މަޖިލީހުން އަދަދު ނުކުރެވޭވަރަށް ގާނޫނު ފާސްކުރޭ، އެކަމަކު އެ ހުރިހާ އެއްޗެއް ބަހައްޓަނީ ފައިލަކަށް ލާ ފޮރުވާފައި: ޣަފޫރު
17 އޯގަސްޓު 2026 | ހޯމަ 07:08ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅުވާނަމަ ރައްޔިތުންގެ ޖީބަށް އެކަމުގެ ފައިދާ ކުރަންޖެހޭނެ ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ. ޑޮލަރުގެ އަގު އިންތިހާއަށް އުފުލިފައިވާކަން ފާހަގަކުރައްވައި، މަޖިލީހުން ފާސްކުރާ ގާނޫނުތައް ތަންފީޒުނުވާނަމަ ރައްޔިތުންނަށް އޭގެ މަންފާއެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި


ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ | މަޖިލިސް
މި ގައުމުގެ ކަންކަން ރަނގަޅުވާ ކަމަށް ސަރުކާރުން ބުނަމުންދާ ކަމަށާއި، ކަންކަން ރަނގަޅުވާނަމަ ރައްޔިތުންގެ ޖީބަށް ވެސް ރަނގަޅު ވަމުން ދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހަޅުއްވާފައިވާ، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވަނީ ބަހުސްކޮށްފަ އެވެ. އެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު ވިދާޅުވީ ރައްޔިތުންގެ ހާލަތު އެއްވެސް ވަރަކަށް ރަނގަޅު ނޫން ކަމަށެވެ.
އެގޮތުން ރައްޔިތުން މިއަދު ޑޮލަރު ގަންނަނީ 22 ރުފިޔާ ބަޔަށް ކަމަށާއި ދައުލަތަށް ލިބޭ ހުރިހާ ލާރި އެއް ޚަރަދު ކުރަނީ އެސްޓީއޯ އަށް ތެޔޮ ގަންނަން ކަމަށް ބުނެ ކަމަށެވެ. އަދި އެ ތެލުގެ 75 ޕަސެންޓު ވިއްކަނީ ރިސޯޓުތަކަށާއި އެމްއޭސީއެލް އިން ވަގަށް ޑޮަލަރު މާރު ކުރަމުންދާ ކަމަށް ވެސް މެންބަު ތުހުމަތު ކުރެއްވި އެވެ.
ދައުލަތަށް ވަންނަ ހުރިހާ ފައިސާ އެއް މި ދަނީ ސަރުކާރު ކުންފުނިތަކަށް ޑޮލަރު ގަންނަން. ހުރިހާ ޑޮލަރެއް މި ހޭދަކުރަނީ އެ ބޭފުޅުން މުދާ ގަންނަން. ކަންކަން ރަނގަޅުވެގެން ދަންޏާ ރައްޔިތުންގެ ޖީބަށް ރަނގަޅުވާން ޖެހޭނެ އޭ. ޑޮލަރުގެ އަގު ތިރި ވާން ޖެހޭނެ އޭ. ރާއްޖޭގެ ބޮޑެތި ޕްރޮޖެކްޓުތައް ހިންގަން ބޭރުގެ ކޮންޓްރެކްޓަރުން ގެންނަ އިރުގައި، އެ ކޮންޓްރެކްޓަރު ރާއްޖޭގައި ރަޖިސްޓްރީ ނުކުރާނަމަ ރާއްޖެއަށް އޭގެން ވަންނަން ޖެހޭ ފައިސާ ވަދެފަ ވޭތޯ ބަލަން ޖެހޭނެއަބްދުލްޣަފޫރު މޫސާ
ޣަފޫރު ވިދާޅުވީ އިސް ވާން ޖެހޭނީ ފުރަތަމަ މި ގައުމު ކަމަށެވެ. މިއީ އެ ޕާޓީ، މި ޕާޓީގެ މައްސަލައެއް ނޫން ކަމަށާއި މިއީ ދިވެހި ރައްޔިތުންގެ ގައުމެއް ކަމަށެވެ. މެންބަރު ވިދާޅުވީ މި ގައުމުގަ ހަދާ ގާނޫނުތައް ތަންފީޒުކުރާނެ މީހުން މި ގައުމުގަ ތިބެންޖެހޭނެ ކަމަށެވެ. ޕޯޑިއަމަށް އަރާ ވާހަކަދެއްކިޔަސް ރައްޔިތުންނަށް އެކަމަކުން ވާނެ ފައިދާއެއް ނޯންނާނެ ކަމަށް ޣަފޫރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުން ވަރުވަރުން ގާނޫނުތައް ފާސްކުރާ ކަމަށާއި އެ ގާނޫނުތައް ތަންފީޒު ވާނަމަ ރައްޔިތުންނަށް އުފާފާގަތި ކަންމަތީގައި އުޅެވޭ މިންވަރަށް މި މަޖިލީހުން ގާނޫނު ފާސް ކޮށްފި ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ގާނޫނެއް ފާސް ވުމަށްފަހު ފައިލްގައ ބަހައްޓާ އެއްޗަކަށް ވެއްޖެ ކަމަށާއި އެކަން އެހެން އޮވެގެން ތަރައްގީއެއް ކުރިއެރުމެއް ނުހޯދޭނެ ކަމަށް ވެސް ޣަަފޫރު ވިދާޅުވި އެވެ.











