ހުރިހާ "ކުރެފި" ތައް އެއްވުމުން ދެން ވާނެ ގޮތް އިންޑިއާ އިން ތަމްސީލުވެގެން އެދިޔައީ ހާދަ ފުރިހަމަކޮށްނެވެ!
25 ޖުލައި 2026 | ހޮނިހިރު 18:24އިންޑިއާގައި އިމްތިހާނު ކަރުދާސްތައް ލީކުވި މައްސަލައިގައި ޒުވާނުން ކުރި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން، އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައި. "ކޮކްރޯޗް ޖަންތާ ޕާޓީ" ގެ ނަމުގައި އުފެއްދި ހަރަކާތުން އިސްނަގައިގެން ކުރިއަށްގެންދިޔަ މި އިހުތިޖާޖުތަކުގެ ޑިމާންޑްތަކަށް ސަރުކާރުން އިޖާބަދިނުމާއެކު، މުޒާހަރާގެ ބައިވެރިން މިހާރު ވަނީ ކާމިޔާބީ ފާހަގަކޮށް ގެއަށް އެނބުރި ދާން ފަށާފައި.

އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު (ތައުލީމީ ވަޒީރު) ދަރުމެންދުރަ ޕްރަދާން މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) އަށް ތާއީދުކުރާ ފަރާތްތަކުން އެކަން ފާހަގަކޮށް އުފާފާޅުކުރަނީ | ގެޓީ އިމޭޖަސް
"ހުރިހާ ކުރަފިތައް އެއްވުމުން ވާނީ ކިހިނެއް ހެއްޔެވެ؟" މި ހުރިހާ ކަމެއް ފެށިގެން އައީ ސޯޝަލް މީޑިއާ ގައި ކުރި މި ޕޯސްޓުންނެވެ.
އަބީޖީތު ދިޕްކޭ ސޯޝަލް މީޑިއާގައި ކުރި އެ ޕޯސްޓަށް 36 ދުވަސް ފުރުނުތަނާ، އޭނާ އުފެއްދި "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) އަށް ވަނީ ސިޔާސީ ގޮތުން ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ. އެގޮތުން، އިންޑިއާގައި އިމްތިހާނު ކަރުދާސްތައް ލީކުވި މައްސަލައިގައި ފެށުނު ވަރުގަދަ އިހުތިޖާޖުތަކާ ގުޅިގެން، އެކަމުގެ ޒިންމާނަންގަވާ ކަމަށް ވިދާޅުވެ، އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން މަގާމުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ހޮނިހިރު ދުވަހު އޭނާ އިސްތިއުފާ ދެއްވުމަކީ، އިންޑިއާގެ އެކި ކަންކޮޅުތަކުގައި ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދިޔަ މުޒާހަރާތަކުގެ މައިގަނޑު އެއް ޑިމާންޑެވެ. މި މުޒާހަރާތަކަކީ ފަހަކަށް އައިސް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމެވެ.
އިންޓަނެޓްގެ ޚިދުމަތް މެދުކަނޑާލާފައިވާ ނިއުދިއްލީގެ މެދުތެރޭގައި އޮންނަ ޖަންތަރު މަންތަރު މުޒާހަރާ ސަރަހައްދުގައި ތިބި އެތައް ހާސް ސަޕޯޓަރުންނަށް މި ޚަބަރު ދެމުން، "އަހަރެމެންނަށް ކާމިޔާބުވެއްޖެ، އަހަރެމެންނަށް ކާމިޔާބުވެއްޖެ" އޭ ބުނެ ދިޕްކޭ މައިކްރޯފޯނުން އުފަލުން ހަޅޭއްލަވަމުން ދިޔަ އެވެ.

ކޮކްރޯޗް ޖަންތާ ޕާޓީ (ސީ.ޖޭ.ޕީ) ގެ ބާނީ އަބީޖީތު ދިޕްކޭ (މެދުގައި)، ނިއު ދިއްލީގެ ޖަންތަރު މަންތަރުގައި މީޑިއާތަކާ ވާހަކަދައްކަނީ | ގެޓީ އިމޭޖަސް
އޭނާ ވަނީ އިންޑިއާގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން ދަރިވަރުންނަށް އަސަރުކުރި އިމްތިހާނު ކަރުދާސް ލީކުވުމާއި، އިމްތިހާނުތައް ކެންސަލް ކުރުމާ ގުޅިގެން އަމިއްލައަށް މަރުވި ދަރިވަރުންގެ ނަންތައް އިއްވާ، މުޒާހަރާގެ މި ކާމިޔާބީ އެ ދަރިވަރުންނަށް ހަދިޔާކޮށްފަ އެވެ. މިކަން އިއުލާނު ކުރުމާއެކު މުޒާހަރާގެ ބައިވެރިންގެ ތެރޭގައި ބޮޑު ކާމިޔާބީ އެއް އިހުސާސް ކުރެވި އުފާވެރިކަން ފެތުރިގެންދިޔަ އެވެ.
އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން މަގާމުން ވަނީ އިސްތިއުފާ ދެއްވި ޚަބަރު ލިބުނު ވަގުތުގެ މަންޒަރު
"އެމީހުން އަހަރެމެންނަކީ ކަންނެތް، ވަޒީފާއެއް ނެތް ބައެއް ކަމަށް ބުނި،" އުމުރުން 19 އަހަރުގެ ލަވަންޔާ ބާރްތީ ބުންޏެވެ. އޭނާ އެ އިޝާރާތް ކުރީ އިންޑިއާގެ ޒުވާނުންނަކީ "ކުރަފި" އަދި "ޕެރަސައިޓް" ތަކެއްގެ ގޮތުގައި އިންޑިއާގެ އުއްތަމަ ފަނޑިޔާރު ސިފަކުރެއްވި ކުރުމަށެވެ. އެ ވާހަކަތަކާ ގުޅިގެން، 2014 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރާ މޯދީގެ ބީޖޭޕީއަށް ހަޖޫޖަހާ "ސީޖޭޕީ" އުފެދުނެވެ. "އަހަރެމެން މިއީ ޕާލަމެންޓް ދޮށުގައި އެތައް ދުވަހަކު ނިދާލަން ތިބޭހާ ކަންނެތް ބައެއް. އަދި އަހަރެމެންނަކީ ވަޒީފާއެއް ނެތް ބައެއް،" އޭނާ ބުންޏެވެ. "މޯދީ އެތައް އަހަރެއް ވަންދެން އުފެއްދި ބިރުވެރިކަން އަހަރެމެން ފޮހެލައިފިން. މޯދީ، ކުރަފިތައް މިހާރު ތިބީ މަނިކުފާނުގެ މުޅި ގައިގައި ކޭއްތެން،" މުޒާހަރާގެ އެހެން ބައިވެރިންނާ އެކު އުފަލުން ނަށަން ފަށަމުން އޭނާ އަޑުނެތްކޮޅަށް ގޮވި އެވެ.

އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު (ތަޢުލީމީ ވަޒީރު) ދަރުމެންދުރަ ޕްރަދާން މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ ގައުމުގެ ދަރިވަރުން އެކަން ފާހަގަކޮށް އުފާފާޅުކުރަނީ | ގެޓީ އިމޭޖަސް
ސަރުކާރުން ހުރިހާ ޑިމާންޑްތަކެއް "ގަބޫލުކުރުމާ" ގުޅިގެން، ސީޖޭޕީން ވަނީ މުޒާހަރާގެ ބައިވެރިން "ސުލްހަވެރިކަމާއެކު ގެއަށް އެނބުރި ދިއުމަށް" ގޮވާލާފަ އެވެ.
އެ ޑިމާންޑްތަކުގެ ތެރޭގައި، އަމިއްލައަށް މަރުވި ދަރިވަރުންގެ އާއިލާތަކަށް ބަދަލު ދިނުމާއި، މުޒާހަރާގެ ބައިވެރިންނާ މެދު އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމުގެ ޔަގީންކަން ދިނުން ހިމެނެ އެވެ. މީގެ އިތުރުން، ޖުލައި 20 ވަނަ ދުވަހު ޕާލަމެންޓަށް ކުރި މާޗުގައި 100 އަށްވުރެ ގިނަ މުޒާހަރާގެ ބައިވެރިން ޒަޚަމްވި ހާދިސާއާ ގުޅިގެން، ފުލުހުންނާއި ޕެރާމިލިޓަރީ ފައުޖުތަކުން އާންމުންގެ ކިބައިން މާފަށް އެދުންވެސް ހިމެނެ އެވެ. ފުލުހުން ކަރުނަގޭސް ޖަހައި، މުޒާހަރާގެ ބައިވެރިންނަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވުމާއެކު، މުޅި ގައުމުގައި ރުޅިވެރިކަން އުފެދި، ބެންގަލޫރާއި، ޖައިޕޫރާއި، ލަކްނޫއާއި، މުމްބާއީ އަދި ޕަޓްނާ ފަދަ ސިޓީތަކުން އެތައް ހާސް ބަޔަކު މަގުމައްޗަށް ނުކުތެވެ.

ކޮކްރޯޗް ޖަންތާ ޕާޓީ (ސީ.ޖޭ.ޕީ) ގެ ތަރުޖަމާނުން ކަމަށްވާ އަޝުތޯޝް ރަންކާ އާއި ސޯރަވް ދާސް، އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އެ ގައުމުގެ ހެލްތު މިނިސްޓަރު ޖޭ.ޕީ ނައްޑާ (ވ) އާ ބައްދަލުކުރަނީ | ގެޓީ އިމޭޖަސް
"އަހަރެން މިހާރު އެނބުރި ގެއަށް ދާނީ ވަރަށް އުފަލުން،" ބިހާރުގެ ދުރު ހިސާބެއްގައި ހުންނަ އޭނާގެ ގެއިން 1،120 ކިލޯމީޓަރު (696 މޭލު) ދަތުރުކޮށް، ފާއިތުވި އެއް މަސް ދުވަހު ޖަންތަރު މަންތަރުގައި ނިދި، އުމުރުން 25 އަހަރުގެ މެހްދީ ހަސަން ބުންޏެވެ.
ޒިންމާދާރުވުމަށް ގޮވާލާ ޕޯސްޓަރެއް ހިފަހައްޓައިގެން ހުރެ އޭނާ އިތުރަށް ބުނީ، "އަހަރެމެންނަކީ މި ގައުމުގެ ރައްޔިތުން، ސަރުކާރުގެ ބާރަކީ މުތުލަގަށް ލިބިފައިވާ ބާރެއް ނޫންކަން އަހަރެމެން މި ދައްކައިދިނީ" ކަމަށެވެ.
އެ ސަރަހައްދުގައި ހުރި އުމުރުން 18 އަހަރުގެ ޝްރޫތީ ބޭދީ ބުނީ، ޕްރަދާން އިސްތިއުފާ ދެއްވުމަކީ ދަރިވަރުންނަށް ލިބުނު ކާމިޔާބީއެއް ނަމަވެސް، އެވަރުން އަދި ނުފުދޭ ކަމަށެވެ.
"މުޅި ނިޒާމު އިސްލާހުވާންޖެހޭ،.....މީހުންގެ ހިތްތަކުގައި މި ނިޒާމާ މެދު އޮތީ ފުން ނަފުރަތެއް،" ބޭދީ ބުންޏެވެ. އޭނާ ފާހަގަކުރި ގޮތުގައި "ޖެން ޒީ" ގެ މި މުޒާހަރާތަކުން ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ ރައްޔިތުންގެ އަޑު އަލުން އިއްވަން ފެށުމެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، އިންޑިއާގެ "ޖެނެރޭޝަން ޒީ" އާއި ސަރުކާރާ ދެމެދު އޮތް ގުޅުން ކެނޑުމުގެ ސަބަބުން، ސަރުކާރު ވަނީ މަޖުބޫރު ހާލަތަކަށް ވެއްޓިފަ އެވެ.
"ސިޔާސީ މީހުންގެ ދަރިން ގައުމުން ބޭރުން ތައުލީމު ހާސިލުކުރާއިރު، އަހަރެމެންގެ ހައްގުތަކަށް މަގުމަތީގައި ގޮވާލުމުން ފުލުހުންގެ އަނިޔާ ލިބެންވީ ކިހާ ދުވަހަކު؟" ބޭދީ ސުވާލުކުރި އެވެ. އޭނާގެ ކައިރީގައި ތިބި މުޒާހަރާގެ ބައިވެރިން ހިފަހައްޓައިގެން ތިބީ މަޝްހޫރު ޖަޕަނީޒް މަންގާ "ވަން ޕީސް" އެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭއިންސާފާއި، ވަޒީފާ ނެތް މައްސަލައާއި، ދުވަސްވީ ލީޑަޝިޕާ ދެކޮޅަށް ޒުވާނުން ކުރާ މުޒާހަރާތަކުގައި ބޭނުންކުރާ ރަމްޒެކެވެ.
އެންމެ ފަހުން، މުޒާހަރާ ކުރާ ސަރަހައްދު ހުސްވަމުން ދިޔައިރު، "ކުރަފި" ހަރަކާތުގެ ރަސްމީ އެކްސް އެކައުންޓުން ވަނީ މި ހުރިހާ ކަމެއް ފެށުނު ދިޕްކޭގެ ޕޯސްޓަށް ޖަވާބެއް ދީފަ އެވެ.
"އަދި މިއަދު އެކުވެރިންނޭ، ކުރަފިތައް އެއްވުމުން ވާނެ ގޮތް އަހަރެމެންނަށް މިވަނީ އެނގިފައި."









