާތްގަނޑަކަށް 35 ކިލޯމީޓަރު) ބޭރުން ދަތުރުކުރަމުންދިޔަ ތެޔޮ ޓޭންކަރަކަށް ވެސް ނޭނގޭ އެއްޗަކުން ވަނީ ހަމަލާދީފަ އެވެ.

ކުވެއިތު:

އީރާނުގެ މެހެރު ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކުވެއިތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާދީ، މިސައިލް ޑިފެންސް ރާޑަރަކާއި، ހަތިޔާރު ރައްކާކުރާ މުހިންމު ގުދަންތަކެއްގެ އިތުރުން 'ހައިމާސް' (HIMARS) މަރުކާގެ ދެ މިސައިލް ލޯންޗަރަކަށް ހަމަލާދީފައިވާ ކަމަށް އައި.އާރު.ޖީ.ސީ އިން ހުކުރު ދުވަހު ވަނީ ބުނެފަ އެވެ.

އުރުދުން:

އުރުދުންގެ އަސްކަރިއްޔާއިން ހުކުރު ދުވަހު ބުނި ގޮތުގައި، އެ ގައުމަށް އަމާޒުކޮށް އީރާނުން ފޮނުވާލި ތިން މިސައިލެއް ވަނީ ދިފާއީ ނިޒާމުގެ އެހީގައި ވައްޓާލާފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި، ވެއްޓުނު ބައިތައް ނައްތާލުމުގެ މަސައްކަތް އުރުދުންގެ ރޯޔަލް އިންޖިނިއަރިން ކޯޕްސް އިން ކުރަމުންދާ ކަމަށް އަސްކަރިއްޔާއިން ބުނެ އެވެ.

ސީރިއާ:

ތަސްނީމް ނިއުސް އެޖެންސީން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، ސީރިއާގެ އަލް-ތަންފް އަސްކަރީ މަރުކަޒުގައި ހުންނަ އެމެރިކާގެ ސްޕެޝަލް އޮޕަރޭޝަންސް ކޮމާންޑް ސެންޓަރަށް އައި.އާރު.ޖީ.ސީ އިން ވަނީ ހަމަލާދީފަ އެވެ. އައި.އާރު.ޖީ.ސީ އިން ބުނި ގޮތުގައި މިއީ އީރާންޝަހަރުގައި އީރާނުގެ ސިފައިން މަރާލުމުގެ ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާއެކެވެ.

އީރާނާއި އެމެރިކާގެ ވެރިން ބުނަނީ ކީކޭ؟

އީރާނުގެ އަސްކަރީ ތަރުޖަމާނު އިބްރާހީމް ޒުލްފަގާރީ ވަނީ، ހުރްމުޒް ކަނޑުއޮޅީގެ ހަމަޖެހުން ނަގާލަނީ އެމެރިކާއިން ކަމަށް ތުހުމަތުކޮށް، 40 ދުވަހުގެ މި ހަނގުރާމައަށްފަހު އެ ކަނޑުއޮޅި ކުރިން އޮތް ހާލަތަށް ދުވަހަކުވެސް ނުދާނެ ކަމަށް ބުނެފަ އެވެ.

ބުދަ ދުވަހު ޖޯ ރޯގަންގެ ޕޮޑްކާސްޓެއްގައި ވާހަކަދައްކަވަމުން އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވޭންސް ވިދާޅުވީ، އީރާނާއެކު އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގައި އެއްބަސްވުމަކަށް އައުމާ ދެކޮޅަށް، އިސްރާއީލު ސަރުކާރުގެ ބައެއް މެންބަރުން އެމެރިކާގެ އާންމު ރައްޔިތުންގެ ޚިޔާލު ބަދަލުކުރުމަށް މަސައްކަތް ކުރި ކަމަށެވެ.

"އަޅުގަނޑަށް ޔަގީންކަމާއެކު އެނގޭ އިސްރާއީލު ސަރުކާރުގެ ތެރޭގައި ތިބި ބަޔަކު، އަޅުގަނޑުމެން އެ ސިޔާސަތާ ދުރަށް ޖެއްސުމަށް މަސައްކަތް ކުރިކަން. އެއީ އެމީހުން ބޭނުންވަނީ އަސްކަރީ ހަރަކާތްތައް ކުރިއަށް ގެންދަން ކަމަށްވާތީ،" ވޭންސް ވިދާޅުވި އެވެ.

އީރާން-އެމެރިކާހުރްމުޒް ކަނޑުއޮޅިއައިއާރުޖީސީޖޭޑީ ވޭންސްބަޙްރައިންސޫރިޔާ

އިތުރަށް ކިޔާލަން

17 ޖުލައި 2026

އީރާން އާއެކު ކުރި މަޝްވަރާތަކުން މާލީ މަންފާ ހޯދުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތު އެމެރިކާގެ ނައިބު ރައީސް ދޮގުކުރައްވައިފި

17 ޖުލައި 2026
އީރާން އާއެކު ކުރި މަޝްވަރާތަކުން މާލީ މަންފާ ހޯދުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތު އެމެރިކާގެ ނައިބު ރައީސް ދޮގުކުރައްވައިފި
17 ޖުލައި 2026

ޓްރަމްޕް ހުންނެވީ އީރާން އާއެކު ސިޔާސީ މަޝްވަރާތަކަށް ތައްޔާރަށް

17 ޖުލައި 2026
ޓްރަމްޕް ހުންނެވީ އީރާން އާއެކު ސިޔާސީ މަޝްވަރާތަކަށް ތައްޔާރަށް
17 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅީގެ ހަމަނުޖެހުންތަކާ އެކު ދުނިޔެއަށް ބޭނުންވާ ހަކަތަ އަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު ދީފީ

17 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅީގެ ހަމަނުޖެހުންތަކާ އެކު ދުނިޔެއަށް ބޭނުންވާ ހަކަތަ އަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު ދީފީ
17 ޖުލައި 2026

އީރާނުގައި ބަންދުކޮށްފައި ހުރި އެމެރިކާގެ ރައްޔިތަކު މިނިވަންކޮށްފައިވާ ކަމަށް ވިދާޅުވެ ޓްރަމްޕް ހެއްދެވީ އިތުރުފުޅެއް

17 ޖުލައި 2026
އީރާނުގައި ބަންދުކޮށްފައި ހުރި އެމެރިކާގެ ރައްޔިތަކު މިނިވަންކޮށްފައިވާ ކަމަށް ވިދާޅުވެ ޓްރަމްޕް ހެއްދެވީ އިތުރުފުޅެއް
17 ޖުލައި 2026

އީރާނުން ބަހްރައިންގައި ހުރި އެމެރިކާގެ އެއަރބޭސް އަކަށް ވަރުގަދަ ހަމަލާތަކެއް ދީފި

17 ޖުލައި 2026
އީރާނުން ބަހްރައިންގައި ހުރި އެމެރިކާގެ އެއަރބޭސް އަކަށް ވަރުގަދަ ހަމަލާތަކެއް ދީފި
16 ޖުލައި 2026

އީރާނާ އެކު ކުރަމުންދާ ހަނގުރާމަ ދިގުދަންމަން އެމެރިކާ އަށް އިސްރާއީލުގެ އިސް ފަރާތްތަކުން ނުފޫޒު ފޯރުވާ ކަމަށް އެމެރިކާގެ ނައިބު ރައީސް ވިދާޅުވެއްޖެ

16 ޖުލައި 2026
އީރާނާ އެކު ކުރަމުންދާ ހަނގުރާމަ ދިގުދަންމަން އެމެރިކާ އަށް އިސްރާއީލުގެ އިސް ފަރާތްތަކުން ނުފޫޒު ފޯރުވާ ކަމަށް އެމެރިކާގެ ނައިބު ރައީސް ވިދާޅުވެއްޖެ
16 ޖުލައި 2026

އީރާނުގެ ސަރަހައްދުތަކަށާއި ޓޭންކަރަކަށް އެމެރިކާއިން ހަމަލާދީފި، ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަމާޒުތަކަށް ތެހެރާނުން ހަމަލާދީފި: އެންމެ ފަހުގެ މައުލޫމާތު

16 ޖުލައި 2026
އީރާނުގެ ސަރަހައްދުތަކަށާއި ޓޭންކަރަކަށް އެމެރިކާއިން ހަމަލާދީފި، ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަމާޒުތަކަށް ތެހެރާނުން ހަމަލާދީފި: އެންމެ ފަހުގެ މައުލޫމާތު
16 ޖުލައި 2026

އެމެރިކާގެ ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފިކަން އީރާނުން ބުނެފި

16 ޖުލައި 2026
އެމެރިކާގެ ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފިކަން އީރާނުން ބުނެފި
16 ޖުލައި 2026

އެމެރިކާގެ ހަމަލާތަކާ ގުޅިގެން އީރާންގެ ހޮސްޕިޓަލުން 211 ބަލި މީހުން ބަދަލު ކޮށްފި

16 ޖުލައި 2026
އެމެރިކާގެ ހަމަލާތަކާ ގުޅިގެން އީރާންގެ ހޮސްޕިޓަލުން 211 ބަލި މީހުން ބަދަލު ކޮށްފި
16 ޖުލައި 2026

އިރާނުގެ އުތުރުގެ ސަރަހައްދުތަކަށް އެމެރިކާ ސިފައިން ވަރުގަދަ ހަމަލާތަކެއް ދީފި

16 ޖުލައި 2026
އިރާނުގެ އުތުރުގެ ސަރަހައްދުތަކަށް އެމެރިކާ ސިފައިން ވަރުގަދަ ހަމަލާތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު