ގައުމީ ދުވަހު ކަނޑައަޅަންވީ އެންމެ މުހިންމު އަޒުމަކީ މުޖުތަމައުގައި ތަހުޒީބު ސިފަތައް އަށަގަންނުވައި އެއްބައިވަންތަވުމަށް: ރައީސް މުއިއްޒު
15 އޯގަސްޓު 2026 | ހޮނިހިރު 09:55ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ދިވެހިންގެ މެދުގައި އޮތް ބައިބައިވުންތައް ނައްތާލައި، އެކަކު އަނެކަކަށް އިހުތިރާމްކުރާ ތަހުޒީބު މުޖުތަމައެއް ބިނާކުރުމަށް ރައީސް މުއިއްޒު ގޮވާލެއްވި. ރައީސް މިފަދައިން އިލްތިމާސްކުރެއްވި ނަމަވެސް، ގައުމުގެ އިގްތިސާދީ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ސިޔާސީ އިސްވެރިންނާ މަޝްވަރާކުރެއްވުމަށް ވެސް އެމަނިކުފާނު ވަނީ އުޒުރުވެރިވެވަޑައިގަންނަވާފައި


ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ | ރައީސް އޮފީސް
މުޖުތަމައުގައި ތަހުޒީބު ސިފަތައް އަށަގަންނުވައި އެއްބައިވަންތަވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މި ގައުމީ ދުވަހު އަޅުގަނޑުމެންގެ އަހުލާގީ އަގުކުރުންތައް އަށަގެންނެވުމުގެ އަޒުމް ކަނޑައެޅުން މުހިންމު ކަމަށެވެ. އަދި އެކަކު އަނެކަކަށް ހުރިހާ މާނައެއްގައި އިހުތިރާމްކުރާ އެއް ބައެއް ކަމުގައި ދިވެހި އުންމަތުގައި ދިރުވުމުގެ އަޒުމު ކަނޑައެޅުން މުހިންމު ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ހަމައާއެކު ތިމާގެ އަވައްޓެރިންނަށް އިސްލާމް ދީނުގައި ދޭން އޮންނަ އަޅާލުމާއި ގަދަރާއި އަދި އިހްތިރާމް ދެވޭނަމަ އަވައްޓެރިންނާ އެކު އުފެދޭ ބީރަށްޓެހިކަން ގެއްލި ތިމާ ދިރުއުޅޭ މާހައުލަކީ ހިތްހަމަޖެހޭ ތަނަކަށް ވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ގައުމީ ދުވަސް ހިތްވަރު ދެމުންދަނީ ދިވެހި ރައްޔިތުންގެ ކިބައިގައި އިހުގައި ހުރި ރީތި އަހުލާގީ ސިފަތައް އަނބުރާ އިއާދަ ކުރުމަށާއި ގައުމީ ރޫހުން ހިތްތަކަށް ހަމަޖެހުން ގެނައުމަށްކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، އެއް ރޫހެއްގައި އެއް އަމާޒެއްގައި ރައްޔިތުން ދެމި ތިބެ، ބައިބައިވުންތަކާ ދުރުހެލިވާން ޖެހޭ ކަމަށެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ވަނީ ގައުމާ އެއްކޮޅަށް އަދި ގައުމީ ރޫހުގައި ހުރިހާ ރައްޔިތުން މަސައްކަތް ކުރުމަށް ވެސް އިލްތިމާސް ކުރައްވާފަ އެވެ.
ގައުމީ ދުވަސް އަޅުގަނޑުމެންނަށް ހިތްވަރު ދެނީ ދިވެހިންގެ ކިބައިގަ އިހުގައި ހުރި ރީތި މާތް އަހުލާގީ ސިފަތައް އަނބުރާ އިއާދަކުރަން. ގައުމީ ދުވަސް އަޅުގަނޑުމެންނަށް ބުނެދެނީ ގައުމީ ވިސްނުމާއި ގައުމީ ރޫހުން ހިތްތަކަށް ހަމަޖެހުން ގެންނަން. ގައުމީ ދުވަސް އަޅުގަނޑުމެންނަށް އިލްތިމާސްކުރަނީ އިހުގެ މަތިވެރި އަޖުދާދުން ފަދައިން އެއް ރޫހެއްގައި އެއް އަމާޒެއްގައި އެކީގައި ގުޅި ތިބޭން. ގައުމީ ދުވަސް އަޅުގަނޑުމެންނަށް ހަދާން ކޮށްދެނީ ބައިބައިވުންތަކާ ދުރުހެލި ވާންރައީސް މުއިއްޒު
ރައީސް މުއިއްޒު މިމޭރުމުން ވާހަކަފުޅު ދެއްކެވި ނަމަވެސް ގައުމުގެ އިގްތިސާދީ އަދި އިޖްތިމާއީ ހާލަތު ދަށްވެ، ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް އިތުރުވަމުންދާތީ، ކުރީގެ 3 ރައީސުން ކަމަށްވާ، ސޯލިހު އާއި ނަޝީދު އަދި ޔާމީންއާއެކު މަޝްވަރާ މޭޒަށް ވަޑައިގެންނެވުމަށް ދެއްވި ދައުވަތު ރައީސް މުއިއްޒު ގަބޫލުފުޅު ކުރައްވާފައެއް ނުވެ އެވެ.
ގައުމުގެ މަސްލަހަތު އިސްކޮށް، އެއްބައިވަންތަކަން އިސް ކުރުމަށް ރައީސް މުއިއްޒު ގޮވާލެއްވި ނަމަވެސް ރައްޔިތުން އެއްބަވައިތަން ކުރުމަށްޓަކައި ކުރަންޖެހޭ އެއްވެސް މަސައްކަތެއް މިސަރުކާރުން މިހާތަނަށް ކޮށްފައެއް ނުވެ އެވެ. އަދި ސަރުކާރަށް ބަސް އިއްވަން ރައްޔިތުން މަގުމައްޗަށް ނުކުންނަ ކޮންމެ ސުލްހަވެރި މުޒާހަރާއަކަށް ހުރަސްއަޅާ، ބާރުގެ ބޭނުންކުރެ އެވެ.











