މިދިޔަ އަހަރުގެ ޖުލައި އާއި އަޅާބަލާއިރު ހުސްވި ޖުލައިގައި ތަކެތީގެ އަގުތައް 2.3 އިންސައްތަ އުފުލިއްޖެ
31 އޯގަސްޓު 2026 | ހޯމަ 18:37ވައިގެ ދަތުރުފަތުރާއި މަހުގެ ބާވަތްތަކުގެ އަގު އުފުލުމުގެ ސަބަބުން، ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ޖުލައި މަހު އިންފްލޭޝަން ވަނީ 2.31 އިންސައްތަ މައްޗަށް ގޮސްފައި

މާލޭ ލޯކަލް މާރުކޭޓުން މީހަކު ދޮންކެޔޮ ގަންނަނީ | އެލަމީ
މިދިޔަ އަހަރުގެ ޖުލައި އާއި އަޅާބަލާއިރު މިއަހަރުގެ ޖުލައިގައި އަގުތައް 2.3 އިންސައްތަ މައްޗަށް ހިނގައްޖެ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކުރި 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ކޮންސިއުމަރ ޕްރައިސް އިންޑެކްސް (ސީ.ޕީ.އައި) އިން ފާހަގަވެއްޖެ އެވެ.
2026 އޮގަސްޓް 31 ވަނަ ދުވަހު އާންމުކުރި މުދަލާއި ޚިދުމަތުގެ އަގުތަކަށް އައި ބަދަލުތައް ދައްކައިދޭ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު މުދަލާއި ޚިދުމަތުގެ އަގުތައް ވަނީ 0.24 އިންސައްތަ ދަށަށް ގޮސްފަ އެވެ. ނަމަވެސް، 2025 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މިދިޔަ ޖުލައި މަހު އަގުތައް ވަނީ 2.31 އިންސައްތަ މައްޗަށް ގޮސްފަ އެވެ.
މިދިޔަ ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު އަގުތައް ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ ތަރުކާރީ އާއި ދުންފަތުގެ އިތުރުން ސުޕާރީގެ އަގުތަކަށް އައި ބޮޑު ބަދަލެވެ. އެގޮތުން 2026 ޖުލައި މަހުގެ ކުރީކޮޅުން ފެށިގެން އިމްޕޯޓް ޑިއުޓީއަށް ގެނައި ބަދަލުތަކާ ގުޅިގެން، ސިނގިރޭޓާއި ސުޕާރީގެ އަގު ހެޔޮވެ، ދުންފަތާއި ސުޕާރީގެ ގްރޫޕުން އަގުތައް ވަނީ 4.15 އިންސައްތަ ދަށަށް ގޮސްފަ އެވެ. މީގެ އިތުރުން، ކާބޯތަކެތީގެ ބާވަތްތަކުން 0.61 އިންސައްތައިގެ ދަށްވުމެއް ފާހަގަކުރެވުނު އިރު، މީގެ ތެރޭގައި ފިޔާ، ލުނބޯ އަދި ކަނޑުމަހުގެ އަގު ހެޔޮވުން ހިމެނެ އެވެ. ނަމަވެސް، ކުރުނބާ، ރިހާކުރު އަދި އަނބުގެ އަގުތައް ވަނީ މައްޗަށް ގޮސްފަ އެވެ.
އަނެއްކޮޅުން، އެންމެ ބޮޑަށް އަގު އުފުލިފައިވަނީ ކަރަންޓާއި، ކިރުގެ ބާވަތްތަކުގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ޚިދުމަތުންނެވެ. ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ އަގުތައް މައްޗަށް ދިއުމާ ގުޅިގެން، ދަތުރުފަތުރުގެ ދާއިރާގެ އަގުތައް 0.41 އިންސައްތަ މައްޗަށް ގޮސްފައިވާއިރު، މަހުގެ ބާވަތްތަކުގެ އަގު ވަނީ 0.64 އިންސައްތަ އުފުލިފަ އެވެ.
މާލެ އާއި އަތޮޅުތެރޭގައި އަގުތަކަށް އައި ބަދަލުތަކަށް ބަލާއިރު، މާލޭގައި މުދަލާއި ޚިދުމަތުގެ އަގުތައް 0.08 އިންސައްތަ ދަށަށް ގޮސްފައިވާއިރު، އަތޮޅުތެރޭގައި މި އަދަދު ހުރީ 0.46 އިންސައްތައިގަ އެވެ. އަދި އަހަރުން އަހަރަށް ބަލާއިރު، މާލޭގައި އަގުތައް 1.85 އިންސައްތަ މައްޗަށް ގޮސްފައިވާއިރު، އަތޮޅުތެރޭގައި އަގުތައް އުފުލިފައިވަނީ 2.99 އިންސައްތައަށެވެ.
ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ޖުލައި މަހުގެ ނިޔަލަށް އަގު އެންމެ ބޮޑަށް އުފުލިފައިވަނީ ދަތުރުފަތުރުގެ ދާއިރާއިންނެވެ. އެ ދާއިރާގެ އަގުތައް 8.96 އިންސައްތަ މައްޗަށް ގޮސްފައިވާއިރު، މަހުގެ ބާވަތްތަކާއެކު ކާބޯތަކެތީގެ އަގުތައް ވަނީ 6.35 އިންސައްތަ އުފުލިފަ އެވެ.










