އޮޕަރޭޝަން އަލިމަގު: 4 މީހަކަށް ދައުވާކުރަން އެދުމުން ބޮޑު ކުށެއްގެ ހެކި ނެތްކަމަށް ބުނެ ޕީޖީގެ އެންގުމަށް އެމީހުން ދޫކޮށްލައިފި
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކަކާ ގުޅުން އޮތް ކަމަށް ތުހުމަތުކޮށް "އޮޕަރޭޝަން އަލިމަގު" ގެ ދަށުން ހައްޔަރުކުރި ހަތަރު މީހުންގެ މައްޗަށް ޖިނާއީ ބޮޑު ކުށެއް ސާބިތުވާ މިންވަރަށް ހެކި ނެތުމުން ޕީޖީ އޮފީހުން އެމީހުން ދޫކޮށްލައިފިއެވެ. މި މައްސަލައިގައި ހިމެނޭ ތިން މީހެއްގެ މައްޗަށް ކެނަބިސް ބޭނުންކުރުމުގެ ދައުވާ އުފުލާފައިވާއިރު، އޭގެ ތެރޭގައި ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރި މީހަކު ވެސް ހިމެނޭ. ފުލުހުންގެ ތަހުގީގުން ދައްކާ ގޮތުގައި މި ނެޓްވޯކުން ފާއިތުވި ފަސް އަހަރު ތެރޭގައި 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭންކް އެކައުންޓުތަކުގައި ދައުރުކޮށްފައިވޭ.


އޮޕަރޭޝަން އަލިމަގުގައި ގއ.އަތޮޅުން ހައްޔަރުކުރި 4 މީހުން | މޯލްޑިވްސް ޕޮލިސް | ރާއްޖެއެމްވީ
ފުލުހުން ކުރިއަށް ގެންދިޔަ "އޮޕަރޭޝަން އަލިމަގު" ގެ ތެރެއިން މާލެ އާއި ގއ. އަތޮޅުގައި ޑްރަގް ނެޓްވޯކެއް ހިންގާ ބައެއްކަމަށް ބުނެ ހައްޔަރު ކުރި 4 މީހަކަށް ދައުވާކުރަން ފޮނުވުމުން ބޮޑު ކުށެއްގެ ހެކި ނެތްކަމަށް ބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އެންގުމަށް އެމީހުން ދޫކޮށްލައިފި އެވެ.
މިދިޔަ ޖެނުއަރީ މަހު މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާ ފައިސާ ލޯންޑަރ ކުރާ ނެޓްވަރކެއް ހުއްޓުވުމަށް ފުލުހުން ފެށި "އޮޕަރޭޝަން އަލިމަގު" ގައި 10 ތަނެއް ބަލައި ފާސްކޮށް 4 މީހަކު ހައްޔަރު ކުރި އެވެ. މާލެ އާއި ގއ. އަތޮޅުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި / ޝެވޯނާ، ޝައްފާޙް ލަޠީފް (28އ) އާއި ގއ. ވިލިނގިލި / މިޔުޒިކީއާގެ، އަޙްމަދު މަދީޙު (33އ) އާއި ގއ. ވިލިނގިލި / އައިޒަން، އަޙްމަދު އަނާމް އިބްރާހީމް (30އ) އަދި ގއ. ވިލިނގިލި / އަރާއިރުގެ، ނޫރުއްނިޡާމް (35އ) އެވެ.
މި އެންމެން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ. އަދި ހަތަރު މީހުންގެ މައްސަލަ ތަހުގީގުކޮށް ނިންމައި، ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ މި މަހުގެ 9 ވަނަ ދުވަހު އެވެ.
ނަމަވެސް މި އެންމެންގެ މައްޗަށް ޖިނާއީ ބޮޑު ކުށެއްގެ ހެކި ލިބިފައި ނެތް ކަމަށް ނިންމާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެންގުމަކަށް އެ އެންމެން ވަނީ ބުރާސްފަތި ދުވަހު ދޫކޮށްލާފަ އެވެ. ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގައި ގާނޫނުގައި ބުނާ ދައުވާ ކުރަން ޖެހޭ 90 ދުވަހުގެ މުއްދަތު ހަމަވީ ބުރާސްފަތި ދުވަހަށެވެ. އަދި އެ މުއްދަތުގެ ތެރޭ މިހާތަނަށް ފުލުހުންގެ ތަހުގީގު ހޯދި ހެކިތައް ދިރާސާ ކުރިއިރު ޖިނާއީ ބޮޑު ކުށެއްގައި ދައުވާ ކުރެެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އެހެންކަމުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބި ތިބުން ނިމުމަކަށް ގެނައުމަށް ފުލުހުންނަށް އެންގި ކަމަށާއި، އަދި މިވަގުތަށް ދައުވާ ކުރެވެން އޮތީ މި 4 މީހުންގެ ތެރެއިން 3 މީހެއްގެ މައްޗަށް ކަމުން، ކެނަބިސް ބޭނުން ކުރުމުގެ ދައުވާ ވެސް ބުރާސްފަތި ދުވަހު ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ކެނެބިސް ބޭނުންކުރުމުގެ ދައުވާ އުފުލީ މި މައްސަލައިގައި ހިމެނޭ ޝައްފާހު ލަތީފާއި އަހުމަދު މަދީހުގެ އިތުރުން އަހުމަދު އަނާމް އިބްރާހިމްގެ މައްޗަށެވެ. މީގެ ތެރެއިން އަނާމަކީ އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައި ހުރި މީހެކެވެ.
މި 4 މީހުންނާއި ގުޅޭގޮތުން ފުލުހުން ކުރިން ބުނެފައިވަނީ މި ނެޓްވޯރކުން 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ޓްރެފިކް ކުރަމުން ގެންދާކަން ފުލުހުންގެ ތަހުގީގަށް ވަނީ ހޯދިފައި އެވެ. އެގޮތުން ފާއިތުވި 05 އަހަރު ތެރޭގައި މިނެޓްވޯރކް މެންބަރުންގެ ބޭންކް އެކައުންޓުތަކުގައި 300 މިލިއަނަށްވުރެން ގިނަ ދިވެހި ރުފިޔާ އާއި 4 ލައްކަ އަށްވުރެ ގިނަ އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މި ނެޓްވޯރކް އިސްވެ ހިންގާ ފަރާތާއި އަދި އޭނާ ގެ ދަށުން، މަސްތުވާތަކެތި ވިއްކާ ވިޔަފާރިކޮށް މަނީލޯންޑަރ ކުރުމުގައި އެކި ގޮތްގޮތުން ހަރަކާތެރިވާ 19 ފަރާތެއް ފުލުހުންގެ ތަހުގީގަށް ދެނެގަނެވިފައިވެ އެވެ. މި ހުރިހާ ފަރާތްތަކުގެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މިހާރު ފުލުހުންގެ ބަންދުގައި ހުރި އަޙްމަދު މަދީޙުގެ ބޭންކު އެކައުންޓުތަކުގައި 17,174,461.12 (ސަތާރަ މިލިއަން އެއްލައްކަ ހަތްދިހަ ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް އެއް ރުފިޔާ ބާރަ ލާރި) ދައުރު ކޮށްފައިވެ އެވެ. ނަމަވެސް، މި މުއްދަތުގެ ތެރޭގައި އޭނާ ގެ އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 430,638.99 (ހަތަރުލައްކަ ތިރީސް ހާސް ހަ ސަތޭކަ ތިރީސް އަށް ރުފިޔާ ނުވަދިހަ ނުވަ ލާރި) އެވެ.
މީގެ އިތުރުން، އަޙްމަދު އަނާމް އިބްރާހީމް ގެ ބޭންކް އެކައުންޓުތަކުގައި 38،812،690.60 (ތިރީސްއަށް މިލިން އަށްލައްކަ ބާރަހާސް ހަސަތޭކަ ނުވަދިހަ ރުފިޔާ ފަސްދޮޅަސް ލާރި) ވަނީ ދައުރު ކޮށްފަ އެވެ. މި މުއްދަތުގެ ތެރޭގައި އަޙްމަދު އަނާމް އިބްރާހީމްގެ ބޭންކް އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 271،874.32 (ދެލައްކަ ހަތްދިހަ އެއްހާސް އަށްސަތޭކަ ހަތްދިހަ ހަތަރު ރުފިޔާ ތިރީސް ދޭއް ލާރި) އެވެ.
އަދި، ޝައްފާޙް ލަޠީފް ގެ ބޭންކް އެކައުންޓުތަކުގައި 6،916،752.83 (ހަ މިލިޔަން ނުވަލައްކަ ސޯޅަހާސް ހަތްސަތޭކަ ފަންސާ ދޭއް ރުފިޔާ އަށްޑިހަ ތިން ލާރި) ވަނީ ދައުރު ކޮށްފަ އެވެ. މި މުއްދަތު ތެރޭގައި ޝައްފާޙް ލަޠީފްގެ ބޭންކް އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 371،635.36 (ތިންލައްކަ ހަތްދިހަ އެއްހާސް ހަސަތޭކަ ތިރީސް ފަސް ރުފިޔާ ތިރީސް ހަ ލާރި) އެވެ.







