ސިޓީ އިން ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް މަރެސްކާ އެއްބަސްވެއްޖެ
18 އޯގަސްޓު 2026 | އަންގާރަ 05:00ކުރިއަށް އޮތް ސީޒަނާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މަރެސްކާ ބުނީ، މޮޅުވާ މެޗުތަކުގަައި ވެސް އޭނާ އަބަދުވެސް ކަންބޮޑުވާ ކަންކަން ހުންނަ ކަމަށާއި، ޓީމުން ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް. މިއީ ސީޒަންގެ ފެށުން ކަމަށްވާއިރު، އާސެނަލް މެޗުން ފެނުނު ކަންކަން ދިރާސާކޮށް، އަންގާރަ ދުވަހުން ފެށިގެން ލީގުގެ ފުރަތަމަ މެޗަށް ތައްޔާރުވާން ފަށާނެ ކަމަށް މަރެސްކާ ވަނީ ބުނެފައި


މެންޗެސްޓަރ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ | ރޮއިޓާސް
އެފްއޭ ކޮމިއުނިޓީ ޝީލްޑުގައި ތަފާތު ބޮޑު ނަތީޖާއަކުން އާސެނަލް އަތުން ބަލިވުމާ ގުޅިގެން، މެންޗެސްޓަރ ސިޓީ އިން ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ.
މިއީ ސިޓީގެ ކޯޗުކަމާ މަރެސްކާ ހަވާލުވީ ފަހުން، އެ ޓީމުން ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ. މިއީ 1906 ވަނަ އަހަރު ހެރީ ނިއުބޯލްޑްގެ އިރުޝާދުގެ ދަށުން ސިޓީ ކުޅުނު ފުރަތަމަ މެޗުގައި އާސެނަލް އަތުން 4-1 އިން ބަލިވި ފަހުން، އެ ޓީމުގެ އައު ކޯޗަކު ފުރަތަމަ މެޗުގައި ތިން ލަނޑުގެ ތަފާތުން ބަލިވި ފުރަތަމަ ފަހަރެވެ.
މެޗަށް ފަހު ބީބީސީ ރޭޑިއޯ ފައިވް ލައިވް އަށް ދިން އިންޓަވިއުއެއްގައި މަރެސްކާ ބުނީ، މެޗު ފެށުނުތާ 25 ވަރަކަށް ސިކުންތުގެ ތެރޭގައި ވަން ލަނޑުގެ ސަބަބުން މުޅި މެޗަށް އޭގެ ނޭދެވޭ އަސަރު ކުރި ކަމަށެވެ. ނަމަވެސް، އެ ލަނޑަށް ފަހު ޓީމުން ދެއްކި ކުޅުން ރަނގަޅު ކަމަށާއި، ދެވަނަ ލަނޑު ވަނުމުގެ ކުރިން ނަތީޖާ އެއްވަރު ކުރަން ތިން ހަތަރު ފުރުސަތެއް ލިބުނު ކަމަށް އޭނާ ފާހަގަކުރި އެވެ.
ދެވަނަ ލަނޑާ އެކު މެޗު އިތުރަށް އުނދަގޫ ވެގެން ދިޔަ ނަމަވެސް، މިއީ ހަމައެކަނި ފެށުން ކަމަށާއި، އަންނަ އާދީއްތަ ދުވަހު ފަށާ އިނގިރޭސި ޕްރިމިއާ ލީގަށް ސަމާލުކަން ދޭން ޖެހޭ ކަމަށް އޭނާ ވަނީ ބުނެފައި އެވެ. މި މެޗުގައި ސިޓީ އިން އާސެނަލްގެ ގޯލަށް 12 ހަމަލާއެއް ފޮނުވާލިއިރު، އޭގެ ތެރެއިން ފަސް ހަމަލާއެއް ވަނީ ގޯލާ އަމާޒުވެފައި އެވެ.
ކުރިއަށް އޮތް ސީޒަނާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މަރެސްކާ ބުނީ، މޮޅުވާ މެޗުތަކުގަައި ވެސް އޭނާ އަބަދުވެސް ކަންބޮޑުވާ ކަންކަން ހުންނަ ކަމަށާއި ޓީމުން ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށެވެ. މިއީ ސީޒަންގެ ފެށުން ކަމަށްވާއިރު، އާސެނަލް މެޗުން ފެނުނު ކަންކަން ދިރާސާކޮށް، އަންގާރަ ދުވަހުން ފެށިގެން ލީގުގެ ފުރަތަމަ މެޗަށް ތައްޔާރުވާން ފަށާނެ ކަމަށް މަރެސްކާ ވަނީ ބުނެފައި އެވެ.
2025 ވަނަ އަހަރުގެ ފަހުން، ޕްރިމިއާ ލީގުގެ ޓީމެއްގެ އަތުން ސިޓީ ތިން ލަނޑަށް ވުރެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައި ވަނީ އެންމެ ފަހަރެއްގައި އެވެ. އެއީ 2025 ވަނަ އަހަރުގެ ފެބްރުވަރީ މަހު އާސެނަލް އަތުން 5-1 އިން ބަަލިވި މެޗެވެ.










