ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާ އާއި އިސްރާއީލްއާ ދެކޮޅަށް ތިބި ރައްޔިތުންނަށް ލިބުނު އުފަލެއް: އީރާން
އީރާންގެ ދައުލަތުގެ މީޑިއާ އިރްނާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް ވިދާޅުވީ، ސްޕެއިންގެ ކުޅުންތެރިން ފަލަސްޠީނުގެ ރައްޔިތުންގެ ދިފާއުފައި ދެއްކެވި ހިތްވަރާއި، އީރާން އަށް ސްޕެއިން އިން ދިން ތާއީދުން ހާމަވަނީ އެ ޤައުމަކީ މިނިވަންކަމާއި، އިޙުތިރާމް ޤަބޫލު ކުރާ ބުއްދިވެރި ޤައުމެއް ކަމަށް


އީރާންގެ ރައީސް ޕެޒެޝްކިއާން އަދި ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާފް | ރޮއިޓާސް
ސްޕެއިން އިން ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާ އާއި އިސްރާއީލްއާ ދެކޮޅަށް ތިބި އެންމެހާ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ބުނެ، އީރާން އިން ސްޕެއިން އަށް މަރުޙަބާ ކިޔައިފި އެވެ.
ސްޕެއިންގެ ޤައުމީ ފުޓުބޯޅަ ޓީމަށް ސޯޝަލް މީޑިއާ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ތަރުހީބެއް ލިބިފައި ވަނީ، އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ނަސްލު ނަައްތާލުމަށް ދެކޮޅަށް ސްޕެއިންގެ ސަރުކާރުން ކުރަމުން އަންނަ ވަކާލާތުގެ ސަބަބުންނެވެ. ހަމަ އެހެންމެ، އެމެރިކާާ އާއި އިސްރާއީލުން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ އަށް ވެސް ސްޕެއިން އިން ފާޑު ކިޔާފައިވާއިރު، މިއީ ވެސް އެތައް ބައެއްގެ ތަރުހީބު އެ ޤައުމަށް ލިބިފައިވާ ސަބަބެކެވެ.
އީރާންގެ ދައުލަތުގެ މީޑިއާ އިރްނާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް ވިދާޅުވީ، ސްޕެއިންގެ ކުޅުންތެރިން ފަލަސްޠީނުގެ ރައްޔިތުންގެ ދިފާއުފައި ދެއްކެވި ހިތްވަރާއި، އީރާން އަށް ސްޕެއިން އިން ދިން ތާއީދުން ހާމަވަނީ އެ ޤައުމަކީ މިނިވަންކަމާއި، އިޙުތިރާމް ޤަބޫލު ކުރާ ބުއްދިވެރި ޤައުމެއް ކަމަށެވެ.
ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި އާޖެންޓީނާ ބަލިކޮށް ސްޕެއިން ހޯދި ކާމިޔާބަށް އިޝާރާތް ކުރައްވައި ޣަލިބާފް ވިދާޅުވީ، އެއީ ހަމައެކަނި ސްޕެއިންގެ ރައްޔިތުންނަށް ލިބުނު އުފަލެއް ނޫން ކަަމަށެވެ. އެގޮތުން އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މިނިވަންކަމާއި، އިންސާފަށް ލޯބި ކުރާ އެތައް މިލިއަން ބަޔަކަށް ލިބުނު އުފަލެއް ކަމަށް ވެސް ޣަލިބާފް ވަނީ ވިދާޅުވެފައި އެވެ.
ޣަލިބާފް އިތުރުން އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވެސް ވަނީ އީރާން އަށް މަރުޙަބާ ވިދާޅުވެފައި އެވެ. އެގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޕެޒެޝްކިއާން ވިދާޅުވެފައި ވަނީ، ވޯލްޑް ކަޕް ކާމިޔާބު ކުރުމުން ސްޕެއިން އަށް މަރުޙަބާ ވިދާޅުވާ ކަމަށާއި، އެއީ ސްޕެއިން އަށް ހައްގު ކާމިޔާބެއް ކަމަށެވެ. ސްޕެއިން އަކީ އީރާންއާ އަވަށްޓެރި ޤައުމެއް ކަމަށާއި، ސްޕެއިން އަށް ލިބޭ އުފަލަކީ އީރާން އަށް ވެސް ލިބޭ އުފަލެއް ކަމަށް ޕެޒެޝްކިއާން ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވިދާޅުވީ، ފާއިތުވި މަސްތަކުގައި އަނިޔާވެރިކަމާއި، ގަތުލުއާންމާ ދެކޮޅަށް ސްޕެއިންގެ ޤައިމީ ޓީމާއި، އެ ޤައުމުގެ ސަރުކާރުން ގެންގުޅުނު ސިޔާސަތަކީ ވަރަށް އަގުހުރި ކަމެއް ކަމަށެވެ.










