ނޯވޭގެ ރަސްގެފާނު ހަރަލްޑް ފަސްވަނަ އަވަހާރަވެއްޖެ
28 އޯގަސްޓު 2026 | ހުކުރު 09:02ނޯވޭގެ ރަސްކަމުގެ ނިޒާމު ޒަމާނީކުރައްވައި ރައްޔިތުންގެ ބޮޑު ލޯތްބެއް ހޯއްދެވި ހެރަލްޑް ފަސްވަނަ އަވަހާރަވުމާ ގުޅިގެން، ރަސްކަމުގެ ޒިންމާތަކާ ދަރިކަލުން ހާކޮން މިހާރު ވަނީ ހަވާލުވެވަޑައިގެންފަ އެވެ. އާއިލީ ބައެއް ގޮންޖެހުންތަކާއި ޝާހީ އާއިލާއަށް އޮތް ތާއީދު ކުޑަވަމުންދާ ދަނޑިވަޅެއްގައި އާ ރަސްގެފާނު މަގާމާ ހަވާލުވެވަޑައިގަތް ނަމަވެސް، ގައުމު އެއްބައިވަންތަކުރުމުގައި އަވަހާރަވި ރަސްގެފާނު ގެންގުޅުއްވި އުސޫލުތައް ދަމަހައްޓަވާނެ ކަމަށް ބެލެވޭ

ނޯވޭގެ އޮސްލޯގައި 2024 މޭ 14 ވީ އަންގާރަ ދުވަހު، ޑެންމާކުގެ ރަސްގެފާނާއި ރާނީއަށް މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތުގައި ނޯވޭގެ ރަސްގެފާނު ހަރަލްޑް ބައިވެރިވެވަޑައިގަންނަވަނީ | ގެޓީ އިމޭޖަސް
ނޯވޭގެ ރަސްގެފާނު ހަރަލްޑް ފަސްވަނަ، އުމުރުފުޅުން 89 އަހަރުގައި އަވަހާރަވެއްޖެ އެވެ. އެމަނިކުފާނު އަވަހާރަވީ ލޭގެ ނާދިރު ބައްޔަކަށް ފަރުވާ ހޯއްދެވުމަށް މިދިޔަ ހަފުތާގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނިކޮށެވެ.
އޮސްލޯގައި ހުންނަ ޝާހީ ގަނޑުވަރުން ހާމަކުރި ގޮތުގައި، ރަސްގެފާނު އަވަހާރަވީ ހުކުރު ދުވަހުގެ ހެނދުނު ނޯވޭ ގަޑިން 06:35 ހާއިރު، އޮސްލޯގެ ނޭޝަނަލް ހޮސްޕިޓަލުގަ އެވެ. އެމަނިކުފާނު އަވަހާރަވުމާ ގުޅިގެން، ގަނޑުވަރުގެ ޝާހީ ދިދަ ވަނީ ބައިދަނޑިއަށް ތިރިކޮށްފަ އެވެ.
ރަސްގެފާނު އަވަހާރަވުމުގެ 24 ގަޑިއިރު ކުރިން، ޝާހީ އާއިލާގެ މެންބަރުން ވަނީ އެމަނިކުފާނަށް ޒިޔާރަތްކުރައްވާފަ އެވެ. އަދި ގިނަ އަދަދެއްގެ އާންމުން ވަނީ ގަނޑުވަރުގެ ދޮރުމަތީގައި މާބޮނޑިތައް ބަހައްޓާފަ އެވެ.
ހަރަލްޑް އަކީ 14 ވަނަ ގަރުނަށްފަހު ނޯވޭއަށް އުފަންވި އެ ގައުމުގެ ފުރަތަމަ ރަސްގެފާނެވެ. އެމަނިކުފާނު އަވަހާރަވުމާ ގުޅިގެން ރަސްކަމާ ހަވާލުވެވަޑައިގަންނަވާނީ ދަރިކަލުން، އުމުރުފުޅުން 53 އަހަރުގެ ހާކޮން އެވެ. ހާކޮން ހުކުރު ދުވަހުގެ ފަހުގެ ވަގުތެއްގައި ސަރުކާރާއެކު ދައުލަތުގެ ޚާއްސަ މަޖިލީހެއް ބާއްވަވާނެ އެވެ.

ނޯވޭގެ އޮސްލޯގައި 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ނަގާފައިވާ މި ރަސްމީ ފޮޓޯއިން (ކަނާތުން ވާތައް) ފެންނަނީ، ނޯވޭގެ ރަސްގެފާނު ހަރަލްޑް ފަސްވަނަ އާއި، ރާނީ ސޯންޔާގެ އިތުރުން، ވަލީއަހުދު ހާކޮން އާއި އޭނާގެ އަނބިކަނބަލުން ޕްރިންސެސް މެޓޭ-މާރިޓް އެވެ. މިއީ ނޯވޭގެ ޝާހީ ގަނޑުވަރުން އާންމުކޮށްފައިވާ ފޮޓޯއެއް | ގެޓީ އިމޭޖަސް
އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ ވަނީ މި ހިތާމަވެރި ދަނޑިވަޅުގައި އިޚްލާޞްތެރި ތައުޒިޔާ ފޮނުއްވާފަ އެވެ. އަދި ސްވިޑަންގެ ރަސްގެފާނު ކާލް 16 ވަނަ ގުސްތާފް، ހަރަލްޑް ސިފަކުރެއްވީ އެމަނިކުފާނަށާއި އާއިލާއަށް އަދި ސްވިޑަންއަށް ވެސް ހުރި ވަރަށް ގާތް އެކުވެރިއެއްގެ ގޮތުގަ އެވެ. މީގެ އިތުރުން، އެމަނިކުފާނުގެ ދަރިކަލުން ހާކޮންއަށް ރަސްކަމުގައި ކާމިޔާބީއަށް އެދިވަޑައިގަތެވެ.
35 އަހަރުގެ ދިގު ރަސްކަމަކަށްފަހު، ހަރަލްޑް ބެލެވިފައިވަނީ ރަސްކަމުގެ ނިޒާމު ޒަމާނީކުރެއްވި، އާންމުންގެ މެދުގައި މަގުބޫލު ޝަޚްސިއްޔަތެއްގެ ގޮތުގަ އެވެ. އެމަނިކުފާނަކީ ޝާހީ އާއިލާއިން ބޭރުގެ އާންމު މީހަކާ ކައިވެނި ބައްލަވައިގަނެ، ޒަމާންވީ އުސޫލުތައް ބަދަލުކުރެއްވި ބޭފުޅެކެވެ. އަދި ނޯވޭއަށް ދިމާވި އެންމެ ދަތުރު އުނދަގޫ ވަގުތުތަކުގައި ގައުމު އެއްބައިވަންތަކޮށްދެއްވި ލީޑަރެކެވެ.
ޝާހީ ކަންކަން ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އެމަނިކުފާނަކީ އާންމުންނާ ގާތް ގުޅުމެއް ބޭއްވި، އިހުތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެމަނިކުފާނުގެ ބައްޕާފުޅު އޮލާވް ފަސްވަނައެކޭ އެއްފަދައިން، ހަރަލްޑްއަށް ވެސް "ރައްޔިތުންގެ ރަސްގެފާނު" ގެ ލަގަބު ދީފައިވެ އެވެ.
2011 ވަނަ އަހަރު އޮސްލޯއަށާއި އުޓޯޔާ އަށް ދިން ބޮމުގެ އަދި ބަޑީގެ ހަމަލާތަކާ ގުޅިގެން، ހަރަލްޑް ވަނީ ބިރުވެރިކަމަށް ފުރުސަތު ނުދީ، އެކަކު އަނެކަކަށް އެހީތެރިވުމަށް ނޯވޭގެ ރައްޔިތުންނަށް އިލްތިމާސްކުރައްވާފަ އެވެ.
ފަހުގެ ތާރީޚެއްގައި ހަރަލްޑްއާއި އާއިލާއަށް ސިއްހީ ގޮތުންނާއި އަދި ބައެއް ފަޟީހަތްތަކާ ކުރިމަތިލައްވަން ޖެހުނެވެ. ޚާއްސަކޮށް، ޅީދަރިކަނބަލުން މެޓޭ-މާރިޓްއާއި ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ އޮތް ގުޅުމާއި، މެޓޭ-މާރިޓްގެ ދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ރޭޕްގެ ކުށް ސާބިތުވުން ހިމެނެ އެވެ.
ތާރީޚު ދިރާސާކުރާ ފަރާތެއް ކަމަށްވާ އޮލޭ-ޖޯގަން ޝުލްސްރޫޑް-ހެންސަން ބީބީސީއަށް މައުލޫމާތު ދިން ގޮތުގައި، ހަރަލްޑްގެ ރަސްކަމުގައި ނޯވޭގެ ޝާހީ ނިޒާމު ވަނީ ހަމަހަމަކަމާއި، މާލީ އަދި ސިއްހީ ކަންކަމުގައި ދެފުށް ފެންނަ ނިޒާމަކަށް ބަދަލުވެފަ އެވެ.
ނެޓްއަވިސެންގެ ރޯޔަލް ކޮރެސްޕޮންޑެންޓް ޓޯވޭ ތާލެސެން، އަވަހާރަވި ރަސްގެފާނު ސިފަކުރެއްވީ "އަހަރެމެންގެ ތެރެއިން އެކަކު" ގެ ގޮތުގަ އެވެ. އަދި ސީ އޮގް ހޯ މެގަޒިންގެ ކެރޮލިން ވަގްލޭ ސިފަކުރި ގޮތުގައި، އެމަނިކުފާނަކީ އަބަދުވެސް ރައްޔިތުންނާ ވަރަށް ގާތް ގުޅުމެއް ބޭއްވި ބޭފުޅެއް ކަމަށެވެ.
ނޯވޭގެ ގައުމީ ފުޓްބޯޅަ ޓީމު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރުމަށްފަހު އެމެރިކާއިން އެނބުރި އައުމުން، އެމަނިކުފާނު ވަނީ ގަނޑުވަރުން އެ ޓީމަށް މަރުހަބާ ވިދާޅުވެފަ އެވެ.
އަވަހާރަވިއިރު ހަރަލްޑްގެ އަނބިކަނބަލުން ކުއީން ސޯންޔާއާއި، ދަރިކަނބަލުން ޕްރިންސަސް މާރތާ ލުއީސްއާއި، ދަރިކަލުން އަދި އާ ރަސްގެފާނު ހާކޮންގެ އިތުރުން ހަ ކާފަދަރިކަލުން ދުނިޔޭގައި އެބަތިއްބެވި އެވެ.
ހަރަލްޑް އުފަންވެވަޑައިގަތީ 21 ފެބްރުއަރީ 1937 ގައި އޮސްލޯ ކައިރީގައިވާ ސްކައުގަމްގަ އެވެ. އެއީ ސްވިޑަންގެ ކިބައިން ނޯވޭ މިނިވަންވެ، ގާނޫނީ ރަސްކަމެއް ގާއިމުކުރިތާ ގިނަ އަހަރުތަކެއް ފަހުންނެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ ކުރީކޮޅު، ހިޓްލަރުގެ އަމުރަށް ނާޒީ ޖަރުމަނުން ނޯވޭއަށް އަރައިގަތްއިރު، ހަރަލްޑްގެ އުމުރުފުޅަކީ އެންމެ ތިން އަހަރެވެ.
އެ ދުވަސްވަރު ހަރަލްޑްގެ މަންމާފުޅު، ކުދިންނާއެކު ސްވިޑަންގެ ބޯޑަރު ހުރަސްކޮށް ފިއްލަވައިގެން ވަޑައިގަތެވެ. އަދި އެމެރިކާގެ ރައީސް ފްރެންކްލިން ޑީ ރޫޒަވެލްޓްގެ ދައުވަތަކަށް އެމެރިކާއަށް ދަތުރުކުރެއްވި އެވެ.
ހަނގުރާމަ ނިމުމުން ހަރަލްޑް އާއިލާއާއެކު އެނބުރި ނޯވޭއަށް ވަޑައިގެން، ތައުލީމު ހާސިލުކުރައްވައި އަސްކަރީ ޚިދުމަތް ފުރިހަމަކުރެއްވި އެވެ. 1957 ގައި ވަލީއަހުދުކަމާ ހަވާލުވެވަޑައިގަތުމަށްފަހު، 1960 އިން 1962 އަށް އޮކްސްފޯޑްގެ ބަލިއޯލް ކޮލެޖުން ސޯޝަލް ސައިންސް، ތާރީޚު އަދި އިގްތިސާދު ކިޔަވައިވިދާޅުވި އެވެ.
އެމަނިކުފާނަށް ސޯންޔާ ހަރަލްޑްސަންއާ ބައްދަލުވީ ޕާޓީއަކުންނެވެ. ނަމަވެސް ސޯންޔާއާ ކައިވެނި ބައްލަވައިގަތުމުގެ ހުއްދަ ލިބުމަށް ނުވަ އަހަރު މަޑުކުރައްވަން ޖެހިވަޑައިގަތެވެ. އެއީ ބައްޕާފުޅު ރަސްގެފާނު އޮލާވް، ހަރަލްޑް ޔޫރަޕްގެ ޝާހީ އާއިލާއެއްގެ ބޭފުޅަކާ ކައިވެނި ބައްލަވައިގަތުމަށް ބޭނުންފުޅުވުމުންނެވެ.
ހަރަލްޑް ފަހުން ވިދާޅުވި ގޮތުގައި، ސޯންޔާއާ ކައިވެނި ނުކުރެވޭނަމަ މުޅި އުމުރު ހުސްހަށިބައިކޮށް ހުންނަވާނެ ކަމަށް ބައްޕާފުޅަށް ދެންނެވި އެވެ.
އެންމެ ފަހުން ބައްޕާފުޅުގެ ހުއްދަ ލިބިވަޑައިގަތުމުން، 29 އޮގަސްޓް 1968 ގައި އޮސްލޯ ކެތީޑްރަލްގައި މި ދެބޭފުޅުން ކައިވެނި ބައްލަވައިގަތެވެ.
ހަރަލްޑްގެ މި ނިންމެވުމުގެ ސަބަބުން، އެމަނިކުފާނުގެ ދެ ދަރިކަލުންނަށް ވެސް އާންމު މީހުންނާ ކައިވެނިކުރުމުގެ މަގު ފަހިވެގެންދިޔަ އެވެ. މީގެ ސަބަބުން ޝާހީ އާއިލާގައި އޮތް ފިރިހެނުންގެ ބާރުވެރިކަން ނިމުމަކަށް އައުމަށް އެހީތެރިވެދިނެވެ.
1990 ވަނަ އަހަރު ބައްޕާފުޅު އާލާސްކަންފުޅު ޖެހުމުން، ހަރަލްޑް ވަނީ ރަސްކަމުގެ މަސްއޫލިއްޔަތުތަކާ ވަގުތީގޮތުން ހަވާލުވެވަޑައިގަންނަވާފަ އެވެ. އަދި 17 ޖެނުއަރީ 1991 ގައި އޮލާވް އަވަހާރަވުމުން، ހަރަލްޑް ރަސްކަމަށް އިސްވެވަޑައިގަތެވެ.
ޖުލައި 2011 ގައި ހަރަލްޑްއަށް ރަސްކަމުގެ އެންމެ ބޮޑު އިމްތިހާނާ ކުރިމަތިލައްވަން ޖެހުނެވެ. އެއީ ހަރުކަށި ފިކުރުގެ އެންޑާސް ބްރޭވިކް، އޮސްލޯގައި ކާރު ބޮމެއް ގޮއްވާލައި 8 މީހުން މަރާލުމަށްފަހު، އުޓޯޔާ ރަށުގައި އޮތް ޒުވާނުންގެ ކޭމްޕަކަށް ގޮސް ބަޑިޖަހައި އިތުރު 69 މީހުން މަރާލި ހާދިސާ އެވެ. މީގެ ތެރޭގައި ގިނައީ ފުރާވަރުގެ ކުދިންނެވެ.
މި ހާދިސާގެ އަނެއް ދުވަހު އެމަނިކުފާނު ގައުމާ މުޚާތަބުކުރެއްވި އެވެ. އަދި ހަފުތާތަކެއް ފަހުން ދެއްވި ތަގުރީރުގައި، ބައްޕައެއްގެ، ކާފައެއްގެ، ފިރިއެއްގެ އަދި ރަސްކަލެއްގެ ހައިސިއްޔަތުން އަނިޔާލިބުނު އާއިލާތަކުގެ އިހުސާސްތަކުގައި ބައިވެރިވެވަޑައިގަތެވެ. އެ ވަގުތު އެމަނިކުފާނަށް ކީރިތި ކުރެއްވި، އަޑުފުޅު ކުރަކިވެގެން ދިޔަ އެވެ.
"ތިޔަބޭފުޅުންގެ ހިތާމައިގެ ފުންމިން އަޅުގަނޑަށް އިހުސާސްކުރެވޭ. މި ގައުމުގެ ރަސްގެފާނުގެ ހައިސިއްޔަތުން، ތިޔަ ކޮންމެ ބޭފުޅެއްގެ ހިތާމައިގައި އަޅުގަނޑު ބައިވެރިވަން،" އެމަނިކުފާނު ވިދާޅުވި އެވެ.
އެ ހާދިސާއަށް އަލިއަޅުވާލަމުން އޮލޭ-ޖޯގަން ޝުލްސްރޫޑް-ހެންސަން ވިދާޅުވީ، އެއީ ރަސްކަމެއްގެ އަސްލު ސިފައަކީ ކޮބައިކަން ރައްޔިތުންގެ ހިތްތަކުގައި ބިންވަޅު ނެގިގެންދިޔަ ވަގުތެއް ކަމަށެވެ.
2016 ވަނަ އަހަރު، ދީނީ މިނިވަންކަމާއި، ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް އަދި ޖިންސީ ތަފާތުކުރުންތަކާ ދެކޮޅަށް އެމަނިކުފާނު ދެއްވި ވަރުގަދަ ތަގުރީރަކާއެކު އަނެއްކާވެސް ދުނިޔޭގެ ސަމާލުކަން ލިބުނެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، ނޯވޭގެ ރައްޔިތުންނަކީ އަފްޣާނިސްތާނާއި، ޕާކިސްތާނާއި، ޕޮލެންޑާއި، ސްވިޑަންއާއި، ސޯމާލިއާ އަދި ސީރިއާއިން އައިސްފައިވާ ބައެކެވެ. އެމީހުން ގަބޫލުކުރަނީ ކަލަކަށް، ނުވަތަ ﷲ އަށް، ނުވަތަ ކާއިނާތަށް ކަމަށް ވެދާނެ އެވެ. އަދި އެއީ އެކަކު އަނެކަކު ދެކެ ލޯބިވާ އަންހެން ކުދިންނާއި ފިރިހެން ކުދިންނެވެ.
ރަސްގެފާނަކީ ކުޅިވަރަށް ލޯބިކުރެއްވި، ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނަކީ ވޯލްޑް ވައިޑް ފަންޑް ފޯ ނޭޗަރ (WWF) ގެ ނޯވޭ ގޮފި އުފެއްދުމުގައި އިސްކޮށް އުޅުއްވައި، 20 އަހަރު ވަންދެން އެ ޖަމިއްޔާގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ.
މީގެ އިތުރުން، އެމަނިކުފާނަކީ ކުޅަދާނަ ރިޔާ ދޯނި ދުއްވުންތެރިއެކެވެ. އޮލިމްޕިކްސްގައި ތިން ފަހަރު ނޯވޭ ތަމްސީލުކުރެއްވުމަށްފަހު، އެ ކުޅިވަރުން ރިޓަޔާކުރެއްވީ 2022 ގަ އެވެ.
ސިއްހީ ހާލުކޮޅު ދަށްވަމުން ދިއުމާ ގުޅިގެން، 2024 އޭޕްރިލް މަހުން ފެށިގެން އެމަނިކުފާނު ވަނީ އާންމު ހަރަކާތްތަކުން ދާއިމީކޮށް ދުރުވެވަޑައިގެންފަ އެވެ.
ފަހަކަށް އައިސް އެމަނިކުފާނަށް ފަރުވާ ދެމުންދިޔައީ ލޭގެ ނާދިރު ބައްޔެއް ކަމަށްވާ "ހީމޮލިޓިކް އެނީމިއާ" އަށެވެ. މި ބަލީގެ ސަބަބުން ހަށިގަނޑުގައި ހުންނަ ރަތްލޭގެ ސެލްތަކުގެ އަދަދު މަދުވެ އެވެ. އޮގަސްޓް 17 ގައި ހޮސްޕިޓަލުގައި އެޑްމިޓްކުރުމުން، ދަރިކަލުން ހާކޮން ވަނީ ރަސްކަމުގެ ޒިންމާތަކާ ވަގުތީގޮތުން ހަވާލުވެވަޑައިގެންފަ އެވެ.
މި އަހަރަކީ ނޯވޭގެ ޝާހީ އާއިލާއަށް ސިއްހީ ގޮތުންނާއި އަދި އަބުރަށް ގެއްލުންވާ ފަދަ ގިނަ ހާދިސާތަކެއް ކުރިމަތިވި އަހަރެކެވެ.
މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ކުރެވުނު ރޭޕްގެ ދައުވާތަކާއި، ޖޫން މަހު އޭނާ ކުށްވެރިވުމާ ގުޅިގެން ޝާހީ އާއިލާއަށް ބޮޑު ހިޔަންޏެއް އެޅުނެވެ. އޭނާ މިހާރު ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމް އިސްތިއުނާފުކޮށްފަ އެވެ. ރަސްގެފާނު އަވަހާރަވުމުގެ ކުޑަވަގުތުކޮޅެއް ކުރިން އޭނާ ހޮސްޕިޓަލަށް ޒިޔާރަތްކުރި އެވެ.
ޝަރީއަތް ފެށުމުގެ ދުވަސްކޮޅެއް ކުރިން އާންމުވި ލިޔުންތަކުން ހާމަވި ގޮތުގައި، އޭނާގެ މަންމަ މެޓޭ-މާރިޓްއާ ޖެފްރީ އެޕްސްޓީންއާ ދެމެދު ގިނަ ގުޅުންތަކެއް އޮތެވެ.
މެޓޭ-މާރިޓް ފަހުން ވަނީ އެޕްސްޓީންއާއެކު އޮތް ތިން އަހަރުގެ އެކުވެރިކަމަށްޓަކައި ރަސްގެފާނާއި ރާނީގެ ކިބައިން މައާފަށް އެދިވަޑައިގެންފަ އެވެ. އަދި އެއީ ހެދުނު ގޯހެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ދަރިފުޅުގެ ޝަރީއަތް ނިމުނުތާ ދެ ދުވަސް ފަހުން، މެޓޭ-މާރިޓް ވަނީ ފުއްޕާމޭ ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކުރައްވާފަ އެވެ. އެކަމަނާއަށް ފުއްޕާމޭގެ ބައްޔެއް ޖެހިފައިވާކަން އެނގުނީ މީގެ އަށް އަހަރު ކުރިންނެވެ.
ޑޮކްޓަރުން ބުނާ ގޮތުގައި އެކަމަނާގެ ހާލަތު ރަނގަޅުވިކަން ކަށަވަރުވާނީ އޮޕަރޭޝަނަށް އަހަރެއް ވުމުންނެވެ. އެހެންކަމުން، އާ ރަސްގެފާނު ހާކޮންއަށް ރަސްކަމުގެ ޒިންމާތަކާއެކު އަނބިކަނބަލުންގެ ސިއްހީ ކަންކަމުގައި ވެސް ބޮޑު ގޮންޖެހުމަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ އެވެ.
މި ހުރިހާ މައްސަލަތަކެއްގެ ސަބަބުން ޝާހީ އާއިލާގެ މަގުބޫލުކަމަށް ވަނީ އަސަރުކޮށްފަ އެވެ. ސާވޭތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު 72 އިންސައްތައިގައި އޮތް ތާއީދު މިހާރު ވަނީ 54 އިންސައްތައަށް ދަށްވެފަ އެވެ. އަދި ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މެޓޭ-މާރިޓްއަށް ދެން ރާނީގެ މަގާމެއް ނުލިބޭނެ އެވެ. ނަމަވެސް ހާކޮން އެކަމަނާއަށް އެ މަގާމު ދެއްވާނެ ކަމަށް ބެލެވެ އެވެ.
މިފަދަ ނޭދެވޭ ކަންތައްތަކެއް ހުރި ނަމަވެސް، ތާރީޚް ދިރާސާކުރާ ފަރާތްތަކުން ބުނަނީ ރަސްގެފާނު ހަރަލްޑްއަށް އޮތް ލޯތްބަށް ބަދަލެއް ނާންނަ ކަމަށެވެ.
ތާރީޚު ދިރާސާކުރާ އިސާކްސަން ވިދާޅުވި ގޮތުގައި، ޝާހީ އާއިލާގެ ތެރޭގައި ކަންކަން ގޯސްވުމުން، އާންމުން އެކަމުގެ އިލްޒާމު ރަސްގެފާނުގެ ބޮލުގައި ނާޅުވަ އެވެ.
ހާކޮން ރަސްކަމަށް ވަޑައިގަންނަވާއިރު، އާއިލީ މައްސަލަތަކުގެ ސަބަބުން ގޮންޖެހުންތަކެއް ހުރި ނަމަވެސް، ތާލެސެން ގަބޫލުކުރާ ގޮތުގައި ހާކޮން ވަނީ ފަހުގެ ހާދިސާތަކުގައި ކެތްތެރިކަމާއި ލީޑަޝިޕް ދައްކަވާފަ އެވެ.
އެޕްސްޓީންގެ މައްސަލައިގައި އިތުރު ފާޑުކިޔުންތަކެއް އަތުވެދާނެ ކަމަށް ބެލެވުނަސް، މިވަގުތު ނޯވޭގެ ރައްޔިތުން އިސްކަންދޭނީ އަވަހާރަވި އެމީހުންގެ "ލޯބިވާ ރަސްގެފާނު" ގެ ހަނދާންތައް އާކުރުމަށާއި އާ ރަސްގެފާނަށް އެއްބާރުލުން ދިނުމަށެވެ.
މަސްދަރު: ބީބީސީ










