އެންމެ ކުޑަމިނުން ބިލަކަށް ބަހުސްކޮށްލާނެ މެންބަރަކު ވެސް ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން ނުވޭ، ބިލުތައް ފާސްކޮށްލަނީ ސަރުކާރުން ފޮނުވާ ގޮތަށް: ޒިޔާދު
27 އޯގަސްޓު 2026 | ބުރާސްފަތި 06:47މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރުން ބިލުތައް ފާސްކުރަނީ ކަމާގުޅޭ ފަރާތްތަކުގެ މަޝްވަރާއާއި އިލްމީ ދިރާސާ ހޯދުމެއް ނެތި ކަމަށް ވިދާޅުވެ، މެންބަރު ހުސައިން ޒިޔާދު ކަންބޮޑުވުން ފާޅުކުރައްވައިފި. މީގެ އިތުރުން މަޖިލީހުގެ ނިޒާމު ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގޮސްފައިވާކަން ފާހަގަކުރައްވައި، އެމްޑީޕީން ވަނީ މި މައްސަލަތަކަށް އެދެވޭ ހައްލެއް ނުލިބޭކަމަށް ބުނެފައި


ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު | ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް އޮތްއިރު، މަޖިލީހުގެ މުޅި ނިޒާމު އޮތީ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށާއި، ކަމާ ގުޅުންހުރި ފަރާތްތަކުގެ މަޝްވަރާއެއް ނެތި ބިލުތައް ބޭނުންހާ ގޮތަކަށް ފާސްކުރަމުންދާ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މެންބަރު ހުސައިން ޒިޔާދު ވިދާޅުވީ، މަޖިލީހުގެ މި ހިނގާ ދައުރަކީ އާދަޔާ ޚިލާފު ކަންތައްތަކެއް ފެންނަމުންދާ ދައުރެއް ކަމަށެވެ.
ޒިޔާދު ވިދާޅުވީ، ސަރުކާރުން ނިންމާ ނިންމުންތަކުގައި ދިރާސާކޮށް، ކަންކަމުގައި ލަފާ ހޯދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، އަމަލީ މައިދާނުން ފެންނަނީ އެ މަންޒަރެއް ނޫން ކަމަށެވެ.
ކުރިން މަޖިލީހުން ބިލުތައް ފާސްކުރާއިރު ކޮމިޓީ މަރުހަލާގައި ކަމާ ގުޅުންހުރި ފަރާތްތަކުގެ ބަސް ހޯދައި، ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭ ކަމަށާއި، ނަމަވެސް މިއަދު އެ ފުރުސަތު ގެއްލިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ސަރުކާރުގެ އަތްމަތީގައި އޮތްއިރު، އެންމެ ކުޑަމިނުން ބިލަކަށް ބަހުސްކޮށްލާނެ މެމްބަރަކު ވެސް ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން ނުވާކަން ޒިޔާދު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ސަރުކާރުން ބޭނުންވާ ގޮތަކަށް ބިލުތައް ފާސްކުރަމުންދަނީ އެއްވެސް އިލްމީ ދިރާސާއަކަށް ނުވަތަ ރައްޔިތުންގެ ޚިޔާލަށް ބެލުމެއް ނެތި ކަމަށެވެ.
ސަރުކާރުން ހުށަހަޅާ ބިލުތައް މަޖިލީހުން ފާސްކުރާއިރު، މީގެ ކުރިން ކޮމިޓީ މަރުހަލާގައި ވެސް ކަމާ ގުޅުންހުރި ފަރާތްތަކުގެ ބަސް ހޯދައި، މަޝްވަރާކުރޭ. ނަމަވެސް މިއަދު ފެންނަނީ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ސަރުކާރުގެ އަތްމަތީގައި އޮތްއިރު، އެންމެ ކުޑަމިނުން ބިލަކަށް ބަހުސްކޮށްލާނެ މެމްބަރަކު ވެސް ނުވާ މަންޒަރުހުސައިން ޒިޔާދު
މީގެ މިސާލެއްގެ ގޮތުން ޒިޔާދު ދެއްކެވީ އެއްގަމު ދަތުރުފަތުރުގެ ބިލެވެ. އެ ބިލު މަޖިލީހުގައި އޮންނަތާ އަހަރެއްވެގެންދިޔަ ފަހުން، ކުއްލި ގޮތަކަށް މުޅިން އައު ބާބެއް އިތުރުކޮށް، އެއްވެސް މަޝްވަރާއެއް ހޯދުމެއް ނެތި ފާސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ މުޅި މަޖިލިސް ސަރުކާރުން ކޮންޓްރޯލް ކުރަމުންދާ ކަމުގެ ހެއްކެއް ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.
މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ ގުޅިގެން ހުރި ކަންބޮޑުވުންތައް މަޖިލީހުގެ ރިޔާސަތާ ވެސް ހިއްސާކޮށްފައިވާނެ ކަމަށް އެމްޑީޕީން ބުނެ އެވެ. ނަމަވެސް އެމްޑީޕީ ޕީޖީ ގްރޫޕުން ކުރި އެ މަޝްވަރާތަކުން މިހާތަނަށް އެދެވޭ އެއްވެސް ހައްލެއް ލިބިފައި ނުވާކަން އެ ޕާޓީން ވަނީ ހިތާމައާއެކު ފާހަގަކޮށްފަ އެވެ.











