އޮސްޓްރޭލިއާ-ރާއްޖެ ސީދާ ދަތުރުތައް މިއަހަރު ދާއިމީކޮށް ކުރިއަށް ގެންދަން ނިންމައިފި
28 އޯގަސްޓު 2026 | ހުކުރު 10:28އޮސްޓްރޭލިއާގެ މެލްބަން އާއި ރާއްޖެއާ ދެމެދު މޯލްޑިވިއަން އާއި ލަކްޒަރީ އެސްކޭޕްސް ގުޅިގެން ފެށި ސީދާ ދަތުރުތަކަށް ބޮޑު ތަރުހީބެއް ލިބުމާ ގުޅިގެން، މި ޚިދުމަތް ދާއިމީކޮށް ކުރިއަށް ގެންދަން ނިންމައިފި. ފްލައިޓްތަކުގެ 90 އިންސައްތަ ސީޓު ފުރިގެން ދަތުރުކުރަމުންދާ މި ދަތުރުތަކުގެ ސަބަބުން، އޮސްޓްރޭލިއާގެ ފަތުރުވެރިންނަށް އެހެން ގައުމުތަކުގައި މަޑުނުކޮށް ފަސޭހަކަމާއެކު ރާއްޖެ އައުމުގެ ފުރުސަތު ވަނީ ފަހިވެފައި

މޯލްޑިވިއަން އެއަރލައިންގެ މަތިންދާބޯޓެއް އުދުއްސާލަނީ | ޖޭމްސް ޑީ މޯގަން
މިއީ ވަގުތީ ގޮތުން ފެށި ޓެސްޓު ދަތުރުތަކެއް ނަމަވެސް، އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކުރާ ސީދާ ދަތުރުތަކަށް ލިބުނު ބޮޑު ތަރުހީބާއެކު، 2027 ވަނަ އަހަރު މި ދަތުރުތައް ދާއިމީ ދަތުރުތަކަކަށް ހެދުމަށް ނިންމައިފި އެވެ.
ހަތަރު މަސްދުވަހުގެ މުއްދަތަށް މެލްބަން އާއި މާލެއާ ދެމެދު ކުރި ޓެސްޓު ދަތުރުތަކަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން، ލަކްޒަރީ އެސްކޭޕްސް އާއި މޯލްޑިވިއަން އެއާލައިނުން ވަނީ މަދުވެގެން ކުރިއަށް އޮތް އެއް އަހަރު ދުވަހަށް މި ޚިދުމަތް ކުރިއަށް ގެންދާނެކަން އިއުލާންކޮށްފަ އެވެ.
ކެމްބެރާޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ލަކްޒަރީ އެސްކޭޕްސްގެ ޗީފް އެގްޒެކެޓިވް އެޑަމް ޝްވާބް ވިދާޅުވީ، މާލެއަށް ގަވައިދުން ބާއްވާ މި ދަތުރުތަކުގެ ސަބަބުން އޮސްޓްރޭލިއާގެ ބޭރުގެ ދަތުރުފަތުރުގެ ނެޓްވޯކުގައި އޮތް ބޮޑު ހުސްކަމެއް ފޫބެދިގެން ގޮސްފައިވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، މި ދަތުރުތައް އިއުލާންކުރުމާއި ފެށުމާ ދެމެދު ލިބުނީ ވަރަށް ކުރު މުއްދަތެއް ކަމަށާއި، ނަމަވެސް "ޚިދުމަތް ފަށައިފިނަމަ ފަތުރުވެރިން އަންނާނެ" ކަމަށް ބަލައި ކުރި މި މަސައްކަތް ކާމިޔާބުވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ހީކުރި ވަރަށް ވުރެ މާ ގިނަ އަދަދެއްގެ މީހުން މި ދަތުރުތަކުގައި ބައިވެރިވި،" އޭނާ ވިދާޅުވި އެވެ.
ޕްރޮމޯޝަނަލް ފެއާގެ ދަށުން ކުރިން ދޫކުރި 100 ޑޮލަރުގެ ޓިކެޓްތައް މިހާރު ހުސްވެފައިވީ ނަމަވެސް، މި ސީދާ ދަތުރުތަކުގެ ސަބަބުން ސިންގަޕޫރު ނުވަތަ މެދުއިރުމަތީގައި މަޑުކުރަންޖެހޭ ވަގުތުތައް ސަލާމަތްކޮށް، ފަސޭހަކަމާއެކު ދަތުރުކުރުމުގެ ފުރުސަތު ފަތުރުވެރިންނަށް މިހާރު ވަނީ ފަހިވެފަ އެވެ.
ދަތުރާއި ހުރުން ހިމެނޭ ޕެކޭޖްތައް މީހަކަށް 2399 އޮސްޓްރޭލިއަން ޑޮލަރުން ފެށޭއިރު، ވަކިން ގަންނަ އިކޮނޮމީ ކްލާހުގެ ދެކޮޅު ޓިކެޓްގެ އަގު ފެށެނީ 1429 އޮސްޓްރޭލިއަން ޑޮލަރަށެވެ.
ލަކްޒަރީ އެސްކޭޕްސް އާއި މޯލްޑިވިއަން އެއާލައިން ގުޅިގެން މި ދަތުރުތައް ފަށާފައިވަނީ 2026 ވަނަ އަހަރުގެ މޭ މަހުގަ އެވެ. މިއީ އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެއާ ދެމެދު ކުރާ ފުރަތަމަ އަދި ހަމައެކަނި ސީދާ ދަތުރުތަކެވެ.
މި ޓެސްޓު ދަތުރުތައް ކާމިޔާބުވެފައިވާއިރު، ފްލައިޓްތަކުގެ 90 އިންސައްތަ ސީޓު ވަނީ ފުރިފަ އެވެ. އަދި ބިޒްނަސް ކްލާހުގެ ޓިކެޓްތައް ވަނީ ވަރަށް އަވަހަށް ވިކި ހުސްވެފަ އެވެ.
މި ދަތުރުތަކުގައި ބޭނުންކުރަނީ މޯލްޑިވިއަންގެ އޭ330-200 (A330-200) މަރުކާގެ ބޯޓެކެވެ. މީގައި ބިޒްނަސް ކްލާހާއި އިކޮނޮމީ ކްލާސް ހިމެނޭހެން ޖުމްލަ 263 ސީޓު ހުރެ އެވެ. މީގެ އިތުރުން ފައި ދަމާލަން ފަސޭހަ "އިކޮނޮމީ ޕްލަސް" ސީޓުތައް ވެސް މި ބޯޓުގައި ހުރެ އެވެ.
މެލްބަން އެއާޕޯޓުގެ ޗީފް އެގްޒެކެޓިވް ލޯރީ އާގަސް ވިދާޅުވީ، މި ދަތުރުތައް މެދުނުކެނޑި ކުރިއަށް ގެންދަން ނިންމުމަކީ މުޅި އޮސްޓްރޭލިއާގެ ފަތުރުވެރިންނަށް ލިބުނު ވަރަށް އުފާވެރި ޚަބަރެއް ކަމަށެވެ.
"މެލްބަން އިން ރާއްޖެއަށް ކުރާ ސީދާ ދަތުރުތަކަށް އޮސްޓްރޭލިއާގެ ފަތުރުވެރިންގެ ބޮޑު ތަރުހީބެއް ލިބުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
މަސްދަރު: ކެމްބެރާޓައިމްސް










