ޝީ، މޯދީ އަދި ޕޫޓިން އެސް.ސީ.އޯ ސަމިޓުގައި: އެޖެންޑާގައި އޮތީ ކޮން ކަންތައްތަކެއް؟
1 ސެޕްޓެމްބަރު 2026 | އަންގާރަ 07:36ކިރިގިސްތާނުގައި ކުރިއަށްދާ އެސް.ސީ.އޯ ސަމިޓުގައި ދުނިޔޭގެ ބޮޑެތި ބާރުތަކުން މަޝްވަރާކުރަނީ ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ، ގައުމުތަކުގެ މެދުގައި އިގްތިސާދީ އަދި ސަލާމަތީ އެއްބާރުލުން އިތުރުކުރުމަށް. މި ބައްދަލުވުމަކީ ހުޅަނގުގެ ނުފޫޒުން އެކަހެރިވެ، ތަރައްގީވަމުން އަންނަ ގައުމުތަކުގެ ބައިވެރިވުން ހިމެނޭ "މަލްޓިޕޯލާ" ނިޒާމެއް ބިނާކުރުމަށް ޗައިނާ އާއި ރަޝިޔާ ފަދަ ގައުމުތަކަށް ލިބޭ މުހިންމު ފުރުސަތެއް

ކިރިގިސްތާނުގެ ބިޝްކެކްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން 2026 އޮގަސްޓް 31 ވަނަ ދުވަހު އެ ގައުމުގެ މަނާސް އެއާޕޯޓަށް ވަޑައިގަތުމުން، ކިރިގިސްތާނުގެ ބޮޑުވަޒީރު އަދި ރައީސްގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަދިލްބެކް ކަސިމަލީފް އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ | ގެޓީ އިމޭޖަސް
ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާއި، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ކިރިގިސްތާނުގެ ވެރިރަށް ބިޝްކެކްގައި ބާއްވާ އަހަރީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ވަޑައިގެންފި އެވެ.
މި ޖަމިއްޔާއަށް 25 އަހަރު ފުރުން ފާހަގަކުރާ މި ސަމިޓުގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
ހޯމަ ދުވަހު ފެށި ދެ ދުވަހުގެ މި ސަމިޓް ބާއްވަނީ، އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައާއި މާލީ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ދަނޑިވަޅެއްގަ އެވެ. މީގެ އިތުރުން ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމަ ވެސް ދަނީ ހުއްޓުމެއް ނެތި ކުރިއަށެވެ.
މިފަދަ ހައްސާސް ދަނޑިވަޅެއްގައި މި ސަމިޓް ބޭއްވޭ އިރު ސަމިޓުގެ އެޖެންޑާގައި ވަނީ ކޮން ކަމެއްތޯ އާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެކަހެރި ޚާރިޖީ ސިޔާސަތުގެ ސަބަބުން ދުނިޔޭގައި މިހާރު ބިނާވެފައިވާ ނިޒާމަށް ބުރޫއަރާފައިވާތީ، އެސް.ސީ.އޯގެ ލީޑަރުން މި ބައްދަލުވުމުގެ ބޭނުން ހިފައިގެން "މަލްޓިޕޯލާ" ނުވަތަ ގިނަ ބާރުތަކެއް އެކުލެވޭ ދުނިޔެއަކަށް ވަކާލާތުކޮށް، ވިޔަފާރި އާއި ސަލާމަތީ ކަންކަމުގައި "ގްލޯބަލް ސައުތު" ނުވަތަ ތަރައްގީވަމުން އަންނަ ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރަން މަސައްކަތް ކުރާނެތޯ އެއީ އުފެދިފައިވާ މުހިންމު ސުވާލެކެވެ.
އެނގިފައިވާ މައުލޫމާތުތަކަކީ މިއީއެވެ:
އެސް.ސީ.އޯ ސަމިޓުގައި ބައިވެރިވަނީ ކޮން ބައެއް؟ އަދި ބާއްވަނީ ކޮންތާކު؟
މި އަހަރުގެ ސަމިޓް ބިޝްކެކްގައި ކުރިއަށްދަނީ "ދެމެހެއްޓެނިވި ސުލްހަ، ތަރައްގީ އަދި ތަނަވަސްކަމަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުންނެވެ.
ޝީ، ޕޫޓިން އަދި މޯދީގެ އިތުރުން އީރާނުގެ ރައީސާއި ޕާކިސްތާން، އުޒްބެކިސްތާން، ބެލަރޫސް އަދި ކަޒަކިސްތާނުގެ ލީޑަރުން މި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވަ އެވެ. ސަމިޓުގެ ހަވާސާގައި ޝީ ވަނީ ޕޫޓިންއާ ބައްދަލުކުރައްވާފަ އެވެ.
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާއި، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް އަދި އާސިއާންގެ ސެކްރެޓަރީ ޖެނެރަލް ކާއޯ ކިމް ހައުރން ވެސް މި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ.
އިންޓަނޭޝަނަލް ކްރައިސިސް ގްރޫޕްގެ ސީނިއަރ އެނަލިސްޓް ވިލިއަމް ޔަންގް ފާހަގަކުރެއްވި ގޮތުގައި، މިހާރު ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ބައިނަލްއަގުވާމީ ނިޒާމަށް ވަނީ ބޮޑު ބުރައެއް އުފުލަން ޖެހިފަ އެވެ. މި ދަނޑިވަޅުގައި، ޗައިނާ އާއި އިންޑިއާ ފަދަ ކުރިއަރަމުން އަންނަ ބާރުތަކަށް ދުނިޔޭގައި އެ ގައުމުތަކުގެ ނުފޫޒު ގަދަކޮށް، ގްލޯބަލް ސައުތުގެ ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް މި ސަމިޓަކީ މުހިންމު ފުރުސަތެކެވެ.
"އެސް.ސީ.އޯ އަކީ ގިނަ ބާރުތަކެއް އެކުލެވޭ ދުނިޔޭގެ ނިޒާމެއް ކުރިއަރުވައި، ތަރައްގީވަމުން އަންނަ ގައުމުތަކާއެކު އަމިއްލަ ބްލޮކެއް އުފެއްދުމަށް ޗައިނާއަށް ލިބޭ މުހިންމު މަގަކަށް ވަނީ ވެފައި. ފެށުނުއިރު މަގްސަދުތައް ހަނި ނަމަވެސް، މިހާރު މި ޖަމިއްޔާގެ ދާއިރާ ފުޅާކޮށް މެންބަރު ގައުމުތަކުގެ އަދަދު އިތުރުކުރަން ވަނީ މަސައްކަތް ފަށާފައި،" ޔަންގް އަލްޖަޒީރާއަށް ކިޔައިދެއްވި އެވެ.
މެދުއިރުމައްޗާއި ޔޫރަޕްގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭގޮތުން ޔަންގް ވިދާޅުވީ، ހަމަނުޖެހުންތައް ސުލްހަވެރިކަމާއެކު ހައްލުކުރުމަށް ވަކާލާތުކުރާ ބާރެއްގެ ގޮތުގައި ޗައިނާއިން މި ސަމިޓުގައި އަމިއްލަ ނަން ދައްކާލާނެ ކަމަށެވެ. މިއީ އެމެރިކާގެ ސިޔާސަތުތަކާ ތަފާތު ގޮތަކަށް ކަންކަން ކުރެވިދާނެކަން ދެއްކުމަށް ކުރާ ކަމެކެވެ.
"ނަމަވެސް، މި މަސައްކަތްތައް ބޮޑަށް ބިނާވާނީ ހަމައެކަނި ވާހަކަދެއްކުމުގެ މައްޗަށް. ހަނގުރާމަތައް ހުއްޓުވުމަށް އަމަލީ ގޮތުން ކުރެވޭނެ މާ ބޮޑު ހުށަހެޅުންތަކެއް ފެންނާނެ ކަމަކަށް ނުބެލެވޭ،" އޭނާ ވިދާޅުވި އެވެ.
ފްރާންސްގެ އިންވެސްޓްމަންޓް ބޭންކެއް ކަމަށްވާ ނެޓިކްސިސްގެ ޗީފް އިކޮނޮމިސްޓް އެލީސިއާ ގާސިއާ-ހެރޭރޯ ވިދާޅުވީ، މި ސަމިޓަކީ ޖަމިއްޔާއަށް 25 އަހަރު ފުރުމުގެ އިތުރުން، މިދިޔަ އަހަރު ޗައިނާގެ ޓިއާންޖިންގައި އެކުލަވާލި "ޓިއާންޖިން ސްޓްރެޓެޖީ" އަމަލީ ސިފައަކަށް ގެނައުމަށް ލިބޭ ފުރަތަމަ ފުރުސަތު ކަމަށެވެ. އެ ސްޓްރެޓެޖީއަކީ އެއްބަޔަކު އަނެއް ބަޔަކަށް ފައިދާވާނެ ގޮތަށް ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމަށް ގޮވާލާފައިވާ ސިޔާސަތެކެވެ.
"މޯދީ އާއި ޕޫޓިން އަދި ޝީ އެއް މޭޒެއްގެ ދޮށަށް އައުމަކީ، އަދި އިންޑިއާ-ޗައިނާ ބޯޑަރުގެ މައްސަލައިގައި ވާހަކަދެކެވެމުންދާ ދަނޑިވަޅެއްގައި މޯދީ އާއި ޕޫޓިން ވަކިން ބައްދަލުކުރެއްވުމަކީ، ހުޅަނގުގެ މުއައްސަސާތަކަށް ބަރޯސާނުވެ ޔޫރޭޝިއާ ސަރަހައްދުގެ ސަލާމަތާއި ވިޔަފާރި ބައްޓަންކުރަން ބޭނުންވާ މިންވަރު ހާމަވާ ކަމެއް،" އިންޑިއާ އާއި ޗައިނާގެ ގުޅުން ރަނގަޅުވަމުން އަންނަ ދަނޑިވަޅަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވި އެވެ.
އެސް.ސީ.އޯ އަކީ ކޮބައި؟
އެސް.ސީ.އޯ ފެށުނީ 1996 ވަނަ އަހަރު "ޝަންހާއީ ފައިވް" ގެ ނަމުގައި އުފެއްދި ސަލާމަތީ ބްލޮކެއްގެ ގޮތުގަ އެވެ. މީގައި ހިމެނުނީ ޗައިނާ، ރަޝިޔާ، ކަޒަކިސްތާން، ކިރިގިސްތާން އަދި ތަޖިކިސްތާނެވެ. މީގެ މައިގަނޑު ބޭނުމަކީ ފިނި ހަނގުރާމަ ނިމި ސޯވިއެޓް ޔޫނިއަން ރޫޅުމާ ގުޅިގެން އުފެދުނު ބޯޑަރުގެ މައްސަލަތައް ހައްލުކުރުމެވެ.
ނަމަވެސް ޖޫން 2001 ގައި މި ޖަމިއްޔާ އެސް.ސީ.އޯ އަށް ބަދަލުވެ، އުޒްބެކިސްތާން މީގެ ތެރެއަށް ވަނެވެ. މީގެ މައި މަރުކަޒު ހުންނަނީ ޗައިނާގެ ބެއިޖިންގަ އެވެ. 2017 ވަނަ އަހަރު އިންޑިއާ އާއި ޕާކިސްތާން މި ޖަމިއްޔާއާ ގުޅުނެވެ. އަދި އީރާނާއި ބެލަރޫސް ފުރިހަމަ މެންބަރުންގެ ގޮތުގައި ގުޅުނީ 2023 އަދި 2024 ވަނަ އަހަރު އެވެ.
މީގެ އިތުރުން، ސައުދީ އަރަބިއްޔާ، ގަތަރު، މިސްރު، ތުރުކީ، މިޔަންމާ، ސްްރީލަންކާ އަދި ކެމްބޯޑިއާ ހިމެނޭހެން 14 ގައުމެއް "ޑައިލޮގް ޕާޓްނަރުން" ގެ ގޮތުގައި ތިބެ އެވެ.
އެސް.ސީ.އޯގެ މެންބަރު ގައުމުތަކަކީ ދުނިޔޭގެ އާބާދީގެ 43 އިންސައްތަ އަދި ދުނިޔޭގެ އިގްތިސާދުގެ 23 އިންސައްތަ (ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައި) ހިއްސާކުރާ ގައުމުތަކެވެ.
ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އެސް.ސީ.އޯ ފެށުނީ ސަރަހައްދީ ސަލާމަތަށް އަމާޒުކޮށްގެން ކަމަށް ވިޔަފާރި އާއި އެހެނިހެން ކަންކަމަށް މިހާރު އަމާޒު ބަދަލުވެފައިވާތީ، ބްރިކްސް (ބްރެޒިލް، ރަޝިޔާ، އިންޑިއާ، ޗައިނާ އަދި ސައުތު އެފްރިކާ) ފަދަ ޖަމިއްޔާތަކާ މީގެ ހުރި ތަފާތު ދެނެގަންނަން އުނދަގުލެވެ.
ޔުނިވަރސިޓީ އޮފް ހޮންގް ކޮންގްގެ ޕްރޮފެސަރ އަލެހަންދްރޯ ރޭއެސް ވިދާޅުވީ، އެސް.ސީ.އޯ މިހާރު ވެފައިވަނީ ޗައިނާގެ ކުރިއެރުން ހުއްޓުވަން އެމެރިކާއިން އުފައްދާފައިވާ އޭޝިއާ ޕެސިފިކް އިއްތިހާދުތަކާ ދެކޮޅަށް އޮތް ބާރަކަށް ކަމަށެވެ. އިންޑިއާއަކީ މި ދެ ފަރާތުގެ ވެސް މެންބަރެކެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެމެރިކާއިން މިހާރު "އިންޑޯ-ޕެސިފިކް" މި ނަން ބޭނުންކުރުން ވަނީ މަދުކޮށްފަ އެވެ.
ރޭއެސް ވިދާޅުވީ، އެސް.ސީ.އޯ އަކީ ހަމައެކަނި އެމެރިކާއާ ދެކޮޅު އިއްތިހާދެއް ނޫން ކަމަށެވެ. އެއަށްވުރެ ބޮޑަށް މިއީ ތަފާތު މަސްލަހަތުތައް ހުރި ގައުމުތަކަށް، އެމެރިކާ އާއި ޗައިނާގެ ބާރުގަދަ މި ދުނިޔޭގައި އެހެން ގޮތްގޮތް ވެސް އެބަހުރިކަން ދައްކައިދޭން ލިބޭ ފޯރަމެކެވެ.
"މި އަހަރުގެ މުހިންމުކަމަކީ، އީރާނާ މެދު އެމެރިކާއިން ގެންގުޅޭ ސިޔާސަތުތަކާއި، ޓެރިފްތަކާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، އެމެރިކާގެ ބާރުގެ ބޭރުން އެހެން ގޮތްތައް ހޯދުމަށް ގައުމުތަކަށް މަޖުބޫރުވެފައިވުން،" އޭނާ އިތުރަށް ވިދާޅުވި އެވެ.
މި އަހަރުގެ އެޖެންޑާގައި އޮތީ ކޮން ކަންތައްތަކެއް؟
އެސް.ސީ.އޯ ސެކްރެޓޭރިއަޓުން ބުނާ ގޮތުގައި، މި އަހަރުގެ ސަމިޓުގައި އެންމެ މުހިންމުކޮށް މަޝްވަރާ ކުރާނީ އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރާ ހަނގުރާމައާއި، ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ އަދި އަފްޣާނިސްތާނުގެ އިގްތިސާދީ އަދި އިޖުތިމާއީ ހާލަތާ ގުޅޭގޮތުންނެވެ.
އޭޝިއާގެ އެންމެ ބޮޑު ދެ އިގްތިސާދު ކަމަށްވާ އިންޑިއާ އާއި ޗައިނާގެ ގުޅުމާ މެދު ވެސް މަޝްވަރާ ކުރެވޭނެ އެވެ. 2020 ވަނަ އަހަރު ބޯޑަރުގައި ހިނގި ކުރިމަތިލުމަކަށްފަހު އޮތް ނުތަނަވަސްކަން ކުޑަކުރަން މިދިޔަ އަހަރު ދެ ގައުމުން ވަނީ ފަށާފަ އެވެ. ޓްރަމްޕްގެ ސަރުކާރުން އިންޑިއާގެ މުދަލުން ބޮޑު ޓެރިފް ނަގަން ފެށުމުން، އިންޑިއާއަށް ވަނީ ޗައިނާއާ ގުޅުން ރަނގަޅުކުރަން މަޖުބޫރުވެފަ އެވެ. 2018 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް މޯދީ މިދިޔަ އަހަރު ޗައިނާއަށް ވަޑައިގަތީ އެސް.ސީ.އޯ ސަމިޓަށެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ ބޯޑަރުގެ މައްސަލަ ވެސް މި ސަމިޓުގައި މަޝްވަރާ ކުރެވޭނެ ކަމަށް ބެލެވެ އެވެ.
ތަކްޝަޝީލާ އިންސްޓިޓިއުޝަންގެ މަނޯޖް ކެވަލްރަމާނީ ވިދާޅުވީ، އާންމު ސަލާމަތީ ކަންކަމުގެ އިތުރުން، އިގްތިސާދީ ގޮތުން ގުޅިގެން މަސައްކަތް ކުރުމާއި މާލީ އެއްބާރުލުން ދިނުމުގެ އޮނިގަނޑަކާ މެދު މިފަހަރު ކުރިއެރުންތަކެއް ލިބިދާނެ ކަމަށެވެ.
"ތިއާންޖިންގައި އޮތް ސަމިޓުގައި އެސް.ސީ.އޯ ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމަށް އެއްބަސްވެފައިވޭ،" ކެވަލްރަމާނީ ވިދާޅުވި އެވެ. ކިރިގިސްތާނުން ބޭނުންވަނީ މި ބޭންކާއި، އެސް.ސީ.އޯ ޑިވެލޮޕްމަންޓް ފަންޑު އަދި އިންވެސްޓްމަންޓް ފަންޑުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ.
އެސް.ސީ.އޯ ސެކްރެޓޭރިއަޓުން ބުނާ ގޮތުގައި، ހުރްމުޒް ކަނޑުއޮޅި ފަދަ މުހިންމު ކަނޑުގެ މަގުތައް ބަންދުވެފައިވާތީ، އާ ވިޔަފާރި މަގުތަކާ މެދު މަޝްވަރާ ކުރެވޭނެ އެވެ. މީގެ ތެރޭގައި ރަޝިޔާގެ ސެއިންޓް ޕީޓަރސްބާގުން ފެށިގެން އީރާން މެދުވެރިކޮށް އިންޑިއާގެ މުމްބާއީއާ ހަމައަށް އޮންނަ 7,200 ކިލޯމީޓަރުގެ "އިންޓަނޭޝަނަލް ނޯތު-ސައުތު ޓްރާންސްޕޯޓް ކޮރިޑޯ" ހިމެނެ އެވެ.
ހެރޭރޯ ފާހަގަކުރެއްވި ގޮތުގައި، އާކްޓިކް އައްސޭރި މެދުވެރިކޮށް އޮންނަ "ނޯދަން ސީ ރޫޓް" އާ މެދު ވެސް މޯދީ އާއި ޕޫޓިން މަޝްވަރާ ކުރައްވާނެ އެވެ. މެދުއިރުމަތީގެ މަގުތަކަށް ހުރަސްއެޅިފައިވާތީ، އިންޑިއާއިން މި މަގު ބޭނުންކުރުމާ މެދު ރަޝިޔާއާއެކު އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެ އެވެ.
ހުރިހާ ކަމެއްގައި އެސް.ސީ.އޯއަށް އެއްބަސްވެވޭނެތަ؟
ދުނިޔޭގެ ސިޔާސީ މައްސަލަތަކުގައި އެސް.ސީ.އޯގެ ގައުމުތަކުގެ މެދުގައި އަބަދު އެއްބަސްވުމަކަށް ނާދެވެ އެވެ.
މިސާލަކަށް، ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާގެ މަސްލަހަތަށް ގިނަ ގައުމުތަކުން ތާއީދުކުރި ނަމަވެސް، އިންޑިއާއިން ގެންގުޅެނީ މެދުމިނުގެ ސިޔާސަތެކެވެ. އިންޑިއާއިން ޔޫކްރެއިނާއެކު ގުޅުން ބާއްވާއިރު، ރަޝިޔާއިން ރެކޯޑް އަދަދަކަށް ތެޔޮ ވެސް ގަނެ އެވެ.
ނަމަވެސް މި އަހަރުގެ ސަމިޓުގެ ހަވާސާގައި ތުރުކީގެ އުރުދުޣާން އާއި ޕޫޓިން ޔޫކްރެއިން މައްސަލައިގައި މަޝްވަރާ ކުރައްވާނެ ކަމަށް ރަޝިޔާއިން ބުނެ އެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕްގައި ހިނގާ އެންމެ ނުރައްކާތެރި ހަނގުރާމަ އެވެ.
އެސް.ސީ.އޯއިން ވަނީ އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައާއި ފަލަސްތީނުގައި އިސްރާއީލުން ހިންގާ ގަތުލުއާންމާ ދެކޮޅަށް އެކުގައި އަޑުއުފުލާފަ އެވެ. މާޗް މަހު އެސް.ސީ.އޯއިން ވަނީ ބާރުގެ ބޭނުންކުރުން ކުށްވެރިކޮށް، މައްސަލަތައް ސުލްހަވެރިކަމާއެކު ހައްލުކުރަން ގޮވާލާފަ އެވެ.
އެހެންނަމަވެސް، އިސްރާއީލާ ގާތް ގުޅުމެއް އޮންނަ އިންޑިއާއިން ވަނީ 2025 ގެ ޖޫން މަހު އިސްރާއީލުން އީރާނަށް ދިން ހަމަލާ ކުށްވެރިކޮށް ނެރުނު ބަޔާނުގައި ސޮއިކުރަން އިންކާރުކޮށްފަ އެވެ.
އީރާނުގެ ރައީސް ޕެޒެޝްކިއާން ވަނީ މޯދީއާ ބައްދަލުކުރައްވައި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ މެދު ވާހަކަދައްކަވާފަ އެވެ. އީރާނުން އަދިވެސް ބޭނުންވަނީ އެމެރިކާއާއެކު އޮތް މައްސަލަތަކަށް މަޝްވަރާގެ މަގުން ހައްލެއް ހޯދަން ކަމަށް ޕެޒެޝްކިއާން ވިދާޅުވި އެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ ބޯޑަރުގެ މައްސަލައިގައި ވެސް ޚިޔާލުތަފާތުވުންތައް އެބަހުއްޓެވެ. އިންޑިއާއިން އަބަދުވެސް ބޭނުންވަނީ ޕާކިސްތާނުން ހިންގާ ކަމަށް ބުނާ ޓެރަރިޒަމް އެސް.ސީ.އޯއިން ކުށްވެރިކުރުމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ސަމިޓުގައި ބްލޮކުން ވަނީ ދެ ގައުމުގައި ހިނގާ ޓެރަރިޒަމްގެ އަމަލުތައް ވެސް ކުށްވެރިކޮށް، މެދުމިނުގެ ގޮތެއް އިޚްތިޔާރުކޮށްފަ އެވެ.
ރަޝިޔާ، ޗައިނާ އަދި އިންޑިއާއަށް މި ސަމިޓުން ލިބޭނީ ކޮން ފައިދާއެއް؟
ޕްރޮފެސަރ ރޭއެސް ވިދާޅުވި ގޮތުގައި، ޗައިނާއަށް އެސް.ސީ.އޯ އަކީ އެ ގައުމުގެ ނުފޫޒު ދެއްކުމަށް ލިބޭ ފުރުސަތެކެވެ. ބެއިޖިންގުން ބޭނުންވަނީ އެމެރިކާއަށް ބަރޯސާނުވާ، ގިނަ ބާރުތަކެއް އެކުލެވޭ ދުނިޔޭގެ ނިޒާމެއް އުފެއްދުމަށެވެ.
ރަޝިޔާއަށް މިއީ އެ ގައުމަކީ އެކަހެރިވެފައިވާ ގައުމެއް ނޫންކަން ދުނިޔެއަށް ދެއްކުމަށް ލިބޭ ފުރުސަތެކެވެ. ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާތީ، ޗައިނާ، އިންޑިއާ އަދި އީރާނާއެކު ގުޅުން ބޭއްވުމަކީ ރަޝިޔާއަށް ވަރަށް މުހިންމު ކަމެކެވެ.
އިންޑިއާ އޮތީ ތަފާތު މަގާމެއްގަ އެވެ. މޯދީ މި ސަމިޓުގައި ބައިވެރިވުމަކީ އިންޑިއާ ޗައިނާ-ރަޝިޔާގެ ފަޅިއަށް އެރީކީ ނޫނެވެ. އިންޑިއާގެ ބޭނުމަކީ މެދުތެރޭ އޭޝިއާގައި ނުފޫޒު ހޯދުމާއި، ރަޝިޔާއާއެކު އޮތް ދިފާއީ ގުޅުން ދެމެހެއްޓުމެވެ. ހަމައެއާއެކު، އެމެރިކާއާއެކު އޮތް "ކުއަޑް" ސަލާމަތީ ގުޅުން ވެސް އިންޑިއާއިން ދަމަހައްޓައެވެ.
މީގެ މާނައަކީ އެމެރިކާއަށް ކޮބައި؟
ޓްރަމްޕްގެ ސިޔާސަތުތަކުގެ ދަށުން އޭނާ ވަނީ ބްރިކްސް ފަދަ ޖަމިއްޔާތަކަކީ އެމެރިކާއާ ދެކޮޅު ޖަމިއްޔާތަކެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
ނަމަވެސް ކެވަލްރަމާނީ ފާހަގަކުރެއްވި ގޮތުގައި، ޓްރަމްޕްގެ ސަރުކާރުން ވެސް ދަނީ މެދުތެރޭ އޭޝިއާގެ ގައުމުތަކާއެކު ގުޅުން ބަދަހިކުރަމުންނެވެ. ކަޒަކިސްތާނުން ވަނީ އިސްރާއީލާއެކު ގުޅުން ގާއިމުކުރުމުގެ "އަބްރަހަމް އެކޯޑްސް" ގައި ބައިވެރިވާނެކަން އިއުލާންކޮށްފަ އެވެ. މިއީ އެމެރިކާގެ ނުފޫޒު އެ ސަރަހައްދުގައި އޮތް މިންވަރު ދައްކައިދޭ ކަމެކެވެ.
ހެރޭރޯ ވިދާޅުވީ، އެމެރިކާއަށް މި ސަމިޓުން ލިބޭ މެސެޖަކީ، އިންޑިއާ ފަދަ ގައުމުތަކުން އަމިއްލަ މިނިވަން ސިޔާސަތެއް ގެންގުޅޭނެ ކަމެވެ. އެ ގައުމުތަކުން އެމެރިކާއާއެކު ވެސް މަސައްކަތް ކުރާނެ އެވެ. އަދި ރަޝިޔާ އާއި ޗައިނާއާއެކު ވެސް މަޝްވަރާ ކުރާނެ އެވެ.
ރޭއެސް އިންޒާރު ދެއްވި ގޮތުގައި، އެސް.ސީ.އޯ އަކީ އެމެރިކާއާ ދެކޮޅު އެއްބައިވަންތަ އިއްތިހާދެއްގެ ގޮތުގައި އެމެރިކާއިން ދެކިގެން ނުވާނެ އެވެ. ދޭދޭ ގައުމުތަކުގެ މެދުގައި ވެސް ބޮޑެތި ޚިޔާލުތަފާތުވުންތައް އެބަހުއްޓެވެ. ނަމަވެސް، އެމެރިކާގެ ޕްރެޝަރު ބޮޑުވާނަމަ، އެ ގައުމުތައް ވެސް އެމެރިކާއާ ދެކޮޅަށް އެއްގަލަކަށް އެރުމުގެ ފުރުސަތު އޮންނާނެ އެވެ.









