ރާއްޖެއަށް އަންނަ ފަތުރުވެރިން އަތުން ނަގާ ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި އިތުރަށް ފަތުރުވެރިން ގެނެވޭނެ ގޮތްތައް ހޯދުމަށް މެންބަރު ޣަފޫރު ގޮވާލައްވައިފި
23 އޯގަސްޓު 2026 | އާދީއްތަ 10:23ރާއްޖެއަކީ މިހާރުވެސް އަގުބޮޑު މަންޒިލަކަށްވާއިރު، ޓެކްސްތައް އިތުރަށް ބޮޑުކުރުމުގެ ބަދަލުގައި ދައުލަތުގެ ބޭކާރު ހަރަދުތައް ކުޑަކޮށް ފަތުރުވެރިން އިތުރުކުރެވޭނެ މަގުތައް ހޯދަންޖެހޭ. ޓެކްސް ބޮޑުކުރުމަކީ އިގްތިސާދަށް ނުރަނގަޅު އަސަރުކޮށް އިންވެސްޓަރުންގެ އިތުބާރު ގެއްލިދާނެ ކަމެއްކަމަށް މެންބަރު ޣަފޫރު ފާހަގަކުރެއްވި


ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) | ރައްޔިތުންގެ މަޖިލިސް
ރާއްޖެއަށް އަންނަ ފަތުރުވެރިން އަތުން ނަގާ ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި އިތުރަށް ފަތުރުވެރިން ގެނެވޭނެ ގޮތްތައް ހޯދުމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ގޮވާލައްވައިފި އެވެ.
އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ޣަފޫރު ވިދާޅުވީ، މިހާރު ގާނޫނުތަކަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ދައުލަތަށް ފައިސާ ވަންނަމުން ދިޔަ ނަމަވެސް، ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން ކޮށްނުދެވިގެން މިއުޅެނީ ސަރުކާރުން ކުރާ ބޭކާރު ހަރަދުތަކުގެ ސަބަބުން ކަމަށެވެ.
ދިވެހިރާއްޖެއަކީ އަވައްޓެރި ގައުމުތަކާއި އަޅާބަލާއިރު، ފަތުރުވެރިން އަންނަ އެންމެ އަގުބޮޑު ގައުމުކަން ފާހަގަކުރައްވާ މެންބަރު ޣަފޫރު ވިދާޅުވީ، އިތުރަށް ފަތުރުވެރިން އަތުން ނަގާ ޓެކްސް ބޮޑު ކުރާ ކަމުގައި ވާނަމަ އޭގެ ނުރަނގަޅު އަސަރު އިގުތިސާދަށް ކުރާނެ ކަމަށެވެ. އަދި ދިވެހިރާއްޖޭގައި ދިރިއުޅޭ ރައްޔިތުން އަތުން ނުވަތަ ފަތުރުވެރިން އަތުން ނަމަވެސް އިތުރަށް ޓެކްސް ނަގަން ރާއްޖޭގެ އިގުތިސާދުގައި ހަކަތަ ނެތް ކަމަށެވެ.
އެގޮތުން މިހާރު ވެސް މި ގައުމަށް އަންނަ ކޮންމެ ފަތުރުވެރިއެއް ހޭދަ ކުރާ ފައިސާގެ 40 އިންސައްތަ ދަނީ ސަރުކާރަށް ކަމަށާއި، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ޓީޖީއެސްޓީ އާއި އެއާޕޯޓް ޓެކްސް ބޮޑުކޮށްފައިވާތީ ދައުލަތަށް ވަންނަ އާމްދަނީ ޑޮލަރުން އިތުރުވެފައިވާކަން މެންބަރު ޣަފޫރު ފާހަގަކުރެއްވި އެވެ.
އިތުރަށް އަޅުގަނޑުމެން ޓެކްސް ބޮޑުކޮށްފިއްޔާ، ރާއްޖެއަށް އިންވެސްޓަރުން އައުމާއި ފަތުރުވެރިން އައުމާއި ރާއްޖެ އަގުބޮޑު ވުމުގެ ބިރު އެބަ އޮތް އިންތިހާއަށް އިއްޒަތްތެރި ރައީސް. އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭނެ އަޅުގަނޑުމެން ހަރަދު ކުޑަ ކުރަން ޖެހޭނެކަން، ހަރަދު ވަރަށް ބޮޑަށް އިސްރާފުވެގެން ދައުލަތުން އެބަ ދާކަން، އެކަން ނުކޮށް ދެން ވެސް އަޅުގަނޑުމެން ހަމަ ލާރި ހޯދަން އަޅުގަނޑުމެންގެ ހުރި ނިޒާމްތައް ބޭނުން ކޮށްގެން އިތުރަށް ބޭރު ފަރާތްތަކުން ނަގަން ފެއްޓީމައި ދެން އޭގެ ނުރަނގަޅު އަސަރު ފެންނާނެއަބްދުލްޣަފޫރު މޫސާ
މީގެއިތުރުން ރާއްޖެއިން ބޭރުގައި ހުރި ކުންފުނިތަކުން ޓެކްސް ނަގަން ފެށުމުން، ގެސްޓް ހައުސްތަކުން ވިއްކާ ކޮޓަރިތަކުގެ އަގު ބޮޑުވެގެންދާ ކަމަށް މެންބަރު ޣަފޫރު ވިދާޅުވި އެވެ. އަދި "އަންނަ މީހާގެ ޖީބު ކަނޑާލަން" ދިމާކުރުމުން، އިގުތިސާދު ދާނީ ހަލާކު ވަމުން ކަމަށާއި އާމްދަނީ އިތުރު ވާނީ ފަތުރުވެރިން ގެނެވޭނެ ގޮތްތައް ހޯދައި، އިތުރު ފަތުރުވެރިން ގެންނަން މަސައްކަތް ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.











