ރައީސަކު ވައްކަން ކުރާ ވިސްނުން ހުރެގެން ކިތަންމެ ވަރަކަށް ގާނޫނު ހެދިޔަސް އެ ގައުމަކުން ވައްކަމެއް ނުހުއްޓުވޭނެ: ޒިޔާދު
17 އޯގަސްޓު 2026 | ހޯމަ 05:21އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަށް ބަހުސްކުރައްވަމުން، ވިތްހޯލްޑިންގ ޓެކްސް ބޮޑުކުރުމުން ކުދި ވިޔަފާރިތަކަށް ކުރާނެ ނޭދެވޭ އަސަރުތަކާ މެދު ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކަންބޮޑުވުން ފާޅުކުރައްވައިފި. ދިވެހި ކުންފުނިތަކަށް އިސްކަންދޭނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް، ބޮޑެތި މަޝްރޫއުތައް ބޭރުގެ ކުންފުނިތަކަށް ދީގެން ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި


ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު | މަޖިލިސް
ގައުމެއްގެ ރައީސަކު ވައްކަން ކުރާ ވިސްނުން ހުރެގެން ކިތަންމެ ވަރަކަށް ގާނޫނު ހެދިޔަސް އެ ގައުމަކުން ވައްކަން ކުރުމެއް ނުހުއްޓުވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހަޅުއްވާފައިވާ، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވަނީ ބަހުސްކޮށްފަ އެވެ. އެ ބިލަށް ބަހުސް ކުރައްވަމުން ޒިޔާދު ވިދާޅުވީ ޓެކްސް ބިލަކަށް ވާހަކަދައްކާއިރު ވިސްނަން ޖެހޭ މުހިއްމު ކަންކަން ހުންނަ ކަމަށެވެ.
މެންބަރު ވިދާޅުވީ ޖީއެސްޓީ ވެސް ބޮޑުކުރަން ހުށަހަޅާފައިވާއިރު ވިތްހޯލްޑިންގ ޓެކްސް ބޮޑުކުރަން ނިންމުމުން ކުދިކުދި ގެސްޓްހައުސްތަކަށް ވާނެ ގޮތާ މެދު ވެސް ވިސްނާލުން މުހިއްމު ކަމަށެވެ.
ޒިޔާދު ވިދާޅުވީ މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބުނެފައި ވަނީ ދިވެހިންނަށް ފުރުސަތު ދިނުން ކަމަށާއި، މިވަގުތު ރާއްޖޭގައި ހިނގާ އެންމެ ބޮޑު ޕްރޮޖެކްޓަކީ ފުށިދިއްގަރު ޕްރޮޖެކްޓް ކަމަށެވެ. އެ ބިން ހިއްކަނީ އެމްއޭސީއެލް ކަމަށާއި އެހެން ނަމަވެސް ހުރިހާ މަސައްކަތެއް ކުރަނީ ބޭރުގެ ފަރާތްތައް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ދިވެހިރާއްޖޭގެ ކުންފުންޏެއްގައި ރަޖިސްޓްރީ ކުރާ ހިސާބުން ވިތްހޯލްޑިންގ ޓެކްސް ދައްކަން ނުޖެހޭ ކަމަށާއި އެގެ ނާޖާއިޒު ފައިދާ ނަގައިގެން، އެ ޓެކްސް އިން ސަލާމަތްވުމަށްޓަކައި ބޭރުގެ ކުންފުނިތަކުން ރާއްޖޭގެ ކުންފުނިތަކުގައި ރަޖިސްޓްރީ ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދިވެހި ކޮން ކުންފުންޏަކަށް ތޯ ފައިސާ ދިނީ. ކޮން ކުންފުންޏަކަށް ތޯ މަސައްކަތް ދިނީ. ނެތޭ. ދީފައެއް ނެތޭ. ދެ ކުންފުންޏެއް، ދެ ކުންފުންޏަކަށް ދީގެން މި ހުސް ކުރަނީ މުޅި ދައުލަތް. ބޭރު ކުންފުނިތަކަށް ފައިސާ ދީގެން އެ ފައިސާގެ ކަޓު ނަގައިގެން މިއުޅެނީ. ރައީސަކު ވައްކަން ކުރާ ވިސްނުން ހުރެގެން ކިތަންމެ ވަރަކަށް ގާނޫނު ހެދިޔަސް އަޅުގަނޑުމެންނަކަށް ގައުމަކުން ވައްކަން ކުރުމެއް ނުހުއްޓުވޭނެހުސައިން ޒިޔާދު
މެންބަރު ވިދާޅުވީ ނ. އަތޮޅަށް ބަލާއިރު ބޮޑު ފަޅެއް ދޫކޮށްލާފައި ވަނީ ދިވެހިންނަށް ޓެކްސް ނުލިބޭ ގޮތަށް ކަމަށެވެ. އޭގެ އިތުރުން މި ސަރުކާރުން ދިވެހީންނަށް އިސްކަންދޭ ކަމަށް ބުނާއިރު ރަށްރަށުގައި ޒުވާނުންގެ މަރުކަޒު ހަދާއިރު އެތަންތަން ހަދަނީ އެ ރަށްރަށުގައި ތިބި ކުންފުނިތައް ކަމަށާއި، އެހެން ނަމަވެސް މިއަދު އެ މަސައްކަތް ވެސް ކުރަނީ ޗައިނާ ކުންފުނިތަކުން ކަމަށެވެ. އަދި މިއީ މިއަދު ދިވެހީންނަށް މި ގައުމުގައި އިސްކަންދޭ މިންވަރު ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.
މެންބަރު ޒަރީރު ހުށަހެޅުއްވި ބިލުގައި ވަނީ ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގައި ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ވިތުހޯލްޑިންގ ޓެކްސް 10 އިންސައްތަ އަށް އިތުރު ކުރުމަށެވެ. މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބުނެފައި ވަނީ ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގެ ކޮންޓްރެކްޓުތަކަށް ވާދަކުރުމުގައި ދިވެހި ވިޔަފާރިތަކާއި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންނާ ދެމެދު ހަމަހަމަ އަދި ވާދަވެރި މާހައުލެއް ގާއިމުކުރުމެވެ.











