"ކައްކާނެ ގޭހެއް ނެތް، ފެނެއް ނާދޭ، މަޝްރޫއުތައް އޮތީ ހުއްޓިފައި": މާއެނބޫދޫ ރައްޔިތުންގެ ކަންބޮޑުވުންތައް ބަންޑުންކޮށްލައިފި!
29 އޯގަސްޓު 2026 | ހޮނިހިރު 17:51ތަކެތީގެ އަގުބޮޑުވެ ޑޮލަރުގެ ތަދިކަން ކުރިމަތިވުމުގެ އިތުރުން، އަސާސީ ޚިދުމަތްތަކާއި ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައި އޮތުމުން ދ. މާއެނބޫދޫ ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި. ބިން ހިއްކުމާއި ފެނުގެ ނިޒާމު ފަދަ މުހިންމު މަސައްކަތްތައް ނުނިމި ދިގުލައިދާތީ، ރަށުގެ އިގުތިސާދީ އަދި އިޖުތިމާއީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅެއް ނާޅާކަމުގެ ޝަކުވާ ރައްޔިތުން އަންނަނީ ކުރަމުން


ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމްގައި ދ. މާއެންބޫދޫ އިން ވާހަކަދެއްކި ކޮންމެ ރައްޔިތަކު ވެސް ވަނީ އެ ރައްޔިތުންގެ ތަކުލީފުތައް ހިއްސާކޮށްފައި | ރާއްޖެއެމްވީ ގްރެފިކްސް
ދ. މާއެނބޫދޫގެ ރައްޔިތުން މިއަދު ތަހައްމަލުކުރަމުންދަނީ އިންތިހާއަށް ދަތި، އުންމީދު ކެނޑިފައިވާ އަދި މާޔޫސްކަމުން ފުރިގެންވާ ދުވަސްތަކެކެވެ. ރަށުގެ އިގްތިސާދީ އަދި އިޖުތިމާއީ ހާލަތު އޮތް ގޮތުން އާންމު ދިރިއުޅުން މުޅިން ބަދަލުވެ، ކޮންމެ ދުވަހަކު ވެސް ރައްޔިތުން ކުރިމަތިލާންޖެހެނީ ބޮޑެތި ގޮންޖެހުންތަކަކާ އެވެ.
ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމްގައި ވާހަކަދެއްކި ކޮންމެ ރައްޔިތަކު ވެސް ވަނީ އެ ރައްޔިތުންގެ ތަކުލީފުތައް ހިއްސާކޮށްފަ އެވެ. ސަރުކާރުގެ ފަރާތުން ރަށުގެ ތަރައްގީއަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަމުގެ ޝަކުވާއާއި އަސާސީ ހިދުމަތްތައް ލިބުމުގައި ހުރި ނިކަމެތިކަން ރައްޔިތުން އަންނަނީ ކެނޑިނޭޅި ހާމަކުރަމުންނެވެ. ރާއްޖޭގެ މުޅި އިގުތިސާދަށް ދިމާވެފައިވާ ހީނަރުކަމާއެކު، މާއެނބޫދޫގައި ކާބޯތަކެތީގެ އަގުތައް ހުރީ އިންތިހާއަށް އުފުލިފަ އެވެ.
ބޭރު ފައިސާ ނުވަތަ ޑޮލަރު ލިބުމުގެ ދަތިކަން ބޮޑުވެ، ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު 22 ރުފިޔާއިން ފެށިގެންގޮސް މިހާރު ވަނީ 23 ރުފިޔާއަށް އަރާފަ އެވެ. ވިޔަފާރިވެރިންނާ އާންމު ރައްޔިތުންނަށް ބޭރަށް ދާންޖެހޭ ހާލަތްތަކުގައި ނުވަތަ މުއާމަލާތްކުރާއިރު ބޭނުންވާ މިންވަރަށް ޑޮލަރު ލިބޭނެ އެއްވެސް މަގެއް ނެތެވެ. މީގެ ނަތީޖާއެއްގެ ގޮތުން ތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވެ، ކުރިން 15 ރުފިޔާއަށް ލިބެމުންދިޔަ އާންމު މުދާ މިހާރު ހުރީ 25 ރުފިޔާއަށްވުރެ މަތީގަ އެވެ.
ކާބޯތަކެތީގެ އަގު އިންތިހާ އަށް ބޮޑުވެއްޖެ. ޑޮލަރުގެ އަގު އިންތިހާ އަށް އަރައިގެން ހިނގައްޖެ. ސަރުކާރުން ބުނަނީ ބޮޑެއް ނުވެއޭ. އެކަމު އަޅުގަނޑުމެން ބަލާލި އިރު 22 ރުފިޔާ އަށް އަޅުގަނޑުމެންނަށް ޑޮލަރެއް ލިބުނީ. މިހާރު 23 އަށް. ކޮންމެ ދުވަހު 20 ލާރި ބޮޑުވަނީ. ބޮޑުވަމުން ބޮޑުވަމުން ގޮސް މިހާރު 23 އަށް. އަތްފޯރާ ހިސާބުގައި ނެތް އެއްވެސް ކަމެއް. ބޭރަށް ދާނެ ޑޮލަރުކޮޅެއް ވެސް އަޅުގަނޑުމެންނަކަށް ނުލިބޭ މިހާރަކު. ތަކެތީގެ އަގު ވެސް އިންތިހާ އަށް ބޮޑު. ކުރީގައި އަޅުގަނޑުމެންނަށް 15 ރުފިޔާ އަށް ލިބޭ އެއްޗެއް މިހާރު މި ލިބެނީ 25 ރުފިޔާ އަށް. ބޮޑެއް ނޫންތޯ. އިހަށް ދުވަހު ވެސް އިނޮކޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ ޑޮލަރުގެ އަގު ބޮޑެއް ނުވެއޭ. ނޫސްވެރިންގެ ކަންތަކާ ހުރެއޭ ޑޮލަރުގެ އަގު ބޮޑުވެގެން މި އުޅެނީމާއެނބޫދޫ އިން ކަންބޮޑުވުން ހިއްސާކުރި ރައްޔިތެއް
ކުރިން 75 ރުފިޔާއަށް ގަތް ކޮފީ ފުޅިއެއް މިހާރު 115 ނުވަތަ 120 ރުފިޔާއަށް އަރާފައިވާއިރު، 115 ރުފިޔާއަށް ލިބެމުން އައި ކިރު ޕެކެޓެއްގެ އަގު ވަނީ 135 ނުވަތަ 140 ރުފިޔާއަށް އުފުލިފަ އެވެ. މިއާއެކު ކުކުޅު ބިހުގެ އަގުގެ މައްސަލަތަކާއި ކައްކަން ބޭނުންވާ ގޭސް ފަދަ އަސާސީ ތަކެތި ނުލިބިގެން 5 މަސް ދުވަސް ވެފައިވާކަމަށް ރައްޔިތުން ފާހަގަ ކުރީ ކަންބޮޑުވުމާއެކުގަ އެވެ.
ލިބޭ އާމްދަނީ އިން އެއްދުވަހުގެ ކެއިންބުއިން ހަމަޖެއްސުމަށް ވެސް މިހާރު ނުކުޅެދޭ ކަމަށް ރައްޔިތުން ބުނެ އެވެ. ހަމައެއާއެކު، ގެތަކުގައި ފެން އިސްކުރު ހަރުކޮށް ހޮޅި ގުޅާފައި ހުރި ނަމަވެސް، ވޭތުވެދިޔަ 3 ނުވަތަ 4 އަހަރު ވެސް އެ އިސްކުރުތަކުން އެއްވެސް ވަރަކަށް ފެން އައިސްފައި ނުވުމަކީ ސަޕްލައި ފެނުގެ ނިޒާމު ހިންގުމުގައި ހުރި ނާގާބިލުކަން ހާމަކޮށްދޭ ކަމެކެވެ.
އަހަރުމެން ގޭގަ އެބަހުރި ފެން އިސްކުރެއް ވެސް. ފެނެއް ނާދޭ. މިހާރު ތިން ހަތަރު އަހަރު ވަނީ. ސަޕްލައި ފެން އަޅާފައި. ސަޕްލައި ފެން ދޭން ހޮޅި ގުޅާފައި، އިސްކުރު ހަރުކޮށްފައި. އެކަމު ފެނެއް ނާދޭ. އެއީ ޕްރޮޖެކްޓުތައް ދާ ދުވެލި. ކައްކަން ބޭނުންވާ ގޭސް ނުލިބިގެން އުޅޭތާ 5 މަސް ވެއްޖެމާއެނބޫދޫ އިން ކަންބޮޑުވުން ހިއްސާކުރި ރައްޔިތެއް
ރަށުގެ ތަރައްގީއަށް ހިންގަން ފެށި އެކި މަޝްރޫއުތައް މުޅިން ހުއްޓިފައި އޮތުމަކީ މާއެނބޫދޫގެ ރައްޔިތުން އެންމެ ބޮޑަށް ހިތާމަކުރާ އެއް ކަންތަކެވެ. ބޯޅަ ދަނޑުތަކުގެ މަސައްކަތާއި އެހެނިހެން ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާއިރު، އެންމެ ބޮޑު ކަންބޮޑުވުމަކީ ބިން ހިއްކުމުގެ މަޝްރޫ އެވެ. 30 ހެކްޓަރުގެ ބިން ހިއްކައިދޭނެ ކަމަށް ބުނެ ވައުދުވެގެން ފެށި މި މަޝްރޫއުގެ ދަށުން ހިއްކާފައިވަނީ އެންމެ 2 ހެކްޓަރެވެ. ބާކީ 28 ހެކްޓަރުގެ ސަރަހައްދު ނުނިމި، މަސައްކަތް މެދުކަނޑާލުމުގެ ސަބަބުން، ހިއްކި ސަރަހައްދު ވަނީ މެދުން ގިރައިގެން ގޮސްފަ އެވެ. ކުރި ހުރިހާ މަސައްކަތެއް ބޭކާރުވެ، އެ ސަރަހައްދުގެ ގޮނޑުދޮށާއި ތިމާވެއްޓަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ރަށުގެ އެއްގަމަށް ވެސް އޭގެ ނޭދެވޭ އަސަރު ވަނީ ކޮށްފަ އެވެ.
ޚާއްސަކޮށް މިއީ ރައްޔިތުން މަސްހިފަން އުޅުނު ސަރަހައްދަކަށްވުމުން، މިއީ އިޖުތިމާއީ އަދި އިގުތިސާދީ ގޮތުން ރަށަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށް އެ ރަށުގެ ރައްޔިތުން ބުނެ އެވެ.
މީގެއިތުރުން، ސިއްހީ ޚިދުމަތްތައް ވެސް އަހަރުން އަހަރަށް ކުރިއަރަން ޖެހޭ މިންވަރަށް ކުރިއަރަމުން ނުދާ ކަމަށާއި ހަމަ އެއްވެސް ކުރިއެރުމެއް ނެތި ރަށް ފަަހަތަށްދާ ކަމުގެ އިހުސާސް ރައްޔިތުންނަށް ކުރެވޭ ކަމަށް ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް ވަނީ ބުނެފަ އެވެ. އެގޮތުން އަންހެނުންނަށް ޚާއްސަކޮށް ބޭނުންވާ އެއްވެސް ފަރުވާއެއް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ވެސް ރައްޔިތުން ވަނީ އިންތިހާ އަށް ފާޅުކޮށްފަ އެވެ.
ވަރަށް މާޔޫސް ވެފަ މިތިބީ ރައްޔިތުން. އަސްލުގަ ސިއްހީ ޚިދުމަތްތައް ވެސް ކުރި އަރަން ވާ ވަރަކަށް ނާރާ. އަހަރުން އަހަރަށް. ކުރިއަރަން ޖެހޭ މިންވަރަކަށް ކަންކަން ރަނގަޅެއް ނުވޭމާއެނބޫދޫ އިން ކަންބޮޑުވުން ހިއްސާކުރި ރައްޔިތެއް
ރަށް ކުރިއަރައި ދަނީ ރަށަށް އަރައި ފައިބާ މީހުން އިތުރުވެ، އެކި ވަސީލަތްތައް ގާއިމުވެގެން ކަމުގައިވީ ނަމަވެސް، މިއަދު މާއެނބޫދޫގައި އޮތީ އެއްވެސް ކުރިއެރުމެއް ނެތި ހުއްޓިފައިވާ ހާލަތެކެވެ. ރަނގަޅު އެއްވެސް ކަމެއް ނެތްކަމަށް ބުނެ، މިހާރު ރައްޔިތުން ތިބީ އިންތިހާއަށް މާޔޫސްވެ، މިކަމަށް އަވަސް އަދި ހައްލު ހޯދައިދޭނެ ފަރާތެއް ނެތި ކަންބޮޑުވުން ފާޅުކުރަމުންދާ ހާލުގަ އެވެ. ރައްޔިތުން ފާހަގަކުރާ ގޮތުގައި މާއެނބޫދޫގެ މި ހާލަތު ބަދަލު ކުރެވޭނީ މި ވެރިކަމަށް ނިމުމެއް ގެނެސްގެންނެވެ.









