ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއާއި ފޮޓޯ ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަދްލާންގެ ދައުވާތައް ޕީޖީން އަނބުރާ ގެންގޮސްފި
21 އޯގަސްޓު 2026 | ހުކުރު 11:13ކްރިޕްޓޯކަރަންސީ ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ވިއްކި މައްސަލައިގައި ތ. ވިލުފުށީ، އާދަމް އަދްލާން ލަތީފްގެ މައްޗަށް އުފުލި ދައުވާތައް ޕީޖީ އޮފީހުން އަނބުރާ ގެންގޮސްފި. ފުލުހުންގެ ތަހުގީގުގައި އޭނާގެ އިލެކްޓްރޯނިކް ވަސީލަތްތަކުން ގިނަ އަދަދެއްގެ ބަރަހަނާ މަންޒަރުތައް ފެނިފައިވީ ނަމަވެސް، މި މައްސަލަ އަނބުރާ ގެންދަން ނިންމި ސަބަބެއް މިހާތަނަށް ހާމަކޮށްފައެއް ނުވޭ


ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއާއި ފޮޓޯ ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަދްލާންގެ ދައުވާތައް ޕީޖީން އަނބުރާ ގެންގޮސްފި | ޕޮލިސް
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއާއި ފޮޓޯ ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަދްލާން މައްޗަށް އުފުލި ދައުވާތައް ޕްރޮސިކުއަޓަރ ޖެނެރަލް (ޕީޖީ) އޮފީހުން އަނބުރާ ގެންގޮސްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މޫނިމާގެ، ތ.ވިލުފުށި، އާދަމް އަދްލާން ލަތީފް (22އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން 2026 އޭޕްރީލް 5 ވަނަ ދުވަހު އެވެ.
އެގޮތުން ޕީޖީން ވަނީ ގާނޫނުލްއުގޫބާތުގެ 246 ވަނަ މާއްދާގެ ދަށުން އެނގިހުރެ ކޮމްޕިއުޓަރު ސިސްޓަމެއް ނުވަތަ ކޮމްޕިއުޓަރު ޑޭޓާ ސްޓްރޯޖް މީޑިއަމެއްގައި ކުޑަކުއްޖެއްގެ އޮރިޔާން ކާޑު ބެހެއްޓުމުގެ ކުށުގެ ދައުވާ އަދި ގާނޫނުލްއުގޫބާތުގެ 622 ވަނަ މާއްދާގެ ދަށުން އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ ދައުވާ ކޯޓަށް ހުށަހަޅާފަ އެވެ.
މި މައްސަލަ އަނބުރާ ގެންދަން ނިންމައި، ކޯޓުން ދައުވާތައް އަނބުރާ ނަގާފައިވާ ކަމަށް އިތުބާރުހުރި މަސްދަރަކާ ހަވާލާދީ ދައުރު ނޫހުގައި ރިޕޯޓު ކޮށްފައިވެ އެވެ. އަދި މި މައްސަލައާ ގުޅޭގޮތުން މައުލޫމާތު ހޯދަން ރާއްޖެޓީވީން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ. ޕީޖީގެ މީޑީއާ އޮފިޝަލަށް މެސެޖު ކުރި ނަމަވެސް ޖަވާބު ދެއްވާފައިނުވެ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، އަދްލާން ހައްޔަރުކުރީ ބައިނޭންސް އެކްސްޗޭންޖްގެ ވޮލެޓް އެޑްރެހެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ގަނެ ވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ތަހުގީގުގެ ތެރެއިން، މި ވޮލެޓުން އޭނާގެ ކްރިޕްޓޯ އެކައުންޓަށް ފައިސާ ފޮނުވާފައިވާކަން ތަހުގީގަށް ފާހަގަ ކުރެވިފައިވާތީ ކަމަށެވެ.
މީގެ އިތުރުން، މި މައްސަލައިގެ ތަހުގީގަށް އޭނާގެ އަތުން ހިފެހެއްޓި އިލެކްޓްރޯނިކް ވަސީލަތްތަކުގެ ފޮރެންސިކް ތަހުލީލުތައް ހެދިއިރު، ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ގިނަ އަދަދެއްގެ ފޮޓޯއާއި ވީޑިއޯ އެ ތަކެތިން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. މީގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ވެސް ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.










