ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުމާއި ހަމައަށް ބާރު ސްޕީޑުގައި ކުރިއަށް ދިޔަ ދ. ކުޑަހުވަދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ މަސައްކަތް އެއްކޮށް ހުއްޓިފައި!
17 އޯގަސްޓު 2026 | ހޯމަ 15:41ދ. ކުޑަހުވަދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު މަޑުޖެހިފައިވާތީ ކައުންސިލުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެމްޓީސީސީން ބުނަނީ މަސައްކަތް ލަސްވަނީ ބޭނުންވާ ސާމާނު ނުލިބިގެން ކަމަށް. މީގެއިތުރުން، އައު ބަނދަރުގެ ޓީ-ޖެޓީ ކުރީގެ ޖެޓީއަށްވުރެ ހަނިވުމުން މުދާ ބޭލުމުގައި ދަތިތަކެއް ކުރިމަތިވެދާނެތީ ރަށުގެ ރައްޔިތުންނާއި ކައުންސިލުން ދަނީ ޝަކުވާ ކުރަމުން. އެހެންކަމުން، މި މަޝްރޫއު ނިމޭނެ ސީދާ ތާރީޚެއް ނޭނގޭތީ ރަށު ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ލުމާއި ހަމައަށް ބާރު ސްޕީޑްގައި ކުރިއަށް ދިޔަ ދ. ކުޑަހުވަދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ މަސައްކަތް އެއްކޮށް ހުއްޓިފައި! | ރާއްޖެ އެމްވީ
ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުމާއި ހަމައަށް ބާރު ސްޕީޑްގައި ކުރިއަށް ދިޔަ ދ. ކުޑަހުވަދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ މަސައްކަތް އެއްކޮށް ހުއްޓި އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކުޑަހުވަދޫ ކައުންސިލުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ދ. ކުޑަހުވަދޫ ކައުންސިލްގެ ރައީސް މުހައްމަދު ސަލީމް ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުއަކީ 2024 ވަނަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ކުޑަހުވަދޫއަށް ވަޑައިގެން ވެވަޑައިގެންނެވި ވައުދުފުޅެއް ކަމަށެވެ. އަދި މި މަޝްރޫއުގެ މަސައްކަތް ފެށިގެން ދިޔައީ ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް 2026 ގެ މޭ މަހު 25 ވަނަ ދުވަހު ކަމަށް މުހައްމަދު ސަލީމް ވިދާޅުވި އެވެ.
މުހައްމަދު ސަލީމް ވިދާޅުވީ މި މަސައްކަތް ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުމާއި ހަމަޔަށް ބާރު ސްޕީޑްގައި ކުރިއަށް ދިޔަ ނަމަވެސް އިންތިހާބު ނިމުމާއެކު އެ މަޝްރޫއުގެ މަސައްކަތް މާ ބޮޑަށް ކުރިއަށް ނުދާ ކަމަށެވެ.
މިހާރު މި ބަނދަރު އަނެއްހެން ބުނާނަމަ ބަނދަރުގެ ބޮޑު ބައި ނިމި މިހެން އޮންނަތާ މިދިޔައީ ގާތްގަނޑަކަށް ފަސްވަރަކަށް މަސް ދުވަސް، ހަތަރު މަސް ދުވަސް މިދިޔައީ ހަމަ ވަރަށް ކުޑަކުޑަކޮށް މިހެން ދޭތެރެއަކުން މަސައްކަތް ކޮށްލާ އުސޫލުން މަސައްކަތް ކޮށްލާތާ. މި ބަނދަރުގެ ދެ ފަޅިއެއް އެބަ ހަދާ މިއީ ބަނދަރު އެކްސްޓޭޝަންގެ އެއް ފަޅި މިވަގުތު ހަދާފައި މި އިންނަނީ މީގެ އަނެއް ފަޅިވެސް ހަދާނެ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އިނީމުހައްމަދު ސަލީމް
އައު ބަނދަރު ނިމުމުން މިހާރު ކުޑަހުވަދޫގައި މުދާ ބާލެމުށް ބޭނުންކުރާ ޓީ-ޖެޓީ އެތަނަށް ބަދަލުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މުހައްމަދު ސަލީމް ވިދާޅުވި އެވެ. ނަމަވެސް އައު ބަނދަރުގެ ޓީޖެޓީ ސަރަހައްދުގައި ހުރީ 60 ފޫޓުކަމުގައި ވުމުން، އެކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބޭ ކަމަށާއި އެކަމުގެ ކަންބޮޑުވުން އެންމެ ފަހުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ވެސް ފާޅުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަށު ރައްޔިތުން އަޅުގަނޑަށް މައުލޫމާތު މިދެނީ މިއީ ވަރަށް ހަނި ޓީ ޖެޓީ އެކޭ، މި ޓީ ޖެޓީގައި މުދާ ބާލާފައި ހުންނަ އިރު ބޮޑެތި ވެހިކަލް ދުއްވުމާއި، ގެންދިޔުން ވަރަށް އުނދަގޫ ކަމެއް ކަމަށޭ ވެގެން ދާނީ، މިހާރު އަޅުގަނޑުމެން މި ބޭނުން ކުރާ ޓީ ޖެޓީ އަކީ 80 ފޫޓު ފުޅާ ޓީ ޖެޓީއެއް ދެން 20 ފޫޓު އެބަ މަދުވޭ މިބުނާ ގޮތަށް މި ޓީ ޖެޓީންމުހައްމަދު ސަލީމް
ދ. ކުޑަހުވަދޫގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުއަކީ އެމްޓީސީސީއަށް ހަވާލުކޮށްފައިވާ މަޝްރޫއުއެއް ކަމަށް މުހައްމަދު ސަލީމް ވިދާޅުވި އެވެ.
މީގެއިތުރުން މި މަޝްރޫއު ލަސްވެގެން ދަނީ ބަނދަރު ހެދުމަށް ބޭނުންވާ ބައެއް ސާމާނު ނުލިބޭތީ ކަމަށް އެމްޓީސީސީން ބުނެފައިވާ ކަމަށް މުހައްމަދު ސަލީމް ވިދާޅުވި އެވެ. އަދި މި މަޝްރޫއު ނިމޭނެ ދުވަހެއްގެ މައުލޫމާތު އެމްޓީސީސީން ހިއްސާ ނުކުރާ ކަމަށާއި ކައުންސިލަށް ވެސް މި މަޝްރޫއު ނިމޭނެ ދުވަހަށް ނޭނގޭ ކަމަށް ވިދާޅުވެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައި އެވެ.










