ތިންލައްކަ އަށްވުރެ ގިނަ ރުފިޔާ ހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
5 އޯގަސްޓު 2026 | ބުދަ 13:56މާލޭ ޖެޓީމަތިން 3 ލައްކައަށްވުރެ ގިނަ ރުފިޔާ ހުރި ފޮއްޓެއް ވަގަށް ނެގި މައްސަލައިގައި ލ. މުންޑޫ މީހަކު ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފައި. ފުލުހުން ކުރި މަސައްކަތުން ވަގަށް ނެގި ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާއާއި އެ ފައިސާއިން ގަނެފައިވާ ފޯނެއް ހޯދާފައިވާއިރު، ކޯޓުން ވަނީ ތުހުމަތުކުރެވޭ މީހާގެ ބަންދަށް 15 ދުވަސް ޖަހާފައި


ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާ | މޯލްޑިވްސް ޕޮލިސް ސާރވިސް
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާ ހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
ފުލުހުން ބުނީ، 2 އޮގަސްޓް 2026 ވަނަ ދުވަހު މާލެ އައި ލޯންޗަކުން ބޭލި ފޮއްޓެއް، ބޮޑުތަކުރުފާނު މަގު އެޓޯލްސް ޕާކިންގޒޯންއާ ދިމާ ޖެޓީމަތީގައި ހުއްޓައި ގެއްލިފައިވާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެ ފޮށީގައި ތިންލައްކަ އަށްވުރެ ގިނަ ދިވެހި ރުފިޔާ ހުންނާނެ ކަމަަށް މައްސަލަ ހުށަހެޅި ފަރާތުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ، މި މައްސަލަ ހުށަހެޅުމާއެކު އެ ފޮށި ހޯދުމުގެ މަސައްކަތް ފަށާއި، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބަލައި އަދި ތަހުގީގުގެ ތެރެއިން ކުރެވުނު އެކި މަސައްކަތުން، އެ ފޮށި ވަގަށް ނެގި މީހާ ދެނެގަނެފައިވާ ކަމަށެވެ. އަދި ފޮށި ގެންދިޔަ ތަން ހޯދާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ، އޮގަސްޓު 4 ވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، އުމުރުން 44 އަހަރުގެ ޢަލީ ނާޡިމް ހައްޔަރުކޮށް، އޭނާ ވަގަށްނެގި ފޮށި ހޯދައި ބަލައިފާސްކުރިއިރު 248,500 އަށްވުރެ ގިނަ ރުފިޔާއާއި، އެ ފައިސާއިން އޭނާ ގަނެފައިވާ ކަމަށް ބެލެވޭ 7000 ރުފިޔާގެ މޯބައިލް ފޯނެއް ފެނިފައިވާ ކަމަށެވެ.
މީގެ އިތުރުން މި މައްސަލައާ ގުޅިގެން އޭނާ ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.











