ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގެ ނިޔަތަކީ ރައްޔިތުންނަށް އާމްދަނީ ލިބޭނެ ވަސީލަތްތައް ނެގުން: ހުމެއިދާ
16 އޯގަސްޓު 2026 | އާދީއްތަ 07:55ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ކައުންސިލްތަކުގެ ބާރުކެނޑި، ރައްޔިތުންނަށް ލިބޭ އާމްދަނީގެ ވަސީލަތްތައް ބީވެގެންދާނެ ކަމަށް ހުމެއިދާ އަބްދުލްޣަފޫރު ވިދާޅުވެއްޖެ. މި ބަދަލަކީ ރައްޔިތުންގެ މަސްލަހަތަށްވުރެ ބޮޑަށް ބޭރުގެ އިންވެސްޓަރުންނަށް ފުރުސަތު ދިނުމަށް ގެންނަ ނުރައްކާތެރި ބަދަލެއްކަން ފާހަގަކުރައްވައި، އޭނާ ވަނީ ސަރުކާރުން ކައުންސިލްތައް ބާރުވެރިކުރުވަން ބޭނުންނުވާ ކަމަށް ތުހުމަތުކުރައްވާފައި


ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގެ ތެރެއިން | ރާއްޖެ އެމްވީ
ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގެ ނިޔަތަކީ ރައްޔިތުންނަށް އާމްދަނީ ލިބޭނެ ވަސީލަތްތައް ނެގުން ކަމަށް "ސޭވް މޯލްޑިވްސް ކެމްޕެއިން" ގެ އިސް ވޮލެންޓިއަރެއް ކަމަށްވާ ހުމެއިދާ އަބްދުލްޣަފޫރު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހުމެއިދާ ވިދާޅުވީ ރައްޔިތުން މިހާރު ވެސް ބޭނުން ކުރަމުންދާ ރުއްގަހާއި، ފަރުތަކާއި ފަޅުތަކުން ލިބޭ ނަފާ، ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ބީވެގެން ދާނެ ކަމަށެވެ. އަދި ރާއްޖޭގައި ސިޔާސަތުތައް ހަދަނީ ދިވެހި ރައްޔިތުންގެ ފައިދާއަކަށްތޯ ސުވާލު އުފައްދަވާ ހުމެއިދާ ވިދާޅުވީ އަބަދުވެސް ފެނިގެން ދަނީ ސަރުކާރަގެ ނުފޫޒުން ބޭރުގެ އިންވެސްޓަރަކަށް ކަމެއް ކޮށްދިނުމުގެ ގޮތުން ރައްޔިތުންގެ މުދަލަށް އަރައިގަންނަ މަންޒަރު ކަމަށެވެ.
ކައުންސިލްތަކުގެ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް މި ހުށަހަޅާފައިވާ ބިލަކީ ހަގީގަތުގައި އިސްލާހެއް ނޫން ކަމަށާއި، މިއީ ގެނެވޭ ބަދަލެއް ކަމަށް ހުމެއިދާ ވިދާޅުވި އެވެ. ހަމައެއާއެކު، ކުއްލި ކުއްލިއަށް ގާނޫނަށް ބަދަލު ގެނައުމަކީ ނުރައްކާތެރި ކަމެއް ކަމަށް ހުމެއިދާ ވިދާޅުވި އެވެ.
ކައުންސިލްތަކުގެ ބާރު ކަނޑުވާލުން ނޫނީއާމު ކައުންސިލްތަކަށް ރަށު ފެންވަރުގައި ކުރަން ޖެހޭ ކަންތައްތައް އިސްކުރުމުގެ ފުރުސަތު އެމީހުން އަތުން ބީވެގެން ދިޔުމަކީ ގާތުން އަސްލު ރައްޔިތުންނަށް ހިދުމަތްތައް ހޯދުމަށް އޮތް ވަރަށް ބޮޑު ހުރަހެއް އެނގޭތޯ. އެމީހުން ބޭނުންވާ ކަންކަމަށް ހައްލު ހޯދުމާއި އެމީހުންގެ މަސްލަހަތު އޮތް ކަންކަމުގައި އެމީހުންނަށް ބަސް ބުނެ އެމީހުންގެ އިދާރާ ހިންގުން ހިންގުމަށް އޮތް ހުރަހެއްހުމެއިދާ އަބްދުލްޣަފޫރު
ހުމެއިދާ ވިދާޅުވީ މިހާރު ގާނޫނު ހަދާތަން މި ފެންނަނީ އޮތް ހާލަތުން ދަށް ހާލަތަކަށް ދާ ގޮތަށް ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ރައްޔިތުންގެ މަސްލަހަތުގައި ގެންނަ ބަދަލެއް ނޫން ކަމާއި، މި ބިލު ސިފަ ކުރެވެނީ ކައުންސިލްތަކުގެ ބާރު ކަނޑުވާލަން ހުށަހަޅާފައިވާ ބިލެއް ގޮތުގައި ކަމަށް ހުމެއިދާ ވިދާޅުވި އެވެ.
ކައުންސިލްތަކަށް ލިބެން ޖެހޭ ބަޖެޓާއި ބާރުވެރިކަން ނުދިނުމަށް މައި ސަރުކާރުން މަސައްކަތް ކުރާ ކަމަށް ހުމެއިދާ ތުހުމަތު ކުރެއްވި އެވެ. މީގެއިތުރުން ސަރުކާރުން ކައުންސިލްތަކުގެ ގާބިލްކަން ނެތް ވާހަކަ ދެކެވޭއިރު، ހަގީގަތުގައި ގާބިލުކަން ނެތީ ސަރުކާރުގައި ކަމަށް ހުމެއިދާ ވިދާޅުވި އެވެ. އަދި މިކަމުގެ ސަބަބުން ހުރިހާ ތަކުލީފެއް އުފުލަން ޖެހެނީ ރައްޔިތުން ކަމަށް ވެސް ވިދާޅުވި އެވެ.











