ސްޕެއިންގެ "ފްލައިބައި" އެކެޑަމީގެ ބޯޓެއް ވެއްޓި ދިވެހި ޕައިލެޓަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ
17 އޯގަސްޓު 2026 | ހޯމަ 02:06ސްޕެއިންގެ ފްލައިބައި އެކެޑަމީގެ ބޯޓެއް 300 ފޫޓު މަތިން ވެއްޓި، އޭގައި އިން ދިވެހި ދަރިވަރަށާއި އިންސްޓްރަކްޓަރަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ. ތަމްރީނުތަކެއް ހަދަމުންދަނިކޮށް ހިނގި މި ހާދިސާގައި ދިވެހި ޕައިލެޓްގެ ފައި ބިންދައިގެން ގޮސްފައިވާއިރު، 2024 ސެޕްޓެމްބަރު މަހުވެސް މި އެކެޑަމީގެ ބޯޓެއް ވެއްޓި ދަރިވަރަކު ވަނީ މަރުވެފައި. އެކެޑަމީގެ ސޭފްޓީ މެނޭޖްމަންޓް ސިސްޓަމްގައި ހުރި އުނިކަންކަން ކުރިން ހިންގި ތަހުގީގުން ވަނީ ފާހަގަކުރެވިފައި

ސްޕެއިންގެ ފްލައިބައި އެކަޑަމީން ތަމްރީނުތަކަށް ބޭނުންކުރާ ޓްވިން އިންޖީނު އެޅި މަތިންދާބޯޓެއް، 2026 އޮގަސްޓް 16 ވަނަ ދުވަހު އެ ގައުމުގެ އަގޮންސިލޯ އެއާޕޯޓް ކައިރިއަށް ވެއްޓިފައި | ރާއްޖެ އެމްވީ
ސްޕެއިންގައި ހިންގާ "ފްލައިބައި" ޕައިލެޓުން ތަމްރީނުކުރާ އެކެޑަމީ އެއްގެ ބޯޓެއް ވެއްޓި ބޯޓު ދުއްވަން އިން ދިވެހި ޕައިލެޓަށާއި ފްލައިޓް އިންސްޓްރަކްޓަރަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ.
އާދިއްތަ ދުވަހު ފްލައިބައި އޭވިއޭޝަން އެކެޑެމީގެ ބޯޓަކަށް ދިމާވި މި ޙާދިސާގައި ބޯޓު ދުއްވަން އިން ދިވެހި ޕައިލެޓްގެ ފައިގެ ކުޑަހުޅު ބިންދައިގެން ގޮސް އިތުރު އަނިޔާތަކެއް ލިބިފައިވާ ކަމަށް އެ ސްކޫލުގައި ކިޔަވަމުންދާ ދިވެހި ދަރިވަރަކު މައުލޫމާތު ދީފައިވެ އެވެ. އޭގެ އިތުރުން ފްލައިޓް އިންސްޓްރަކްޓަރުގެ ގޮތުގައި ބޯޓުގައި އިން މީހާ އަށް ވެސް ވަނީ އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.
މި ނުރައްކާތެރި ހާދިސާގައި ވެއްޓުނު ބޯޓު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

ސްޕެއިންގެ ފްލައިބައި އެކެޑަމީގެ ތަމްރީނުތަކަށް ބޭނުންކުރާ ޓްވިން އިންޖީނު އެޅި މަތިންދާބޯޓެއް، 2026 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 16 ވަނަ ދުވަހު އެ ގައުމުގެ އަގޮންސިލޯ އެއާޕޯޓް ކައިރިއަށް ވެއްޓި ބޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި | ރާއްޖެ އެމްވީ
ސްޕެއިންގެ މީޑިއާއަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާގައި އަނިޔާވި ދިވެހި ދަރިވަރުގެ ބޯ ފަޅައިގެން ގޮސް، ފަޔަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. މީގެ އިތުރުން، ސްޕެއިންގެ ނޫހެއް ކަމަށްވާ 'ލަ ރިއޯހާ' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ މަތިންދާބޯޓުގައި ދެން އިން 26 އަހަރުގެ ފްލައިޓް އިންސްޓްރަކްޓަރަށް ވެސް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ. އެގޮތުން އޭނާގެ ބޮލަށާއި މައިބަދައަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ނޫހުން ބުނެފައިވެ އެވެ.

ސްޕެއިންގެ ފްލައިބައި އެކެޑަމީގެ ތަމްރީނުތަކަށް ބޭނުންކުރާ ޓްވިން އިންޖީނު އެޅި މަތިންދާބޯޓެއް، 2026 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 16 ވަނަ ދުވަހު އެ ގައުމުގެ އަގޮންސިލޯ އެއާޕޯޓް ކައިރިއަށް ވެއްޓި ބޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި | ރާއްޖެ އެމްވީ
މި މަތިންދާބޯޓު ވެއްޓިފައިވަނީ ގާތްގަނޑަކަށް 300 ފޫޓު މަތިން އުދުހެމުން ދަނިކޮށް، ވިއާނާގެ 'އުލަގޯސާ' ނަމަކަށް ކިޔާ ދަނޑުވެރިކަން ކުރާ ސަރަހައްދަކަށެވެ. ވެއްޓިފައިވަނީ 'ފްލައިބައި' އިން އޮޕަރޭޓްކުރާ 'ޓެކްނަމް P2006T' މަރުކާގެ ދެ އިންޖީނުލީ ބޯޓެކެވެ. މި ބޯޓަކީ އެގޮންސިލޯ އެއާޕޯޓުގައި 'ޓަޗް-އެންޑް-ގޯ' ތަމްރީނުތަކެއް ހަދަމުންދިޔަ ބޯޓެއް ކަމަށް މައުލޫމާތު ލިބެ އެވެ.
އާދިއްތަ ދުވަހު މި ހާދިސާ ހިނގާފައިވާއިރު، ފްލައިބައި އެވިއޭޝަން އެކަޑަމީގެ ފްލައިޓެއް 2024 ސެޕްޓެމްބަރު 18 ގައި ވެސް ވަނީ ވެއްޓި، ނުރައްކާތެރި ހާދިސާއެއް ހިނގާފަ އެވެ.
އެ ހާދިސާގައި އުމުރުން 20 އަހަރުގެ ޖަރުމަނުވިލާތުގެ އަންހެން ދަރިވަރު ޕައިލެޓް ވަނީ މަރުވެފަ އެވެ. އަދި އޭގެ އިތުރުން ފްލައިޓްގައި ދަރިވަރާއެކު ދަތުރުކުރި އުމުރުން 32 އަހަރުގެ ބަންގްލަދޭޝްގެ ފްލައިޓް އިންސްޓްރަކްޓަރަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ.
އެ ހިތާމަވެރި ހާދިސާގައި ވެއްޓުނީ ބާގޯސް އެއާޕޯޓުން އުދުއްސާލި "ޓެކްނަމް" މަރުކާގެ އެއް އިންޖީނުލީ މަތިންދާބޯޓެކެވެ.
މި ބޯޓު ވެއްޓިފައިވަނީ ޕަލެންސިއާގެ އަބިއާ ޑި ލަސް ޓޮރޭޒްގެ އުތުރުން ގާތްގަނޑަކަށް 600 މީޓަރު ބޭރުގައި އޮންނަ ހުސް ބިމަކަށެވެ.
އެ ހާދިސާއާ ގުޅިގެން ކުރިއަށްގެންދިޔަ ތަހުގީގުގެ ފައިނަލް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ބޯޓު ވެއްޓެން މެދުވެރިވީ ތިރިން އުދުހެމުން ދަނިކޮށް ބޯޓު ސަލާމަތްކުރުމަށް ކުރި މަސައްކަތުގެ ތެރޭގައި ބޯޓުގެ ކޮންޓްރޯލް ގެއްލިގެންނެވެ. މީގެ އިތުރުން، އުދުހުމުގެ ގަވާއިދުތަކާ ޚިލާފުވުމާއި، ފްލައިޓް ސްކޫލުން ތަމްރީނުތައް ބެލެހެއްޓުމުގައި އިހުމާލުވުމުގެ އިތުރުން، އެ ތަނުގެ ސޭފްޓީ މެނޭޖްމަންޓް ސިސްޓަމްގައި ހުރި އުނިކަންކަން މި ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބުތަކުގެ ގޮތުގައި ތަހުގީގަށް ވަނީ ފާހަގަކުރެވިފަ އެވެ.











