ބައްޕަ ކަށަވަރުވުމާއެކު، ބެލްޖިއަމްގެ މީހަކު ޕްރިންސަކަށް ވެއްޖެ
20 އޯގަސްޓު 2026 | ބުރާސްފަތި 11:57ބެލްޖިއަމްގެ ޕްރިންސް ލޯރެންޓަށް ކައިވެނިން ބޭރުން ލިބިވަޑައިގަތް ދަރިކަލުން ކްލެމެންޓް ވަންޑެންކާކްހޯވްއަކީ ޝާހީ އާއިލާގެ މެންބަރެއްކަން ޑީއެންއޭ ޓެސްޓުން ކަށަވަރުވުމާ ގުޅިގެން، އޭނާއަށް ރަސްމީކޮށް އަމީރުގެ ލަގަބު ދީފި. ނަމަވެސް އޭނާއަކީ ރަސްކަން ވާރުތަވާ ތަރުތީބުގައި ހިމެނޭނެ ފަރާތެއް ނޫން އަދި، ދައުލަތުން ޝާހީ އާއިލާއަށް ދޭ އެލަވަންސްވެސް އޭނާއަށް ނުލިބޭނެ

ކްލެމެންޓް ވަންޑެންކާކްހޯވް (ކަނާތް ފަރާތުގައި) އޭނާގެ ބައްޕަ ޕްރިންސް ލޯރެންޓާއެކު | އިންސްޓަގްރާމް
ބެލްޖިއަމްގެ ރަސްކަލުންގެ ދަރިކޮޅުގެ ބޭފުޅެއްކަން ކަށަވަރުވުމާ ގުޅިގެން، ކުރިން ކާރު ވިއްކުމުގެ ވިޔަފާރީގައި އުޅުނު މީހަކަށް ރަސްމީކޮށް ޕްރިންސް ނުވަތަ އަމީރުގެ ލަގަބު ލިބިއްޖެ އެވެ.
ބެލްޖިއަމްގެ ޕްރިންސް ލޯރެންޓް ވަނީ، އުމުރުން 26 އަހަރުގެ ކްލެމެންޓް ވަންޑެންކާކްހޯވް އަކީ އެމަނިކުފާނުގެ ދަރިކަލެއް ކަމަށާއި ވާރުތަވެރިއެއް ކަމަށް ގާނޫނީ ގޮތުން ބަލައިގަނެފަ އެވެ.
ޕްރިންސް ލޯރެންޓާއި ބެލްޖިއަމްގެ ލަވަކިޔުންތެރިޔާ ވެންޑީ ވެން ވަންޓެންއާ ދެމެދު އޮތް ގުޅުމަކުން އުފަންވި ކްލެމެންޓް، ޝާހީ އާއިލާގެ މެންބަރެއްގެ ގޮތުގައި ބަލައިގަތުމުގެ ރަސްމިއްޔާތު މީގެ ހަ މަސް ކުރިން ސިޓީ ހޯލެއްގައި ސިއްރިއްޔާތުގައި ބާއްވާފައިވީ ނަމަވެސް، މިކަމުގެ ތަފުސީލުތައް އާންމުވެފައިވަނީ ދާދި ފަހުންނެވެ.
ކްލެމެންޓަށް ރަސްމީކޮށް އަމީރުގެ ލަގަބު ލިބުނު ކަމުގައިވީ ނަމަވެސް، ޝާހީ އާއިލާގެ ބޭފުޅުންނަށް ދައުލަތުން ދޭ އެލަވަންސެއް އޭނާއަކަށް ނުލިބޭނެ އެވެ.
އޭނާއަކީ ޝާހީ ބޭފުޅެއްގެ ދަރިއެއްކަން އެނގުނުތާ މިހާރު އަހަރުތަކެއް ވެފައިވާއިރު، ބައްޕަގެ ނަން އޭނާގެ ނަމުގައި ބޭނުންކުރަން ފަށާނެކަމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް އޭނާ ދާދި ފަހުން ބުނެފައިވެ އެވެ.
"އެ ނަން ބޭނުންކުރަން އަހަރެން ބޭނުންވެދާނެ، އެކަމަކު އަހަރެން މިހާރު މި ބޭނުންކުރާ 'ވަންޑެންކާކްހޯވް' މި ނަމާމެދު ފަހުރުވެރިވަން،" އޭނާ 'ހެޓް ނިއުސްބްލެޑް' ނޫހަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.
ޕްރިންސް ލޯރެންޓްގެ އެހެން ބޭފުޅުން ކަމަށްވާ ޕްރިންސަސް ލުއީޒް އާއި ޕްރިންސް އައިމެރިކް އަދި ޕްރިންސް ނިކޮލަސްއާ ހިލާފަށް، ކްލެމެންޓަކީ ބެލްޖިއަމްގެ ރަސްކަން ވާރުތަވާ ތަރުތީބުގައި ހިމެނޭނެ ފަރާތެއް ނޫނެވެ. އަދި ޝާހީ އާއިލާގެ ރަސްމީ ހަރަކާތްތަކުގައިވެސް އޭނާ ބައިވެރިއެއް ނުވާނެ އެވެ.
ކްލެމެންޓަކީ މިހާރުވެސް ބެލްޖިއަމްގެ ރައްޔިތުންގެ މެދުގައި މަގުބޫލު މީހެކެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ފްލެމިޝް ޓީވީން ދެއްކި ޑޮކިއުމެންޓްރީއެއްގައި، އޭނާގެ ބައްޕައާ ބައްދަލުވި ގޮތުގެ ތަފުސީލުތައް ވަނީ ކިޔައިދީފަ އެވެ.
ކްލެމެންޓްގެ ބައްޕަ ޕްރިންސް ލޯރެންޓް، 2003 ވަނަ އަހަރު ޕްރިންސަސް ކްލެއާއާ ކައިވެނި ބައްލަވައިގަތުމުގެ ކުރިން، އައިރިސް ވަންޑެންކާކްހޯވް (އާންމު ނަމުން ނަމަ ވެންޑީ ވެން ވަންޓެން) އާއެކު ގުޅުމެއް ބޭއްވި އެވެ.
ވީ.ޓީ.އެމް ޑޮކިއުމެންޓްރީގައި ކްލެމެންޓް ކިޔައިދިން ގޮތުގައި، 2013 ވަނަ އަހަރު ޝޮޕިން ސެންޓަރަކުން އޭނާއަށް ޕްރިންސް ލޯރެންޓާ ކުއްލި ގޮތަކަށް ބައްދަލުވިއިރު، އެއީ އޭނާގެ ބައްޕަކަމެއް ނޭނގެ އެވެ. އޭނާގެ ބައްޕައަކީ ކާކުކަން މަންމަ ކިޔައިދިނީ އޭނާގެ އުމުރުން 16 އަހަރުގަ އެވެ.
އޭގެ ހަތަރު އަހަރު ފަހުން އޭނާ ބައްޕައަށް ފޯނުން ގުޅަން ފެށި އެވެ. އެތައް ފަހަރަކު ފޯނުން ވާހަކަދެއްކުމަށްފަހު ދެމީހުން ބައްދަލުވެ، އެންމެ ފަހުން ޑީ.އެން.އޭ ޓެސްޓެއް ހެދުމަށް ޕްރިންސް ލޯރެންޓް ހުށަހެޅުއްވި އެވެ.
"އަހަރެމެން ދިޔައީ އެކުގައި ހޮސްޕިޓަލަށް. އަހަރެން ހާސްނުކުރުވުމަށްޓަކައި، ފުރަތަމަ ޓެސްޓު ހަދާނީ ތިމަންނާއޭ ބައްޕަ ބުނި ހަނދާންވޭ،" އޭނާ ވީ.ޓީ.އެމް އަށް ކިޔައިދިނެވެ. އޭގެ ފަހުން ލެބޯޓްރީން ލިބުނު އީމެއިލްގައި ބުނެފައިވަނީ، ދެމީހުންގެ ޑީ.އެން.އޭ 99.5 އިންސައްތަ ދިމާވާ ކަމަށެވެ.
ޕްރިންސް ލޯރެންޓް ޑީ.އެން.އޭ ޓެސްޓު ހެއްދެވުމުން ހަނދާނަށް އަންނަނީ، އޭނާގެ ބައްޕަ އަދި ކުރީގެ ރަސްގެފާނު އަލްބާޓް ދެވަނަ، ދަރިއަކު ހޯދުމަށް ކުރި ދިގު ގާނޫނީ ހަނގުރާމައަކަށްފަހު ޓެސްޓު ހެއްދެވި ހާދިސާ އެވެ. ރަސްގެފާނު އަލްބާޓް ވަނީ، ކައިވެނިން ބޭރުން އުފަންވި އަންހެން ދަރިއަކު ހުރިކަމަށް 2020 ވަނަ އަހަރު އިއުތިރާފުވެ، އެއީ އަމިއްލަ ދަރިއެއްގެ ގޮތުގައި ބަލައިގަނެފަ އެވެ.
މި ދަރިފުޅުގެ މައްސަލަ ޝާހީ އާއިލާގެ ބޮޑު ފަޟީހަތަކަށް ވުމާ ގުޅިގެން، 2013 ވަނަ އަހަރު އަލްބާޓް ދެވަނަ ވަނީ ބެލްޖިއަމްގެ ރަސްކަމުން އިސްތިއުފާ ދެއްވާފަ އެވެ.
މަޝްހޫރު ކުރެހުންތެރިޔާ ޑެލްފިން ބޮއެލް، ކޯޓުގައި ކުރި ދިގު މަސައްކަތުން ކާމިޔާބު ހޯދައި، ޕްރިންސަސްގެ ލަގަބު ހޯދި އެވެ. އޭނާ މިހާރު ބޭނުންކުރާ ނަމަކީ ޑެލްފިން ޑި ސެކްސް-ކޯބާގް އެވެ.
2013 ވަނަ އަހަރު ބެލްޖިއަމްގެ ގާނޫނަށް ގެނައި ބަދަލުތަކުގެ ދަށުން، ދައުލަތުގެ އެލަވަންސް ލިބުމުގެ ހައްގު އޮންނަނީ ޝާހީ އާއިލާގެ މަދު ބޭފުޅުންކޮޅަކަށެވެ. އެއީ ރަސްގެފާނު ފިލިޕް، އޭނާގެ ބައްޕަ އަލްބާޓް ދެވަނަ، ޕްރިންސް ލޯރެންޓް އަދި ޕްރިންސަސް އެސްޓްރިޑް އެވެ.








