މަސްތުގެ ހާލަތުގައި ހުރެ ގަދަކަމުން ކާރު އަތުލައިގެން ދުއްވި މީހެއްގެ ސަބަބުން ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
30 އޯގަސްޓު 2026 | އާދީއްތަ 07:00މި މައްސަލައިގައި ހައްޔަރުކުރި މީހާ ކާރު ހޯދާފައި ވަނީ ވެރި ފަރާތަށް އަނިޔާކޮށް، ކާރު ހަލާކު ކޮށްލާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު ކަމަށް ފުލުހުން ބުނެފައިވޭ


ފުވައްމުލައް ސިޓީގެ މަގުމަތީގައި ފުލުހަކު ޓްރެފިކް ބަލަހައްޓަނީ | ސޯޝަލް މީޑިއާ
މަސްތުގެ ހާލަތުގައި ހުރެ ކާރު ދުއްވި މީހެއްގެ ސަބަބުން ފުވައްމުލައް ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގައިފައިވަނީ ހޮނިހިރު ދުވަހު އިރުއޮއްސި 18:22 ހާއިރު އެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ ފުވައްމުލައް މޫޑީގެ ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ސައިކަލެއްގައި ޖެއްސުމަށް ފަހު، އެ މަގުން ދަތުރުކުރި އެހެން ކާރެއްގައި ޖައްސައި، ދެންގޮސް ރުކެއްގައި ޖެހުމުން ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.
މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން އަންހެން މީހާ އަށް، އަދި ފަހަތުގައި އިން 8 އަހަރުގެ އަންހެން ކުއްޖާ އަށް ފުވައްމުލައް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި މި ދެ މީހުންނަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ހޮސްޕިޓަލުން ވަނީ ފުލުހުންނަށް މައުލޫމާތު ދީފަ އެވެ.
މި މައްސަލައާ ގުޅިގެން 35 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނަސްފައި ކަމަށާއި، ކާރު ދުއްވި އެ މީހާ ހުރީ މަސްތުގެ ހާލުގައި ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފައި އެވެ. އަދި މި މައްސަލައިގައި ހައްޔަރުކުރި މީހާ ކާރު ހޯދާފައި ވަނީ ވެރި ފަރާތަށް އަނިޔާކޮށް، ކާރު ހަލާކު ކޮށްލާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.











