"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން ދައުވާ އުފުލި މީހުންގެ ޝަރީއަތް ބުދަ ދުވަހު ފަށަނީ
އެމްޑީޕީން ބޭއްވި "ލޫޓުވައިފި" މުޒާހަރާގައި ފުލުހުންގެ ދައުރަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި އަށް މީހެއްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ބުދަ ދުވަހު ފެށުމަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފި. މި މައްސަލާގައި އިތުރު ހަތް މީހަކަށް ތުހުމަތު ކުރެވުނު ނަމަވެސް، އެކަށީގެންވާ ހެކި ނެތުމުންނާއި އާންމު މަސްލަހަތަށް ރިއާޔަތްކޮށް ޕީޖީ އޮފީހުން ވަނީ އެ މީހުންގެ ބައި އަނބުރާ ފޮނުވާލާފައި. ފުލުހުން ބާރުގެ ބޭނުންކޮށްގެން ރޫޅާލި މި މުޒާހަރާއާ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ.


ލޫޓުވައިފި ލޫޓުވައިފި އެއްވުމުގެ ތެރެއިން
ނިމިދިޔަ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހުގެ ރޭ އެމްޑީޕީ އިން ކުރިޔަށް ގެންދިޔަ "ލޫޓުވައިފި" މުޒާހަރާއާ ގުޅިގެން 8 މީހެއްގެއް މައްޗަށް ހިންގާ ޝަރީއަތް ބުދަ ދުވަހަށް ތާވަލުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގައި ޝަރީއަތް ފަށަން ތާވަލުކޮށްފައި ވަނީ ބުދަ ދުވަހުގެ ހެނދުނު 10:00 ގަ އެވެ.
މި މައްސަލައަކީ ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް މާލޭގެ އެކި މަގުތަކަށް އެއްވެ އަޑުގަދަކޮށް، މުޒާހަރާކޮށް، އާންމު ދަތުރުފަތުރުކުރުމަށާއި، އާންމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެ އެވެ.
މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުން:
- ޢަބްދުއްސަލާމް
- މުޙައްމަދު ޙަމާއިދު ޢަބްދުލްޣަނީ
- ޢަލީ ނައުފަލް
- މަޢުރޫފް ޛާކިރު
- ޢާއިޝަތު ނަޖުދާ ޢަލީ
- ޢަލީ މުޢައްވަޒް
- ފާޠިމަތު ޒަހިއްޔާ
- ޙުސައިން ރަޝީދު
އެމީހުންގެ މައްޗަށް އުފުލާފައިވަނީ ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 532 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޤާނޫނު ތަންފީޛްކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއެވެ. މި ދައުވާ ކޯޓަށް ހުށަހަޅާފައިވަނީ 26 ފެބްރުވަރީ 2026 ދުވަހު އެވެ.
ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލާގައި އިތުރު 7 މީހަކަށް ތުހުމަތުކުރެވެ އެވެ. ނަމަވެސް އެ މީހުންގެ މައްޗަށް ދަޢުވާކުރެވޭ މިންވަރަށް ހެކި ޤާރީނާ ލިބިފައި ނުވާތީއާއި، ދަޢުވާކުރުމުގެ ޢާންމު މަޞްލަޙަތު ނެތުމުން އެ މީހުންގެ ބައި ދިވެހި ފުލުހުންގެ ޚިދުމަތަށް ވަނީ އަނބުރާ ފޮނުވާލާފަ އެވެ.
ޕީޖީ އޮފީހުން އިތުރަށް ބުނެފައިވަނީ މުޒާހަރާއާ ގުޅުންހުރި މައްސަލަތަކުގައި ދަޢުވާކުރުމުގައި އެ އޮފީހުން ހިފަހައްޓާ ހަމައަކީ މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިވާކަމުގެ ހެކި، ނުވަތަ މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިދާނެ ޙާލަތެއް ކުރިމަތިކުރުވާފައިވާކަމުގެ ހެކި ލިބިފައިވާނަމަ، ދަޢުވާކުރުމުގެ ޢާންމު މަޞްލަޙަތު އޮތްކަމަށް ބަލައި ދަޢުވާ ކުރުން ކަމަށެވެ.
ފަހުގެ ތާރީޚެއްގައި ގިނަ ބަޔަކު ބައިވެރިވި މި މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ޕެޕަރ ސްޕްރޭގެ އިތުރުން، "ލޯންގް ރޭންޖް އެކޮއިސްޓިކް ޑިވައިސް" (އެލް.އާރް.އޭ.ޑީ) އޭ ކިޔާ ތޫނު އަޑު ފޮނުވާ އާލާތެއް ބޭނުންކޮށްފަ އެވެ. މުޒާހަރާ ރޫޅާލަން އެކަށީގެންނުވާ ބާރުގެ ބޭނުން ފުލުހުން ކުރުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ރައީސް މުއިއްޒުގެ ސަރުކާރަށް އަމާޒުވެފަ އެވެ.







