ބައެއް ކައުންސިލްތަކުން ވަކި ސަރުކާރެއްގެ ގޮތުގައި އަމަލުކުރަމުންދާ ކަމަށް ވިދާޅުވެ، މެންބަރު ސަލީމް ކައުންސިލްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ
23 އޯގަސްޓު 2026 | އާދީއްތަ 08:08ރާއްޖެއަކީ ޔުނިޓަރީ ދައުލަތަކަށް ވީނަމަވެސް، ބައެއް ކައުންސިލްތަކުން ވަކި ސަރުކާރެއްގެ ގޮތުގައި އަމަލުކުރަމުންދާ ކަމަށް ވިދާޅުވެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވަނީ ކައުންސިލްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި. މިގޮތަށް ކަންކަން ދޫކޮށްލައިފިނަމަ މައި ސަރުކާރުގެ ބާރު ނުފޯރުވޭ ހިސާބަށް ކަންކަން ގޮސްދާނެ ކަމަށް އޭނާ ވިދާޅުވިއިރު، ކައުންސިލްތަކުގެ ބާރުތައް ހަނިކުރާތީ ސަރުކާރަށް ދަނީ ފާޑުކިޔުން އަމާޒުވަމުން


ރައްޔިތުންގެ މަޖިލީހުގައި މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވާހަކަ ދައްކަވަނީ | ރައްޔިތުންގެ މަޖިލިސް
ދިވެހިރާއްޖެއަކީ ޔުނިޓަރީ ދައުލަތެއް ކަމަށާއި، ބައެއް ކައުންސިލްތަކުން އަމަލުކުރަމުންދަނީ އެއީ ވަކި ސަރުކާރެއް ކަމަށް ހީއްކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު ރެޑްވޭވް އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ސަލީމް ވިދާޅުވީ، ގާނޫނުއަސާސީގެ ދެވަނަ މާއްދާގައި ރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ، އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ، އަމިއްލަ ވެރިކަންކުރާ ޑިމޮކްރެޓިކް ޖުމްހޫރީ އަދި ޔުނިޓަރީ ދައުލަތެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މިއީ އެއްވެސް ހާލެއްގައި ފެޑެރަލް ނިޒާމެއް ނޫން ކަމަށް ވިދާޅުވި އެވެ.
މެންބަރު ސަލީމް ވިދާޅުވީ ޔުނިޓަރީ ދައުލަތެއްގެ ސިފަ ބަދަލުވާ ގޮތަށް ބައެއް ކައުންސިލްތަކުން އަމަލުކުރަމުންދާ ކަމަށެވެ.
އެހެންވީމާ އެ ޔުނިޓަރީ ދައުލަތެއް އެ މީ އެ ބަދަލުވާ ކަހަލަ ގޮތަކަށް ބައެއް ކައުންސިލްތަކަށް ހީވާ ކަހަލަ އިއްޒަތްތެރި ރައީސް، ތިމަންނަމެން މީއީ ވަކި ސަރުކާރެކޭ. ތިމަންނަމެންނަކީ ވަކި ސަރުކާރެކޭ. މިދޭތެރޭ ބައެއް ރަށްރަށަށް ދިޔަ. ދެ ރަށެއްގެ މައްސަލަ ޖެހިފައި އޮތް ތެރޭގަ އެއް ރަށުން އަނެއް ރަށަށް ނޭރޭ ހިސާބަށް ވެސް. ހަމަ ކައުންސިލްތަކުގެ ނުފޫޒުން. އެހެންވީމަ ރައީސުލްޖުމްހޫރިއްޔާ އަށް ވިޔަސް އަދި އެހެން ބޭފުޅަކު ވިޔަސް ހަމަ ދައުލަތުގެ އެންމެ މަތީ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާއަހުމަދު ސަލީމް
އެގޮތުން ދެ ރަށެއްގެ ދެމެދުގައި ޖެހުނު މައްސަލައެއްގެ ތެރެއިން، ކައުންސިލްތަކުގެ ނުފޫޒުން އެއް ރަށުން އަނެއް ރަށަށް ނޭރޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމުގެ މިސާލެއް މެންބަރު ސަލީމް ދެއްކެވި އެވެ.
މީގެއިތުރުން މެންބަރު ސަލީމް ވިދާޅުވީ، ދައުލަތުގެ އެންމެ މަތީ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި، ގައުމު އިސްލާހުކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް އޮންނަންވާނެ ކަމަށެވެ. އަދި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަނީ ތިން ބާރު ވަކިވެފައިވާ ނިޒާމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަމަށް ވެސް ވިދާޅުވި އެވެ.
ކަންކަން މިގޮތަށް ދޫކޮށްލައިފިނަމަ، ކުރިއަށް އޮތް ތަނުގައި ކޮންމެ އަތޮޅަކުން މިއީ ވަކި ބައެއް ކަމަށް ބުނެ، މައި ސަރުކާރުގެ ބާރު ނުފޯރުވޭ ހިސާބަށް ކަންކަން ގޮސްދާނެ ކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށް މެންބަރު ސަލީމް ވިދާޅުވި އެވެ.
މެންބަރު ސަލީމް މިމޭރުމުން ވާހަކަ ދެއްކެވިއިރު ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރު ހަނިވާ ގޮތަށް ސަރުކާރުން ދަނީ އިސްލާހުތައް ގެންނަމުންނެވެ. އަދި ރައީސް މުއިއްޒުގެ އިތުރުން މިސަރުކާރުގެ ބައެއް އިސްބޭފުޅުން ވެސް ވަނީ ކައުންސިލްތަކާ މެދު ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ.
ނަމަވެސް ލާމަރުކަޒީ ނިޒާމަކީ ރާއްޖޭގެ ގިނަ ރައްޔިތުން ބަލައިގަނެފައިވާ ނިޒާމަކަށްވާތީ، ބާރުތައް ހަނި ކުރާ މައްސަލައިގައި ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. އަދި މިބަދަލުތައް ގެންނަމުންދަނީ ރައްޔިތުން ނިކަމެތިކޮށް ބާރުތައް މަރުކަޒު ކުރުމަށް ކަމަށް ފާޑު ކިޔާ މީހުން ބުނެ އެވެ.











