ލެގޫންސްގެ އިންތިޚާބާ ގުޅިގެން ޖޭއެސްސީގެ ރައީސް ހުސްނީ ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ ރައީސް މުއިއްޒު އަށް ސިޓީއެއް ފޮނުވައިފި
23 އޯގަސްޓު 2026 | އާދީއްތަ 03:46ކުލަބުގެ މެންބަރަކު ބައްދަލު ކުރުމުން، ހުސްނީ އެކަމަށް އިއުތިރާފުވެވަޑައިގެންފައިވާ ކަމަށް ސިޓީގައި ބަޔާން ކޮށްފައިވޭ. އެގޮތުން ވެރިކަން ކުރާ ޕީއެންސީގެ އިސްވެރިން އެންގުމުން އެކަމުގެ ތެރެއަށް ވަންނަން ޖެހުނީ ކަމަށާއި އެކަމުގައި އަމަލީ ގޮތުން ބައިވެރިވާ ކަމަށް ހުސްވީ ވިދާޅުވެފައިވާ ކަމަށް ސިޓީގައި ވަނީ ބުނެފައި. ހުސްނީ އަކީ ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު


ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޖޭއެސްސީގެ ރައީސް ހުސްނީ މުބާރިކް | ރައީސް އޮފީސް
ލެގޫންސް ސްޕޯޓްސް ކުލަބުގެ އިންތިޚާބުގެ މައްސަލައިގައި ސިޔާސީ ނުފޫޒު ވަދެ، ކޯޓުތަކުގައި މައްސަލަ އަށް ނުފޫޒު ފޯރުވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހުސްނީ މުބާރިކް މަސައްކަތް ކުރައްވާ ކަމަށް ތުހުމަތުކޮށް، އެ ކުލަބުގެ މެންބަރުންތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ސިޓީއެއް ފޮނުވައިފި އެވެ.
ލެގޫންސްގެ އިންތިޚާބުގެ މައްސަލައިގައި ކުލަބުގެ ދެ މެންބަރުން ކަމަށްވާ އަބްދުލް ވާހިދު އާއި އަހުމަދު އަލީ ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އެ މައްސަލައިގައި ކޯޓުން ވަނީ ވައިބަރ ގުރޫޕު މެދުވެރިކޮށް ބޭއްވި އިންތިޚާބާ މެދު ޝަރީއަތުން ގޮތެއް ނިންމަންދެން، އިތުރު އިންތިޚާބެއް ނުބޭއްވުމަށް އަމުރުކޮށްފައި އެވެ.
މީގެ އިތުރުން އެ އިންތިޚާބު ބާތިލުކޮށް، 227 މެންބަރުންގެ ސައްހަ ދަފުތަރާ އެކު އެ ކުލަބުގެ އިންތިޚާބު 15 ދުވަހުގެ ތެރޭގައި ބޭއްވުމަށް، ޖޫން މަހުގެ 17 ވަނަ ދުވަހު ކޯޓުން ހުކުމް ކޮށްފައިވާ ކަމަށް ސިޓީގައި ވަނީ ބުނެފަ އެވެ. ފަހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، ހައިކޯޓުން ވެސް ނިންމާފައި ވަނީ ހުކުމް ތަންފީޒު ކުރުން ފަސްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް، ސިޓީގައި ބަޔާންކޮށްފައިވެ އެވެ.
ކޯޓުގެ އަމުރަށް ފަހު ވެސް، ލެގޫންސްްގެ މުއްދަތު ހަމަވެފައިވާ ހިންގާ ކޮމިޓީ އިން އިންތިޚާބު ބާއްވާފައިވާ ކަމަށާއި، އެއީ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އެއްވެސް ދައުރެއް ނެތި ބޭއްވި އިންތިޚާބެއް ކަމަށް ބުނެފައިވެ އެވެ. އެ ސިޓީގައި މެންބަރުން ބުނެފައި ވަނީ ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ކޮށްދިނުމަށް އެދި އޮގަސްޓު މަހުގެ 12 ވަނަ ދުވަހުގެ ރޭ މައްސަލައެއް ހުށަހެޅި ނަމަވެސް، އެ މައްސަލަ ރަޖިސްޓްރީ ކުރުމުގައި އެތައް ހުރަހެއް ދިމާވި ކަމަށެވެ. އަދި ވަގުތީ އަމުރު ލިބިފައި ވަނީ އޮގަސްޓު މަހުގެ 17 ވަނަ ދުވަހު ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން ސިޓީގައި ބުނެފައި ވަނީ، ކޯޓުގެ އަމުރާ ޚިލާފަށް މުއްދަތު ހަމަވެފައިވާ ހިންގާ ކޮމިޓީ އިން ބޭއްވި އިންތިޚާބު ކޮމިޝަނަރ އޮފް ސްޕޯޓްސް އިން ފަހުން އެންޑޯޒްކޮށްދީފައިވާ ކަމަށެވެ. އެކަން ހުއްޓުވައި ދިނުމަށް އެދި ލެގޫންސްގެ މެންބަރުންގެ ފަރާތުން ކޮމިޝަނަރ އޮފް ސްޕޯޓްސް އަށް ޕެޓިޝަނެއް ހުށަހެޅި ނަމަވެސް، އެއަށް ޖަވާބު ދީފައި ނުވާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ.
ހުކުމް ތަންފީޒު ކުރުމުގެ މައްސަލައިގެ ތެރެއިން، އޮގަސްޓު މަހުގެ 17 ވަނަ ދުވަހު ސިވިލް ކޯޓުން ވަނީ އެންޑޯޒްމަންޓް ހުއްޓާލުމަށް އެދި އަމުރެއް ނެރެފައި އެވެ. އޭގެ ދެ ދުވަސް ފަހުން، އޮގަސްޓު މަހުގެ 19 ވަނަ ދުވަހު އެ އަމުރު ނެރުނު ފަނޑިޔާރު ސަސްޕެންޑު ކޮށްފައިވާ ކަމަށް ސިޓީގައި ވަނީ ބުނެފައި އެވެ. ހަމަ އެހެންމެ، އެ މައްސަލައިގައި ސިވިލް ކޯޓުން އަމުރުތައް ނެރުނު ނަމަވެސް، ޖޭއެސްސީގެ ރައީސް ހުސްނީ މެދުވެރިކޮށް ފަނޑިޔާރުގެ އަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފައި އެވެ.
އޭގެ ފަހުން ކުލަބުގެ މެންބަރަކު ބައްދަލު ކުރުމުން، ހުސްނީ އެކަމަށް އިއުތިރާފުވެވަޑައިގެންފައިވާ ކަމަށް ސިޓީގައި ބަޔާން ކޮށްފައިވެ އެވެ. އެގޮތުން ވެރިކަން ކުރާ ޕީއެންސީގެ އިސްވެރިން އެންގުމުން އެކަމުގެ ތެރެއަށް ވަދެވަޑައިގަންނަވަން ޖެހުނީ ކަމަށާއި، އެކަމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާ ކަމަށް ހުސްވީ ވިދާޅުވެފައިވާ ކަމަށް ސިޓީގައި ވަނީ ފާހަގަކޮށްފައި އެވެ. ހުސްނީ އަކީ ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރެވެ.
ސިޓީގައި މެންބަރުން އެދިފައި ވަނީ ޝަރުއީ ދާއިރާ މިނިވަން ކުރުމަކީ ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދަށްވާތީ، މިފަދަ ކަންކަން ހިނގަމުން އަންނައިރު އެކަމާ ދެކޮޅަށް ފިޔަވަޅު އަޅައި ދެއްވުމަށެވެ. އަދި ދައުލަތުގެ އިސްވެރިޔާ އާއި ޕީއެންސީގެ އިސްވެރިޔާ ހައިސިއްޔަތުން އެ މައްސަލަ ބައްލަަވައި ދެއްވައި، އެކަމަށް އެކަށީގެންވާ ފިޔަވަޅު އަޅައި ދެއްވުމަށް ވެސް އެދިފައިވެ އެވެ.










