މުލިއާގެއަށް ސިންގަޕޫރުން ޕާން ގެންނަ ކަމަށް ދެކެވޭ ވާހަކަތައް ރައީސް އޮފީހުން ދޮގުކޮށްފި
16 އޯގަސްޓު 2026 | އާދީއްތަ 07:05ރައީސްގެ ރަސްމީ ގެކޮޅަށް ބޭނުންވާ ކާބޯތަކެތި ސިންގަޕޫރުން ގެންނަ ކަމަށް ދެކެވޭ ވާހަކަތައް ރައީސް އޮފީހުން ވަނީ ދޮގުކޮށްފައި. ރައީސް އޮފީހުން މިކަން ހާމަކޮށްފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، މުލިއާގެއަށް ޕާން ނުވަތަ ބޭކަރީގެ އެއްވެސް އުފެއްދުމެއް ސިންގަޕޫރުން ގެނޭތޯ ސާފުކުރުމަށް އެދި 12 ނޮވެންބަރު 2025 ގައި ރާއްޖެޓީވީން ހުށަހެޅި އާރުޓީއައިއަށް ދިން ޖަވާބުގައި


މުލިއާގޭގައި ރައީސް ޑރ.މުހައްމަދު މުއިއްޒު، މާލެސިޓީގެ ގަލޮޅު އަވަށުގައި ހުންނަ ސިނަމާލެ އަދި މާލޭހިޔާގެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން | ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގެއަށް ބޭނުންވާ ކާބޯތަކެތީގެ އެއްވެސް ބާވަތެއް ސިންގަޕޫރުން ނުގެންނަ ކަމަށާއި، ކެއިންބުއިމަށް ގަންނަނީ ރާއްޖޭގެ ބާޒާރުގައި ވިއްކަން ހުންނަ ތަކެތި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން މިކަން ހާމަކޮށްފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، މުލިއާގެއަށް ޕާން ނުވަތަ ބޭކަރީގެ އެއްވެސް އުފެއްދުމެއް ސިންގަޕޫރުން ގެނޭތޯ ސާފުކުރުމަށް އެދި 12 ނޮވެންބަރު 2025 ގައި ރާއްޖެޓީވީން ހުށަހެޅި ރައިޓް ޓު އިންފޮމޭޝަން (އާރުޓީއައި) އަށް ދިން ޖަވާބުގަ އެވެ.
މިސުވާލާ ގުޅިގެން ރައީސް އޮފީހުން މައުލޫމާތު ދިނުމުގެ މުއްދަތު 14 ދުވަހަށް އިތުރުކުރި ނަމަވެސް، އެ މުއްދަތުގައި ޖަވާބު ދީފައިނުވާތީ، 24 ޖަނަވަރީ 2026 ގައި މައްސަލަ ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގެ | ވިކިމީޑިއާ
އެއަށްފަހު، ރައީސް އޮފީހުން 26 ޖަނަވަރީ 2026 ގައި ދިން ޖަވާބުގައި ބުނެފައިވަނީ، މުލިއާގެއަށް ކާބޯތަކެތީގެ އެއްވެސް ބާވަތެއް ސިންގަޕޫރުން ނުގެންނަ ކަމަށާއި، ކެއިންބުއިމުގެ ބޭނުމަށް މުލިއާގެ އަށް ގަންނަނީ ރާއްޖޭގެ ބާޒަރުގައި ވިއްކަން ހުންނަ ތަކެތި ކަމަށެވެ.
ޖަވާބުދިނުން ލަސްވި މައްސަލައާ ގުޅޭގޮތުން އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވީ، ނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ރައީސް އޮފީހުން ޖަވާބުދީފައި ނުވިނަމަވެސް، ފަހުން ދިން ޖަވާބުގައި އެދިފައިވާ މިންވަރަށް މައުލޫމާތު ފޯރުކޮށްދީފައިވާތީ މައްސަލަ ބަލައި ނިންމާފައިވާ ކަމަށެވެ.
މުލިއާގެއަށް ކާބޯތަކެތި ސިންގަޕޫރުން ނުގެންނަ ކަމަށް ރައީސް އޮފީހުން ބުނެފައިވާއިރު، ހެނދުނުގެ ނާސްތާއަށް ޕާން ގެންނަނީ ސިންގަޕޫރުން ކަމަށް އިތުބާރުހުރި ފަރާތަކުން ރާއްޖެއެމްވީއަށް މައުލޫމާތު ދީފައިވެ އެވެ.











