އީރާނުން ސޫރިޔާގައި ހުންނަ އެމެރިކާގެ ކޮމާންޑް ސެންޓަރަށް ހަމަލާދީ، އެމެރިކާގެ މުޖުރިމު ސިފައިންގެ ބޮޑުލަޝްކަރެއް ނަރަކައަށް ފޮނުވާލާފައިވާ ކަމަށް ބުނެފި
އީރާނުގެ ބާމްޕޫރުގައި އެގައުމުގެ ސިފައިން ޝަހީދުކޮށްލި ހާދިސާގެ ބަދަލުހިފުމުގެ ގޮތުން، ސޫރިޔާގައި ހުންނަ އެމެރިކާގެ ކޮމާންޑް ސެންޓަރަށް އައި.އާރު.ޖީ.ސީ އިން ވަރުގަދަ ހަމަލާތަކެއް ދީފި. މި އޮޕަރޭޝަނުގައި އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު، އީރާނާ ދެކޮޅަށް ހިންގާ އުދުވާނުތައް ހުއްޓާނުލާނަމަ ހުރުމޫޒް ކަނޑުއޮޅިން ތެލާއި ގޭސް ބޭރުކުރުން ހުއްޓުވާނެ ކަމުގެ އިންޒާރުވެސް އެގައުމުން ވަނީ ދީފައި.

އީރާނުގެ ވެރިރަށް ތެހެރާންގައި ހުންނަ ހަނގުރާމައާ ބެހޭ މިއުޒިއަމެއްގައި، އެ ގައުމުން އުފައްދާފައިވާ ދެ މިސައިލް ދައްކާލުމަށް ބަހައްޓާފައި | ގެޓީ އިމޭޖަސް
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ސޫރިޔާގެ އަލް-ތަންފް ސަރަހައްދުގައި ހުންނަ އެމެރިކާގެ ސްޕެޝަލް އޮޕަރޭޝަންސް ކޮމާންޑް ސެންޓަރަށް ކުއްލި ހަމަލާއެއް ދީފި އެވެ. އައި.އާރު.ޖީ.ސީ އިން ބުނި ގޮތުގައި، މި ބަދަލުހިފުމުގެ ހަމަލާއަކީ ކުޑަކުދިން މަރަމުންދާ އެމެރިކާގެ ސަރުކާރަށް ދިން ވަރުގަދަ މެސެޖެކެވެ.
ހޯމަ ދުވަހުގެ ހެނދުނު އައި.އާރު.ޖީ.ސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުގެ ހިތްވަރުގަދަ އަދި ދުރުވިސްނޭ ރައްޔިތުން، އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް އެމީހުންގެ ސާބިތުކަން އަނެއްކާވެސް ދައްކުވައިދީފައިވާ ކަމަށެވެ.
މި ބަޔާނުގައިވާ ގޮތުން، އައި.އާރު.ޖީ.ސީ އެއަރޯސްޕޭސް ފޯސްގެ ހިތްވަރުގަދަ މުޖާހިދުން ވަނީ "އޮޕަރޭޝަން ނަޞްރު 2" ގެ 11 ވަނަ ފިޔަވަހި ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފަ އެވެ. "ޔާ އަބާ އަބްދުﷲ އަލް-ޙުސައިން" ގެ ޝިއާރުގެ ދަށުން ކުރިއަށްގެންދިޔަ މި އޮޕަރޭޝަން ހާއްސަކޮށްފައިވަނީ އިރާންޝަހަރުގެ ބާމްޕޫރުގައި ޝަހީދުކޮށްލި ސިފައިންގެ ހަނދާނަށެވެ.
ސޫރިޔާގެ ތަންފް ސަރަހައްދުގައި ހުންނަ އެމެރިކާގެ ކޮމާންޑް ސެންޓަރަށް ދިން މި ކުއްލި ހަމަލާގައި، ދުޝްމަނުންގެ ރާޑަރު ސިސްޓަމަކާއި ސްޕެޝަލް އޮޕަރޭޝަންސްގައި ބޭނުންކުރާ ބައެއް ހެލިކޮޕްޓަރުތައް ސުންނާފަތިކޮށްލާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އިރާންޝަހަރުގައި އާދީއްތަ ދުވަހުގެ ރޭ ޝަހީދުކޮށްލި އީރާނުގެ ސިފައިންގެ ލޭގެ ބަދަލު ހިފުމުގެ ގޮތުން ދިން މި ހަމަލާގައި، އެމެރިކާގެ މުޖުރިމު ސިފައިންގެ ބޮޑުލަޝްކަރެއް ނަރަކައަށް ފޮނުވާލާފައިވާ ކަމަށްވެސް އެ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.
އީރާނުގެ ހަތިޔާރުއެޅި ބާރުތަކުން ވަނީ ގައުމު ދިފާއުކުރުމަށާއި، އެމެރިކާއާއި އެގައުމުގެ މަދަދުލިބޭ ޓެރަރިސްޓް ޖަމާއަތްތަކުން ސަރަހައްދީ ފެންވަރުގައި ހިންގާ އެއްވެސް އުދުވާނީ އަމަލަކަށް ރައްދުދިނުމުގެ ގާބިލުކަމާއި އަޒުމް ވަރުގަދަކަން ސާބިތުކޮށްދީފަ އެވެ.
އައި.އާރު.ޖީ.ސީ އިން ބާރުއަޅައި ބުނެފައިވަނީ، މިފަދަ ހަމަލާތަކަކީ މައުސޫމް ރައްޔިތުންގެ ލޭ އޮހޮރުވައި، ޒަޔަނިސްޓުންނާއި ޓެރަރިސްޓް ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ އެމެރިކާގެ ސަރުކާރުން ތަކުރާރުކޮށް ހިންގާ ޖަރީމާތަކާއި ކުރިމަތިކުރާ ގޮންޖެހުންތަކަށް ދެވޭ ގާނޫނީ ރައްދެއް ކަމަށެވެ.
އައި.އާރު.ޖީ.ސީގެ ބަޔާނުގައި ހުރްމޫޒް ކަނޑުއޮޅީގެ މައްޗަށް އީރާނުގެ ފުރިހަމަ ބާރު އޮތްކަން ވަނީ ހާމަކޮށްފަ އެވެ. އަދި އެ އިސްތިރާތީޖީ ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އައި.އާރު.ޖީ.ސީގެ ހިތްވަރުގަދަ ފަހުލަވާނުންގެ އަތްމަތީގައި ކަމަށްވެސް ބުނެފައިވެ އެވެ.
އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގާ ފިތުނަވެރި އަމަލުތަކާއި، އުދުވާނުތަކާއި، ދުޝްމަންކަން ކުރިއަށްގެންދާހާ ހިނދަކު، އެ މުހިންމު ކަނޑުއޮޅި މެދުވެރިކޮށް އެ ސަރަހައްދުން އެންމެ ތެޔޮ ތިއްކެއް ނުވަތަ ގޭސް ފޮދެއްވެސް ބޭރުވިޔަ ނުދޭނެ ކަމަށް އެ ބަޔާނުގައި އިންޒާރު ދީފައިވެ އެވެ.
އައި.އާރު.ޖީ.ސީ އިން މިކަން އިއުލާނުކޮށްފައިވަނީ، އެމެރިކާއިން އީރާނުގެ ދާޚިލީ ކަންކަމާ ބެހި، އީރާނާ ދެކޮޅު ފަރާތްތަކަށް ވާގިވެރިވުމުގެ ސަބަބުން މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގަ އެވެ. މިއީ އީރާނުގެ ސިފައިންނަށް ނުވަތަ ގައުމުގެ އިސްތިގުލާލަށް ދޭ އެއްވެސް ހަމަލާއަކަށް ކެތްނުކުރާނެ ކަމަށާއި، އެފަދަ ކަންކަމަށް ވަރުގަދަ އަދި ސީދާ ރައްދެއް ދޭނެކަން ހަނދާންކޮށްދިނުމުގެ ގޮތުން ދިން އިންޒާރެކެވެ.










