އަންހެނުންނަށް ފުރައްސާރަކުރާ މައްސަލަތައް ތަހުގީގު ކުރުމަށް މެންްބަރު ކުޑޫ ފުލުހުންގެ ކިބައިން އެދިވަޑައިގެންފި
3 އޯގަސްޓު 2026 | ހޯމަ 16:31މާލެސިޓީ ކައުންސިލާއި ކަސްޓަމްސްގެ އަންހެން މުވައްޒަފުންނަށް އަމާޒުކޮށް ހިންގި ފުރައްސާރައިގެ އަމަލުތައް ތަހުގީގުކޮށްދިނުމަށް އެދި މެންބަރު ކުޑޫ ފުލުހުންނަށް ސިޓީއެއް ވަނީ ފޮނުއްވާފައި. މިފަދަ ކަންކަމަކީ ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކަމުން، މައްސަލަ ހުށަހަޅަންދެން މަޑުނުކޮށް ފުލުހުން އިސްނަގައިގެން ފިޔަވަޅު އެޅުމަށް މެންބަރު ވަނީ ގޮވާލައްވާފައި. އަންހެނުންނަށް ކުރާ ފުރައްސާރަ ހުއްޓުވުމަކީ ވަޒީފާގެ މާހައުލުގެ ރައްކާތެރިކަމަށް ކޮންމެހެން މުހިންމު ކަމެއްކަންވެސް އެ ސިޓީގައި ފާހަގަކުރައްވާފައިވޭ


ރައްޔިތުން މަޖިލީހުގެ ޖަލްސާގައި، މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވާހަކަ ދައްކަވަނީ | ރައްޔިތުންގެ މަޖިލިސް
ވަޒީފާ އަދާކުރާ ތަންތަނުގައާއި އާންމު މީޑިއާ އަދި ސޯޝަލް މީޑިއާގައި އަންހެނުންނަށް އަމާޒުކޮށް ކުރާ ފުރައްސާރައާއި އަބުރަށް އަރައިގަތުމުގެ މައްސަލަތައް ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)، ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދަށް ސިޓީއެއް ފޮނުއްވައިފި އެވެ.
3 އޮގަސްޓް 2026 ގައި ފުލުހުންނަށް ފޮނުވި މި ސިޓީގައި މެންބަރު ކުޑޫ ވަނީ ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ހިނގާފައިވާ ދެ ހާދިސާއަކަށް އަލިއަޅުއްވާލައްވައި، އެކަންކަން ތަހުގީގުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
މެންބަރު ފާހަގަކުރެއްވި ފުރަތަމަ ހާދިސާއަކީ މާލެ ސިޓީ ކައުންސިލްގެ އަންހެން މުވައްޒަފަކު އޭނާގެ ރަސްމީ ވާޖިބު އަދާކުރަމުން ދަނިކޮށް، މަގުމަތިން ދިމާވި ފިރިހެނަކު އެ މުވައްޒަފަށް ބަހުގެ ހަމަލާދީ ފުރައްސާރަކުރި މައްސަލަ އެވެ. ދެވަނަ ހާދިސާއެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ ކަސްޓަމްސްގެ އަންހެން މުވައްޒަފެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި ބޭނުންކޮށް، އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއް އަޅުވައި، އޭނާގެ އަބުރަށް އަރައިގަނެ ފުރައްސާރަކުރަމުންދާ މައްސަލަ އެވެ.
މިފަދަ އަމަލުތަކަކީ އާންމު ތަނެއްގައި މީހަކަށް ބިރުދެއްކުން ނުވަތަ އުނދަގޫވާނެ ފަދަ ގޮތަކަށް އަމަލުކުރުން ކަމަށްވާތީ، މިއީ ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ ދަށުން ކުށެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ކަންކަން ކަމަށް މެންބަރުގެ ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ. އަދި މިފަދަ ކަންކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅި ދިއުމަކީ ފުލުހުންގެ ގާނޫނީ ޒިންމާ އަދާކުރުމަށް އޮތް ހުރަހެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް މެންބަރު ވިދާޅުވި އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 23 ވަނަ މާއްދާގެ (ރ) އަށް ރިއާޔަތްކުރައްވައި މެންބަރު ވިދާޅުވީ، ކުށެއް ކުރި ކަމަށް ތުހުމަތުކުރެވޭ ހާލަތެއްގައި ނުވަތަ ކުށެއް ހިނގައިފި ކަމަށް ގަބޫލުކުރެވޭ ހާލަތެއްގައި، އަމިއްލަ އިސްނެގުމުގެ މަތިން އެ މައްސަލައެއް ތަހުގީގުކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވާ ކަމަށެވެ. އެހެންކަމުން މިފަދަ މައްސަލަތައް ތަހުގީގުކުރުމަށް ވަކި ފަރާތަކުން މައްސަލަ ހުށަހަޅަންދެން މަޑުކުރަން ނުޖެހޭނެ ކަމަށް ވެސް މެންބަރު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، އަންހެނުންނަށް ކުރާ މިފަދަ ފުރައްސާރަތަކާއި އަބުރަށް އަރައިގަތުމުގެ އަމަލުތަކަކީ މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި، މިފަދަ ކަންކަމަށް ފިޔަވަޅު ނޭޅި ދިއުމަކީ އަންހެނުން ވަޒީފާގެ މާހައުލުގައި މަސައްކަތް ކުރުމަށް އޮތް ބިރުވެރިކަމެއް ކަމަށް މެންބަރު ވިދާޅުވި އެވެ. އަދި ދައުލަތުގެ އިސްވެރިންނާއި ސިޔާސީ ފަރާތްތަކުން މިފަދަ ކަންކަމުގައި ޝާމިލުވުމަކީ މައްސަލައިގެ ސީރިއަސްކަން އިތުރުވާ ކަމެއް ކަމުގައި ވެސް ފާހަގަކުރައްވާފައިވެ އެވެ.
އެހެންކަމުން އަންހެނުންގެ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ފުލުހުންގެ އަސާސީ ވާޖިބެއް ކަމަށްވާތީ، މި މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި، އަވަސް ތަހުގީގެއް ހިންގައިދިނުމަށް އެދިވަޑައިގެންފައިވެ އެވެ.











