ބުޅާތަކަށް ޚާއްސަ ރަށެއް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި
1 ސެޕްޓެމްބަރު 2026 | އަންގާރަ 10:00ބުޅާތަކަށް ޚާއްސަ ރަށެއް ތަރައްގީކުރުމަށް ބޭރުގެ ފަރާތްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް ދިރާސާކުރަމުންދާ ކަމަށް ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ. މި މަޝްރޫއަކީ ބޮޑު ހޭދައެއް ހިނގާނެ ކަމަކަށްވާތީ، ޒަމާނީ ވަސީލަތްތަކާއެކު މިފަދަ ރަށެއް ގާއިމުކުރުމުން ބައިނަލްއަގުވާމީ ސަމާލުކަން ލިބޭނެ ކަމަށް ސަރުކާރުން ގަބޫލުކުރޭ. ނަމަވެސް، ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގައި މިހާތަނަށް ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެވޭ


މާލޭގެ މަގުމަތީގައި އުޅޭ ބުޅާތައް | ރާއްޖެއެމްވީ
ބުޅާ ގެންގުޅުމަށް ޚާއްސަކޮށްގެން "ކެޓް އައިލެންޑެއް" ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ބުޅާތަކަށް ޚާއްސަ ރަށެއް ތަރައްގީކުރުމަކީ ރާއްޖޭގެ ޕެޓް ކޮމިއުނިޓީއަށް ވަރަށް އުފާވެރި ޚަބަރެއްގެ ގޮތުގައި ވާނެ ކަމަށެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ބުޅާ ގެންގުޅުމަށް ރަށެއް ތަރައްގީކުރުމަކީ ބޮޑު ޚަރަދެއް ހިނގާ ކަމެއް ކަމަށްވާތީ އެ މަސައްކަތަށް ޝައުގުވެރިވާ ބަޔަކު ހޯދުމުގެ މަސައްކަތްތަކެއް ވަނީ ކުރެވިފަ އެވެ. އެގޮތުން އެ ރަށް ތަރައްގީކުރުމަށް ބޭރުގެ ބަޔަކު ހިމެނޭހެން ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދަނީ އެ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމުގެ މަރުހަލާ އެވެ. އެ މަޝްރޫއު ވަރަށް ކާމިޔާބު މަޝްރޫއަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި އެފަދަ ރަށެއް ޒަމާނީ ފެސިލިޓީތަކާއެކު ހިންގިއްޖެނަމަ އެއީ ބައިނަލްއަގުވާމީ މުޖުތަމައުން ވެސް ވަރަށް ބޮޑު ޝައުގުވެރިކަމެއް ލިބޭނެ ކަމެކެވެ.
މި މަޝްރޫއު ކުރިއަށްދާނެ ގޮތާއި ބެހޭ އިތުރު ތަފްސީލްތައް ވަޒީރު ހިއްސާކުރައްވާފައެއް ނުވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޖަނަވާރުންނާ ބެހޭ ޚާއްސަ ވުޒާރާއެއް އުފައްދައި، ދެ އަހަރުވަންދެން ވަކި ވުޒާރާއެއްގެ ގޮތުގައި އެތަން ހިންގިނަމަވެސް، މިއަދާ ހަމައަށް ވެސް ބުޅަލުގެ މައްސަލަ ފަދަ ބޮޑެތި މައްސަލަތަކަށް އެދެވޭ ހައްލެއް ހޯދައިދެވިފައެއް ނުވެ އެވެ. ނުވިތާކަށް މާލޭ ސިޓީ ކައުންސިލުގެ ޚަރަދުގައި ހުޅުމާލޭގައި ބުޅާތަކަށް ހެދި ފެސިލިޓީ އެގްރިކަލްޗަރ މިނިސްޓްރީއާ ހަވާލުކުރިއިރު، އެތަން ވެސް އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްޓޭކަމުގެ ކަންބޮޑުވުންތައް ވަނީ ފެންމަތިވެފަ އެވެ.










