ބީޖޭޕީއަށް ބަދަލުތައް: އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ އިސް ސަފަށް ގެނައި ބޮޑު ބަދަލުގެ ފަހަތުގައިވަނީ ކޮން ކަމެއް؟
20 އޯގަސްޓު 2026 | ބުރާސްފަތި 12:16އިންޑިއާގެ ބީޖޭޕީގެ އިދާރީ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނައީ، މެޑިކަލް އިމްތިހާނުގެ ކަރުދާސް ލީކުވުމާ ގުޅިގެން ޒުވާނުންގެ މެދުގައި އުފެދުނު ނުރުހުމާއި ސޯޝަލް މީޑިއާގައި ޕާޓީގެ ނުފޫޒު ކުޑަވުމާ ގުޅިގެން. މި ބަދަލުތަކާއެކު ޕާޓީގެ އައިޓީ އަދި ޒުވާނުންގެ ގޮފީގެ ވެރިން ވަކިކޮށް، ޒުވާން ޖީލުގެ އިތުބާރު ހޯދުމަށްޓަކައި ތަޖުރިބާކާރު އަދި އާ މޫނުތަކެއް ވަނީ އިސް ސަފަށް ނެރެފަ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ގައުމީ ރައީސް ނިތިން ނަބީންއާ އެކު، 2026 ޖެނުއަރީ 20 ވީ އަންގާރަ ދުވަހު ނިއު ދިއްލީގައި ހުންނަ އެ ޕާޓީގެ މައި މަރުކަޒުގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން. | ގެޓީ އިމޭޖަސް
އިންޑިއާގެ ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ އިދާރީ އޮނިގަނޑަށް ހޯމަ ދުވަހު ގެނައި ބޮޑު ބަދަލާއެކު، ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ވަނީ ހުއްޓިފަ އެވެ.
ބީޖޭޕީގެ ގައުމީ ރައީސް ނިތިން ނަބީން ގެންނެވި މި ބަދަލުތަކަކީ، އާ ލީޑަރަކު އައުމުން އޭނާގެ އަމިއްލަ ޓީމެއް އެކުލަވާލުމުގެ ގޮތުން ކުރި ކަމެއްގެ ގޮތުގައި ސިފަކުރި ނަމަވެސް، މިއީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ވެރިކަން ހިންގާ ޕާޓީން ޒުވާނުންނާ ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތުގެ ބައެއްކަން ފާހަގަކުރެވެ އެވެ. އަދި މި ބަދަލުތަކުން ފަހަކަށް އައިސް ހިނގާފައިވާ ސިޔާސީ ހާދިސާތަކުގެ އަސަރު ފެންނަން އެބަހުއްޓެވެ.
ގެނައި ބަދަލުތައް
ޕާޓީގެ ރައީސްގެ ދަށުން އެންމެ އިސް ދައުރެއް އަދާކުރާ ޖެނެރަލް ސެކްރެޓަރީންގެ ތެރެއިން ހަތަރު ބޭފުޅަކު ވަކިކޮށް، ހުސްވެފައިވާ މަގާމުތަކަށް ނަބީން ވަނީ އާ ދެ ބޭފުޅަކު އައްޔަންކުރައްވާފަ އެވެ. މިއީ ބީޖޭޕީގެ މުހިންމު ނިންމުންތައް ނިންމުމުގައި ބައިވެރިވާ ވަރުގަދަ މަގާމުތަކެކެވެ.
މީގެ އިތުރުން، ޕާޓީގެ ނުފޫޒުގަދަ އައިޓީ އަދި ސޯޝަލް މީޑިއާ ސެލްގެ ވެރިޔާ އަމިތު މަލްވިޔާ އާއި، ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް ތޭޖަސްވީ ސޫރިޔާ ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ.
މަގާމުން ވަކިކުރި އެހެން ބޭފުޅުންގެ ތެރޭގައި ޕާޓީގެ ޚަޒާންދާރާއި، އަންހެނުންގެ ގޮފީގެ ރައީސާގެ އިތުރުން އޯބީސީ (އަދަރ ބެކްވާޑް ކްލާސަސް) ގޮފީގެ ވެރިޔާ ހިމެނެ އެވެ. އޯބީސީއަކީ އިންޑިއާގެ ވޯޓުލާ އާބާދީގެ ގާތްގަނޑަކަށް 50 އިންސައްތަ ހިއްސާކުރާ، އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ފަހަތުގައިވާ މުޖުތަމައުތަކަށް ނިސްބަތްވާ މީހުންނެވެ.
ހަމައެއާއެކު، ދަނޑުވެރިންގެ ގޮފީގެ ވެރިޔާ އާއި، ތަފާތު ގަބީލާތަކާއި ދަށް ފަންތީގެ ޖަމާއަތްތަކަށް ޚާއްސަ ގޮފިތަކުގެ ވެރިންގެ އިތުރުން، މައިނޯރިޓީންގެ ގޮފީގެ ވެރިޔާ ވެސް ވަނީ މަގާމުން ދުރުކޮށްފަ އެވެ.
މަލްވިޔާ އާއި ސޫރިޔާ މަގާމުން ވަކިކުރީ ޒުވާނުންގެ ނުރުހުމާ ހެދި
މި ބޮޑު ބަދަލުތަކުގެ ތެރެއިން މަދުވެގެން ދެ ބޭފުޅަކު މަގާމުން ވަކިކުރަން ޖެހުނީ، މެޑިކަލް އެންޓްރަންސް ޓެސްޓުގެ ޕޭޕަރުތައް ލީކުވުމާ ގުޅިގެން މިދިޔަ މަހު ދަރިވަރުން ކުރި މުޒާހަރާތަކާ ގުޅިގެންނެވެ. މިއީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. 1.4 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާއަކީ ދުނިޔޭގައި އެންމެ ގިނަ ޒުވާނުން އުޅޭ ގައުމެވެ. އެ ގައުމުގެ އާބާދީގެ އެވްރެޖް އުމުރަކީ 29 އަހަރެވެ.
މި މުޒާހަރާތަކާ ގުޅިގެން ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމުން އާންމުންގެ ނުރުހުން އިންތިހާއަށް އިތުރުވި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ސަރުކާރަށް މަޖުބޫރުވީ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން މަގާމުން ވަކިކުރުމަށެވެ.
ސޯޝަލް މީޑިއާގައި އާންމުން ޕާޓީއަށާއި ސަރުކާރަށް، އަދި ބޮޑުވަޒީރު މޯދީއަށް އަމާޒުކުރި ހަމަލާތަކާ ކުރިމަތިލުމުގައި ބީޖޭޕީގެ އައިޓީ ސެލް ވަނީ ނާކާމިޔާބުވެފަ އެވެ. 2015 ވަނަ އަހަރުން ފެށިގެން ޕާޓީގެ ސޯޝަލް މީޑިއާ ބަލަހައްޓަމުން އައި އަމިތު މަލްވިޔާގެ އުސޫލުތައް މިފަހަރު ކާމިޔާބެއް ނުވި އެވެ.
އަސްލު މައްސަލައިން މީހުންގެ ސަމާލުކަން އަނބުރާލުމަށްޓަކައި، މުޒާހަރާތަކުގެ ސަބަބުން ދިމާވި ޓްރެފިކް ތޮއްޖެހުމުގެ ވާހަކަ ދެއްކި ނަމަވެސް، އެކަން ކާމިޔާބެއް ނުވި އެވެ. އޮންލައިންކޮށް އޭނާއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. އޭގެ ތެރޭގައި އާންމުކޮށް ބީޖޭޕީއަށް ތާއީދުކުރާ މީހުން ވެސް ހިމެނެ އެވެ.
ބެންގަލޫރުގެ އައިޓީ ހަބުން އިންތިޚާބުވެފައިވާ ޒުވާން މެންބަރު ތޭޖަސްވީ ސޫރިޔާއަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އޭނާގެ ދާއިރާގައި ކުރި މަސައްކަތުން ތައުރީފު ހޯދި ފަރާތެކެވެ. ނަމަވެސް، މުޒާހަރާތައް ވަރުގަދަވި ވަގުތު ޒުވާނުން ޕާޓީއާ އެއްކޮޅަށް ލެންބުމުގައި އޭނާ ވެސް ވަނީ ނާކާމިޔާބުވެފަ އެވެ.
އާންމުންގެ ޝުއޫރުތައް ބަދަލުވުމާ ގުޅިގެން، މޯދީ ވަނީ އޭނާ އާންމުކޮށް ބޭނުންކުރާ 'އެކްސް' ގެ ބަދަލުގައި އިންސްޓަގްރާމް މެދުވެރިކޮށް ދަރިވަރުންނަށް ސެލްފީ މެސެޖެއް ދެއްވާފަ އެވެ. އަދި މިނިސްޓްރީތަކުގެ މަސައްކަތްތައް ޒުވާނުންނަށް ފޯރުކޮށްދިނުމަށް މެޓާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކުރުމަށް ވަޒީރުންނަށް އިރުޝާދު ދެއްވި އެވެ.
ޕާޓީން ކުރިން ބޭނުންކުރި އުސޫލުތަކާއި މޫނުތަކުން އާ ޖީލުގެ (ޖެން-ޒީ އަދި ޖެން-އަލްފާ) ޒުވާނުންނާ ގުޅުން ބަދަހިނުކުރެވޭކަން ސާފުވުމަކީ، މަލްވިޔާ އާއި ސޫރިޔާ މަގާމުން ވަކިކުރަން ޖެހުނު މައިގަނޑު ސަބަބު ކަމަށް ބެލެވެ އެވެ.
އިތުބާރު ހުރި ތަޖުރިބާކާރުން އިސް ސަފަށް
މަލްވިޔާގެ ބަދަލުގައި އައްޔަންކުރީ ބީޖޭޕީގެ އައިޓީ ސެލްގައި 15 އަހަރު މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ދީޕަކް މުހާސްކޭ އެވެ. އޭނާއަކީ ބިހާރު، ވެސްޓް ބެންގޯލް އަދި ޗައްތީސްގަޅު ފަދަ ސްޓޭޓްތަކުގައި ބީޖޭޕީއަށް ބޮޑެތި ކާމިޔާބީތައް ހޯދައިދިނުމުގައި ސޯޝަލް މީޑިއާ ކެމްޕޭންތައް އިސްކޮށް ހިންގި ފަރާތެވެ.
ސޫރިޔާގެ ބަދަލުގައި އައްޔަންކުރީ މޯދީގެ އުފަން ސްޓޭޓް ކަމަށްވާ ގުޖުރާތުގެ މެންބަރެއް ކަމަށްވާ ހޭމަންގް ޖޯޝީ އެވެ.
އެކި މައްސަލަތަކުގައި އާންމުންގެ މެދުގައި ނުތަނަވަސްކަން އޮތުމުން، ހާލަތު ހަމައަކަށް އެޅުވުމަށް ޕާޓީގެ ދުވަސްވީ އިސް ބޭފުޅުންގެ އެހީތެރިކަން ވެސް ޕާޓީން ވަނީ ހޯދާފަ އެވެ.
އާންމުންގެ ކަންބޮޑުވުން ހުރި ކަންކަމުގެ ތެރޭގައި، 20 އިންސައްތަ އެތަނޯލް އެއްކޮށްފައިވާ 'އީ20' ޕެޓްރޯލް ތައާރަފުކުރުމުން، ބައެއް އުޅަނދުތަކުގެ އިންޖީނަށް ގެއްލުންވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރާ ޝަކުވާތައް ހިމެނެ އެވެ. މީގެ އިތުރުން، އާމްދަނީން ނަގާ ޓެކްސްގެ ރޭޓްތައް މަތިވަމުންދާތީ މެދުފަންތީގެ މީހުން ތިބީ ނުރުހިފަ އެވެ.
ކޮރަޕްޝަން އިތުރުވުމާއި، ބޮޑެތި ޚަރަދުތައް ކޮށްގެން ހެދި ހައިވޭތައް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހަލާކުވުން ފަދަ ކަންކަމުގެ ސަބަބުން ވެސް އާންމުންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ.
ނަބީން ގެންނެވި އާ ޖެނެރަލް ސެކްރެޓަރީންގެ ތެރޭގައި ސްމްރިތީ އިރާނީ ހިމެނެ އެވެ. އޭނާއަކީ 2014 ވަނަ އަހަރު އެންމެ ޒުވާން ކެބިނެޓް ވަޒީރުގެ ގޮތުގައި މޯދީގެ އަރިސް ޓީމުގައި ހިމެނުނު ބޭފުޅެކެވެ. ވާހަކަދެއްކުމުގެ ހުނަރު ލިބިފައިވާ އިރާނީ ވަނީ 2019 ވަނަ އަހަރުގެ އިންތިޚާބުގައި އިދިކޮޅު ލީޑަރު ރާހުލް ގާންދީ ބަލިކޮށް އަމޭތީ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފަ އެވެ.
އިރާނީއަކީ އިންޑިއާގެ މަޝްހޫރު ޑްރާމާ ސިލްސިލާ 'ކިޔުކީ ސާސް ބީ ކަބީ ބަހޫ ތީ' ގެ ބަތަލާގެ ގޮތުގައި އިންޑިއާގެ ގިނަ ބަޔަކު ދަންނަ މޫނެކެވެ.
ޕާޓީގެ އިސް ސަފަށް ގެނައި އަނެއް މުހިންމު ފަރާތަކީ ފެޑަރަލް ޓްރޭޑް މިނިސްޓަރު ޕިޔޫޝް ގޯޔަލް އެވެ. އޭނާއަކީ ވިޔަފާރީގެ އެއްބަސްވުންތަކާ ގުޅޭގޮތުން އެމެރިކާއާއެކު ކުރާ މަޝްވަރާތަކުގައި އިންޑިއާގެ މަސްލަހަތު ވަރުގަދައަށް ދިފާއުކުރައްވާ ބޭފުޅެކެވެ. ބީޖޭޕީގެ ޚަޒާންދާރުގެ މަގާމަށް ގޯޔަލް އައްޔަންކުރިއިރު، އޭނާގެ ބައްޕައަކީ ވެސް ގިނަ ދުވަސްތަކެއް ވަންދެން އެ މަގާމު ފުރުއްވި ފަރާތެކެވެ.
ޒުވާނުންނާ ގާތަށް
ބީޖޭޕީން ގަބޫލުކުރާ ގޮތުގައި، އިތުބާރު ހުރި އާ މޫނުތަކެއް ކުރިއަށް ނެރުމުން ޒުވާނުންގެ އިތުބާރު އަލުން ހޯދިދާނެ އެވެ. އެގޮތުން ޒުވާނުން ބޭނުންކުރާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި، އެމީހުންނަށް ފަހުމްވާނެ ބަހުރުވައަކުން މުއާމަލާތްކުރުމަކީ ޕާޓީގެ އަމާޒެކެވެ.
މި ބަދަލުތަކުގެ ނަތީޖާ ފެންނާނީ އަންނަ އަހަރު އޮންނަ ގުޖުރާތު ފަދަ ބޮޑެތި ސްޓޭޓްތަކުގެ އިންތިޚާބުތަކުން ކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ.










