ހަމަ މުއިއްޒު ގޮތައް.........!!
16 އޯގަސްޓު 2026 | އާދީއްތަ 07:00ސަރުކާރުގެ އިދާރާތަކުން ނެރޭ ބައެއް އިޝްތިހާރުތަކާއި ސޯޝަލް މީޑިއާ ޕޯސްޓުތަކުގައި ދިވެހި ސަގާފަތާއި އާދަކާދައާ ހިލާފު ގޯސްތައް ހުރުމުން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. މިފަދަ ކަންކަމަކީ ސަރުކާރުގެ ބަހާއި އަމަލު ދިމާނުވާކަމުގެ ހެއްކެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާއިރު، މިއީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ކަންކަން ކުރަން އުޅުމުގެ ތެރެއިން ފެންމަތިވާ މައްސަލަތަކެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.


ޤައުމީ ދުވަހުގެ މުނާސަބަތުގައި ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ފޮޓޯ | ޓޫރިޒަމް މިނިސްޓްރީ
ރައީސް މުއިއްޒު ވިދާޅުވެއެވެ. ތިމަން މަނިކުފާނު ލައްވަވާފައިވާނީ ތިމަން މަނިކުފާނު ވިދާޅުވާ ގޮތައް ކަންކަން ކުރެވޭނޭ މީހުންނެވެ. އަންގާ ގޮތައް ކަންކުރާނޭ މީހުންނެވެ. އެއަށް އިތުރުކޮށްލާފައި ވިދާޅުވެއެވެ. އެތަންތަނަށް ލާފައި ތިބޭނީ ކަންކުރެވޭނޭ ގާބިލް މޮޅެތި މީހުން ކަމަށެވެ.
އެމަނިކުފާނުގެ އެވާހަކަފުޅަކީ ހިސާބަކަށް ތެދެކެވެ. ދޮގު ހެދުން ހައްދު ފަހަނަ އަޅާފައިވާ ކަމަށް މީހުން ބުނާ ރައީސް މުއިއްޒު އެވިދާޅުވަނީ ތެދެއްކަމަށް ގަބޫލު ކުރެވެނީ ހަގީގަތެއް އޭގައި އެކުލެވޭތީއެވެ.
ތެދެކެވެ. ރައީސް ވިދާޅުވިއްޔާ ވިދާޅުވި ގޮތަކަށް ނޫނީ އެއްވެސް އިދާރާއަކުން އެއްކަމެއްވެސް ނުކުރެއެވެ. އެކަންވެސް ސާބިތު ވަނީ އެއިދާރާތަކުގެ ބަހުންނެވެ. ކިތަންމެ ކުޑަކުޑަކަމެއް ކުރިއަސް އެއިދާރާތަކުގެ ވެރިން ވިދާޅުވެއެވެ. "މިއީ ސީދާ ރައީސްގެ އިރުޝާދުފުޅުގެ ދަށުން" ކުރިކަމެކެވެ. "މިކަމުގެ ލަފާ ދެއްވީ" އެމަނިކުފާނެވެ. "މީ އެމަނިކުފާނުގެ ދުރުވިސްނުންފުޅެވެ". "އެމަނިކުފާނުގެ ހިކުމަތު އަމަލީ" އެވެ. "އެމަނިކުފާނުގެ ޤާބިލް ކަމާއި ހުނަރުވެރިކަމެވެ". މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. އެމަނިކުފާނު، އެމަނިކުފާނު އެމަނިކުފާނެވެ.
ރައީސް އެވިދާޅުވާ ގޮތައް ކަންކަން ކުރެވޭތޯ، ވަޒީރުންނާއި ވަޒީރުން ލައްވާފައި ތިބޭ މީހުން އަދި އެމީހުންގެ ދަށުން މަސައްކަތް ކުރާ މީހުން ބަލަނީ އަމަށަކު ވަރަކަށް ނޫނެވެ. ކުޑަވައި އިނގިލިވެސް ކަމެއްގައި އެނޫން ގޮތަކަށް ހިއްލާ ނުލެވޭތޯ ބަލައެވެ. ޓްވީޓް ގަނޑެއްވެސް އެއިދާރާއަކުން ކުރެވޭނީ އެންގެވީމާ އެންގެވި ގޮތައް، ހުއްދަ ލިބުނީމާ ހުއްދަ ލިބުނު އިރަކުންނެވެ.
އެބީދައިން ކަންކުރާއިރު ބައެއް ކަންކަން އެދަނީ އެއްގޮތް ކުރާން އުޅެން ހަދައިގެން ސީދާ އަތަށް ގޮވައިގެންނެވެ. އޭގެ ބައެއް ކަންކަމަށް ބަލާލާނަމެވެ.
ވެރިކަމުގެ ކުރީކޮޅު ކުރެއްވި ޕޯސްޓެކެވެ. ވަރަށް ބޮޑަށް ވައިގައި ހިފި ޕޯސްޓެކެވެ. ޤައުމީ ދިދައިގައި އިންނަ ހަނދު ފަޅި އޮތީ އަނެއް ކޮޅަށް ޖައްސަވައިފަ އެވެ. ޤައުމީ ދިދައިގެ ހަނދު ފަޅި މުޅިން ރޯ ނުބައި ކޮޅަކަށް ބައިންދައިގެން ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓެކެވެ.
އޭގެ ފަހުން ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓެއްވެސް ހަމަ އެހާ މަޝްހޫރު ވިއެވެ. 99 އިންސައްތަ ކަނޑު އޮންނަ، އަދި އެންމެ އިންސައްތައެއް ބިމަށް އޮންނަ މި ރާއްޖޭގެ ރައީސް ކުރެއްވި އެ ޕޯސްޓަކީ ލަދުވެތި ޕޯސްޓެކެވެ. ދިވެހި ކަނޑުގައި އުޅޭ މަސް ފަރިއްކުޅުއްވައިގެން، ދިވެހިންގެ އާދަ ކާދައިގެ ތެރޭގައި އުޅުއްވާ ރައީސް އަކު ކުރެއްވި ޕޯސްޓެކެވެ. ދުނިޔޭގެ ކަނޑުގެ ދުވަހާ ގުޅިގެން ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓެވެ. އެޕޯސްޓުގައި ވެލައެއް ފެންނަން އޮވެ އެވެ. ނަމަވެސް އެއީ ތަފާތު ވެލައެކެވެ. ރާއްޖޭގެ ކަނޑުތަކުންވެސް އަދި ބޭރުގެ ކަނޑަކުންވިއަސް ނުފެންނަ ޒާތުގެ ވެލައެކެވެ. ފަސްފިޔަލީ ވެލައެކެވެ.
ހަމަ އެ ޕޯސްޓުގައި ކަންނެލި ތަކެއް ފެންނަން ހުރެއެވެ. އެވެސް އާދައިގެ ކަންނެލި ތަކެއް ނޫނެވެ. މިހާތަނަށް ބަޔަކު ހިތަށްވެސް ނުގެނެވޭހާ ވައްތަރެއްގެ ކަންނެލި ތަކެކެވެ. އާދަޔާ ޚިލާފް އެކަންނެލިތަކުގައި ދެ ނަގޫ ހުރެއެވެ.
ހައިރާން ކަމާއި އަޖައިބު ކުރުވަނިވި މިތަކެތި ހިމަނައިގެން ކުރެއްވި ޕޯސްޓްތަކަށް މީހުން ފާޑުކީކީ ތިޔަހެނެއް ނޫނެވެ. ވާނީވެސް އެހެންތާއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަކީ، ވަރަށް ބޮޑު ޕީއާރު ޓީމެއް ގެންގުޅުއްވާ ބޭފުޅެކެވެ. ރައީސް އޮފީހުގެ ޕީއާރު ޓީމުގައި 50 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން އަންނައިރު، އޭގެ ތެރޭގައި މީޑިއާގެ ތަޖުރިބާ ހުންނެވި ބޭފުޅުން ވެސް ހިމެނެ އެވެ. ކޮމިއުނިކޭޝަން މިނިސްޓަރުގެ މަގާމުގައި އެ ހުންނެވީ، އިތުރު ތައާރަފަކަށް ވެސް ބޭނުން ނުވާ ބޭފުޅެކެވެ. އެކަމަކު، މިހާ ބޮޑު ޕީއާރު ޓީމެއް އޮންނައިރު ވެސް، ރައީސް ކުރައްވާ ޕޯސްޓު ތަކުގައި މިފަދަ ގޮތަކަށް ހުރުމުން އެއްޗެކޭ ނުބުނާން ހުންނަ މީހާއަށްވެސް އެއްޗެއް ބުނެވޭނެތާއެވެ.
އަނެއްކާވެސް ކުރިއަށް ޖެހިލާނަމެވެ. ކުރިން ބުނި ގޮތައް ރައީސް ވިދާޅުވީމާ ވިދާޅުވި ގޮތައް ނުވަތަ ރައީސް ކަންކުރައްވާ ގޮތައް ކަން ކުރައްވަން އުޅުއްވާ އުޅުއްވުމަށް ބަލާލާނަމެވެ. މިފަހަރު އެކަން ކުރެވޭތޯ އެބެލީ ސީދާ ރަނުން ރަނަށެވެ. ނަކަލު ކުރެވޭތޯ އެބެލީ ސީދާ އެއްތައްގަނޑަކަށް އަޅައިގެންނެވެ. ރައީސްގެ ފަހަތްޕުޅުން ކަންކުރެވޭނީ ދެން އެހާ ވަރަށެވެ.
ޤައުމީ ދުވަހާ ދިމާކޮށް ޓޫރިޒަމް މިނިސްޓްރީން ކުރި އާދަޔާ ޚިލާފް ޕޯސްޓެވެ. ޤައުމީ ދުވަހުގެ މަރުހަބާ ކިޔުމަށް އެކުރި ޕޯސްޓްގައި ފެންނަނީ އާދަޔާ ޚިލާފް "ދިވެހި އޮޑި"އެކެވެ. އިދިކޮޅަށް ރިޔާ ނަގާފައި ދުއްވާފައި ދާ އޮޑިއެކެވެ. ބަނޑު ރިޔަލުގައި ވައި އަޅުވާލާފައި ދުއްވާފައި އެދޯނީގެ ރިޔާ ހުރީ ދިމާ އިދިކޮޅަށެވެ. އެރިޔަލުގައި ވައި އަޅައިގެން ދުވާނަމަ، އޮޑި ދާނީ ފަހަތަށެވެ. އެކަމަކު ފެންނާން ހުރީ ހުދުފޮނު އަރުވާފައި ދުއްވާފައި ދާން މަންޒަރެވެ.
ވަރަށް ސާފެވެ. ރައީސް މުއިއްޒުއާ އެއްގޮތް ކަން ކޮށްލެވުނީއެވެ. މޮޅު ޕޯސްޓެއް ހަމަ އެގޮތައް ކޮށްލީއެވެ. އައްސަރި ބަހުން ސާބަހެވެ. ތިޔައޮތީ ނަކަލް ކޮށްލެވިފައެވެ. ސީދާ އަންގަވާ ގޮތައް ރަނުން ރަނަށެވެ.
ކޮންމެކަސް އެ ޕޯސްޓަށް ގިނަ ބަޔަކު ފާޑުކިޔަމުންދާއިރު ފާހަގަވާ އެހެން ކަމެއް އެބައޮތެވެ. އޮޅިގެންވެސް އެދައްކާލެވުނީ އަސްލު ކަމެވެ. ސަރުކާރުގެ ހަގީގީ ވަތުބަތާނަ ނެގީމާ ފެންނަ މަންޒަރު ކަމެވެ. ބަހާ އަމަލާ ދިމާ ނުވާ ކަމެވެ. ކަންކުރާނެ ކަމަށް ބުނާ ގޮތާ ފެންނަ މަންޒަރު ތަފާތު ކަމެވެ. ތިރިކުރާން އޮޅުގެ ޑޮލަރުގެ އަގަށް ވާހެންނެވެ. ޤާނޫންތައް ހަދައިގެން މަޖްބޫރު ކުރިވަރަކަށް އަގު އެދަނީ އިންތިހާ މައްޗަށެވެ. ރިޔާ ނަގައި ބަނޑުރިޔަލުގައި ވައި އަޅުވާލައިގެން ދުއްވޭތޯ އެބަލަނީ ކުރިއަށެވެ. އެކަމަކު ހަގީގަތް ވާނީ ހަގީގަތައް ތާއެވެ. އޮޑި ދުވާނީ ނަގާފައި ހުންނަ ރިޔަލުގައި ވައި އެޅިފައި ހުރި ފައްސިޔަޔަށްތާއެވެ. މިފަހަރުވެސް ހަމަ މުއިއްޒު ގޮތަށެވެ.









