ފާއިތުވި 24 ގަޑިއިރުތެރޭ މޮރޮކޯ އިން 49،000 ހިޖުރަވެރިން ސިއޫޓާއަށް ވަނުމާގުޅިގެން ސްޕެއިންގެ އަސްކަރިއްޔާ ނެރެފި
31 ޖުލައި 2026 | ހުކުރު 10:35މޮރޮކޯ މަގުން ސްޕެއިންގެ ސިއޫޓާއަށް ގިނަ އަދަދެއްގެ ހިޖުރަވެރިން ވަދެ، ބޯޑަރު ކޮންޓްރޯލް ކުރުމަށް ދަތިވުމާ ގުޅިގެން އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އަސްކަރިއްޔާ ނެރެފި. މި ހާދިސާގައި ބައެއް މީހުން މަރުވެފައިވާއިރު، ގަވާއިދާ ހިލާފަށް ވަދެފައިވާ މީހުން އަނބުރާ ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފައި.
ސްޕެއިންގެ ބާރުގެ ދަށުގައި އޮންނަ ސިއުޓާއަށް ހިޖުރަވެރިން ވަދެގަންނަނީ | ސްކްރީން އިމޭޖް
ސްޕެއިންގެ އޮފިޝަލުން އަންދާޒާކުރާ ގޮތުގައި، ފާއިތުވި 24 ގަޑިއިރު ތެރޭގައި މޮރޮކޯއިން ފުރައިގެން އެއްގަމާއި ކަނޑުމަގުން ގާތްގަނޑަކަށް 49،000 ހިޖުރަވެރިން ސްޕެއިންގެ އުތުރު އެފްރިކާގެ ސަރަހައްދެއް ކަމަށްވާ ސިއޫޓާއަށް ވަދެއްޖެ އެވެ.
ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި ބުރާސްފަތި ދުވަހު އެތައް ހާސް ބަޔަކު ވަނީ ފަތާފައި އެ ސިޓީއަށް ވަދެފަ އެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައިވެސް މީހުން ހުރަސްކުރަމުންދާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
އޮފިޝަލުން ވިދާޅުވާ ގޮތުގައި، ފާއިތުވި ދުވަސްތަކުގައި އެ ސަރަހައްދަށް ވަނުމަށް މަސައްކަތް ކުރި މީހުންގެ ތެރެއިން މަދުވެގެން 18 މީހަކު ވަނީ މަރުވެފަ އެވެ.
މި ހާދިސާ ހިނގާފައި މިވަނީ، ސިއޫޓާ ނުވަތަ ސްޕެއިންގެ އަނެއް ސަރަހައްދު ކަމަށްވާ މެލީލާއަށް ވަނުމަށް މަސައްކަތް ކުރަނިކޮށް ކަނޑުމަތިން ހުއްޓުވާ ހިޖުރަވެރިން، ވަގުތުން އަނބުރާ މޮރޮކޯއަށް ފޮނުވާނުލެވޭނެ ކަމަށް ސްޕެއިންގެ ސުޕްރީމް ކޯޓުން މި މަހު ހުކުމްކޮށްފައި ވަނިކޮށެވެ.
ސިއޫޓާގެ ބޯޑަރު ހުރަސްކުރަން މަސައްކަތްކުރާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން، އެ ސަރަހައްދުގެ އޮފިޝަލުން ވަނީ އެހީތެރިކަމަށް އެދި މެޑްރިޑުގައި އޮންނަ މަރުކަޒީ ސަރުކާރުގައި އެދިފަ އެވެ. ނަމަވެސް ބުރާސްފަތި ދުވަހު ބޯޑަރު ކޮންޓްރޯލް ކުރުމުގެ ނިޒާމު މުޅިން ބުރޫއަރައި، އެ ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް ހަމަނުޖެހުން އުފެދިފަ އެވެ.
ސިއޫޓާގެ އިތުރުން، އެ ސިޓީއާ އެކު އޮންނަ މެލީލާގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ސްޕެއިންގެ އަސްކަރިއްޔާ މިހާރު ވަނީ އެ ސަރަހައްދުތަކަށް ފޮނުވާފައެވެ. މެލިލާއަށްވެސް ރޭގަނޑުގެ ވަގުތުގައި 300 އާއި 400 އާ ދެމެދުގެ އަދަދަކަށް މީހުން ވަދެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސްޕެއިންގެ އޮފިޝަލުން ދެއްވާ އަންދާޒާތަކަށް ބަލާއިރު، ފާއިތުވި އެއް ދުވަސް ތެރޭގައި ސިއޫޓާއަށް ވަދެފައިވާ ހިޖުރަވެރިންގެ އަދަދަކީ އެ ސިޓީގެ މުޅި އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ އަދަދެކެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސިއޫޓާގެ އާބާދީއަކީ ގާތްގަނޑަކަށް 83،600 އެވެ.
އޮފިޝަލުން ވިދާޅުވި ގޮތުގައި، ފާއިތުވި 24 ގަޑިއިރު ތެރޭގައި ގަވާއިދާ ޚިލާފަށް އެ ސަރަހައްދަށް ވަދެފައިވާ މީހުންގެ ތެރެއިން މަދުވެގެން 7،000 އަކީ ކުޑަކުދިންނެވެ.
ސްޕެއިންގެ އިންޓީރިއާ މިނިސްޓްރީން ބުނީ، ގަވާއިދާ ޚިލާފަށް އެ ގައުމުގެ ސަރަހައްދަށް ވަދެފައިވާ ހުރިހާ އެންމެން "ވީ އެންމެ އަވަހަކަށް" އަނބުރާ ފޮނުވާލުމަށް މޮރޮކޯއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އޮފިޝަލުންގެ މި އަންދާޒާތަކަކީ ސައްހަ ހިސާބުތަކެއް ނަމަ، މިއީ 2021 ވަނަ އަހަރުގެ މޭ މަހު 10،000 އަށް ވުރެ ގިނަ މީހުން ސިއޫޓާއަށް ވަން ފަހުން، އެއްފަހަރާ އެންމެ ގިނަ އަދަދެއްގެ ހިޖުރަވެރިން އެ ސަރަހައްދަށް ވަން ފަހަރެވެ.
ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ހުކުރު ދުވަހުގެ ވަގުތެއްގައި ސިއޫޓާއަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.










