ފިރިމީހާ ޚަރަދުކޮށްދޭތީ ކޮންމެ ދުވަހަކު ތޭންކްސް ބުނަންވީތަ؟
25 ޖުލައި 2026 | ހޮނިހިރު 14:18ވެރިންނަކީ ރައްޔިތުންނަށް ޚިދުމަތްކުރަން ތިބޭ ބައެއް. ރައްޔިތުންނަކީ ވެރިންނަށް ޚިދުމަތްކުރަން ތިބޭ ބައެއް ނޫން. އެހެންކަމުން ތާރު އެޅި މަގެއް ޕްރޮމޯޓު ކުރުމަށް ބިދޭސީން ލައްވައި ވީޑިއޯ ހަދައި ޕްރޮމޯޓް ކުރުވަން ޖެހޭބާ؟ އެވަރުން ވެސް ނުވެގެން ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްގީކުރި ސަރަހައްދު ޕްރޮމޯޓު ކުރުމަށްޓަކައި، ސިފައިންގެ މައި މަރުކަޒު ކަމަށްވާ ބަންޑާރަކޮށި މަތިން ފެންނަ ގޮތަށް ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތަކެއް އާންމުކޮށް ގައުމު ނުރައްކަލަކަށް ވެސް ވައްޓާލާކަށް ނުޖެހޭ. މިހާރުގެ ބަހުން ނަމަ ރައީސް އެ ކޮށްދެއްވީ އަދި "ބެއަރ މިނިމަމް"


އަލަށް ތަރައްގީކުރި ބޮޑުތަކުރުފާނު މަގު ރަސްމީކޮށް އާންމުންނަށް ހުޅުވާލުން | އެމްޓީސީސީ
މާލޭ ރިންގްރޯޑް އިތުރަށް ފުޅާކޮށް ތާރުއަޅައި ތަރައްގީކުރުމުގެ މަޝްރޫޢަކީ ރައްޔިތުންނަށް ކޮށްދެވޭ މާ ބޮޑު ހެޔޮކަމެއްގެ ގޮތުގައި ދައްކައި، އެކަމާ ގުޅިގެން ސަރުކާރުން ބޮޑެތި ރަސްމިއްޔާތުތައް ބާއްވައި އުފާފާޅުކުރާތީ ހިތަށް އަރަ އެވެ. މިއީ ދައުލަތުގެ ބަޖެޓުންނާއި ރައްޔިތުން އަތުން ނަގާ ޓެކްސް ފައިސާ އިން ޚަރަދުކޮށްގެން ސަރުކާރުން އަދާކުރަންޖެހޭ އަސާސީ މަސްއޫލިއްޔަތަކަށް ވާއިރު، މިފަދަ އާދައިގެ ތަރައްގީގެ ކަންކަމަށް ވެސް ކުލަގަދަކޮށް ސަނާކިޔުން ހަމަ މަޖުބޫރީ ހެއްޔެވެ؟
މި މަޝްރޫއުގެ ފެށުމަށް ބަލާއިރު، މާލޭ ރިންގްރޯޑް ފުޅާކޮށް ތާރުއަޅަން ފެށިފައިވަނީ ކުރީގެ ރައީސް އަބްދުުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގަ އެވެ. އޭރު މާލޭގެ ދެކުނު ފަރާތާއި އިރުމަތީ ފަރާތުން ގޮސް ފެރީ ޓަރމިނަލާ ހިސާބަށް އެ މަސައްކަތް ކޮށްފައި އޮތުމުގެ ސަބަބުން، ކުރިން ހަނިކޮށް އޮތް ކާރޫބާރޫ ބޮޑު އެ މަގު ފުޅާވެގެން ދިއުމުން ރައްޔިތުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެން ދިޔަ އެވެ. އޭގެ ފަހުން އެ ހިސާބުން ގޮސް އެމްޕީއެލްއާ ހިސާބަށް މަސައްކަތް ގޮސްފައިވާއިރު، މިހާރު ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް 700 މީޓަރުގެ ސަރަހައްދެއްގައި ތާރުއަޅައި ތަރައްގީކޮށްފައިވަނީ މި ސަރުކާރުންނެވެ.
ރަނގަޅު ކަމެއް ވިއްޔާ ރަނގަޅޭ ބުނަންވާނެ އެވެ. ރަނގަޅެވެ. އެއީ ރަނގަޅު ކަމެކެވެ. ރައްޔިތުންނަށް ވީ ވަރަށް ބޮޑު ފަސޭހަ އެކެވެ. އެހެން ނަމަވެސް ކަންކަން ނުކޮށްގެން އަބަދު ފާޑުކިޔަންޏާ ކަންކަން ކުރީމަ ޝުކުރު ވެސް އަދާކުރަން ވާނެ ކަމަށް މި ސަރުކާރުން ދަނީ ބުނަމުންނެވެ. އެހެން ނަމަވެސް ސުވާލަކީ ޝުކުރު އަދާކުރަންވީ ކޮން ކަމަކާ ހެއްޔެވެ؟ މިފަދަ ކަމެއް ކޮށްދިނުމަކީ ރައީސަށް ޝުކުރު އަދާކުރަން މަޖުބޫރުވާ ކަމެއް ކަމަށް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ބުނާ އިރު ވެރިކަމާ ހަވާލުވެވަޑައިގެން ހުންނެވިއްޔާ ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަކީ ރައީސްގެ ވާޖިބެއް ނޫން ހެއްޔެވެ؟
މީގެ ކުރިން ވެސް ސަރުކާރުތަކެއް އައިސް ގޮސްފި އެވެ. ގައުމަށް އެތައް ކަންތައްތަކެއް ކޮށްދީފި އެވެ. އެކި ވެރިކަމުގައި އެކި ފަސޭހަތެކެވެ. ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށް ކުރި މަސައްކަތުން ފެށިގެން ގޮސް، މަގުތަކުގައި ހިނގުމާ ހަމައަށް ކޮށްދިން ފަސޭހަތަކެވެ. ރައީސް ޔާމީނުގެ ދައުރުގައި މާލެއާއި ހުޅުމާލެ ބްރިޖަކުން ގުޅުވައިލިއިރު، ރައީސް ސޯލިހުގެ ވެރިކަމުގައި ހިލޭ ޑިގްރީއަށް ކިޔަވައިދޭން ފެށި އެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި 65 އަހަރުގެ މީހުންނަށް އިނޔަތާއި، ފޮތްފަންސޫރާ، އާސަންދަ ފަދަ ކަންކަން ދޭން ފެށިއިރު، ރައީސް މައުމޫނުގެ ވެރިކަމުގައި ކޮންމެ އަތޮޅެއްގައި އަތޮޅު ތައުލީމީ މަރުކަޒަކާއި އަތޮޅު މަދަރުސާއެއް އަޅައި، ޖަޕާނުގެ އެހީގައި ސްކޫލުތައް އަޅައިގެން ކިޔަވައިދޭން ފެށި އެވެ. އޭގެ ކުރިން ރައީސް ނާސިރުގެ ދައުރުގައި ދޯނީގައި އިންޖީނު އެޅުމާއި ޓޫރިޒަމް ފެށިއިރު، މާލޭގައި އިސްލާމީ މަރުކަޒު އެޅުއްވީ ރައީސް މައުމޫނެވެ.
އެންމެ އަސާސީ ކަންކަން ކޮށްދިނުމުން ވެސް ރައީސަށް ޝުކުރު އަދާކޮށް ސަނާ ކިޔަން ޖެހޭ ކަމަށް ބުނާއިރު އެކަން ކޮށްދެއްވީ ރައީސް މުއިއްޒުގެ އަމިއްލަ ޖީބުން ނުވަތަ އަމިއްލަ މުސާރަ އިން ޚަރަދުކޮށްގެނެއް ނޫނެވެ. އެއީ ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން ކުރާ ކަންކަމެވެ. އަދި ރައީސް މުއިއްޒަށް ލިބޭ މުސާރަ އަކީ ވެސް ދައުލަތުން ކުރާ ޚަރަދެކެވެ. މުސާރައިގެ އިތުރުން ދިރިއުޅުއްވާނެ ގެއާއި، ކެއުމާއި ބުއިމާއި، ބޭސްފަރުވާއާއި، ސެކިއުރިޓީގެ އިތުރުން މުޅި އާއިލާގެ ހުރިހާ ޚަރަދެއް ބަލަހައްޓަނީ ވެސް ރައްޔިތުންގެ ފައިސާއިންނެވެ. އަދި ވެރިކަމުން ފޭބުމުން ބޮޑެތި އިނާޔަތްތައް ވެސް ހަމަޖެހިގެންދާއިރު އެކަން ވެސް ކޮށްދެނީ ހަމަ ރައްޔިތުންގެ ފައިސާ އިންނެވެ.
ދެންވެސް ނުކަތާ ވަރަށް ވައުދުވެގެން ވެރިކަމަށް އައިސް ރައްޔިތުންނަށް ޚިދުމަތް ކުރަން ހުންނަ މީހަކު ރައްޔިތުންނަށް ކަމެއް ކޮށްދިނީމާ އެކަމުގެ ވާހަކަ 24 ގަޑިއިރު ދައްކައި، އެކަން ފާހަގަކޮށް، ހަވާއަރުވާ، އަތްތިލަބަޑި ޖަހާކަށް ނުޖެ އެވެ. މި ހުރިހާ ކަމެއް ކޮށްދީގެން ވެރިކަމުގައި ބަހައްޓާ މީހަކު ރައްޔިތުންނަށް ފަސޭހަ ކޮށްދޭކަށް ނުޖެހޭނެ ތޯ އެވެ؟
މިސާލަކަށް މީހަކާ އިނދެގެން އުޅޭއިރު، ފިރިއަކު އޭނާގެ އަންހެނުންނަށް ޚަރަދުކުރީމަ ކޮންމެ ދުވަހަކު އެ އަންހެން މީހާ ތޭންކްސް ބުނާނެ ހެއްޔެވެ؟ ހަނޑޫ ކިލޯއެއް ގެޔަށް ގަނެދިނީމަ ތެންކްޔޫ އޭ ބުނާނެ ހެއްޔެވެ؟ ނުބުނާނެ އެވެ. އެއީ ފިރިމީހާ އޭނާގެ ވާޖިބު އަދާކުރަނީ ކަމަށްވާތީ އެވެ. ވެރިންނަކީ ރައްޔިތުންނަށް ޚިދުމަތްކުރަން ތިބޭ ބައެކެވެ. ރައްޔިތުންނަކީ ވެރިންނަށް ޚިދުމަތްކުރަން ތިބޭ ބައެއް ނޫނެވެ. އެހެންކަމުން ބިދޭސީން ލައްވައި މިވަރުން ނުވެގެން ވީޑިއޯ ހަދައި ޕްރޮމޯޓް ކުރުވާކަށް ވެސް ނުޖެހެ އެވެ. އެވަރުން ވެސް ނުވެގެން ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްގީކުރި ސަރަހައްދު ޕްރޮމޯޓު ކުރުމަށްޓަކައި، ސިފައިންގެ މައި މަރުކަޒު ކަމަށްވާ ބަންޑާރަކޮށި މަތިން ފެންނަ ގޮތަށް ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތަކެއް އާންމުކޮށް ގައުމު ނުރައްކަލަކަށް ވެސް ވައްޓާލާކަށް ނުޖެހެ އެވެ. މިހާރުގެ ބަހުން ނަމަ ރައީސް މުއިއްޒު އެ ކޮށްދެއްވީ އަދި "ބެއަރ މިނިމަމް" އެވެ.









