ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ގޮތަށް ހުށަހަޅާފައިވާ ބިލަކީ އަލުން މަރުކަޒީ ވުޒާރާތަކުގެ ދަށަށް ބާރުތައް ޖަމާކުރުމަށް ސިޔާސީ މަގުސަދެއްގައި ހުށަހަޅާފައިވާ ބިލެއް: ހޯރަފުށީ ކައުންސިލް
18 އޯގަސްޓު 2026 | އަންގާރަ 14:39ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަކީ ކައުންސިލްތަކުގެ ބާރު ކަނޑުވާލަން ކުރާ ކަމެއް ކަމަށް ބުނެ، އެ ބިލު ބޭރުކޮށްލުމަށް ހޯރަފުށީ ކައުންސިލުން މަޖިލީހަށް ގޮވާލައިފި. ތަރައްގީގެ މަޝްރޫއުތަކަށް ކައުންސިލުން ފުރިހަމަ އެއްބާރުލުން ދެމުންދާކަން ހޯރަފުށީ ކައުންސިލުން ފާހަގަކޮށްފައިވޭ. މި ބިލު އަނބުރާ ގެންދިއުމަށް އެދި ދެހާހަށްވުރެ ގިނަ މީހުންގެ ސޮއިއާއެކު މިހާރު ވަނީ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައި


ރައީސް މުއިއްޒުގެ އަރިހުގައި ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަން ކައުންސިލުގެ އިހުތިސާސުން ވަކި ކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމޭ ގޮތަށް ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު | ރައީސް އޮފީސް
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލަކީ، ރައްޔިތުންނަށް ލިބިދީފައިވާ ބާރުތައް ހަނިކޮށް، އަލުން މަރުކަޒީ ވުޒާރާތަކުގެ ދަށަށް ބާރުތައް ޖަމާކުރުމަށް ސިޔާސީ މަގުސަދެއްގައި ހުށަހަޅުއްވާފައިވާ ބިލެއް ކަމަށް ހޯރަފުށީ ކައުންސިލުން ބުނެފި އެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާނޫނަށް ހުށަހަޅާފައިވާ 19 ވަނަ އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލަން ގޮވާލައި ހޯރަފުށީ ކައުންސިލުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ސަރުކާރުން މި ބިލު ހުށަހެޅީ، ތަރައްގީގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިޔުމަށްޓަކައި ކައުންސިލްތަކުގެ އެއްބާރުލުން ގާނޫނީ އޮނިގަނޑުގެ ތެރެއިން ކަށަވަރުކުރުމަށް ކަމުގައި ބުނި ނަމަވެސް، މިއީ ކައުންސިލްތަކުގެ އަގު ވައްޓާލައި، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ނަފްރަތު އުފައްދުމަށް ދައްކާފައިވާ ބަހަނާއެއް ކަމަށެވެ.
ސަރުކާރުން ހޯރަފުށީގައި ހިންގުމަށް ކަނޑައަޅާފައިވާ ކޮންމެ ތަރައްގީގެ މަޝްރޫއަކަށް ބިން ހަމަޖައްސައިދީފައި ވާނެ ކަމަށާއި، އެ ކައުންސިލުން އަބަދުވެސް އަންނަނީ ފުރިހަމަ އެއްބާރުލުން ދެމުން ކަމަށް މި ބަޔާނުގައި ބުނެފައިވެ އެވެ. އަދި ހޯރަފުށީގައި ހިންގަން ނިންމާފައިވާ މަޝްރޫއުތަށް ނުފެށި ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ކަމާބެހޭ އިދާރާތަކަށް މި މަޝްރޫއުތައް އަވަސް ކޮށްދޭން އެދިފައިވާނެ ކަމަށް ވެސް ހޯރަފުށީ ކައުންސިލުން ބުނެ އެވެ.
މީގެއިތުރުން ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ބާރުވެރިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުތަކާއި ހިލާފަށް ކައުންސިލްތަކުގެ ބާރު ކެނޑޭ ގޮތަށް ހުށަހަޅާފައިވާ މި ބިލު ބޭރުކޮށްލުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހޯރަފުށީ ކައުންސިލުން ގޮވާލާފައިވެ އެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާނޫނަށް ތުޅާދޫ ދާއިރާގެ މެންބަރު ހަންނާން ހުށަހަޅުއްވާފައިވާ މި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލަން ގޮވާލައި އިތުރު އެހެން ކައުންސިލްތަކުން ވެސް ވަނީ ބަޔާން ނެރިފަ އެވެ. އަދި މި ބިލު އަނބުރާ ގެންދިޔުމަށް ގޮވާލައި 2140 އަށް ވުރެ ގިނަ މީހުންގެ ސޮއިއާއެކު ރައްޔިތުންގެ މަޖިލީހަށް އީ_ ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފަ އެވެ.










