މަދުވެގެން ދެލައްކަ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި އުފެއްދުމަށް 2024 ގައި ރައީސް މުއިއްޒު އިއުލާނުކުރެއްވި އެގްރިކަލްޗަރ އެސްޓެބްލިޝްމެންޓުގެ ބިން ހިއްކަން ވެސް އަދި ނުފަށާ
16 އޯގަސްޓު 2026 | އާދީއްތަ 12:35ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އުތުރުތިލަފަޅުން 200 ހެކްޓަރުގެ ބިން ހިއްކައިގެން ދަނޑުވެރިކަމުގެ މަޝްރޫއެއް ހިންގުމަށް ޗައިނާ ކުންފުންޏަކާއެކު ސަރުކާރުން އެއްބަސްވުމެއް ގާއިމުކުރިއެވެ. ނަމަވެސް މި މަޝްރޫއު އިއުލާނުކުރިތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެ ސަރަހައްދުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އަދިވެސް ފަށާފައިނުވާކަން އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ދޯންޏަކަށް މާލެގެނައި ފަތްކެޔޮގަނޑުތަކެއް ބޭލުމަށް ބަޔަކު ހަރަކާތްތެރިވަނީ | އެލަމީ
މަދުވެގެން ދެލައްކަ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި ރާއްޖޭގައި އުފެއްދުމަށް 2024 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވި އެގްރިކަލްޗަރ އެސްޓެބްލިޝްމެންޓުގެ ބިން ހިއްކަން އަދިވެސް ނުފަށާކަމަަށް ސަރުކާރުން ބުނެފި އެވެ.
ދިވެހިރާއްޖޭގައި ދަނޑުވެރިކަން އިތުރަށް ފުޅާކޮށް، ކާބޯތަކެތި ދަތިނުވެ ލިބޭނެކަން ކަށަވަރު ކުރުމުގެ ގޮތުން ފުޑް ސެކިއުރިޓީ ޤާއިމްކުރުމަށްޓަކައި ޗައިނާ ސަރުކާރާއެކު އެއްބަސްވުމެއް ހަދާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު 13 ޖެނުއަރީ 2024ގައި މާލެ ވަޑައިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަވައި މީޑިޔާއަށް މަޢުލޫމާތު ދެއްވަމުން ވަނީ ވިދާޅުވެފަ އެވެ.
މި މަޝްރޫޢުގައި ރާއްޖޭގައި އާންމުކޮށް ހައްދާ ދަނޑުވެރިކަމުގެ ހުރިހާ ބާވަތެއް، މަދުވެގެން ދެލައްކަ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ހެއްދޭނެ އެގްރިކަލްޗަރ އެސްޓޭބްލިޝްމެންޓެއް ޤާއިމްކުރެވޭނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފަ އެވެ.
އޭގެ ފަހުން ދަނޑުވެރިކަން ކުރަން ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯން (އޭއީޒެޑް)އެއް ގާއިމްކުރުމަށް، އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީ) އާއި ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ އެކު ވަނީ އެއްބަސްވުމެއް ހަދާފައެވެ.
އެއަށްފަހު 30 މާރޗް 2024 ގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މި މަސައްކަތް ކުރިއަށް ގެންދާނީ މާލެ ކައިރީގައި އޮންނަ އުތުރުތިލަފަޅުން މިކަމަށް 200 ހެކްޓަރުގެ ބިން ހިއްކައިގެން ކަމުގަ އެވެ.
ރައީސް މުއިއްޒު މި ވާހަކަފުޅު ދެއްކެވިތާ ދެ އަހަރާ ހަތަރުމަސް ދުވަސް ފާއިތުވި ފަހުން އިންފްރާސްޓްރަކްޗަރ މިނިސްޓްރީ އިން ރާއްޖެޓީވީ އަށް ލިޔުމުން ފޮނުވި މައުލޫމާތުގައި ވަނީ އުތުރު ތިލަފަޅުގެ ބިން ހިއްކަން އަދި ނުފަށާ ކަމުގަ އެވެ.
މި މަޝްރޫއު ހިންގުމުގެ ނަތީޖާ އެއްގެ ގޮތުން ރާއްޖޭގައި އުފެއްދޭނެ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ހޯދުމަށްޓަކައި ބޭރަށް ހޭދަކުރާ މިލިއަން ޑޮލަރުގެ ހޭދަ ނިންމުމަކަށް ގެންނާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އަދި އެ މަގުސަދު ހާސިލު ކުރުމަށް ކާބޯތަކެތި ރާއްޖޭގައި އުފައްދަން މަޝްރޫއުއެއް ފަށާފައިވާ ކަމަށް އޭރު ސަރުކާރުން ބުނި ނަމަވެސް އަދި މި ކަމުގެ އަމަލީ އެއްވެސް ކަމެއް ހިނގާފައި ނުވާކަން ވަނީ ހާމަވެފަ އެވެ.










