ކުރީގެ ހިޕް ހޮޕް އާޓިސްޓް ބަލެންދްރަ ޝާހްގެ ޕާޓީން ނޭޕާލްގެ އިންތިޚާބުގައި ބޮޑު އަޣުލަބިއްޔަތެއް ހޯދައިފި
ނޭޕާލްގެ އާންމު އިންތިޚާބުގައި ކުރީގެ ރެޕް އާޓިސްޓް ބަލެންދުރަ ޝާހްގެ އާރްއެސްޕީން 182 ގޮނޑި ކާމިޔާބުކޮށް، ގައުމުގެ ސިޔާސީ މަޝްރަހަށް ބޮޑު ބަދަލެއް ގެނެސްފި. ގިނަ ދުވަސްތަކެއް ވަންދެން ވެރިކަން ކުރެއްވި ތަޖުރިބާކާރު ސިޔާސީ ބޭފުޅުން ބަލިކޮށް ހޯދި މި ކާމިޔާބީއަކީ ކޮރަޕްޝަނާ ދެކޮޅަށް ޒުވާނުން ފެށި ވަރުގަދަ ހަރަކާތްތަކުގެ ނަތީޖާއެއް ކަމަށް މުހައްލިލުން ދެކޭ. މި ނަތީޖާއާއެކު، އުމުރުން 35 އަހަރުގެ ޝާހް ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަންނަވާނެ ކަމަށް ބެލޭ.

ރެޕް މިއުޒިކް ކުޅޭ ފަންނާނެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އަދި މިހާރު ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެން އުޅުއްވާ ބަލެންދުރަ ޝާހު، އެ ގައުމުގެ ދެން އަންނަ ބޮޑުވަޒީރަކަށް ވުމުގެ ފުރުސަތު ބޮޑު. | ރޮއިޓާސް
ރެޕް މިއުޒިކް ކުޅޭ ފަންނާނަކުން ސިޔާސީ މީހަކަށް ބަދަލުވި ބަލެންދްރަ ޝާހް އިސްވެ ހުންނަވައި އުފެއްދެވި ސިޔާސީ ޕާޓީން، ނޭޕާލްގެ ބަރުލަމާނީ އިންތިޚާބުގައި ބޮޑު އަޣުލަބިއްޔަތެއް ހޯދައިފިކަން ރަސްމީ ނަތީޖާތަކުން ދައްކައިފިއެވެ.
މިއީ އެ ގައުމުގެ ފަހުގެ ތާރީޚުގައި ފެނިގެންދިޔަ އެންމެ ފާހަގަކޮށްލެވޭ އަދި ކާމިޔާބު އިންތިޚާބެވެ.
ނޭޕާލްގެ އިލެކްޝަން ކޮމިޝަނުން ބުރާސްފަތި ދުވަހު ހާމަކުރި ގޮތުގައި، އުމުރުން 35 އަހަރުގެ ކުރީގެ ސިވިލް އިންޖިނިއަރު އަދި ހިޕް-ހޮޕް އާޓިސްޓް "ބާލެން" ގެ ނަމުން މަޝްހޫރުވެފައިވާ ބަލެންދުރަ ޝާހްގެ ރާސްތުރިޔާ ސްވަތަންތުރަ ޕާޓީ (އާރްއެސްޕީ) އިން ވަނީ 275 މެންބަރުން ހިމެނޭ ގައުމީ މަޖިލީހުގެ ތިރީގެއިން 182 ގޮނޑި ކާމިޔާބުކޮށްފައެވެ. މީގެ ތެރެއިން 125 ގޮނޑި ސީދާ އިންތިޚާބުން ކާމިޔާބުކުރިއިރު، ބާކީ 57 ގޮނޑި ކާމިޔާބުކުރީ ޕްރޮޕޯޝަނަލް ރެޕްރެޒެންޓޭޝަން ނުވަތަ ނިސްބަތުން ގޮނޑި ބަހާ އުސޫލުގެ ތެރެއިންނެވެ.
މި އިންތިޚާބުގައި 38 ގޮނޑިއާއެކު ދެވަނަ ހޯދީ ނޭޕާލީ ކޮންގްރެސް ޕާޓީއެވެ. މިދިޔަ އަހަރު ޒުވާނުން އިސްވެ އޮވެ ހިންގި ހަރަކާތްތަކަކާ ގުޅިގެން ވެރިކަމުން ދުރުކުރި، ހަތަރު ފަހަރު ބޮޑުވަޒީރުކަން ކުރެއްވި ތަޖުރިބާކާރު ސިޔާސީ ލީޑަރު ޚަދްގަ ޕްރަސާދު ޝަރުމާ އޯލީގެ މާކްސިސްޓް ޕާޓީއަށް ލިބުނީ އެންމެ 25 ގޮނޑިއެވެ.
ބަލެންދުރަ ޝާހް ވަނީ އުމުރުން 74 އަހަރުގެ އޯލީ ވާދަކުރެއްވި ދާއިރާއިން އޭނާ ބަލިކުރައްވާފައެވެ.
ނޭޕާލްގެ ސިޔާސީ މައިދާނުގައި ގިނަ އަހަރުތަކެއް ވަންދެން ނުފޫޒު ފޯރުއްވި އޯލީ ވަނީ، އެކްސް މެދުވެރިކޮށް އޭނާގެ ވާދަވެރިޔާއަށް މަރުހަބާ ދަންނަވައި، އޭނާގެ ދައުރަކީ "އޮމާން އަދި ކާމިޔާބު" ދައުރަކަށް ވުމަށް އެދިވަޑައިގެންފައެވެ.
ނޭޕާލްގެ ސިޔާސީ މަޝްރަހު ބަދަލުކޮށްލި 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ މުޒާހަރާތައް ފުރަތަމަ ފެށުނީ ސަރުކާރުން ސޯޝަލް މީޑިއާ މަނާކުރުމާ ގުޅިގެންނެވެ. ނަމަވެސް، ކޮރަޕްޝަނާއި އިގްތިސާދީ ހީނަރުކަމާ ދެކޮޅަށް ފެށުނު މި ބޮޑު ހަރަކާތުގައި މަދުވެގެން 77 މީހުން މަރުވިއެވެ.
ޝާހްގެ މިއުޒިކަކީ މިފަދަ އިޖުތިމާއީ މައްސަލަތަކަށް އަމާޒުކޮށް އުފައްދާފައިވާ މިއުޒިކަކަށް ވުމުން، އޭނާ ވެގެންދިޔައީ މި ހަރަކާތުގެ މުހިންމު ސަޚުސިއްޔަތަކަށެވެ. އެގޮތުން އޭނާގެ "ނޭޕާލް ހަސޭކޯ" ނުވަތަ "ނޭޕާލް ހިނިތުންވަނީ" މި ލަވަޔަށް، ގައުމުގެ ހަލަބޮލިކަމުގެ ތެރޭގައި ޔޫޓިއުބުން 10 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ.
އިންޖިނިއަރަކުން ރެޕަރަކަށް، އަދި 2022 ވަނަ އަހަރު ކަތަމަންޑޫގެ ފުރަތަމަ މިނިވަން މޭޔަރުގެ މަގާމުން ފެށިގެން ބޮޑުވަޒީރުކަމާ ހަމައަށް އޭނާ ކުރެއްވި ދަތުރަކީ، ނޭޕާލްގެ ސިޔާސީ މަޝްރަހަށް އައި ޖީލީ ބަދަލެކެވެ. ނޭޕާލްގެ 30 މިލިއަނާ ގާތްކުރާ އާބާދީގެ 40 އިންސައްތައަށްވުރެ ގިނަ މީހުންނަކީ އުމުރުން 35 އަހަރުން ދަށުގެ މީހުން ކަމަށްވީ ނަމަވެސް، ގައުމުގެ ސިޔާސީ ޕާޓީތަކުގެ ލީޑަޝިޕްގައި ގިނަ ދުވަސްތަކެއް ވަންދެން ތިއްބެވީ އުމުރުން 70 އަހަރުން މަތީގެ ބޭފުޅުންނެވެ.
ޝާހް ވިދާޅުވި ގޮތުގައި އޭނާގެ މި ކާމިޔާބީއަކީ "ފަސޭހަ ގޮތް" އިޚްތިޔާރު ކުރުމަށް އިންކާރުކޮށް، ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ލިބިފައިވާ "ލަދުވެތި ކަންކަމާ" ކުރިމަތިލުމަށް ރައްޔިތުން ދިން ސިގްނަލެކެވެ. އޭނާ މޭޔަރުކަން ކާމިޔާބުކުރި އަހަރު އުފެއްދި އާރްއެސްޕީން ވަނީ ބޭރު ގައުމުތަކުގައި، ޚާއްސަކޮށް އެމެރިކާގައި ދިރިއުޅޭ ނޭޕާލްގެ ރައްޔިތުންގެ މާލީ އެހީތެރިކަމާއެކު ވަރަށް ރޭވުންތެރި ކެމްޕޭނެއް ހިންގާފައެވެ.
ނޭޕާލްގެ ނޫސްވެރިޔާ ޕްރަނަޔާ ރާނާ އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، ޝާހް ރަމްޒުކޮށްދެނީ ނޭޕާލްގެ ޒުވާނުން ގައުމުގެ މިހާރުގެ ހާލަތު ބަދަލުކުރުމަށް ބޭނުންވާ "އައުޓްސައިޑާ" ނުވަތަ އާ ފިކުރުގެ ރޫހެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މިއީ ނޭޕާލްގެ ޑިމޮކްރެޓިކް ދަތުރުގައި ލިބުނު "ފަޚުރުވެރި ވަގުތެއް" ކަމަށް ސިފަކުރައްވައި، އާ ސަރުކާރާއެކު ގާތްކޮށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ނޭޕާލްގެ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން، ރައީސް ރަސްމީކޮށް މަޖިލިސް ހުޅުއްވުމުގެ ކުރިން، ޕާޓީތަކުން މިހާރު ޖެހޭނީ ނިސްބަތުން ލިބިފައިވާ ގޮނޑިތަކަށް މެންބަރުންގެ ނަންތައް ހުށަހަޅާށެވެ. މަޖިލީހުގެ މަދުވެގެން ދެބައިކުޅަ އެއްބައި މެންބަރުންގެ ތާއީދު ބޭނުންވާ އާ ބޮޑުވަޒީރުގެ ނަން ކަށަވަރުވުމަށް އަދި ދުވަސްކޮޅެއް ނަގާނެ ކަމަށް ބެލެވެއެވެ.
މަސްދަރު: އަލް ޖަޒީރާ






