ފަރަންސޭސި ވިލާތުގައި ފެތުރެމުންދާ އަލިފާންގަނޑުގެ ނުރައްކާ ބޮޑުވެ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް މެކްރޯން ބާއްވަވަނީ
27 ޖުލައި 2026 | ހޯމަ 11:38ފްރާންސާއި ސްޕެއިން ގައި ރޯވެފައިވާ ނުރައްކާތެރި އަލިފާންގަނޑުތައް ބޯޑޯ އާއި މެޑްރިޑް ފަދަ ބޮޑެތި ސިޓީތަކާ ގާތްވަމުންދާތީ، އެތައް ލައްކަ ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައި. ޔޫރަޕަށް ކުރިމަތިވެފައިވާ ރެކޯޑް ހޫނުމިނާ ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، މީގެ ސަބަބުން ގުދުރަތީ މާހައުލަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުން
ފަރަންސޭސިވިލާތުގައި ކޮންޓްރޯލެއް ނެތި ފެތުރެމުންދާ ނުރައްކާތެރި އަލިފާނުގެ ހާދިސާތަކާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކުރަން ވަނީ ޖެހިފައި | ސޯޝަލް މީޑިއާ
ފްރާންސްގެ ހުޅަނގު ދެކުނު ސަރަހައްދުގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި އަލިފާންގަނޑުތައް ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތައް ވިލަރެސްކުރެއްވުމަށްޓަކައި، ރައީސް އެމަނުއެލް މެކްރޮން ކެބިނެޓުގެ ކުއްލި ބައްދަލުވުމަކަށް ގޮވާލައްވައިފި އެވެ. ފްރާންސްގެ ސިފައިން މިހާރު ދަނީ ތާރީޚީ ސިޓީއެއް ކަމަށްވާ ބޯޑޯއާ ހަމައަށް އަލިފާންގަނޑު ފޯރުނަ ނުދިނުމަށްޓަކައި ވަގުތާ ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ހަފުތާގެ ފަހުކޮޅު ފްރާންސަށް އަނެއްކާވެސް ހޫނުމިން އިތުރުވާނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ލަފާކޮށްފައިވުމާއެކު، ހޯމަ ދުވަހުގެ މި ބައްދަލުވުން ބޭއްވުމުގެ މުހިންމުކަން ވަނީ އިތުރުވެފަ އެވެ. އަލިފާން ނިއްވާ މީހުން މުޅި ރޭގަނޑު އަލިފާންގަނޑާ ހަނގުރާމަކޮށްފައިވާއިރު، ބޯޑޯ ހިމެނޭ އަދި މޭބިސްކަދުރު ހައްދާ ސަރަހައްދެއް ކަމަށްވާ ޖިރޮންޑޭގެ ޕްރޮވިންޝަލް އޮތޯރިޓީން ބުނީ މަސްރަހު މިހާރު އޮތީ "އާންމު ގޮތެއްގައި އެއްވަރެއްގައި ހިފެހެއްޓިފައި" ކަމަށެވެ.
ބޯޑޯގެ މޭޔަރު ތޯމަސް ކަޒެނޭވް އާދީއްތަ ދުވަހު ވިދާޅުވީ، އަލިފާންގަނޑު އަދިވެސް ހުރީ މެޓްރޯޕޮލިޓަން ސަރަހައްދާ ހަމައިގައި ކަމަށެވެ.
އަލިފާންގަނޑު އެންމެ ކައިރިވި ހިސާބުން ބަލާއިރު، ގާތްގަނޑަކަށް 850،000 މީހުންގެ އާބާދީއެއް އޮންނަ ބޯޑޯގެ މެޓްރޯޕޮލިޓަން ސަރަހައްދާ އަލިފާންގަނޑާ ދެމެދު ހުރީ އެންމެ 15 ކިލޯމީޓަރު (9 މޭލު) އެވެ.
މި އަލިފާންގަނޑުގެ މަންޒަރުތަކުން ފެންނަނީ ބޮޑެތި ސަރަހައްދުތަކެއް ސުންނާފަތިވެފައިވާ ތަނެވެ. އުޑުމަތި ބޯ ދުމުން ފުރިފައިވާއިރު، ޖަންގަލީގެ ބޮޑެތި ސަރަހައްދުތަކެއްގައި ހުރި ގަސްތަކުގައި ވަނީ ރޯވެ އަނދަމުންނެވެ.
ބޯޑޯ ސިޓީގެ ބޭރުގައި އޮންނަ ސެސްޓާސްގެ މޭޔަރު ޖެރޯމް ސްޓެފޭ ވިދާޅުވީ، މިއީ މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ފަދަ ބޮޑު އަލިފާނުގެ ހާދިސާއެއް ކަމަށެވެ.
ގަދަ ހޫނުން ސަލާމަތްވުމަށް އަސްތަކެއް ދުވަނީ
ފްރާންސާއި ސްޕެއިންގައި ރޯވެފައިވާ އަލިފާންގަނޑުތަކުގެ ސަބަބުން އާންމު ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް އެޅި، 300،000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފަ އެވެ. މި އަލިފާނުގެ ހާދިސާތައް ހިނގަމުން މިދަނީ ޔޫރަޕްގެ ހޫނުމިން ރެކޯޑް މިންވަރަކަށް މަތިވަމުންދާ ދަނޑިވަޅެއްގަ އެވެ. ސައިންސްވެރިން އިންޒާރު ދޭ ގޮތުގައި މިގޮތަށް ހޫނުމިން މަތިވުމުގެ ސަބަބުން މުޅި ބައްރު ދަނީ ހަނަފަސްވަމުންނެވެ.
މި ހޫނު މޫސުމުގައި ޔޫރަޕަށް މިހާތަނަށް ތިން ފަހަރެއްގެ މަތިން ހޫނުގެ ރާޅުތައް ކުރިމަތިވެފައިވާއިރު، މީގެ ސަބަބުން އަލިފާނުގެ ހާދިސާތައް ވަނީ އިތުރަށް ގޯސްވެފަ އެވެ. ބައެއް ގައުމުތަކުގެ ހޫނުމިން ވަނީ މީގެ ކުރިން ރެކޯޑް ނުކުރާ މިންވަރަށް މަތިވެފަ އެވެ.
ސްޕެއިންގައި 75،000 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ. އެ ގައުމުގެ ސަރަހައްދީ ސަރުކާރުން ހޯމަ ދުވަހު ބުނީ، އެންމެ ނުރައްކާތެރި ބައެއް އަލިފާންގަނޑުތައް މެޑްރިޑާ ގާތްވަމުން ދިޔަ ނަމަވެސް، މިހާރު އަލިފާން ފެތުރޭ ދުވެލި މަޑުޖެހިފައިވާ ކަމަށެވެ.
ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ، މެޑްރިޑުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބަދަލުކުރި ބައެއް މީހުންނަށް އަނބުރާ ގެއަށް ދިއުމުގެ ހުއްދަ މިހާރު ދޭން ފަށާނެ ކަމަށެވެ.










