މޯލްޑިވިއަން އިން ޓްވިން އޮޓާ ކްލެސިކް 300-ޖީ ގެ ދެ މަތިންދާ ބޯޓު ގަތުމަށް ސޮއިކޮށްފި
ރާއްޖޭގެ ގައުމީ އެއަރލައިން، މޯލްޑިވިއަންގެ ފްލީޓަށް ޒަމާނީ "ޓްވިން އޮޓާ ކްލެސިކް 300-ޖީ" މަރުކާގެ ދެ ބޯޓު އިތުރުކުރުމަށް ކެނެޑާގެ ޑީ.އެޗް.ސީ ކުންފުންޏާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި. ޑި ހެވިލަންޑުން ނެރުނު ބަޔާނެއްގައި ބުނީ މިއީ ދުނިޔޭގައި އެންމެ ގިނައިން ޓްވިން އޮޓާ ބޯޓުތައް ބޭނުންކުރާ ދިވެހިރާއްޖެ އަށް، މި މަރުކާގެ އައު ބޯޓުތައް ގެންނަ ފުރަތަމަ ފަހަރު ކަމަށް.

ޑީއެޗްސީ-6 ޓްވިން އޮޓަރ ކްލެސިކް 300-ޖީ ގެ މަތިންދާބޯޓު | ޑިހެވިލަންޑް
ކެނެޑާގެ ޑި ހެވިލަންޑް އެއަރކްރާފްޓް އޮފް ކެނެޑާ ލިމިޓެޑް (ޑީ.އެޗް.ސީ) އާއި ދިވެހިރާއްޖޭގެ ގައުމީ އެއަރލައިން، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (މޯލްޑިވިއަން) އާ ދެމެދު ދެ "ޑީ.އެޗް.ސީ-6 ޓްވިން އޮޓާ ކްލެސިކް 300-ޖީ" މަރުކާގެ ބޯޓު ގަތުމަށްޓަކައި ލެޓަރ އޮފް އިންޓެންޓް (އެލް.އޯ.އައި) އެއްގައި މިއަދު ސޮއިކޮށްފި އެވެ.
ސޮއިކުރުން އޮތީ އިނގިރޭސިވިލާތުގައި މިހާރު ކުރިއަށްދާ ފާންބަރޯ އެއަރޝޯގަ އެވެ.
ޑި ހެވިލަންޑުން ނެރުނު ބަޔާނެއްގައި ބުނީ މިއީ ދުނިޔޭގައި އެންމެ ގިނައިން ޓްވިން އޮޓާ ބޯޓުތައް ބޭނުންކުރާ ދިވެހިރާއްޖެއަށް، މި މަރުކާގެ އައު ބޯޓުތައް ގެންނަ ފުރަތަމަ ފަހަރެވެ.
ވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައި ދިވެހިރާއްޖޭގެ ރަށްތަކުގެ މެދުގައި ދަތުރުފަތުރު ކުރުމުގައި ޓްވިން އޮޓާ ބޯޓުތަކަކީ އެންމެ މުހިންމު ދައުރެއް އަދާކުރާ ވަސީލަތެވެ. ދުނިޔޭގައި އޭވިއޭޝަންގެ ދާއިރާއިން އެންމެ ގޮންޖެހުން ބޮޑު އެއް މާހައުލުގައި ދަތުރުފަތުރުގެ ޚިދުމަތް ދެމުންދާ އޮޕަރޭޓަރަކަށް، މި މަޝްހޫރު ބޯޓުގެ އެންމެ ފަހުގެ ޒަމާނީ މޮޑެލް ކަމަށްވާ "ޓްވިން އޮޓާ ކްލެސިކް 300-ޖީ" ތައާރަފުކުރުމަކީ، ރާއްޖޭގެ އޭވިއޭޝަން ތާރީޚުގައި ފެށިގެންދާ އައު ބާބެއް ކަމަށް ބަޔާނުގައިވެ އެވެ.
"ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ޓްވިން އޮޓާ ބޯޓުތަކުގެ މަރުކަޒެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ގައުމެއް،" ޑި ހެވިލަންޑް ކެނެޑާގެ ވައިސް ޕްރެޒިޑެންޓް އޮފް ސޭލްސް ރަޔަން ޑިބްރަސްކް ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ، ދުނިޔޭގައި ޓްވިން އޮޓާގެ އެންމެ ބޮޑު މާކެޓަކީ ރާއްޖެ ކަމަށްވާއިރު، މި ލެޖެންޑަރީ ބޯޓުގެ އައު ޖީލު ތައާރަފުކުރުމަށް ރާއްޖެއަށްވުރެ ވަކިން ރަނގަޅު ތަނެއް ނެތް ކަމަށެވެ. އަދި އައިލެންޑް އޭވިއޭޝަނަކީ ރާއްޖޭގައި މި ބޯޓުތައް ބޭނުންކުރާ ފުރަތަމަ އެއަރލައިނަށް ވެގެންދިއުމަކީ، ރާއްޖޭގެ ރަށްތަކާއި އާބާދީތައް ގުޅުވައިދިނުމަށް އެ ކުންފުންޏާއެކު އޮތް ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
"ޓްވިން އޮޓާ ކްލެސިކް 300-ޖީ" އަކީ އެ ބޯޓުގެ އިތުބާރާއި، އެކި ހާލަތްތަކުގައި ބޭނުންކުރެވޭ ފަސޭހަކަމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ބޯޓެކެވެ. މި ބޯޓުގައި އެންމެ ފަހުގެ ޒަމާނީ އޭވިއޯނިކްސް ސިސްޓަމްތަކާއި، ފަސިންޖަރުންނަށް އިތުރަށް ފަސޭހަތައް ލިބޭނެ ފަދަ ބަދަލުތަކުގެ އިތުރުން، ބޯޓު މަރާމާތުކޮށް ބެލެހެއްޓުމުގައި ލުއިފަސޭހަ ގޮތްތަކެއް ހިމަނާފައިވަނީ މިހާރުގެ އޮޕަރޭޓަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށްގެން ކަމަށް ކުންފުނިން ބުނެ އެވެ.
"ދިވެހިރާއްޖޭގައި ޓްވިން އޮޓާ ކްލެސިކް 300-ޖީ ބޯޓު ތައާރަފުކުރާ ފުރަތަމަ އެއަރލައިނަށް އަޅުގަނޑުމެން ވެގެންދިއުމަކީ ފަޚުރުވެރިވާ ކަމެއް،" އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް އިޔާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ޓްވިން އޮޓާ ބޯޓުތަކަކީ ވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައި ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ މުހިންމު ބައެއް ކަމަށާއި، މި އައު ޖީލުގެ ބޯޓުތަކުގެ ސަބަބުން، ބޯޓުގެ ޒަމާނީ ޓެކްނޮލޮޖީއާއި އޮޕަރޭޝަނަލް ކުރިއެރުންތަކާއެކު، ފަސިންޖަރުން އެދޭ ފަދަ އިތުބާރު ހުރި ޚިދުމަތެއް ދެމެހެއްޓުމަށް މަގުފަހިވެގެންދާނެ އެވެ.
"ޓްވިން އޮޓާ ކްލެސިކް 300-ޖީ" ބޯޓުގައި އޮޕަރޭޓަރުން އެންމެ ބޮޑަށް ބަރޯސާވާ މުހިންމު ސިފަތައް ކަމަށްވާ، ކުރު ރަންވޭތަކުން ނައްޓާލުމާއި ޖެއްސުމުގެ (STOL) ގާބިލުކަމާއި، ދުނިޔޭގެ އެންމެ އުނދަގޫ މާހައުލުތަކުގައި އޮޕަރޭޓްކުރުމުގެ ގާބިލުކަން ދަމަހައްޓާފައިވާ ކަމަށް ބޯޓު އުފައްދާ ކުންފުނިން ވަނީ ބުނެފަ އެވެ. މީގެ އިތުރުން، ބޯޓުގެ ބަރުދަން ލުއިކުރުމުގެ ސަބަބުން ގިނަ އަދަދެއްގެ ފަސިންޖަރުންނާއި މުދާ އުފުލުމުގެ ޖާގަ އިތުރުވެ، ބޯޓު ދުއްވުމަށް ހިނގާ ޚަރަދު ކުޑަވެގެންދާނެ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް 1,000 އަށްވުރެ ގިނަ ޓްވިން އޮޓާ ބޯޓު ބޭނުންކުރަމުންދާއިރު، އާކްޓިކް ސަރަހައްދުތަކުން ފެށިގެން ފަރުބަދަަމަތީ ސަރަހައްދުތަކާއި ޓްރޮޕިކަލް ޖަޒީރާ ރަށްތަކާ ހަމައަށް މި ބޯޓުތައް ދަނީ ބޭނުންކުރަމުންނެވެ. ނަމަވެސް، މި ބޯޓުގެ އެންމެ ބޮޑު ފްލީޓެއް ފެންނަން އޮތީ ދިވެހިރާއްޖޭގަ އެވެ.









