މެރިން މިއުޒިއަމްއަކާ އެކު ޒަމާނީ ފެންވަރުގެ މެރިން ރިސަރޗް ސެންޓަރެއް ގާއިމުކުރަނީ
18 އޯގަސްޓު 2026 | އަންގާރަ 09:44ހ. ވައިޓްވޭވްސް ބިން އަމިއްލަ ފަރާތަކަށް ދިން ކަމަށް ދެކެވޭ ވާހަކަތައް ފިޝަރީޒް މިނިސްޓަރު ދޮގުކުރައްވައި، އެތަނުގައި 14 ބުރީގެ ޒަމާނީ އިމާރާތެއް އެޅުމަށް ނިންމާފައިވާކަން ހާމަކުރައްވައިފި. ވޯލްޑް ބޭންކުގެ އެހީގައި މެރިން މިއުޒިއަމަކާއި ޕާކިންގ ހިމެނޭހެން ތަރައްގީކުރާ މި މަޝްރޫއުގެ ޚަރަދު ހަމަޖައްސާނީ އިމާރާތުން ލިބޭ އާމްދަނީން ކަމަށް ސަރުކާރުން ބުނޭ


ހ. ވައިޓްވޭވްސް ގައި މިހާރު ހުރި މެރިން ރިސަރޗް ސެންޓަރު | ސަން އޮންލައިން
ސަރުކާރުގެ އިސްނެގުމުގެ ދަށުން ހ. ވައިޓްވޭވްސްގައި މިހާރު ހުރި މެރިން ރިސަރޗް ސެންޓަރު ތަޅާލައި، ޕާކިންގގެ ޚިދުމަތްތަކާއެކު ޒަމާނީ ފެންވަރުގެ މެރިން ރިސަރޗް ސެންޓަރެއް ގާއިމުކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓްރީ އިން ބުނެފި އެވެ.
މިހާރުގެ މެރިން ރިސަރޗް ސެންޓަރު ތަޅާލާތީ ގިނަ ބައެއްގެ ކަންބޮޑުވުން އެކަމުގައި އޮތް އިރު، އެ އިމާރާތް އަމިއްލަ ފަރާތަކަށް ދިން ކަމުގެ އަޑުތައް ވެސް ވަނީ ގަދަވެފަ އެވެ. އެކަމާ ގުޅިގެން ރާއްޖެއެމްވީ އިން ސުވާލެއް ދެންނެވުމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ހ. ވައިޓްވޭވްސް ބިން އަމިއްލަ ފަރާތަކަށް ކުއްޔަށް ދީފައި ނުވާނެ ކަމަށާއި، އެ ބިމުގެ މިލްކުވެރިކަމަށް އެއްވެސް ބަދަލެއް އައިސްފައި ނުވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެތަނުގައި މިހާރު ކުރިއަށް ދަނީ ޒަމާނީ ފެންވަރުގެ މެރިން ރިސާޗް ސެންޓަރެއް ތަރައްގީކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ. މި މަޝްރޫއުގެ ދަށުން 14 ބުރީގެ އިމާރާތެއް އެޅުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރޭގައި ޕާކިންގގެ ޚިދުމަތްތަކާއި، ޒަމާނީ މެރިން ރިސާޗް ސެންޓަރެއްގެ އިތުރުން އެހެނިހެން ވަސީލަތްތައް ހިމެނެ އެވެ. މީގެއިތުރުން، ވޯލްޑް ބޭންކްގެ މާލީ އެހީތެރިކަމާއެކު ތަރައްގީކުރާ މެރިން މިއުޒިއަމެއް ވެސް މި އިމާރާތުގައި ގާއިމުކުރުމަށް ވަނީ ނިންމާފަ އެވެ.
މި އިމާރާތް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މާލީ ގަވާއިދުގެ ދަށުން އަމިއްލަ ފަރާތްތަކުން ހުށަހެޅުމަށް ހުޅުވާލާފައިވާ އުސޫލުގެ ދަށުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތަށް ލިބުނު ދެ ހުށަހެޅުން އިވެލުއޭޓް ކުރުމަށްފަހު ޕްރޮޖެކްޓް ހަވާލުކުރި ނަމަވެސް، މިއީ ކޮންޓްރެކްޓަރަށް ބިން މިލްކުވުން ނުވަތަ ކުއްޔަށް ދިނުން ނޫން ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވި އެވެ.
މި މަޝްރޫއު ނިމުމުން، ސަރުކާރުން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ހަމަޖެހިފައި ވަނީ އެ އިމާރާތުން ލިބޭ ކުއްޔަށް ދޫކުރާ އާމްދަނީ އިންނެވެ. މިނިސްޓަރު ވިދާޅުވީ މިހާރު ހުރި އިމާރާތަކީ ދުވަސްވެ، ކޮންމެ އަހަރަކު ވެސް މަރާމާތުކޮށް ބެލެހެއްޓުމަށް ބޮޑު ޚަރަދެއް ހިނގާ ތަނަކަށްވާތީ، ދިގު މުއްދަތަކަށް ދެމެހެއްޓެނިވި އަދި ގިނަ ބޭނުންތަކަށް ހިފޭނެ ޒަމާނީ އޮފީސް އިމާރާތެއް ބިނާކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.











